ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފަޒްނާ އަހުމަދު

އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތް: ފަޒްނާ

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އދ އަށް 75 އަހަރު ފުރުމާއި ގުޅިގެން "ޔޫއެން 75" ގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެއްޓެވުމުގެ ގޮތުން މިއަދު ބޭއްވެވި ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، "ޝޭޕިން އަވާ ފިއުޗާ ޓުގެދާ" ނުވަތަ އެންމެން ގުޅިގެން މުސްތަގުބަލު ބައްޓަން ކުރުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ޔޫއެން 75" ގެ ރަސްމީ ވީޑިއޯ ވަނީ ދައްކާލާފައެވެ. މި ވީޑިއޯގައި އިޖްތިމާއީ، އިގްތިސާދީ އަދި ތަފާތު ދާއިރާތަކަށް އަލިއަޅުވައިލައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ގޮތައް ރާއްޖޭގެ އެކި ފަންނުތަކާއި ފަންތިތަކުގެ ބޭފުޅުން ވަނީ އެ ބޭފުޅުންގެ ހިޔާލާއި ފިކުރު ހާމަކުރައްވައި، ކުރު މެސެޖުތަކެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްވި މެސެޖުގައި ވިދާޅުވީ ‎ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިއަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަމަށެވެ. އަދި އެހެން މީހުންގެ އެހީތެރިކަން ނުލިބި އެކަނި ދިރި ދެމިހުރުމަކީ އުނދަގޫކަމެއް ކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަމިއްލަ ފަރުދުންގެ ހެވާއި ލާބައާއި މަންފާ ބަރޯސާ ވަނީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ވީޑިއޯއަށްފަހު "ޔޫއެން 75" އާއިގުޅޭ ސާވޭއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސާވޭއަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށާއި އދ އިން ކުރިއަށް ގެންދިޔުމުގައި އިސްކަން ދޭންވީ ކަންކަން ކަނޑައެޅުމަށް ހިޔާލު ހޯދުމުގެ ގޮތުން ކުރިޔަށްގެންދިޔަ ސާވޭއެކެވެ.