މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަންނަ އަހަރު ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން

އަންނަ އަހަރު ކޮންމެ ދުވަހަކުވެސް ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް ވިދާޅުވީ މިކަމުގެ ބޭނުމަކީ ގައުމީ ލަވައާއި ގައުމީ ދިދައާއި އަދި ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބި ޖެއްސުމެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުއުމީ ސަލާމު ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން ރައީސް ގެންދަވަނީ ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އިސްލާމްދީނާއި ގައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުން އެއީ މިސަރުކާރުގެ "ހަފުތާ 14" ނުވަތަ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދާ ކަންކަންމުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ގައުމިއްޔަތު ދިރުވާ އާލާކުރުމަށްޓަކައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުގެ ނަމުގައި ހާއްސަ ވުޒާރާއެއް ވެސް ވަނީ އުފައްދަވާފަ އެވެ.