(16 އޯގަސްޓް 2020 އާ ގުޅޭ)
އެންމެންގެ މޫނަށް ބަލާލަމުން ވާހަކައެއް ދައްކަން ބޭނުންވާކަން ހާމަކުރިއެވެ. އަސަދު ބޯޖަހާލި ގޮތުން ބުނާށޭކަން އެބުނީ ޔާދިންއަށް އެނގުނެވެ. މަޑުކުރުމެއްނެތި ޔާދިން ހާމަކުރީ ކުންފުނީގެ ލައިތުގެ މަޤާމު އޭނައަށް ދިނުމަށެވެ. ނޫނީ އޭނާ ބޭނުންވާ މީހަކާ އިނުމުގެ ހުއްދަ ދިނުމަށެވެ. އެހިނދު މޭޒުދޮށުގައި ތިބި އެންމެންނަށް އެކަކުއަނެކަކަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.
"ކިހިނެއްވީ؟." ސަރަފީނާއަށް ސުވާލުކޮށްލެވުނީ ޔާދިން އެއައީ ލައިތުއާ ދެބަސްވެފައިހެން ހީކުރެވިގެންނެވެ.
"ކޮބާ ލައިތު؟." ސަރަފީނާގެ އަޑު ނުކެނޑެނީސް އޭނާ ކުރި ސުވާލާއި އަސަދުގެ ސުވާލު ގުޅިއްޖެއެވެ.
"އޭނާގެ ހާޟިރުގައި ނޫނީ އެއްވެސް ކަމެއް އަޅުގަނޑުކޮށްގެން ނުވަނީތޯ." ދެބުމަގުޅިގެން ދިޔަ ޔާދިންގެ ޠަބީޢަތް އިތުރު ގޯސްވެއްޖެއެވެ.
"ލައިތު އެއްޗެކޭ ބުނީތަ؟." ފަރުޒީނު އަހާލިއެވެ.
"ލައިތު... ލައިތު... އޭނާގެ ނަންނުކިޔަފާނަންތަ. އެކަކަށްވެސް އަޅުގަނޑެއް ނުފެނޭތަ؟. ދެއްކިވާހަކައެއް އަޑެއްނީވުނުތަ؟." ގަސްދަކާނުލާ ވިޔަސް ޔާދިންއަށް ރުޅި އިސްކުރެވުނެވެ.
"އަޑުއިވިއްޖެ... ބައްޕައާއެކު އާދޭ." ފަހަތަށް ޖައްސާލި ގޮނޑިން އަސަދު ތެދުވިއެވެ.
"ނޯ ޑޭޑް. އަޅުގަނޑަށްވުރެ ޑޭޑަށް އަބަދުވެސް މުހިންމީ ލައިތުކަން އެނގޭ. ހިތަށް އަރާ މިޢާއިލާގެ ތެރެއަށް އޭނާ ގެނައީ ކީއްކުރަންބާއޭ... އޭނާ އުޅުނުތަނެއްގައި އުޅޭން..."
"ޔާ..ދި..ން!..." ސަރަފީނާ ގޮވާލީ ބާރަށެވެ.
"އަސަދުއުޅޭތަނެއްގައި އޭނާގެ ހުރިހާ ދަރީން ވެސް އުޅޭނީ. ޔާދިން ބޮޑުވީ އެ ބައްޕަގެ އިނގިލީގައި ހިފައިގެން، މަންމައާއި ބައްޕަގެ ލޯބި އެއްވަރަކަށް ލިބިގެން، އެކަމަކު ލައިތު ބޮޑުވީ އެހެންތަ؟. އެކުއްޖާއެކޭ ބަފާ މަރުވެފައިވާ ޔަތީމެކޭ ނެތް ތަފާތެއް. ބަލަ މާމައޭ ބުނީ އެހެންކުދީން ފަދައިން ލައިތު ވެސް އުޅޭނީ މިގޭގައޭ. ޔާދިންއާއި ލައިތުއާ ދެބެންގެ ގައިގާ ވެސް ހިނގަނީ އަސަދުގެ ލޭ. ދުވަހަކުވެސް ޔާދިން އުޅުނުގޮތެއްނޫންތީ... މިއަދު ކިހިނެއްވީ؟." ކަސްތޫރީގެ އަޑުއިވިލީ ހަރުކަށިކަމާއެކުއެވެ.
"އޭނާއަށް ލިބުނު އެއްޗެހި މަދުވީމަތަ ކުންފުނި ހަވާލުކުރީ. ބައްޕަ ގާތު އަޅުގަނޑު ނޭދެންތަ؟. ކުންފުނި ހިންގޭނެހާ ތަޢުލީމީ މީހަކަށް އަޅުގަނޑު ނުވަނީތަ؟." ޔާދިން ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ މިއަދު ދޫކޮށްލައިފިނަމަ އަނެއްކާ ވެސް ވާހަކަތައް އޮބި އޭނާ ހުންނާނީ މިހާރު ވެސް އެ ހުރި މަޤާމުގައިކަން އެނގެނީއެވެ. ފިޒާނާ ބުނިހެން އޭނާ ގޭގެ މަސްލަޙަތަށް ޓަކައި ވިސްނައި ވަރަށް ކެތްކޮށްފިއެވެ. އެހެންވިޔަސް ނުރޯ ދަރިއަކަށް ކިރެއްނުލިބޭނެއެވެ. ކޮންމެ ގޮތަކުން ވިޔަސް ހާޞިލުކުރަން ބޭނުންވާ ލަނޑި ހާޞިލުވަނިކޮށް އެ ނިމުނީއެވެ.
"މިހިރަ ދަރިއެއް... ތީ ހަމަ މަންމަގެ ޔާދިންތަ؟." ނުތަނަވަސްކަމާއެކު ސަރަފީނާއަށް ބުނެވުނެވެ.
"ސަރާ، މަންމާ... އަސަދު ވެސް އިށީނދެބަލަ. ޒުވާބުކުރުމަކީ މިޢާއިލާ ތެރޭ ކުރިކަމެއްނޫން. އެކުއްޖާގެ ވާހަކަ ވެސް އަހަރެމެން އަޑު އަހަން އެބެޖެހޭ." މޭޒުމަތީ ބާއްވާލި ކަސްތޫރީގެ އަތުގައި ފަރުޒީނު އަތްޖައްސާލުމާއެކު އެންމެންނަށް ބަލާލިއެވެ. އަސަދުގެ މޫނު ވަގުތުން މިލައިފިއެވެ. އެހެންވިޔަސް ދައްތަގެ އަޑު އަހާ އޭނާ އަލުން ގޮނޑީގައި އިށީނދެއްޖެއެވެ.
"ކައިވެނި ކުރާން ބޭނުންވާކަން ވެސް ޔާދިން ބުނި. ޢާއިލާގެ ޚިޔާލެއް ލިބޭނީ އެއީ ކޮންކުއްޖެއްކަން އެނގިގެން." ފަރުޒީނު ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
"ލައިތުއާ ސުވާލެއްނުކުރޭ..." ޔާދިން ބުނެލިއެވެ.
"ލައިތު އިޢުލާން ކުރީ ޢާއިލާގެ އެންމެންގެ ތެރޭ، އަނެއްކާ ކެންޒާއަކީ ކޮންކަހަލަ ކުއްޖެއްކަން މިޢާއިލާއަށް ވެސް އެނގޭ. ބޮޑެތި މީހުންގެ ރުހުން އެކުއްޖާއަށް ލިބިފައިވާއިރު، ގޭގެ ހުރިހާ ކުދީން ވެސް ރުހޭ ކުއްޖެއް އެއީ. ޔާދިން، ވަކިކަހަލަ ކުއްޖަކު ޚިޔާރުކުރާކަށް އެއްވެސް ދަރިއެއް ގާތު މިގޭ އެކަކުވެސް ނުބާނެ، އެކަމަކު މިޢާއިލާގެ ތެރެއަށް ގެންނައިރު ކޮންމެވެސް ގޮތެއް ހުންނަންވާނެ... ހިތްހެޔޮ، ޢާއިލާއާއި ގުޅިގެން އުޅޭ ކަހަލަ ކުއްޖަކަށްވާންވާނެ." ފަރުޒީން ބުންޏެވެ.
"މިގޭ މީހުން ނިންމާނީ ލައިތަށް މޮޅުގޮތް ވާނޭހެން." ވަގުތުކޮޅަކަށް ހިމޭނުން ހުރެފައި ޔާދިން ބުނެލިއެވެ.
"ދަރިފުޅުގެ އަޑު ބައްޕަ ނާހާފަ ކޮބާ. ޔާދިންއަށް ހީވެގެން ތިއުޅެނީ މިގޭގައި ލައިތުދެކެ އެންމެން ވެސް މާބޮޑަށް ލޯބިވާހެން. އެކަމަކު ދަރިފުޅު ވެސް ރަނގަޅަށް ވިސްނާލައިފިއްޔާ އެނގޭނެ އޭނާއަކަށް ވަކި މޮޅުގޮތެއް ނެތްކަން. މިގޭގައި އޭނާއަށް ވެސް ހުރީ އެހެން ކުދީންނަށް ދީފައި ހުރިވަރުގެ ކޮޓަރިއެއް. ކޮންމެ ކުއްޖެއްގެ ކޮޓަރި ތައްޔާރުކޮށްދިނީ އެކުއްޖަކު އެދުނު ގޮތަށް. ވިޔަފާރީގެ ކަންކަމުގައި އޭނާ އަވަދިނެތި އެ އުޅެނީ. އެކަމަކު ދަރިފުޅުމެން ދެބެންނަށް ލިބޭ މުސާރަ އެއްވަރު، އޭނާއަށް ވެސް އެކަން އެނގޭނެ. އެކަމަކު މިހާތަނަށް ދުވަހަކުވެސް ނެތް ޝަކުވާއެއްކޮށްފައި، ކިތަންމެ އިރަކު އޮފީހުގައި އުޅެން ޖެހުނަސް އެއްޗެކޭ ނުބުނޭ، އެހާ ބުރަކޮށް ދަރިފުޅަށް އުޅެވޭނެތަ؟. ވިޔަފާރީގެ ތެރޭގައި މީހުންގެ އަތްމައްޗަށް ދޫކޮށްނުލެވޭނެ ކަންކަން ގިނަވާނީ. އަމިއްލައަށް އެ ހުރިހާކަމެއް ބަލަހައްޓަން ޖެހޭނީ. ބައްޕަ ހާދަ ވިސްނުމެއް ވިސްނާފައޭ އެގޮތަށް ނިންމީ... ބައްޕައަށް އެނގޭ އެ މަޤާމު ބޭނުންވެފަކަން ދަރިފުޅު ހުރީ." ދަރިފުޅަށް ވިސްނައިދެވޭތޯ އަސަދު އުޅުނެވެ.
"ތި ވާހަކަތައް އިވިއިވި އެއްގޯސްވެއްޖެ، ތަކުރާރުނުކުރިޔަސް ހެޔޮ." ފޫހިކަމާއެކު ޔާދިން ބުންޏެވެ. އަޖައިބުވެގެން ސަރަފީނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.
"ޔާދިން، ދެން ރުޅިމަޑުކުރޭ... މިތަނުގައި މިތިބީ ޔާދިންއާ ދެކޮޅުވެރިވާނޭ ބައެއްނޫން. ވަކިގޮތެއް ކުއްލިއަކަށް ނުނިންމޭނެ. އެކަމަކު ޔަގީންކަން ދެން ޔާދިން އެދުނު ކަންކަމަށް ގޮތެއް ހަދައިދޭނަންކަން." ފަރުޒީނު ބުންޏެވެ.
"އަދިވެސް ނުބުނަމެންނު އެއީ ކޮން އަންހެންކުއްޖެއްކަމެއް؟." ޔާދިން ހިމޭންވުމުން ކަސްތޫރީ ސުވާލުކުރިއެވެ.
"މާމަ އެދިލައްވާނަމަ މާދަމާގެ ރޭގަނޑު ކެއުމަށް ދަޢުވަތު ދީފާނަން." ޔާދިން ބުންޏެވެ. ފަރުޒީނުގެ ބަހަށް ޔާދިން ހަމަޖެހިފައި ހުރި ކަހަލައެވެ. ވާހަކަދެއްކީ އާދައިގެމަތިން އޭނާގެ ހުންނަ މަޑުމައިތިރި ގޮތުގައެވެ.
ކަސްތޫރީގެ ނަޒަރު އަމާޒުވެލީ އެ މޭޒުދޮށުގައި ތިބި އަސަދާއި ސަރަފީނާއަށެވެ. އެމީހުންގެ މައްޗަށް ހަމައެކަނި ކަސްތޫރީގެ ބަސް ގަދަވާން އޭނާ ނޭދެއެވެ. އެ ދެމަފިރިން އެކަކުއަނެކަކަށް ބަލާލިއެވެ. ސަރަފީނާ ގޮތް ނިންމަން ދޫކޮށްލީ އަސަދަށްކަން އޭނާ އަސަދުގެ އަތުގައި ހިފާލިގޮތުން އެނގެއެވެ. މަންމައަށް ބަލާލައި އެއްބަސްވުމުގެ ގޮތުން އަސަދު ބޯޖަހާލީ ދެނެވެ.
"ސަރާ، ހުރިހާ ކުދީން ގާތު ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ބުނާތި." ކަސްތޫރީ އިއްވާލިއެވެ. ނުހަނު އަވަހަށް ލައްބައޭ ސަރަފީނާ ބުނެލިއެވެ.
ޔާދިން އެނބުރި ގޭތެރެއަށް ވަނުމުގެ ބަދަލުގައި ބިއްދޮށްފަރާތުން އޭނާ ދިޔައީ ގެއިން ނުކުންނާށެވެ. ހިމޭންކަމާއެކު މޭޒުދޮށުގައި ތިބި އެންމެން އޭނާ ގޮސް ގެއްލެންދެން ތިއްބެވެ. ފުންކޮށް ދޫކޮށްލި ފިނިނޭވާއާއެކު އަސަދު އިސްޖަހާލައި ނިތްކުރީގައި ފިރުމާލިއެވެ. ގާތުގައި އިން އަނބިމީހާ އޭނާގެ ކޮނޑުގައި އަތްޖައްސާލުމާއެކު ފިރުމާލިއެވެ.
* * * * *
ބަނބުކެޔޮ ކޮށަން އިން މިންނާ އިނީ ބޮޑު ފިކުރަކަށް ގެއްލިފައެވެ. އޭނާ އެއުޅެނީ ގޭދޮށު ފިހާރައަކުން ގަންނަން ލިބުނު އެންމެ ކޭލަކުން ރިހަކޮޅެއް ކައްކާށެވެ. ނަމަވެސް ސިކުނޑީގައި އެނބުރެމުންދަނީ ކެންޒާގެ ވާހަކަތަކެވެ. އެ ދަރިފުޅު މިފްރާހާ ގަޔާނުވަނީކަމެއް ނޫނީ މީހުންނަށް އިތުބާރުކުރަން ބިރުގަންނަނީކަމެއް ނޭނގެއެވެ. ދަރިފުޅުގެ އަޑު އަދިވެސް ކަންފަތުގައި ހަރުލާފައި ހުރިހެން މިންނާއަށް ހީވެއެވެ.
"މި ގެ އޭނާ ހަދައިދިނީމަ އޭގެ ބަދަލުގައި އަހަރެން ގާތު އޭނާއާ ގުޅެން މަންމަ ބުނާނަންތަ؟."
މީގެ ހަފްތާއެއްކުރީން މިންނާއާއި ކެންޒާއާ ދެމެދު މިފްރާހުގެ ހުށަހެޅުމާމެދު ކުރެވުނު މަޝްވަރާގައި ކެންޒާ ބުންޏެވެ. ދަރިފުޅުގެ އެ ސުވާލުން މިންނާއަށް ހައިރާންކަން ލިބުނެވެ. އޭނާގެ އެއްވެސް ދަރިއަކު ނުރުހޭކަމެއް އޭނާ ނުކުރާނެއެވެ. މިއަދު އޭނާއަށް އަޅާލަން ތިބި ބަޔަކީ އެ ދެބެންވިއްޔާއެވެ. ހަޔާތުގެ މިހިސާބަށް މިންނާ އެއައީ އެ ދެ ދަރީންގެ ހައްޤުގައެވެ. ވީއިރު ވިޔަފާރީގެ ގޮތުގައި އޭނާ ދަރީންނެއް ނުވިއްކާނެއެވެ.
"ނުބުނާނަން. މިފްރާހު ގެ ހަދައިދެނީ ބަދަލުގައި ގޭގެ އެންމެ ތިރީބައި ގަރާޖެއް ހިންގުމަށް އޭނާއަށް ދޭގޮތަށް. އެގްރިމެންޓެއް އޭނާ ހަދާނަމޭ ވެސް ބުނި. ހީވާގޮތުން ދެތިން ދުވަހެއްގެ ތެރޭ އޭނާ އެ ގެންނާނެ. ގެނައިމަ ކެންއާއި ދޮންބެ ވެސް ތިބެގެން އެ ބަލާނީ. މަންމައަށް ނޭނގުނަސް ތިކުދީންނަށް އެނގޭނެ ގޯހެއް އުޅެންޏާ." ކެންޒާއަށް މިންނާ ޖަވާބުދިނީ އެފަދައިންނެވެ.
އޭގެ ފަހުން އަނެއްކާ ކަންތައް ގޯސްވީ އިމާރާތްކުރާ ގޮތުގެ ކުރެހުން ތައްޔާރުކޮށްގެން އިއްޔެ މިފްރާހު އައުމުންނެވެ. މައްސަލައަކަށްވީ ކުރެހުމެއްނޫނެވެ. ގެ ހަދާ ނިމެންދެން އެމީހުން ތިބުމަށް މިފްރާހު ކުއްޔަށް ހިފި އެޕާޓްމެންޓެވެ. ކެންޒާއާއި މިފްރާހު އެތައް އިރަކު ދެބަސްވާން ތިއްބެވެ. ތިންކޮޓަރީގެ ބޮޑު އެޕާޓްމެންޓަށް ދައްކަންޖެހޭ ކުލި މިފްރާހު ދައްކަން ކެންޒާ އެއްބަހެއްނުވިއެވެ. އެކަމުގައި އެއްޗެއް ބުނަން ނޭނގިފައި މިންނާއަށް ހުރެވުނީއެވެ. އެ ދެކުދީން އެހާ ނުގުޅެންވީ ސަބަބެއް މިންނާއަށް ނުވިސްނެނީއެވެ.
"އަނެއްކާ..." ޚިޔާލުތަކުގެ ތެރެއިން ހިތަށް އެރި އެއްޗަކާއެކު މިންނާގެ ކޮށަން އިން ބަނބުކެޔޮ ފަޅި ތެލީގެ ތެރެއަށް ވެއްޓުނެވެ. ތެޅިގަނެފައި އެ ހިފަން އޭނާއަށް އުޅެވުނެވެ.
"މަންމާ... އަތުގަ ތިއޮތީ ވަޅިއެކޭ..." ކޮޓަރިން ނުކުތް ކައިފްއަށް މިންނާގެ މި ސަކަރާތް ފެނިފައި ވަގުތުން ބުނެލިއެވެ. އަދި އައިސް މަންމަ ގާތު މޭޒުދޮށުގައި އިނދެގެން "ކަޓިންބޯޑު"ގައި ބަނބުކެޔޮ ކޮށަން ނީނީ ކީއްވެތޯ އެއްސެވެ.
"ތި ކަޓިންބޯޑެއްގައި ކޮށުމަށްވުރެ އަވަސްވާނެ މިހެން ކޮށާލީމަ. ޖޫސްތަށްޓެއް ހަދައިދެންތަ؟." ކައިފްއާ މިންނާ ވާހަކަދެއްކިއެވެ.
ނޫނެކޭ ބުނެ ބޯހޫރުވަމުން ކައިފް ބަދިގެއަށް ވަނީ ފެންފޮދެއް ބޯށެވެ. މިންނާ ކުރަން އިން މަސައްކަތް ފެށިއެވެ. އެއާއެކު އަނެއްކާ ވެސް ހިތާއި ސިކުނޑިއަށް ޚިޔާލުތައް ވެރިވެއްޖެއެވެ.
"އެކުއްޖާއަށް އަހަރެންގެ ކެންޒާ ކަމުދާކަން އެނގޭ. ވެދާނެ ކެންޒާގެ އެކަހަލަ ޚިޔާލުތަކެއް ނެތީކަމަށް. އަދި ކުއްޖަކާ ރައްޓެހިވާން ބޭނުންނުވަނީކަމަށް. އެކަހަލަ ކަމެއްކުރިޔަސް އަހަންނަށްވުރެ ކުރީން ކައިފް ގާތު އޭނާ އެވާހަކަ ދައްކާނެކަން ޔަގީން. ކެންއަށް ހީވަނީ ކަންނޭނގެ މިފްރާހުއާ ގުޅެން އަހަރެން ބުނެދާނޭ... އެކަމަކު އަހަރެން ވެސް ބޭނުންވާނެ ދޯ އެހެން ނުހުރެ ކެން ވެސް ރަނގަޅު ކުއްޖަކާ ގުޅެން. މިގެއަށް އެކުއްޖާ އެހާ ގިނައިން އެ އަންނަނީ ކެން ދުށުމަށް، އިތުރު އެހެން އެއްވެސް ބޭނުމަކުނޫން. މިވާހަކަ ތަންކޮޅެއް ރަނގަޅަށް ދައްކަންވީނު ކަންނޭނގެ ކެންއާ." ފަނޑު ހިނިތުންވުމެއް މިންނާގެ ތުންފަތަށް ވެރިވިއެވެ.
މެންދުރު ފަހު ކުލާސްތައް ނިންމާފައި ކެންޒާ އައިސް ގެއަށް ވަނެވެ. އެއްވެސް ކަމެއް ކުރުމުގެ ކުރީން އޭނާ މަންމައާއި ބޭބެ ކޮބާތޯ ހޯދާލިއެވެ. ބަދިގެ ލައްޕާފައި ހުރުމުން އެތަނުގައި ނެތީކަން އެނގި ދެން އައިސްވަނީ ކައިފްގެ ކޮޓަރިއަށެވެ. ތަޅުންމަތި އޮތް ގޮނދަޑީގައި މަންމަ އޮށޯވެލައިގެން އޮތެވެ. އެނދުގައި ނިދިފައި ބޭބެއަށް އޮތެވެ. ނިތްކުރީގައި އަތްބާއްވާލައިގެން ލޯ މެރިފައި މިންނާ އޮތުމުން އަޑެއް ލައްވާނުލައި ކެންޒާ ދޮރު ލައްޕާލީއެވެ. އަދި އެނބުރި އައިސް އޭނާގެ ކޮޓަރިއަށް ވަނީ ފެންވަރާލުމަށެވެ.
ކެންޒާގެ ދިގު އިސްތަށިގަނޑު ހިއްކުމަށް ފަންކާ ދަށުގައި ބެހެއްޓި ގޮނޑީގައި އިށީނދެ ގޮނޑީގެ ފަހަތަށް އިސްތަށިގަނޑު ވައްޓާލިއެވެ. ފޯނާއެކު އޮތް ހެޑްސެޓު ކަންފަތަށް ހެޔޮވަރު ކޮށްލުމާއެކު އޭނާ އަވަސްވެލީ ލައިތަށް މެސެޖު ކުރުމަށެވެ. ނަމަވެސް ވާހަކަ ކުރިއަށް ދާގޮތެއް ނުވިއެވެ. ލައިތު ރައްދުދިނީ ބައްދަލުވުމެއްގައި އިން ވާހަކައެކެވެ. ނިކަން ލޯބިން ފަހުން ގުޅާނަން ކަމުގައި ބުނެ މަޢާފަށް އެދިފައި އޮތެވެ. ފޯނުން ލަވައެއް ޖަހައިން އިރުކޮޅަކު އިނދެފައި ތެދުވީ ބަދިގެއަށް ދާށެވެ. ކޮޓަރިން ނުކުތް އިރު ސޯފާގައި ހަމީމު އިންތަން ފެނުނެވެ.
"ކެންޒާ، މީހަކާ އިންނާކަށް ނުވޭތަ؟." ހަމީމު ބުންޏެވެ. ކޮޓަރީގެ ދޮރު ލައްޕާލަން އުޅުނު ކެންޒާގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. ދޮރުގެ ތަޅުން ދޫކޮށްލައި ހަމީމާ ކުރިމަތިލިއެވެ.
"މިހާރު ތިހުރީ މީހަކާ އިންނަވަރުވެފަ." ހަމީމު އަނެއްކާ ވެސް ހަމަ އެ މައުޟޫޢުއަށް ވާހަކަދެއްކިއެވެ.
"މީހަކާ ނީނދެ ހުރެގެން ކޮންއުނދަގުލެއްވީ؟." ކެންޒާއަށް ބުނެވުނެވެ.
"ކަލޭގެ މަންމައަށް ވެސް ފަސޭހަވާނީ އޭރުން." ހަމީމު ބުންޏެވެ.
"މަންމަ ނޫޅޭ އަހަރެންގެ ފުށުން އުނދަގޫތަކެއްވާތީ، އަހަރެންގެ ކަންކަން ބަލަހައްޓަން އެހެންމީހަކަށް ނުޖައްސަން. މަސައްކަތްކުރެވެން ފެށީސުރެ އަހަރެން މިއަންނަނީ މިގޭ ޚަރަދުތަކުގައި ހިފަމުން. ފަސޭހަކުރަން މިގޭގަ މިހުރިހާ ޒިންމާއެއް ނަގަންޖެހޭ މީހާއަށް އެކަން އެނގި ހުރިހާ ޒިންމާއަކާ ހަވާލުވިއްޔާ މާރަނގަޅެއްނު." ފޫހިކަމާއެކު ކެންޒާ ބުންޏެވެ.
"މަށައްތަ ކަލޭ ބަހުން ތިޖަހަނީ." ހަމީމު ނިކަންބާރަށް ބުންޏެވެ.
"ބައްޕައިންނަކީ ކޮންކަހަލަ ބައެއްކަން ނޭނގުނު މީހަކަށް، ދަރިބޮޑުވެ މީހަކާ އިންނަންވީމަތަ އެނގެންވީ." ރުޅިގަދަވީ ހަމީމުގެ މަޤުޞަދު ކެންޒާއަށް އެނގެތީވެއެވެ.
"ކާކު އިންނާނެކަމަށް ތިހުންނަނީ. ނޫޅޭ އެކަކުވެސް... މަ ބުނީމަ އެވީ އިންނަން." މަލާމާތުގެ ރާގެއްގައި ހަމީމު ވާހަކަދެއްކީ ކޮޅަށް ތެދުވެ ހުރެއެވެ. ކެންޒާގެ މޫނަށް ރަތްކަމެއް ވެރިވިއެވެ. ރުޅީގެ ސަބަބުންނެވެ. އޭނާ ދަތްކުނޑިވިކާލިއެވެ.
"ކޮންމެވެސް އެއްޗެއް ބޮއެގެން އަމަލުވެގެން ތަނަކަށް ބިތްޖެހިފަ އޮންނަން ދޭބަލަ."
ނުބުނަން ހުރި ބަސްތައް ވެސް ކެންޒާގެ ދުލުން ބޭރުވީއެވެ. އެހިނދު ހަމީމު ހީވީ ފުންމައިގަތް ހެނެވެ. ކެންޒާގެ މޫނުގައި ޖެހުމާއެކު އޭނާގެ ނިއުޅާލެވިފައި އޮތް ދިގު އިސްތަށިގަނޑު އަތަށް އޮޅާލުމާއެކު ތަޅުންގަނޑު މައްޗަށް ކޮށްޕާލީ ނުހަނު ބާރަށެވެ. މަންމާއޭ ކިޔާ ކެންޒާއަށް ހަޅޭލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ބާވެފައިވާ ފާރުތައް އެއަޑަށް ހެލިލި ކަހަލައެވެ. ކައިފްގެ ކޮޓަރީގައި އިތް މިންނާއަށް ކެންޒާގެ އަޑު އިވުނުހެން ހީވުމާއެކު ވަގުތުން ދެ ލޯ ހުޅުވާލެވުނެވެ. ގޮދަޑިމަތިން ތެދުވިގޮތަށް ހަލުވިކޮށް ގޭތެރެއަށް ވަންނަ އައެވެ.
"ހަމީމު..." ދޮރުމައްޗަށް އެރުނު މިންނާއަށް ތަޅުންމަތީ އިން ކެންޒާއާއި ކައިރީގައި ހުރި ހަމީމު ފެނުނު ހިނދުން އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ.
ދޮރޯށިން މިފްރާހު އެ ގޭތެރެއަށް ވަދެގެން އައީ އެވަގުތެވެ. ހޭވިފައި އޮތް އިސްތަށިގަނޑާއެކު ކެންޒާ އިން ގޮތް ފެނުމުން އޭނާގެ ދެލޯމުދުނަށްއެރިއެވެ. އެމީހުންނާ ދިމާއަށް މިންނާ އައިތަން ފެނުނެވެ. މިފްރާހު ވަގުތުން ހިފީ ހަމީމުގެ އަތުގައެވެ. އެވަގުތު މިފްރާހުގެ ގާތުން ހާސްވެފައި ހުރި މިންނާއަށް އެދެވުނީ ހަމީމު ދުރުކޮށްދިނުމަށެވެ. މިންނާ ނުބުނެގެން މިފްރާހު ހުރި ކަހަލައެވެ. ހަމީމުގެ އަތުގައި ހިފައި ދަމައިގަތުމާއެކު ގެއިން ނުކުތީއެވެ.
"ކިހިނެއްވީ؟... ބައްޕަ ޖެހީ ދޯ." ކެންޒާ ތެދުވުމުން ދަރިފުޅުގެ އިސްތަށިގަނޑު ރީތިކޮށްދެމުން ގައިގާ ފިރުމަމުން މިންނާ ވާހަކަދެއްކިއެވެ.
"ނޭނގެ މަށަކަށް..." މަންމަގެ އަތް ފޮޅުވާލުމާއެކު ކެންޒާ ކޮޓަރިއަށް ވަދެ ދޮރު ލެއްޕީއެވެ. މިންނާ ވަނަ ނުދޭން އޭނާ ދޮރު ވެސް ތަޅުލީއެވެ. މިންނާދެކެ ރުޅިއައުމުގެ ބޭނުމެއްނެތްކަން ކެންޒާއަށް އެނގެއެވެ. އެހެންވިޔަސް އެވަގުތު މިފްރާހު ފެނުމުން އޭނާއަށް ކެތްނުވީއެވެ. ރުޅީގެ މައްޗަށް އެއްވެސް ބާރެއް ނުފޯރުވި މަންމައަށް ނުރުހިފައި ވާހަކަދެއްކުނީއެވެ.
ކޮޓަރީގެ މެދުގައި ބެހެއްޓި ގޮނޑި އޭރު ވެސް އެހުރި ތަނުގައި ހުއްޓެވެ. ކެންޒާ އައިސް އިށީނީ އޭގައެވެ. އިރުކޮޅަކު ހަރަކާތެއްކޮށްނުލައި އިނދެފައި މޫނުގައި ހަމީމު ޖެހިދިމާގައި އެއްއަތުން ފިރުމާލިއެވެ. އައި ގަދަ ރުޅީގެ ސަބަބުން އޭނާގެ ދެ ލޯ ފެންކަޅިވިއެވެ.
"އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ބޭނުންވާ ކަންތައް ކުރާނަމޭ ހިތާތަ އެއުޅެނީ..." ކެންޒާއަށް އަމިއްލަ ހިތާ ވާހަކަދެއްކުންވެ. ހަމީމަކީ މިހާރު މީހަކު ރޮނދިލައިގެން ގެންގުޅޭ ބުދެއްކަން ކެންޒާއަށް އެނގެއެވެ. ހަމީމު ހުރިހާކަމެއް އެކުރަނީ މިފްރާހު ބުނާ ގޮތަށްކަމުގައި ކެންޒާއަށް ޤަބޫލުކުރެވެނީ އެހެންވެއެވެ.
(ނުނިމޭ)