ޔޫތު މިނިސްޓްރީ

އެކުވެނި ސިންތެޓިކް ނޮވެންބަރު 11 އަށް ނިންމަނީ

Aug 21, 2020
1

އެކުވެނި އައުޓްޑޯ ޓްރެކުގައި ސިންތެޓިކް ޓްރެކް އެއް އެޅުމުގެ މަސައްކަތް ފަށާފައިވާއިރު ސަރުކާރުން އަމާޒު ހިފާފައިވަނީ ނޮވެންބަރު 11 ވަނަ ދުވަހަށް އެ ތަން ހުޅުވަން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެކުވެނި އައުޓްޑޯ ޓްރެކްގެ ސަބް ބޭސް ނިމުމުން އެ ތަނުގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކް އަކަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.

މިނިސްޓަރު މަހުލޫފް މިއަދު ވިދާޅުވީ އެކުވެނި އައުޓްޑޯ ޓްރެކުގައި ސިންތެޓިކް ޓްރެކް އެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ނޮވެންބަރު 11 އަށް އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިންމަން. ކްރިކެޓް، އެތްލެޓިކް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މި ޓްރެކް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކަށް ބޮޑު ފަސޭހަތަކެއް ލިބޭނެ،" މަހުލޫފް ވިދާޅުވި އެވެ.

އެކުވެނިި އައުޓްޑޯ ޓްރެކް އަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ކޮންމެ ދުވަހަކުވެސް އެކި ވަގުތުތަކުގައި ދާ ތަނެކެވެ. ސްކޫލްތަކުގެ އެތުލެޓިކްސް ޓޯނަމަންޓުތަކާއި އަމިއްލަ މީހުން ހިންގާ ބޫޓްކޭމްޕް ތައްވެސް މި ޓްރެކުގައި ހިންގަ އެވެ.

މާލެ ސިޓީގައި ދުވުމަށް ސިންތެޓިކް ޓްރެކް އެއް މިހާރު އޮންނަނީ މާފަންނު ރަސްފަންނުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އަދި ހުޅުމާލޭގައި ތަރައްގީ ކުރި ދުވާ ޓްރެކްގަ އެވެ. ހުޅުމާލޭ ގައި އެޅި ޓްރެކަކީ ރާއްޖޭގައި އެޅި ފުރަތަމަ ސިންތެޓިކް ޓެރެކެވެ. ސިންތެޓިކް އަކީ ބައިނަލްއަގްވާމީ ޓްރެކްތަކުގައި އަޅާ މަޑު މެޓެކެވެ.