މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 124 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން މިރޭ ބުނެފި އެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުތެރޭ 124 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 118 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަނެއް ހަ މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ބަލި ޖެހުނު މީހުންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 100 ދިވެހިން ހިމެނެ އެވެ. ދެން ތިބީ ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕަލް ދެ މީހެކެވެ. އަދި ފިލިޕީންސް، އޮސްޓްރޭލިއާ އަދި ޔޫކްރޭން މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު ޕޮޒިޓިވްވި އެ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5909 އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2414 މީހުންނެވެ. ކޮވިޑްގައި 23 މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 146 މީހަކު ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ.
ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.
އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ތިބީ އައިސީޔޫގަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ތިން މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ޑީއެޗްގެ އައިސީޔޫގައިވެސް ދެ މީހަކު އެބަތިއްބެވެ.