ގުޅިފަޅު

"ގުޅިފަޅުގައި ޕޯޓް ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް"

ގުޅިފަޅުގައި ބަނދަރު ހެދުމަކީ މާލޭގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށާ އެ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މުއިއްޒު ކުރިންވެސް ވަނީ އެ މަސައްކަތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގުތަކަށްޓަކައި އެކަނިވެސް ގުޅިފަޅުގައި ޕޯޓް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ގުޅިފަޅުގައި ޕޯޓް ހެދުމަކީ މާލެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް. ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށި،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ގުޅިފަޅު ބޭނުން ކުރަންވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ހައްލެއްގެ ގޮތުން ގޯތި ދިނުމަށާއި ފްލެޓް ދިނުމަށެވެ. ގުޅިފަޅުގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކާފައި ލިބޭނެ ބިމުގެ ސަރައްދުން ވެސް ގޯއްޗާއި ފްލެޓް ދޫކުރަން ވެސް އޭނަ ސަރުކާރަށް ގޮވާލަ އެވެ.

ތިލަފުށީގައި މި ސަރަހައްދުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު އެޅޭނެ ޖާގަ އެބައޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވެ އެވެ. ގުޅިފަޅުގައި ބަނދަރު ހަނދާ ނަމަ އަވަސް އަދި ކުރު މުއްދަތެއްގެ ތެރޭގައި ފުރިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގުޅިފަޅަކީ ކުރު މުއްދަތެއްގައި ފުރޭނެ ވަގުތީ ޕޯޓްއެއް، ތިލަފުށީގައި މި ސަރަހައްދުގެ އެންމެ ބޮޑު ޕޯޓް ހެދޭނެ ޖާގަ އެބަ އޮތް،" މުއިއްޒުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ގުޅިފަޅުގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާށެވެ. ގުޅިފަޅުގައި މިހާރު ހިއްކާފައިވާ ބިމުގެ ސަރަހައްދު ވެސް ހިއްކާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ތަނުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ. ނަމަވެސް އެ މަސައްކަތް އޮތީ ފަހުން ހުއްޓިފަ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު ބަދަލު ކުރަން ބޭނުންވާ ބިމުގެ ސަރަހައްދަށް ގުޅިފަޅު ހިއްކަމުންދާއިރު އޭގެ ސަބަބުން ވިލިމާލެ ފަރަށް ކިސަޑުއެޅި ތިމާވެއްޓަށް ވެސް އަސަރުތަކެއް ކުރަމުންދާތީ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މައްސަލަ ދިރާސާކުރި އެވެ. އެ ކޮމިޓީން ވެސް ލަފާ ދެނީ ގުޅިފަޅުން ފްލެޓް އަޅަން ބިމެއް ކަނޑައެޅުމަށެވެ.