ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފަޒްނާ އަހުމަދު

މެޑަމް ފަޒްނާ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރައްވަނީ

May 24, 2021
1

ކޮވިޑް-19 އިގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ކޮވިޑްގެ މަސައްކަތްތަކުގައި ވޮލަންޓިއާކޮށް ބައިވެރިވެވަޑައިގެން އަމަލީ މަސައްކަތް ފައްޓަވައިފި އެވެ.

މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ ޗީފް ގައިޑް، ފަޒްނާ ވޮލަންޓިއާކޮށް މަސައްކަތް ކުރައްވަނީ ހުޅުމާލޭގައި ހަދާފައިވާ ކޮވިޑް ފެސިލިޓީގަ އެވެ.

މެޑަމް ފަޒްނާ ކޮވިޑްގެ މަސައްކަތްތަކުގައި އަމަލީގޮތުން އުޅުއްވާ ކަން ހާމަ ކޮށްފައި ވަނީ މިއަދު ފާހަގަކުރާ އެކަމަނާގެ އުފަން ދުވަހުގެ ތަހުނިޔާ ހިއްސާ ކުރަމުން ގާލް ގައިޑް އެސޯސިއޭޝަނުންނެވެ.

އެ އެސޯސިއޭޝަނުން ބުނީ މެޑަމް ފަޒްނާ އަކީ ޒުވާނުންނަށް ވަކިން ހާއްސަކޮށް ކަނބަލުންނަށް ހުރި ނަމޫނާއެއް ކަމަށެވެ. ފަޒްނާ ހަޒްމަތު ސޫޓް ތުރު ކުރައްވައިގެން ކޮވިޑްގެ ފެސިލިޓީގައި ހުންނެވި ފޮޓޯއެއް ވެސް ގާލް ގައިޑް އެސޯސިއޭޝަނުން މިއަދު ވަނީ ފޭސްބުކްގައި އާންމުކޮށްފަ އެވެ.

ކޮވިޑް-19 އިގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން މިމަހު އިއުލާން ކުރުމާ ގުޅިގެން ފުރުސަތު ލިބިވަޑައިގެންފިނަމަ އެ މަސައްކަތް ތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި އެކަމަނާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މެޑަމް އޭރު ވިދާޅުވީ ވޮލަންޓިއާ މަސައްކަތްތަކުގައި އުޅުއްވުމުގެ މަގުސަދަކީ އެކަމަނާ ކުރައްވާފައިވާ ކަންކަމުގެ ވާހަކަ ދެއްކެވުން ނޫން ކަމަށެވެ. ބޭނުންފުޅުވަނީ ގައުމު ބޭނުންވުމުން އެހެން ފަރާތްތަކުންވެސް ގައުމީ ހިދުމަތަށް ނިކުންނެވުމަށް ހިތްވަރު ދެއްވުން ކަމަށެވެ.

"އިންޝާﷲ އަހަރެމެންނަށް މިކަމުން އަރައިގަނެވޭނެ،" މެޑަމްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ލޮކްޑައުން ކުރި ދުވަސްވަރު ވެސް މެޑަމް ފަޒްނާ ވޮލަންޓިއާކޮށް ބައެއް މަސައްކަތްތަކުގައި އުޅުއްވާފައިވެ އެވެ.

މެޑަމް ފަޒްނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފަރުވާ ވެސް ހޯއްދަވާފަ އެވެ.