ފަޒްނާ އަހުމަދު

ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބުނެދޭން ޖެހޭ: މެޑަމް ފަޒްނާ

Jun 13, 2021

ހެދިބޮޑުވަމުން އަންނަ ކުދިންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ކުދިންގެ އުމުރާ ގުޅޭގޮތުން ސައްހަ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު އިލްތިމާސް ކުރައްވައިފި އެވެ.

ފަސްޓްލޭޑީ މިކަމަށް އިލްތިމާސް ކުރެއްވީ "މެންސްޓްރުއަލް ހެލްތު އެޑިޔުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް"އާ ގުޅޭ ގޮތުން ރޭ ބޭއްވި ވެބިނާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ކަމާ ގުޅޭ ސިޔާސަތު ކަނޑައެޅުމުގައި އުޅުއްވާ ބޭފުޅުން ބައިވެރިވި މި ވެބިނާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވަނީ ޕިއުބަޓީއާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުވުމުގެ މައިގަނޑު ސަބަބުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާ ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާ ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްހަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި މިއީ އުފަންވެނި ސިއްހަތާ ގުޅުންހުރި ކަމަކަށްވާތީ މިކަމުން ދިމާވެދަނެ ކަންކަމަށްޓަކައި ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ މުހިއްމު ކަން އެކަމަނާ ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ މެންސްޓްރުއޭޝަން އަކީ އަމިއްލަ ސާފު ތާހިރުކަމާ ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާ ދޭން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް އެކަމަނާ ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ ކުއްޖާގެ އުމުރާ އެ މުޖުތަމައެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އަދި ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިޔުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ ވިދާޅުވި އެވެ. އެހެންކަމުން މުޅި މުޖުތަމައަށް ފައިދާވާ ގޮތަށް އެކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާ އެއްބާރުލުމާއެކު ސްކޫލު ކަރިކިއުލަމްގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ޕީރިއަޑް ޓެބޫއަށް އެޑްރެސް ކުރެވޭނެ ގޮތްތަކަށް އެކަމަނާގެ ވާހަކަފުޅުގައި ބައެއް ކަންކަން ފާހަގަކުރެއްވި އެވެ. އަދި އެފަދަ ކަންކަމަށް ވަކާލާތުކޮށް އުސޫލުތައް ކަޑައަޅާއިރު އެކި ކަންކަމަށް ބޭނުން ކުރާނެ އެކަށިގެންވާ ދިވެހި ބަސް ހުންނަން ޖެހޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ވެބިނާ އިންތިޒާމު ކުރީ ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަނާއި، ޒީރޯ ވޭސްޓް މޯލްޑިވްސް ގުޅިގެން ޔުނައިޓްޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)ގެ އެއްބާރުލުމާއި އެކު އެވެ.

މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންގެ އިތުރުން ސިއްހީ ދާއިރާ ތަމްސީލް ކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހަކީ "މެންސްޓްރުއަލް ހެލްތު ޑޭ" ގޮތުގައި ފާހަގަކުރާ ދުވެހެވެ.