(18 އޯގަސްޓް 2020 އާ ގުޅޭ)
"އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ބޭނުންވާ ކަންތައް ކުރާނަމޭ ހިތާތަ އެއުޅެނީ..." ކެންޒާއަށް އަމިއްލަ ހިތާ ވާހަކަދެއްކުންވެ. ހަމީމަކީ މިހާރު މީހަކު ރޮނދިލައިގެން ގެންގުޅޭ ބުދެއްކަން ކެންޒާއަށް އެނގެއެވެ. ހަމީމު ހުރިހާކަމެއް އެކުރަނީ މިފްރާހު ބުނާ ގޮތަށްކަމުގައި ކެންޒާއަށް ޤަބޫލުކުރެވެނީ އެހެންވެއެވެ.
"ކެންޒާ!... ދަރިފުޅު!..." ދޮރުގައި މަޑުމަޑުން ޖަހާލަމުން މިންނާ ގޮވާލިއެވެ.
"ކިހިނެއްވީ މަންމާ؟." އެތަނަށް އައި ކައިފް ސުވާލުކުރިއެވެ. އޭނާއަށް ހޭވެރިކަމެއްވީ މިންނާ ހަޅޭލަވައިގަތް އަޑުންނެވެ. އިވުނު ގޮތްހެން ހީވެފައި އެނދުން ތެދުވި ގޮތަށް އިނދެވުނީއެވެ. ގޭތެރެއިން ހަޅޭލަވާ އަޑެއް ނީވޭތާ އެތައް އަހަރެއް ވެއްޖެވިއްޔާއެވެ. އެހެންވިޔަސް ކޮޓަރީގެ ދޮރު ހުޅުވީ ޔަގީން ކުރުމަށެވެ. އެއާއެކު މަންމަގެ އަޑު އަނެއްކާ ވެސް އިވުނީއެވެ.
"ހަމައެއްގޮތަކަށް ވެސް ނޭނގެ ވީގޮތެއް. ކެންޒާގެ ގައިގާ ހަމީމު ޖެހީ... މިފްރާހު އައިކަން ނަސީބެއް. މަންމަ ބުނީމަ ހަމީމު ގޮވައިގެން ބޭރަށް ނުކުމެއްޖެ. ކެންއަށް ތަދުވީހެން މަންމައަށް ހީވަނީ. ދޭބަލަ އެމީހުން ކޮބާތޯ ބަލާލަން." މިންނާ ހުރީ ހާސްވެފައެވެ.
"މިފޫ އެންނު ބުނީ އޭނާއާ އިންނަންށޭ ބޭނުމީ." ހަމީމަށް ކުރެވިގެން އުޅެނީ ބޮޑުކަމެއްހެން އޭނާ މިފްރާހަށް ވާހަކަދެއްކިއިރު ހިޔެއްނުވެއެވެ. ހަމީމުގެ ގައިގާ ޖަހަން މިފްރާހު އުޅުނު ވަގުތު ގޭގެ ދޮރޯށި ހުޅުވިއްޖެއެވެ. އުފުލާލި އަތް އޭނާ އަވަހަށް ތިރިކޮށްލިއެވެ. ދޮރޯށިން ބޭރަށް ބޯދިއްކޮށްލީ ކައިފްއެވެ. ހަމީމުގެ އަތުގައި ހިފައިގެން މިފްރާހު ހިނގައިގަތީ ގެއާ ދުރަށެވެ.
"އަހަރެންތަ ބުނީ ކެންޒާއަށް އަނިޔާކުރާށޭ." މިފްރާހުގެ ދެ ލޮލުން އިންތިހާ ރުޅި ފާޅުވެއެވެ.
"މިފޫ... އަޑުހާބައި..." މިފްރާހުގެ އަތުން ބޮނޑިއެއް ލިބިދާނޭ ހީވެ ހަމީމު ވާހަކަދެއްކިއެވެ. އޭނާ އެ އަޑެއް ނޭހިއެވެ. ފޯނު ނަގައި ގުޅީ ޝާނަށެވެ. އެގޭ ދޮށަށް އޭނާ ބާލާފައި ކާރުގައި ޝާނު ނައްޓާލިތާ އަދި ގިނައިރެއް ނުވެއެވެ. ޝާނު ފޯނުކޯލު ނެގުމުން ހަމީމުމެން ގޭ ދޮށަށް އައުމަށް އޭނާ ބުންޏެވެ.
ހުރިހާ މަންޒަރެއް ބަލަން ކައިފް ހުރީ ދޮރޯށު ކައިރީއެވެ. ހަމީމުގެ އަތުން މިފްރާހު ދޫކޮށެއް ނުލައެވެ. ދެއްކި ވާހަކައެއް ކައިފަށް އަޑުއިވޭ ވަރަށްވުރެ އެމީހުން ތިބީ ދުރުގައެވެ. ގޭ ކަންމަތިން އެ މަގަށް އެޅި ކާރު ގޮސް މަޑުކުރީ މިފްރާހާއި ހަމީމުމެން ތިބި ހިސާބުގައެވެ. ކައިފް ބަލަބަލާ ހުއްޓާ ކާރުގެ ފަހަތަށް ހަމީމު އެރުވީ މިފްރާހުގެ ބާރުގައެވެ. އޭނާ ކާރަށް އެރުމުން ދެން ފެނުނީ ކާރު ދުއްވާލިތަނެވެ.
އަސުރުން ފަސްވެ ހަވީރު ފަހެއްޖަހަން ކައިރިވެއްޖެއެވެ. މަންމަގެ ގޮވުމަށް ބީރުކަންފަތެއް ދީގެން އިންނަން ނުކެރިގެން ކެންޒާ އައިސް ދޮރު ހުޅުވިއެވެ. މިންނާގެ ކަނާއަތް ވަގުތުން ޖައްސާލީ ކެންޒާގެ މޫނުގައެވެ. ކުރިން ހޭވިފައި ހުރި އިސްތަށިގަނޑުގައި ފުނާ އަޅާއި އެއްފަރާތަށް ވާހެން ގަތާލާފައި އޮތުމުން، ކެންޒާގެ މޫނު ފާޅުކޮށް ފެންނަން ހުއްޓެވެ. ދުޅަނުވި ނަމަވެސް މޫނުގައި ރަތްކަމެއް ހުރިކަން ފާހަގަވެއެވެ.
"އައިސްޕެކް ގެނެސްދެންތަ؟. ފިނިފެންފޮދަކުން މޫނު ދުވެލަންވީނު." ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލަމުން މިންނާ ވާހަކަދެއްކިއެވެ. ކެންޒާ ހަމައެކަނި ބޯޖަހާލީއެވެ.
ދަރިފުޅު ގޮވައިގެން މިންނާ ބަދިގެއަށް އައެވެ. އައިސްޕެކު ނެގުމާއެކު މެދުގޯތީގައި ދަމާފައި ހުރި ރޯނުގައި އޮތް ތުވާލިކޮޅެއް ނަގައި އެއަށް އައިސްޕެކުލައި އޮޅާލައިގެން އެނބުރި އައެވެ. ކާމޭޒުދޮށުގައި އިން ކެންޒާގެ އަތަށް އައިސްޕެކު ލައިދިނެވެ. އޭނާ ދެން އުޅުނީ ކެންޒާއަށް ކާންހަދައިދޭށެވެ. ގެއަށް އައިސް އަދި އެހުރީ ނުކައިކަން މިންނާއަށް އެނގެއެވެ. ހައިބަނޑާ ހުރެ ރުޅިމަޑެއް ނުވާނޭކަން މިންނާ ޤަބޫލުކުރެއެވެ.
* * * * *
ލައިތު ގުޅުމުން ކެންޒާ ފޯނެއް ނުނަގައެވެ. ދެތިން ފަހަރަށް ގުޅާލުމަށްފަހު އޭނާ މެސެޖެއް ފޮނުވީ ކެންޒާއަށް ނިދިފައި އޮވެދާނޭ ހީވެއެވެ. އޭނާގެ މިސްކޯލު ފެނުމުން ގުޅަން ލައިތު އެދުނެވެ. އޭނާއަށް ވެސް ފެންވަރާލައިގެން ނުކުމެ އެނދުގައި ހަށިގަނޑު ޖެހުމާއެކު ނިދުނީއެވެ. ހޭލެވުނު އިރު ހުރީ އިރުއޮއްސި އަނދިރިވެފައެވެ. ފޯނުވީ ހިސާބެއް ހޯދުމަށް އެނދުގައި އަތްފުނާ އަޅާލިއެވެ. އަތުގައި ފޯނު ޖެހުމުން ފުރަތަމަ ވެސް ބަލާލީ ގަޑިން ވީއިރެކެވެ. އެނދުން ތެދުވެގެން އައިސް ޖިންސު ލިއެވެ. އަދި އަލަމާރި ތެރެއިން ނެގި ޓީޝާޓު ގަޔަށް ހެޔޮވަރު ކުރަމުން އޭނާ ކޮޓަރިން ނުކުތެވެ.
ހަލުވިކޮށް ބަދިގެއަށް ވަންނަން އައި ލައިތު ހުއްޓުވީ އަސަދެވެ. ބޮޑުކޮޓަރީގެ ސޯފާތަކުގައި ޢާއިލާގެ ބޮޑެތި މެންބަރުން ތިބިއިރު ގެއަށް މެހެމާނެއް އައިސްގެން އުޅެނީކަން އެނގުނެވެ. ހޭވިފައި ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅައި ރީތިކުރަމުން ބައްޕައާ ބައްދަލުކުރަން ލައިތު އައެވެ.
"ލައިތު، ކިހިނެއްތަ؟."
އަޒްހަރު އެހުމުން، ރަނގަޅުކަމުގައި ލައިތު ބުނެލީ ނިކަން އަވަހަށެވެ. އޭނާ ގާތު އިށީނުމަށް ކަސްތޫރީ އެދުނެވެ. ލައިތުގެ ހިތް އެކަމާ ދެކޮޅު ހެދިއެވެ. އެމީހުންގެ ތެރޭގައި އޭނާ އިނުމުގެ ބޭނުމެއް އޮތްކަމަކަށް ލައިތަކަށް ނުފެނެއެވެ. އޭނާ މިވަގުތު އެހުރީ ކެންޒާ ދުށުމަށް ނުހަނު ބޭނުންވެފައެވެ. ބަހަނާއެއް ދައްކަން އަނގަހުޅުވާލި ވަގުތު ކަސްތޫރީއާއި އަސަދު ގޮވާލީ އެކުއެކީގައެވެ.
"ބޮޑުބޭބެ އޭނީ ލައިތުއާ ވާހަކަދައްކާލަން ބޭނުންވެފަ." އަސަދު ބުންޏެވެ.
ކިޔަމަންތެރިކަމާއެކު ކަސްތޫރީ އިން ގޮނޑިއާ ޖެހިގެން ހުރި ސޯފާގޮނޑީގައި ލައިތު އިށީނެވެ. އަސަދުގެ ވާހަކައަށް ދަރިފުޅު އެއްޗެކޭ ނުބުނުމުން އޭނާ އިތުރަށް ވާހަކަ ފުޅާކޮށް ލައިތަށް ތަފްސީލު ދިނެވެ. އަޒްހަރު އައިސް އިނީ ހިރާއާ މެދު ކަންބޮޑުވެގެންކަން އެނގުނެވެ. އޭނާ ނާންނަން ހުރީ އޮފީހުން ވަކިކުރީމާކަމަށް އަޒްހަރަށް ހީވީއެވެ. ދަރިފުޅުގެ ކިބައިން ކަމެއް އޮޅުންފިލާވަރު ނުވާތީ ޚަބަރު ބަލާލުމަށް އަޒްހަރު އައިސް އިނީއެވެ. އޮފީހުން ވަކިނުކުރާކަމުގެ ޔަގީންކަން އަސަދު ދިނެވެ.
"މަސައްކަތައް ހިރާ ފަރުވާކުޑަކުރޭ ދޯ." އަޒްހަރު އަހާލީ ލައިތުގެ ގާތުންނެވެ. ލައިތު މަޑުމަޑުން ބޯހޫރުވާލީ ނޫނެކޭ ބުނުމަށެވެ.
"ބޭބެއަށް އެނގޭ ލައިތު ނުބުނާނެކަން. ހިރާގެ ހުންނާނެ ވަރަށް ގޮތްދޫނުކުރާގޮތް..." އަޒްހަރަށް ދަރިފުޅުގެ ގޮތް އެނގޭތީ ބުނެވުނެވެ.
"އަޒްހަރުބެ ގާތު ހިރާ އެއްޗެކޭ ބުނީތަ؟." ލައިތު އަހާލިއެވެ.
"ކުއްލިއަކަށް ފުރައިގެން އެދިޔައީ ކީއްވެކަމެއް ނޭނގެ. ޗުއްޓީގައި ހުރެފައި ނުކުތްތާ ގިނަދުވަހެއްނުވެޔޭ ބޭބެ ބުނާއިރަށް ބުނެފި، އޭނާ ނެތަސް ލައިތަށް ދައްޗެއްނުވާނޭ... އިއްޔެ ގުޅީމަ ވެސް ބުނީ ލައިތު ނުގުޅަނީސް ނާންނާނަމޭ. އޮފީހުގައި ކަމެއް ދިމާވީތަ؟." އަޒްހަރު ބުންޏެވެ.
"މައްސަލައެއްނުޖެހޭ..." ހިރާދެކެ ފޫހިވެފައި އިންކަމެއް ލައިތުގެ މޫނަކުން ފާޅެއްނުވެއެވެ.
"ދަރިފުޅު ގުޅާލަންވީނު ހިރާއަށް." އަސަދު ޚިޔާލު ދިނެވެ. އަޒްހަރު އައިސް އޭނީ ލައިތު ގާތުން އެކަމަށް އެދެންކަން އެމީހުންނަށް ވެސް އެނގެއެވެ.
"އަޒްހަރުބެ ނަންބަރު ފޮނުވާލަދޭންވީނު. ފަހުން ގުޅާލާނަން..." ހިރާއަށް ގުޅުމުގެ ގަސްދު ނެތަސް އެންމެންގެ މޫނުމައްޗަށް ލައިތު އެއްބަސްވީއެވެ. އަޒްހަރުގެ މޫނުން ހިނިތުންވުމެއް ފާޅުވެލިއެވެ. އޭނާ އަވަސްއަވަހަށް ފޯނު ނަގައި ދަރިފުޅުގެ ނަންބަރު ލައިތަށް ދިނުމަށް އުޅުނެވެ. ލަސްވެފައި އިން މީހަކުހެން ލައިތަށް އެއްފައިތަޅުވާލެވުނެވެ. އޭނާގެ އެ ހަރަކާތް ފާހަގަވާނޭކަން ޚުދު ލައިތަށް އެނގެއެވެ. އެކަކުވެސް ސުވާލެއްނުކުރިއެވެ. އަޒްހަރު އައިސް އިން ބޭނުންނިމުނީކަމުގައި ލައިތު ހީކުރިއެވެ. އެކަމަކު އެތަނުން ދިއުމުގެ ހުއްދައެއް އޭނާއަކަށް ނުލިބުނެވެ.
ލައިތަށް ބަދިގެއަށް އާދެވުނު އިރު ކެންޒާ ބިއްދޮށް ދޮރުން ގެއަށް ދާން ނުކުންނަނީއެވެ. ދުވެލާފައި އައި ލައިތު ހިފީ ކެންޒާގެ އަތުގައެވެ.
"ދަނީތަ؟." ލައިތު އަހާލިއެވެ.
"އާނ!... މިރޭ އެކްސަސައިޒެއް ނުކުރެވޭނެ." ކެންޒާ ބުނެލިއެވެ.
"ކޮބާ ފޯނު؟." އަބަދުމެ ކަންފަތާ ގުޅާލާފައި ހުންނަ ހެޑްސެޓު ވެސް ފެންނަން ނެތުމުން ލައިތު އަހާލިއެވެ.
"އަންނަން ބަލާލިއިރު ފޯނު ނިވިފައި އޮތީ. މިކޮޅަށް އައިސް ޗާޖުކޮށްގެން އަދި ނުހުޅުވަން." ކެންޒާ ބުންޏެވެ.
"އަހަންނަށް ނުފެނި ދާން ދޯ ތިއުޅުނީ." ޝަކުވާކުރާ ގޮތަކަށް ލައިތު ބުންޏެވެ.
"ގުޅާފަ ބުނަންވެގެން ހުރީ... ލައިތު އަހަރެން ދިޔަކަނުދޭނެ އެހެންވެ." ކެންޒާ ބުންޏެވެ. އޭނާގެ މޫނުމަތިން ކުރިން ފެންނަ އުފާވެރިކަން ފާޅުނުވާކަން ލައިތަށް ފާހަގަވިއެވެ. އޭނާ ކެންޒާގެ މޫނުގައި ދެއަތުން ހިފާލައި ނަޒަރު ސީދާކޮށްލިއެވެ.
"ޔޫ އާ ރައިޓް. އެހާ ފަސޭހައިން ނުދެވޭނެ..." ކެންޒާގެ އަތުގައި ހިފައިގެން ލައިތު ހިނގައިގަތެވެ. އެވަގުތު ބިއްދޮށް ފަރާތު ދޮރުމަތިން ފަރުޒީނު ގޮވާލި އަޑު އިވުނެވެ. ދެ ޒުވާނުން އެނބުރުނީ އެކީގައެވެ.
"މިރޭ ކާގަޑީގައި ލައިތު ބައިވެރިވާންވާނެ. ކެން... މަޑުކުރަންވީނު ކައިގެންދާން. ކެން މަޑުކޮށްފިއްޔާ ލައިތު މަޑުކުރާނެކަން ޔަގީން." ލުއި ހިނިތުންވުމަކާއެކު އިނގިރޭސި ބަހުން ފަރުޒީނު ބުންޏެވެ.
"ޕްލީޒް، ބުނޭ މަޑުކުރާނަމޭ..." އަތުގެ ތެރޭ އޮތް ކެންޒާގެ އަތްތިލައަށް ދަމާލަމުން ސިއްރުސިއްރުން ލައިތު ބުނެލިއެވެ. ނުބުނަން ހުރެފައި ވެސް ފަރުޒީނަށް ބަލާލަމުން ކެންޒާ ބޯޖަހާލިއެވެ. ފަރުޒީނުގެ ހިނިތުންވުން ފުޅާވެލިއިރު އެއަށްވުރެ ބޮޑަށް ހިނިއައިސްފައި ލައިތު ހުއްޓެވެ. ގެއިން ނުކުންނަން އުޅުނު ލައިތު ގަސްދުކުރީ ކެންޒާ ގޮވައިގެން އެތެރެއަށް ވަންނާށެވެ.
* * * * *
ޖެހިގެން އައިދުވަހެވެ. އެންމެން ވެސް ވަނީ ސުވާލު އުފެދިފައެވެ. ރޭގައި ކާމޭޒުދޮށުން އެންމެންނަށް އިވުނު ޚަބަރުގެ ސަބަބުންނެވެ. ޔާދިން މީހަކާ އިންނަން އުޅޭއިރު އޭނާ މިހާ ދުވަހު ރައްޓެހިވެގެން އުޅުނުކަން ވެސް އެކަކަށް ވެސް ނޭނގޭތީއެވެ. ޖިނާނުގެ އަޑުފަށްގަނޑު ހުރި ގޮތުން އެކުއްޖާއަށް އެއްވެސް ކަމެއް ނޭނގޭކަން އެންމެންނަށް ޔަގީންވިއެވެ. ލައިތަށް ސުވާލުކުރެވުނީ ސެހްރާނު ގާތުއެވެ. ލައިރާއަށް ވެސް ވީ އެވަރެވެ. ކެންޒާއަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާއާ އިންނަން ތައްޔާރަށް ހުރިކަން ޔާދިން ބުނިތާ އަދި ގިނަދުވަހެއް ވެސް ނުވެއެވެ.
"ހިރާއަށް ގުޅައިފިންތަ؟." އެލެވޭޓާތެރެއިން ލައިތާ ބައްދަލުވުމުން އަސަދު އެއްސެވެ. ލައިތު ވަގުތުން ދެފަރާތަށް ބޯހޫރާލިއެވެ.
"މިއަދު ވާނެ ގުޅަން. ހިރާ ގަޔާވާ ދިމާލެއް އޮތިއްޔާ، އެދިމާއަކަށް އޭނާ ބަދަލުކޮށްދޭން ބައްޕައަށް ފެނޭ. ލައިތު ކައިރީ އެހެން އިންނަންވީމަ، ވެދާނެ ހިރާއަކީ މުހިންމު މީހެއްހެން އެކުއްޖާއަށް ހީނުވަނީކަމަށް." އަސަދު ބުންޏެވެ. ދެން ވެސް ލައިތު ވަކި އެއްޗެއް ނުބުންޏެވެ.
އެލެވޭޓާއިން ނުކުމެގެން ލައިތުއާ އެއްވަރަށް އަސަދު އަންނާތީ އޭނާ ހުރީ ކަންތައްބޮޑުވެފައެވެ. ބައްޕަގެ ކިބައިން ސަލާމަތްވާން ބޭނުންވެފައެވެ. އެ އަންނަ ގޮތަށް އަންނަނީމަ އޭނާގެ ފަހަތުން ބަދިގެއަށް ވަންނާނޭ ލައިތަށް ޔަގީންކުރެވުނެވެ. ވީވެސް އެހެންނެވެ. ލައިތު ގޮވާލުމުގެ މާކުރިން ކެންޒާއަށް އަސަދު ގޮވާލިއެވެ. ކިހިނެއްތޯ އަހާލުމާއެކު ކޮފީއެއް ނޫނީ ސައިތަށްޓެއް ބޮއެފިންތޯ އަހާލިއެވެ. ލައިތުގެ މޫނުމަތި ބަނަވެލިތަން އަސަދު ދުށްޓެވެ. އޭނާއަށް ދަރިފުޅުގެ ހަރަކާތްތައް މަޖާވިއެވެ. ޢާއްމުކޮށް ލައިތުއާ ސަމާސާ ކުރުމަކީ އަސަދަށް ލިބޭ ފުރުޞަތެއްނޫނެވެ. އައިލެންޑް ދޮށުގައި ލައިތު ހިމޭނުން އިނެވެ. އަސަދު ވެސް އައިސް އިށީނީ ހަމައެތަނުގައެވެ. އަސަދުއާއި ކެންޒާއާ ދެމެދު އެހާ ގުޅުން ރަނގަޅުވީ ކޮންއިރަކުބާއޭ ލައިތު ސުވާލު އުފެދުނެވެ. ކެންޒާގެ ޢާއިލާގެ ކަންކަން ވެސް ބައްޕައަށް އެނގުންވީ ލައިތު ހައިރާންކުރުވަނިވި ކަމަކަށެވެ.
* * * * * *
ޤަބޫލުނުކުރެވިފައި އަނގަމަތީ އަތްއަޅައިގެން ފިޒާނާ އެތައް އިރަކު އިނެވެ. އެހެން އިނދެފައި ޔާދިންގެ ގައިގާ ބައްދައިގަނެއްޖެއެވެ. އުފާވެއްޖެތޯ ޔާދިން އަހާލީ، ފިޒާނާގެ ގައިގާ ހިފަހައްޓާލަމުންނެވެ. ދުރަށްޖެހިލައި ޔާދިންގެ ތުންފަތުގައި ބޮސްދީފައި ތަކުރާރުކޮށް އާނއެކޭ ފިޒާނާ ބުނެލިއެވެ. ސޯފާއިން ތެދުވެ ޔާދިންގެ އަތަށް ދަމާލުމާއެކު ކޮޓަރިއަށް ދާން ފިޒާނާ އެދުނެވެ.
"އޮފީހަށް މިދަނީ... ލަންޗު ނިންމާފައި މިއައީ. މީޓިންއެއް ވެސް އެބައޮތް..." ފިޒާނާ އިޝާރާތްކުރީ ކޮންކަމަކަށްކަން އެނގޭތީ ޔާދިން މަނާވީ ގަސްދުގައެވެ.
"ގިނައިރެއްނުވާނެ." ފިޒާނާ ބުންޏެވެ. އޭނާގެ އަތް ޔާދިންގެ އަތާ ވަކިކޮށްލައި ގެނެސް އުނގުގައި ބެއިންދިއެވެ. އަދި ފިޒާނާގެ ނިތްކުރީގައި ބޮސްދީފައި ޔާދިންއަށް މަޑުކުރެވެން ނެތްކަން ބުންޏެވެ.
"އޯކޭ... އެކަމަކު އަންނާތި އޮފީސް ނިމޭއިރަށް." ފިޒާނާ އިނީ ކުޑަކުއްޖަކަށް އައު ކުޅޭއެއްޗެއް ލިބިގެން އުފާވެފައި އިންހެނެވެ. ގޮތްދޫކޮށް ޔާދިންގެ ބަސް އޭނާ އެހީއެވެ. ދާންވަންދެން ސޯފާގައި މަޑުކޮށްލާނީއޭ ޔާދިން ބުނުމުން އެގޮތް ވެސް ފިޒާނާ ޤަބޫލުކޮށްފިއެވެ.
"ފިޒާ... އެހާ ރިވީލިން ޑްރެސްއެއް ނުލައްޗޭ. ފެމެލީ އެންމެން ތިބޭނެ." ޔާދިން ހަނދާންކޮށްލަ ދިނެވެ. ފިޒާނާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.
* * * * *
އަސަދު ހަނދާންކޮށްދިނުމުން، ހިރާއަށް ގުޅަން ލައިތު ބުނީ އާރިކު ގާތުއެވެ. ގިނައިރެއްނުވެ އޭނާގެ ކެބިންއަށް އާރިކު ވަދެގެން އައެވެ. އެއާއި ހިރާގެ ޚަބަރެއް ހިފައިގެންކަން ލައިތަށް އެނގި ބޮލުން އިޝާރާތްކޮށްލީ ބުނާށޭ އެވެ.
"އަޅުގަނޑާ ވާހަކަދައްކަން ބޭނުމެއްނޫނޭ ބުނީ. ހިރާއަށް ގުޅާނޭ ހިތްވަރު ލައިތުގެ ނެތީތޯ... ހީވަނީ ކަމަކާ ރުޅިއައިސްފަ ހުރީހެން." ހިރާކީ ހުރިހާ އެއްޗެއް ކިޔަންވުމުން އާރިކު ހުރީ އުނދަގޫވެފައެވެ. ލައިތުއަކީ ވެރިޔާކަމުގައި ހިރާ ދެކޭނަމަ އެގޮތަށް ބަސްމަގު ނުބަހައްޓާނޭކަން އާރިކަށް ޔަގީންވެއެވެ.
"އޯކޭ... އަހަރެން ހޭންޑަލްކޮށްފާނަން." އެއްވެސް އަސަރެއްނެތި ލައިތު ބުނެލިއެވެ.
އެއްވެސް ދުވަހަކީ މަސައްކަތްތައް ނިމޭ ދުވަހެއްނޫނެވެ. އާރިކު ގެއަށް ފޮނުވާލާފައި ލައިތު މަޑުކުރީ ހިރާއަށް ގުޅާފައި ދާށެވެ. އެހެންނޫނީ އަސަދުގެ ކިބައިން ސަލާމަތްވާނޭ ހީނުވަނީއެވެ. އަސަދު އެވަރަށް ސުވާލުކުރާނީ ސަރަފީނާގެ ސަބަބުންކަން ލައިތަށް އެނގެއެވެ. ހިރާއަކީ ސަރަފީނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްވިއްޔާއެވެ.
"މިގުޅީ... ދެން ތިކިޔާ އެއްޗެއް ކިޔާބަލަ." ހިރާ ފޯނު ނެގުމާއެކު ހެލޯއޭ ވެސް ބުނެނުލާ ލައިތު ބުންނެވެ.
"އަހަރެން ޕްރެގް..." ހިރާގެ އަޑުގައި ވެސް ހުރީ ގޮތްދޫނުކުރުމެވެ. ލައިތު ވަގުތުން ބަސްހުއްޓުނީއެވެ. ކަންފަތާ ކައިރިކޮށްލައިގެން ހުރި މޯބައިލް ތިރިކޮށްލެވުމާއެކު މުއްކަވާލެވުނު އަނެއްއަތްތިލަ ގެނެސް ތުންފަތުގައި ލައިތުއަށް ޖައްސާލެވުނެވެ. ސިކުނޑީގައިވި ޚިޔާލުތައް އޮޅުންބޮޅުވެ ވިސްނުމުގެ ބާރު ހިނދުކޮޅަކަށް ހުއްޓުނުހެން ލައިތަށް ހީވިއެވެ. ހިރާ ގޮވާއަޑު އިވޭހެން ހީވުމުން އޭނާ އަނެއްކާ ވެސް ފޯނު ކަންފަތާ ކައިރިކޮށްލިއެވެ.
"ދެން ނައިސް ތިހުރީއޯ..." ބޭއިޚްތިޔާރުގައި ލައިތަށް ރުޅި އާދެވުނެވެ.
"އޭގެ ކުރިން އަހަންނާ އިންނަންވީނު." ހިރާ ބުންޏެވެ.
"ނޮޓް ޕޮސިބަލް..." ވަގުތުން ލައިތު ބުންޏެވެ.
"ބުނޭ އިންނާނަމޭ. ލައިތު ބޭނުންވަނީ އެންމެންނަށް އެނގެންތަ؟." ހިރާ ހީވީ އިންޒާރެއް ދިންހެނެވެ. ފުރަތަމަ ފަހަރެއް ލައިތު ޖެހިލުންވެއްޖެއެވެ. އޭނާގެ ހިތުގެ ކޮންމެ ވިންދަކުން ކެންޒާގެ ނަން ކިޔާހެން ހީވިއެވެ. ކެންޒާއަށް ވާނީ ކިހިނެއްހޭ އޭނާގެ ޟަމީރު ސުވާލުކުރަނީއެވެ. ހިރާގެ ކޯލު ލައިތު ކަނޑާލީއެވެ. ވާހަކަދައްކަން ބޭނުންނުވެގެންނެވެ. ޖެހިލުންވީވަރުން ގަސްދުނުކުރާ ފަދަ ނިންމުމެއް ނިންމިދާނޭ ހީވެގެންނެވެ.
"ކިހިނެއް ހިރާ ޕްރެގްވީ. ޕްރޮޓެކްޝަން ޔޫސްނުކުރާ އެއްފަހަރު ވެސް ނުދާނެ. މޭބީ ޝީ އިޒް މެސިން ވިތް މީ. އައި ކާންޓް... އައި ވޯންޓް ލީވް ކެން." ނިތްކުރިއާއި ބޮލުގައި ލައިތުގެ ކަނާއަތްތިލަ ހިންގާލިއެވެ. ފޯނު ރިންގުވި އަޑު އިވުނީ އެ ފިކުރުގައި ހުއްޓައެވެ. ސިއްސައިގެން ދިޔައީ ދުވަހަކުވެސް ނުސިހޭވަރަށެވެ. ކާޕެޓު މައްޗަށް ވެއްޓުނު ފޯނު ލައިތު ގުދުވެލާފައި ނެގިއެވެ.
"ބްރޯ... ކޮންއިރަކުން އަންނަނީ؟." ލައިތަށް ގުޅީ ސެހްރާނެވެ.
"މިދަނީ..." ލައިތު ބުނެލިއެވެ.
"ޔާދު އެބައިންތަ އޮފީހުގަ؟." ސެހްރާނު އަހާލިއެވެ.
"އަހަރެން އެކަނި..." ލެޕްޓޮޕް ދަބަހަށްލައި، އެއްކޮނޑުގައި އަޅުވާލަމުން އޮފީހުގެ ސުވިޗުތައް ލައިތު އޯފްކޮށްލިއެވެ. އަދި އޮފީހުން ނުކުތުމަށް އޭނާ އެލެވޭޓާއަށް އަރަން އައެވެ.
"އޭނާ ނާދޭ ގެއަކަށް. މިރޭ ޖީއެފް ގޮވައިގެން އަންނަން އެގެއަށް ދިޔައީ ކަންނާނގެ." ސެހްރާނު ވާހަކަދެއްކީ ޖޯޝާއެކުއެވެ. ނަމަވެސް ލައިތަށް އެވާހަކައިގަ ބައިވެރިވެވޭ ގޮތެއް ނުވިއެވެ.
"އެލެވޭޓާއަށް އަރަނީ... ފޯނު ކެނޑިދާނެ... މިދަނީ ގެއަށް." ލައިތު ބުންޏެވެ. އަދި ކޯލު ބޭއްވީއެވެ.
ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ދާން އުޅުނު އިރު ވެސް ކެންޒާއަށް ލައިތާ ބައްދަލުވާ ގޮތެއް ނުވިއެވެ. ގުޅުމުން ބުނީ މިރޭ ފަހުން ގުޅާލާނޭ ކަމެވެ. ކެންޒާ ގެއަށް އައީ ވެސް ހިނގާލާފައެވެ. އޭނާއަށް ގޭގެ ދޮރޯށި ހުޅުވާލުމާއެކު ވެސް މިފްރާހު ގޭގައި އުޅޭކަން އެނގިއްޖެއެވެ. ކްރީޑްއެވެންސްގެ ވަސް އޭނާގެ ނޭފަތުގައި ބޮސްދިނީ ދެ ލޮލަށް އެ ވަހުގެ ވެރިފަރާތް ފެނުމުގެ ކުރީންނެވެ.
"ކެންޒާ... ދަރިފުޅު އަންނަންދެން މިފްރާހު އޭނީ." މިންނާ ބުންޏެވެ.
"އެ ކީއްކުރަން." ކެންޒާއަށް ބުނެވުނެވެ.
"ކެން... ލިސެން... ޕްލީޒް. އިހަށް މިތާ އިށީނދެބަލަ." މިފްރާހު އާދޭސްކޮށްލިއެވެ. ސޯފާއިން ތެދުވެ އެތަނުގައި ކެންޒާ އިށީނުމަށް މިފްރާހު ތަންދެއްކިއެވެ. ގޮނޑިއެއްގެ މަތީގައި އިމާރާތުގެ ކުރެހުން ހުރި ތިންކަރުދާހެއް އޮތެވެ. މިފްރާހު ވާހަކަދައްކަން ފެށުމުން ހީވީ އޭނާގެ ނިޔަތް ރަނގަޅުވެފައި އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަދައްކަން ފެށީ ހެންނެވެ. ކެންޒާއަށް ފޯނެއް އައީ އެވަގުތެވެ. ނުދަންނަ ނަންބަރަކުންނެވެ.
"ކާކު ގުޅަނީ؟." މިފްރާހު ސުވާލުކުރީ ކެންޒާ ފޯނަށް ބަލަހައްޓައިގެން އިންނަން ފެށުމުންނެވެ.
"އިޓްސް ނޮން އޮފް ޔޯ ބިޒްނަސް." ލޯ ހިމަކޮށްލާފައި ކެންޒާ ތެދުވީއެވެ. ދޮރުކައިރިއަށް ޖެހިލައި އޭނާ ފޯނުކޯލު ނެގިއެވެ.
"ކެންޒާތަ؟." ފިރިހެނެއްގެ އަޑު އިވުނެވެ. ކެންޒާއަށް ކާކުގެ އަޑެއްކަން ސީދާ ބުނަން ނޭނގުނަސް ދަންނަ ގޮތެއްހުރިކަން ޔަގީންވިއެވެ. ކެންޒާ އާނއެކޭ ބުނުމުން އެކޮޅުން ވާހަކަދެއްކިއެވެ.
"ހޭ ގަމީބެއާ..." އެ ޒުވާނާ ހީނލިހެން އެ އަޑުން ހީވިއެވެ. ކެންޒާއަށް އަޖައިބުވެގެން އަނގަހުޅުވި ބަސްހުއްޓޭގޮތްވިއެވެ.
"ޒުބިން... ޒުބިންތަތީ..." ޤަބޫލުނުކުރެވިފައި ކެންޒާއަށް އަހާލެވުނެވެ.
(ނުނިމޭ)