ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވޮލަންޓިއާކޮށް މަސައްކަތް ކުރެއްވުމަށް މެޑަމް ފަޒްނާ ހުށަހަޅުއްވައިފި

May 5, 2021
2

ކޮވިޑް 19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާންކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.

މެޑަމް ފަޒްނާ މިއަދު ފޭސްބުކްގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ އެކަމަނާއަށް ފުރުސަތު ދެއްވައިފިނަމަ ކޮވިޑްގެ ކަންކަމުގައި އެހީތެރިވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ބަޔަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ލޮކްޑައުން ކުރި ދުވަސްވަރު ވެސް މެޑަމް ފަޒްނާ ވޮލަންޓިއާކޮށް ބައެއް މަސައްކަތްތަކުގައި އަމަލީގޮތުން އުޅުއްވާފައިވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ އެކަމަނާ ވިދާޅުވީ ޔުނިސެފާއި، ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާއި، މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަނާ އެކު މަސައްކަތްކޮށް، އެހީތެރިކަން ބޭނުންވެފައި ތިބި އާއިލާތަކަށް ހާއްސަ ވީޑިއޯ މެސެޖުތައް ތައްޔާރު ކުރެއްވި ކަމަށެވެ.

މެޑަމް ފަޒްނާ ވިދާޅުވީ މަގުސަދަކީ އެކަމަނާ ކުރައްވާފައިވާ ކަންކަމުގެ ވާހަކަ ދެއްކެވުން ނޫން ކަމަށެވެ. ބޭނުންފުޅުވަނީ ގައުމު ބޭނުންވުމުން އެހެން ފަރާތްތަކުންވެސް ގައުމީ ހިދުމަތަށް ނިކުންނެވުމަށް ހިތްވަރު ދެއްވުން ކަމަށެވެ.

"އިންޝާﷲ އަހަރެމެންނަށް މިކަމުން އަރައިގަނެވޭނެ،" މެޑަމްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.

މެޑަމް ފަޒްނާ ވަނީ މިދިޔަ މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ވެސް ހޯއްދަވާފަ އެވެ.

ކޮވިޑް 19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ހެލްތު އެމަޖެންސީ އޮަޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް މެއިލް ކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފަ އެވެ.