ކުޑަކުދިންނަކީ އިހްސާންތެރި ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ކުދިންގެ ކަންކަމުގައި ޝާމިލުވާ ހުރިހާ އެންމެންވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދޭ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެދިވަޑައިގެންފި އެވެ.
މެޑަމް ފަޒްނާ މިކަމަށް އެދިވަޑައިގެންނެވީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މިއަދު ބޭއްވި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ދަސްވެނިވުން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަޒްނާގެ ވިދާޅުވީ ދީނީ ކަންކަމާއި އެކަކަކު އަނެކަކާ މުއާމަލާތުކުރުމުގައާއި ސިއްހީ ކަންކަމާއި ޓްރެފިކްގެ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައާއި ތިމާވެށްޓަށް އިސްކަންދޭ މިންވަރު ފަދަ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދައްކައިދެވިގެން ނޫނީ ކުދިންގެ ކިބައިން ފެންނަން އެދޭ ރަނގަޅު ބަދަލުތައް ފެނިގެން ނުދާނެ ކަމަށެވެ.
އެކަމަނާ ވަނީ ކުއްޖާ ރަނގަޅު ޝަހްސިއްޔަތެއްގެ ގޮތުގައި ހެދިބޮޑުވުމަށް ސްކޫލާއި ބެލެނިވެރިންގެ އިތުރުން ކުދިންގެ ކަންކަމުގައި ޝާމިލުވާ އެންމެންވެސް ރަނގަޅު ނަމޫނާ ދައްކަންޖެހޭ ކަންވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސްކޫލްތަކުގައި ބާއްވާ ހަފްލާތަކުގައިވިޔަސް ބެލެނިވެރިން ކުދިންނަށް ދޭ ކާނާގައި ވިޔަސް ފައިދާހުރި ރަނގަޅު ކާނާ ހިމެނުންފަދަ ކަންކަމާއި ތިމާވެށީގެ ދުވަހު ތަންތަން ސާފުކުރަން އުޅުމާއި އާތްޑޭ ފަދަ ދުވަސްތަކުގައި ހަމައެކަނި ބޮކި ނިންވާލާ ކަރަންޓް އިސްރާފުވުން ކުޑަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެކަންކަމަކީ އެއީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުންފަދަ ކަންކަމަށް ހާއްސަ ސަމާލުކަންދޭންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެކަމަނާގެ ވާހަކަފުޅުގައި ވަނީ އިންކްލޫސިވް އެޑިއުކޭޝަން، ވީ އެންމެ ފުޅާދާއިރާއެއްގައި ސްކޫލުތަކުގައި ކުރިއަށް ގެންދިއުމުގައި ސްކޫލްތަކާއި އަދި ބެލެނިވެރިން އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.
މި ޖަލްސާގައި ފަަޒްނާ ވަނީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލުން މިއަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެސްކޭޖީ 9، 10 އަދި 11ގެ ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުންވެސް ހަވާލުކޮށްދެއްވާފަ އެވެ.
ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލުން މިއަހަރު 243 ދަރިވަރުން ދަސްވެނިވެ ޓްރޮފީއާ ސެޓްފިކެޓް ހާޞިލުކޮށްފައިވެއެވެ.
ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލަކީ އައިލެންޑާސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑުން ހިންގަމުން އަންނަ 1000 އަށް ވުރެ ގިނަ ކުދިން ކިޔވަމުންދާ ޕްރީ ސްކޫލެކެވެ.