ބައްސާމް އަދީލް ޖަލީލް

ރާއްޖެއާ ޔޫއޭއީ މެޗުތަކެއް ކުޅެން އެއްބަސް ވެއްޖެ

އަރަބި އެމިރޭޓްސް އާއި ރާއްޖެއާ ދެމެދު އެކުވެރި ކަމުގެ މެޗުތަކެއް ކުޅެން ދެ ގައުމުގެ އެފްއޭގެ ވެރިން އެއްބަސް ވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަރަބި އެމރޭޓްސްއަށް ކުރެއްވި ދަތުރުގައި، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ވަޑައިގެން، އެ އެސޯސިއޭޝަންގެ ރައީސް ޝައިހް ރާޝިދު ބިން ހުމައިދު އަލް ނުއައިމް އާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމާ ބެހޭގޮތުން، އަވަސް އާ ވާހަކަ ދައްކަވަމުން ބައްސާމް، ވިދާޅުވީ ތަފާތު ފަސް ދާއިރާއަކުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށް އެއްބަސް ވެވުނު ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމާއި އެމިރޭޓްސްގެ އަންހެން އަދި ފިރިހެން ޓީމާ ދެމެދު މެޗުތަކެއް ކުޅެން އެއްބަސްވުމެވެ.

އަތޮޅުތެރޭގައި ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ގާއމު ކުރުމަށް ޔޫއޭއީގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން އެހީ ފޯރުކޮށް ދިނުމަށް ވެސް ވަނީ މަޝްވަރާ ކުރެވިފަ އެވެ. އަނެއް ކަމަކީ ރާއްޖޭގެ ރެފްރީންނާއި ކޯޗުންގެ ތަރައްގީ ކުރުމަށް ޔޫއެއީން އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އަދި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުތަކުގެ ޓްރެއިނިން ކޭމްޕް ޔޫއެއީގައި ބޭއްވުމަށްވެސް ވަނީ އެއްބަސް ވެފަ އެވެ.

ބައްސާމް އާއި ޝައިހް ރާޝިދުގެ ބައްދަލުވުމާ ބެހޭގޮތުން ޔޫއޭއީގެ މީޑިއާތަކުން ބުނެފައި ވަނީ، ކޮރޯނާ ވައިރަސް އާ ގުޅިގެން ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރި ކަމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ޝައިހް ރާޝިދު ސާފު ކުރެއްވި ކަމަށެވެ.