ކުޅިވަރު

ރާއްޖޭގެ މޮޅު ބާއްސާމް ހާއްސަކުރީ އިއްބެ އާއި އާއިލާއަށް

ގުއާމްގެ މައްޗަށް ރާއްޖެއިން މިއަދު ހޯދި މޮޅު، އާއިލީ މެންބަރުންގެ ކުއްލި މަރާ ގުޅިގެން މެޗަށް ނުދެވުނު ގައުމީ ޓީމުގެ މިޑްފީލްޑާ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އޭނާގެ އާއިލާއަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހާއްސަ ކޮށްފި އެވެ.

ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި މިއަދު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ 1-0 ންނެވެ. މިއަދުގެ މެޗަށް ފަހު ބައްސާމް ވިދާޅުވީ މެޗުން ލިބުނު މޮޅު ޑެޑިކޭޓް ކުރަނީ އިބްރާހިމް ވަހީދު އާއި އޭނާގެ އާއިލާއަށް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރި ލޯންޗު ބަންޑުންޖަހާލައި މަރުވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިއްބެގެ އާއިލާގެ މެންބަރުންނެވެ. އެ ހާދިސާއާ ގުޅިގެން ލަންކާގެ ޓްރޭނިން ކޭމްޕްގައި ހުރުމަށް ފަހު އިއްބެ ވަނީ ޓީމު ދޫކޮށް އެނބުރި ރާއްޖެ އައިސްފަ އެވެ. އަދި އެ ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއެކު ހުރުމަށް އިއްބެ އަށް ވަނީ ފުރުސަތު ދީފަ އެވެ. އެ ހާދިސާއާ ގުޅިގެން ގުއާމް މެޗުގައި އޭނާ އަށް ބައިވެރި ނުވެވުނެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއްވެސް ލިބިފަ އެވެ. މެޗުގެ 27 ވަނަ މިނެޓްގައި އިއްބެ ލަނޑު ޖެހުމުގެ ކުރިން އެނާ ވަނީ ނާއިޒު ހަސަން ދާދުއަށް ފުރުސަތެއް ތަނަވަސް ކޮށްދީފަ އެވެ. ދާދު ވެއްޓިގެންފައި ބޮލުން ޖަހަން އުޅުނު ބޯޅަ އޭނާގެ ބޮލުގައި ލައްވައި ނުލައި އެ ބޯޅަ ދިޔައީ ބޭރަށެވެ.