އެފްއޭއެމް

23 އަހަރުން ދަށުގެ ޓީމު ކޯޗަކަށް ރެނޭ ހިޑިންކް

ފުޓްބޯޅަ ޑިވެލަޕްމެންޓްގެ ބޮޑު މަސްއޫލިއްޔަތަކާއެކު، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމަށް ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ކުރިން ހުރި ރެނޭ ހިޑިންކް ހަމަޖައްސައިފި އެވެ.

މިދިޔަ ހަފުތާގައި އެފްއޭއެމުން ވަނީ، ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗް ހޮލެންޑްގެ މާޓިން ކޫޕްމަން އާއެކު ތިން އަހަރަށް އެއްބަސްވުން އާ ކުރުމަށް ސޮއި ކޮށްފަ އެވެ. އަދި ރެނޭއަށް ވެސް ތިން އަހަރުގެ ކޮންޓްރެކްޓެއް ދިނީ އޭނާ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗް ކަމަށް ބަދަލު ކުރުމަށް ފަހު އެވެ. އަދި އެ މަގާމުގައި ހުރެގެން ޑިވްލަޕްމެންޓްގެ ބޮޑު މަޝްރޫއެއްގެ މަސައްކަތް ކުރުމަށްވެސް އެފްއޭއެމުން ވަނީ އޭނާ ހަވާލު ކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަވަސް އަށް ވިދާޅުވީ 23 އަހަރުން ދަށުގެ ގައުމީ ކޯޗް ކަމުގެ މަސްއޫލިއްޔަތުގެ އިތުރުން 21 އަހަރާއީ 16 އަހަރާ ދެމެދުގެ އުމުރު ފުރާތަކުގެ ޑިވްލަމްޕެންޓްގެ މަސައްކަތްތައް ރެނޭގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބައްސާމް ވިދާޅުވީ ސީނިއާ ގައުމީ ޓީމުގެ މަސައްކަތް ތަކުގައި ހެޑް ކޯޗް ކޫޕްމަން އަށް ޓެކްނިކަލް ސައިޑުން އެހީވާނީ، އެސިސްޓެންޓް ކޯޗް އަލީ ސުޒޭން އާއި ގޯލް ކީޕަރު ކޯޗުން ކަމަށްވާ އިމްރާން މުހައްމަދާއި އަސްލަމް އަބްދުރަހީމް ކަމަށެވެ.

"އެހެންވީމަ މިހާރު މިނިންމީ ރެނޭ ހިޑިންކް އަންޑަ 23 ޓީމުގެ ހެޑް ކޯޗް ކަމަށް ވެފަ އަދި 16 އަހަރާއި 21 އަހަރާ ދެމެދުގެ އެކެޑެމީތައް ކުރިއަށްދާއިރުގައި ރެނޭގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުުން،" އަވަސް އަށް ބައްސާމް ވިދާޅުވި އެވެ. "ރެނޭގެ ސުޕަވިޝަންގެ ދަށުން އެ އުމުރު ފުރާގެ ޓީމު ތަކުގައި ހެޑް ކޯޗުންނާއި އެސިސްޓެންޓް ކޯޗުންވެސް ތިބޭނެ."

ހޮލެންޑަށް ނިސްބަތްވާ ރެނޭ ހިޑިންކް އަކީ. ރެއާލް މެޑްރިޑާއި ޗެލްސީއަށް ކުރިން ކޯޗް ކޮށްދިން ހޮލެންޑްގެ މަޝްހޫރު ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ އެވެ.

ބައްސާމް ވިދާޅުވީ، 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާގެ ކެޓަގަރީ އަކީ ފުޓްބޯޅައިގެ އެކެޑެމީތަކުގެ މަސައްކަތްތަކެއް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ އެއް މަރުހަލާ ކަމަށެވެ. ވަރަށް އަވަހަށް އެ ޕްރޮޖެކްޓް އިއުލާން ކުރައްވާނެ އޭނާ ވިދާޅުވި އެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ އަކީ އުމުރުން ހަ އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާ އެކެޑެމީތަކެވެ. ދެ ވަނަ ކެޓެގަރީ އަކީ އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދެވެ.

އެ މަރުހަލާގެ ތެރެއިން އެ އުމުރުފުރާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު "ކުރީމް" (ކުޅުންތެރިން) ދެނެގަނެ އެ ކުޅުންތެރިންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ ދެން އޮތީ 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ. އެ އުމުރުފުރާގެ ޑިވްލަޕްމެންޓް މަސައްކަތް މިހާރު އެވަނީ ރެނޭ ހިންޑްކް އާ ހަވާލު ކޮށްފަ އެވެ.

"މިގޭ ބޭނުމަކަށް ވަނީ މުޅި ސިސްޓަމްގައި އުމުރުން ހަ އަހަރާއި 21 އަހަރާ ދެމެދުގައި ރަނގަޅަށް މޮނިޓާ ކުރެވިގެން އެކަންކަން ކުރިއަށް ގެންދިއުން،" ބައްސާމް ވިދާޅުވި އެވެ. "އެ ވިސްނުމުގައި ހަގީގަތުގައި އެ ޗޭންޖު މިއަންނަނީ."

މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ކޯޗް ކަން ވެސް ކުރަނީ ސީނިއާ ޓީމުގެ ހެޑް ކޯޗެވެ. މިއީ 23 އަހަރުން ދަށުގެ ގައުމީ ކޯޗްގެ މަގާމަށް ހާއްސަކޮށް ބޭރު ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.