(20 އޯގަސްޓް 2020)
"ޒުބިން... ޒުބިންތަތީ..." ޤަބޫލުނުކުރެވިފައި ކެންޒާއަށް އަހާލެވުނެވެ.
އެ ސުވާލަށް ނިކަން ފުރިހަމައަށް ޒުބިން ޖަވާބު ދިނެވެ. ކެންޒާއަށް އެއީ ޒުބިންކަން ޔަގީންކޮށްދިނުމަށެވެ. ހާލުއަހުވާލު ޒުބިން އެއްސެވެ. ހިނިތުންވުމަކާއެކު ހުރިހާކަމެއް ރަނގަޅުކަން ކެންޒާ ބުނުމުން ޒުބިން ހިނދުކޮޅަކަށް ހިމޭންވިއެވެ. ކެންޒާގެ މޫނު ނުފެނުނު ކަމުގައި ވިޔަސް އޭނާގެ އަޑުން ހިނިތުންވުމުގެ އަސަރު ޒުބިން ފާހަގަކުރީއެވެ. އޭނާއަށް ހީކުރެވުނީ ކެންޒާ ހުންނާނީ ނުރުހިފައި ކަމުގައެވެ. އެދެމެދުގައި ހިނގާދިޔަ އެންމެ ފަހު ބައްދަލުވުމުގައި ކެންޒާ ވަކިވެގެން ދިޔައީ ދެރަވެ، ނުރުހިފައި ހުރެގެންނެވެ. ޒުބިންއަށް ކެހެވެރިކަމުގެ ލަގަބު ދީފައެވެ.
"ކެންޒާ..." ދޮރުކައިރިއަށް އައިސް ހުއްޓުނު މިފްރާހު ގޮވާލިއެވެ.
"މީ ޔޫ ގެ ނަންބަރުތަ؟." ކެންޒާ އަހާލީ މިފްރާހުއަށް ބަލަން ހުރެއެވެ.
"ބިޒީ ގަޑިއެއްގަތަ ގުޅުނީ." ކެންޒާ ފޯނުކޯލު ނިންމާލަން އުޅޭހެން ހީވެ ޒުބިން ބުންޏެވެ.
"މިތާ ވަރަށް ފޫހި މީހަކު އެބަހުރި... ދައްކާވާހަކަ އަޑުއަހަން ކަންނޭނގެ. ފަހުން ގުޅާލިޔަސް އެންމެ ރަނގަޅުތަ؟." މިފްރާހުއާ ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައި ކެންޒާ ހުރީ ގަސްދުގައެވެ. ދުރުދުރުން ވިޔަސް މިފްރާހުދެކެ ފޫހިވާވަރު އަންގާލަން ބޭނުންވެފައި ހުރި ކަހަލައެވެ. އޭނާގެ މަޤުޞަދު ހާސިލުވިއެވެ. މިފްރާހު ދަތްކުނޑިވިކާލިއިރު އެ ދެ ލޯ ހުރީ ހިމަކޮށްލައިގެންނެވެ. ދެއަތްތިލަ ޖީންސުގެ ޖީބަށް އޭނާ ކޮށްޕާލިއެވެ. ހީވީ ކެންޒާގެ މައްޗަށް ގަދަވެގަނެވިދާނޭތީ އަމިއްލަ ނަފްސު ހިފެހައްޓަން މަސައްކަތްކުރަނީ ހެންނެވެ. ފޯނުކޯލު ކަނޑާލުމާއެކު ކެންޒާގެ ދެބުމަކައިރިވެލިއެވެ. ތުންއަނބުރާލައި ގޭތެރެއަށް ވަންނަން ކެންޒާ އުޅުނެވެ. ނަމަވެސް މިފްރާހު ދޮރުކަންޏާއި ފާރާ ކައިރިއަށް ޖެހިލިއެވެ. ހުއްޓުލީ ސީދާ ކެންޒާގެ ކުރިމަތީގައެވެ. ވަކިން ބޮޑަށް ކެންޒާއަށް ކަޅި އަޅާލެވުނެވެ. މިފްރާހުގެ މޭގައި އަޅައި ކޮށްޕާލީ ގައިގާ ހުރި ބާރެއް ލާފައެވެ. ފަހަތަށް ޖެހިލަން އުޅެފައި ވެސް މިފްރާހުގެ ހަށިގަނޑު ސީދާވެލިއެވެ. ކެންޒާއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.
"ކީއްވެ ތިހެން ތިހަދަނީ؟. އަހަރެންގެ އަތުންފައިން ގޯހެއް ހަދުވަން ކެން ބޭނުންވާ ކަހަލަ. ކީއްވެ އަހަރެން ތިވަރަށް ތި ތަޅުވަނީ." ސިޓިންރޫމު ސޯފާގައި އިން މަންމައަށް ނީވޭނެހާ ސިއްރުން މިފްރާހު ބުނެލީ ކެންޒާއާ މޫނު ގާތްކޮށްލަމުންނެވެ. މާޔޫސްކަން އެ އަޑުގައި ވިއެވެ. ހިނދުކޮޅަކަށް އެ އަޑުގައިވި ރިހުން ކެންޒާއަށް އިޙްސާސްވިއެވެ.
"ދެމީހުން އެކަކުއަނެކަކުދެކެ ލޯބިވުން މުހިންމު. އަހަރެން ކިތައް ފަހަރަށް ބުނަނީ އަހަންނަށް މިފްރާހު ކަމަކުނުދެއޭ. ލޯތްބެއް ނުވެޔޭ... ހެޔޮނުވާނެ!، އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭބަލަ. އާދޭސް މިކުރަނީ." ކެންޒާ ވެސް ވާހަކަދެއްކީ ހަމަ އެހާ މަޑުންނެވެ. އިރުކޮޅަކު ކެންޒާއަށް ބަލަން ހުރެފައި އޭނާގެ މޫނުގައި ކަނާއަތްތިލަ ޖައްސާލުމަށް މިފްރާހު އަތް ހިއްލާލިއެވެ. މޫނުގައި ޖެހެންވާއިރަށް ކެންޒާ މޫނު އަނބުރާލައިފިއެވެ.
"ތީ އަހަރެންގެ މީހެއް..." މަޑުމަޑުން އަތް ތިރިކޮށްލަމުން މިފްރާހު ބުނެލިއެވެ. އޭނާ ބުނި އެއްޗަކާއި އެއްގޮތަކަށް ވެސް ކެންޒާ ގަޔާނުވިކަން އެ މޫނާއި ދެ ލޮލުން ފާޅުވާން ހުރި ނަފުރަތުގެ ކުލަވަރު ބުނެދިނެވެ. އެހެންވިޔަސް މިފްރާހަށް ވަރިހަމައެވެ. އެ ދެމީހުން ސަމާލުކަމަށް ގެނުވީ މިންނާގެ އަޑެވެ. ކެންޒާ އަދިވެސް ފޯނުގައިތޯ މިންނާ އަހާލިއެވެ. މިފްރާހު އެތެރެއަށް ވަދެގެން އަންނަމުން ދެފަރާތަށް ބޯހޫރާލީ މިންނާއަށް ޖަވާބުދިނުމަށެވެ.
ކެންޒާ ވަދެގެން އައިސް މަންމަގެ ގާތުގައި ސޯފާގައި އިށީނދެއްޖެއެވެ. މަންމަ ހުރީ ގެއަށް ހަދަން ބޭނުންވެފައެވެ. ބަދަލުގައި މިފްރާހަށް ދޭން ޖެހޭނީ ގޭގެ އެންމެ އެންމެ ތިރީބައިކަމަށް މަންމަ އެ ހުރީ ޤަބޫލުކޮށްގެންނެވެ. އެކަމަކު ހަޤީޤަތަކީ އެއީއެއްނޫންކަން އެނގެނީ ކެންޒާއަށެވެ. މިފްރާހު ކުރާ ހުރިހާ ކަމަކީ ކެންޒާގެ ރުހުން ލިބޭތޯ، އޭނާގެ ލޯބި ބޭނުންވެގެން ކުރާހާ ކަންތައްކަން ކެންޒާއަށް އެނގެއެވެ. އޭނާ މިފްރާހުދެކެ ވަކިން ފޫހިވަނީ އެހެންވެއެވެ. އޭނާގެ މަންމަ އެކަމުގައި ޝާމިލުކުރަން އުޅޭތީއެވެ. އެމީހުންގެ ދެމެދަށް މަންމަ ވައްދާތީއެވެ. އޭނާގެ ބާރުގެ ދަށަށް ބައްޕަ ގެންދިޔަހެން މަންމަ ވެސް ގެންދަން އުޅެނީއޭ ކެންޒާއަށް ޔަގީނާ އެއްވަރަށް ހީވަނީއެވެ. ބޭބެއާ ގުޅުން ބަދަހިނުކުރަނީ އޭނާގެ ބަހަށް ބޭބެ ނުހެއްލޭކަން އެނގޭތީއެވެ. އޭނާގެ އެ މޫނުމަތީގެ ފަހަތުގައިވި ހަޤީޤީ ސިފަ ބޭބެއަށް އޮޅުންފިލުވައި ދެވުނުކަން ނަސީބެކެވެ. އެހެންނޫނީ މުޅި ޢާއިލާ އޭނާގެ އަތްދަށުލީސްކަން ކެންޒާއަށް އެނގެއެވެ.
* * * * * *
ކަނާއަތްފަރާތުގައި އިން ދަރިފުޅުގެ އަތުގައި ފަރުޒީން އަތް ޖައްސާލީ އޭނާގެ ސަމާލުކަން ހޯދުމަށެވެ. ޖިނާނާއި ލައިރާއާ ދައްކަން އިން ވާހަކަ މެދުކަނޑާލައި މަންމައަށް ސެހްރާނު ބަލާލިއެވެ.
"ލައިތު ހާދަ ލަސްވަނީ. ދޭބަލަ ކޮބާތޯ ބަލާލަން." ފަރުޒީނު އެދުނެވެ.
ކާމޭޒުދޮށުގައި ލައިތު ނޫން އެހެން ހުރިހާ މެންބަރުން ތިއްބެވެ. އެރޭގެ ކެއުމުގައި ޔާދިންއާއެކު ބައިވެރިވާން ހަމަޖެހިފައި އޮތް މެހެމާނުގެ އިންތިޒާރުގައެވެ. ހާސްވެފައި ތިބިތަން ފެންނަނީ ބޮޑެތި މީހުންގެ މޫނުތަކުންނެވެ. ސަރަފީނާ އިނީ ދަރިފުޅު އެހާ ކުއްލިގޮތަކަށް ކައިވެނީގެ ވާހަކަދެއްކީތީއެވެ. އަސަދާއި ކަސްތޫރީ ވެސް އެތިބީ އެފަދަ ވާނުވާއެއްގެ ތެރޭގައި ކަހަލައެވެ. ޔާދިންއަށް ޚާއްޞަ ރެއަކަށްވާތީ ލައިތު ގަސްދުގައި ބައިވާން ބޭނުންނުވަނީބާއޭ ހިތަށްއަރާ އެ ފިކުރުގައި އިނދެވުނީ ފަރުޒީނަށެވެ.
އެލެވޭޓާ ހުއްޓުމަކަށް އައިސް ދޮރު ހުޅުވެންދެން ސެހްރާނު މަޑުކޮށްލައިގެން ހުއްޓެވެ. އެވަގުތުކޮޅު ތެރޭ ލައިތުގެ ފޯނަށް އޭނާ ގުޅިއެވެ. އޭރު އެލެވޭޓާގެ ދޮރު ހުޅުވިއްޖެއެވެ. އެތެރޭގައި ހުރި ލައިތު ނުކުނަން އުޅުނެވެ. ލައިގެން ހުރި ހުދު ގަމީހުގެ އަތްކުރި މުލައްދަނޑި ފެންނަވަރަށް އޮޅަމުންނެވެ. ސެހްރާނުގެ ކަންފަތުގައި ޖައްސާލެވިފައި ހުރި ފޯނު ތިރިކޮށްލަމުން ވަގުތުން ފޯނުކޯލު ކަނޑާލިއެވެ.
"އަދި ތިއައީ ދޯ އޮފީހުން. އަހަރެން ހީކުރީ ޚަބަރެއްނުވީމަ އައިގޮތަށް ނިދީކަމަށް." ލައިތާއެކު ހިނގައިގަންނަމުން ސެހްރާނު ވާހަކަދެއްކިއެވެ.
"ކަމެއްޖެހުނީ... ސެހްރަތަ ގުޅީ؟." ފަޓުލޫނު ޖީބުގައި އަތްޖައްސާލާފައި ދުރުކޮށްލަމުން ލައިތު އަހާލިއެވެ. ސެހްރާނު އާނއެކޭ ބުންޏެވެ. ދެ ޒުވާނުން އައިސް ކާކޮޓަރިއަށް ވަނެވެ. އެތަނުގައި ޔާދިން ފިޔަވާ މަދީ ލައިތުކަން އޭނާއަށް އެނގުނެވެ. ފަރުޒީންގެ ތުންފަތަށްވެރިކޮށްލި ހިނިތުންވުމުން އޭނާއަށް ލައިތު ފެނި ހިތްހަމަޖެހިއްޖެކަން ގައިމެވެ. ސެހްރާނާއެކު އައިސް ކާމޭޒުދޮށުގައި ލައިތު ވެސް އިށީނދެއްޖެއެވެ.
ދިހަމީހުންގެ ވަށް ކާމޭޒުދޮށުގައި ކަސްތޫރީގެ ކަނާއަތް ފަރާތުގައި އިނީ އަންހެން ދަރިފުޅު ފަރުޒީނެވެ. ވައަތްފަރާތުގައި ތިބީ އަސަދާއި ސަރަފީނާއެވެ. މަންމަގެ ވައަތްފަރާތަށް އެންމެ ގާތުގައި އިނީ ލައިރާއެވެ. ދެން ޖިނާނެވެ. ސެހްރާނު އިނީ ފަރުޒީނު ކަނާއަތް ފަރާތުގައެވެ. ސެހެރާނާއި ޖެހިގެން ލައިތު އިނެވެ. ހުސްކޮށް ހުރި ދެގޮނޑި ލައިތުގެ ކަނާއަތްފަރާތުގައި ހުއްޓެވެ. އޭނާގެ ސަމާލުކަން އެކަމަށް ދެވިފައެއް ނުވެއެވެ. ޢާއިލާގެ މެންބަރުން އެކަކުއަނެކަކާ ވާހަކަދައްކާ އަޑު އިވެއެވެ. އަތުގައި އޮތް ފޯނަށް ގެއްލިފައި އިން ލައިތު އިސް އުފުލާލީ އެންމެން ކުއްލިއަކަށް ހިމޭންވީމައެވެ. އޭނާއަށް ފެނުނީ ހީކުރެވުނު ފަދަ މަންޒަރެކެވެ. ކާކޮޓަރިއަށް ޔާދިން ވަންއިރު އޭނާގެ އަތުގައި ހިފާލައިގެން ހުރީ ފިޒާނާއެވެ. ހުދުކުލައިގެ ލޭސް ހެދުން ހުރީ އެ ހިމަ ހަށިގަނޑުގެ ބައްޓަމަށް ހެޔޮވަރުކޮށްލާފައެވެ. އުޅަންބޮށްޓާ ހަމައަށް އަންނަ ފުޅާ އަތެއް ހުއްޓެވެ. ނަމަވެސް ހެދުމުގެ ފަސްބައި ހުރީ ކަކުލުން ފެށިގެން ދެ ކައިވަތްހާ މަތީގައެވެ. ނިއުޅާލާފައި އޮތް އިސްތަށިގަނޑާއެކު ކޮށްފައި ހުރި ލުއި މޭކަޕެކެވެ. ޔާދިންއާއެކު ކާމޭޒު ދޮށަށް އައުމާއެކު ފިޒާނާގެ އަމިއްލަ ގޮތް ޚިޔާރުކޮށްލިއެވެ. ލައިތުއާ ޖެހިގެން ހުރި ގޮނޑީގައި އޭނާ އިށީންނަން އުޅުމުން ޔާދިން ގޮނޑިދަމާލަދިނީ އެކަން ބޮޑުކަމަކަށް ނުހަދައެވެ. މިހެންވުމުން ފިޒާނާއަށް އިނދެވުނީ ޔާދިންއާއި ލައިތުއާ ދެމީހުންގެ މެދުގައެވެ.
"އެވްރިވަން، މީ..."
"ފިޒާނާ..." ޔާދިން ބުނުމުގެ ކުރިން ލައިރާ ބުންޏެވެ. ގޭގައި ހިނގައިދިޔަ ހާދިސާގެ ހަނދާންތައް އާލާވެގެން އައެވެ. އޭނާގެ ނަޒަރު އަމާޒުވެލީ ލައިތަށެވެ. ބަހެއް ވެސް ނުކިޔާ އިސްޖަހާލައިގެން ލައިތު އިނީއެވެ. ދެން ބަލާލީ ބައްޕައެވެ. އޭރު ފިޒާނާގެ ނަންއިވި ފަރުޒީނުގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. އޭނާގެ ސަމާލުކަން ލައިތަށް މާކުރިން ހުއްޓިއްޖެއެވެ.
"މައި ގާލްފްރެންޑް... މާމާ!... މަންމާ!..." އެންމެން ބަސްހުއްޓިފައި ތިބިހެން ހީވެ ޔާދިން ވާހަކަދެއްކިއެވެ.
"ފަށަމާ... ކެއުން ނިންމާލާފައި ދެކުދީންނާ މާމަ ބައްދަލުކޮށްލަން ބޭނުން." ކަސްތޫރީ ވާހަކަދެއްކިއެވެ. ޔާދިން ނިކަން އަވަހަށް ލައްބައޭ ބުންޏެވެ.
"އިޒް ޝީ ޔޯ އެކްސް." ޔާދިންގެ ކޮނޑުގައި ޖަހާލަމުން ޖިނާން ބުންޏެވެ. އެއާއެކު ޔާދިން ބުނީ ހިމޭންވާށޭއެވެ.
"އަހަންނަކަށް ނޭނގޭ... ކީއްވެ އެންމެން ސައިލެންޓްވީ؟، އެއީ ކާކުތަ؟." ލައިތުގެ ކަންފަތް ދޮށުގައި ސެހްރާނު އެހީ ސިއްރުންނެވެ.
"ނޮޓް ވޯތްއިޓް..." ލައިތު ބުނީ ފިޒާނާއަށް ވެސް އަޑުއިވޭނޭ ވަރަށެވެ. ވާހަކަނުދެއްކުމަށް ފަރުޒީނު އަޑު ލައްވާލީ ލައިތަށެވެ. އެހިނދު ފިޒާނާ ވެސް ލައިތަށް އަޑުއިވޭނޭ ވަރަށް ވާހަކަދެއްކިއެވެ.
"އެނޫނީ އަންހެނަކުނުވީތަ؟، ޔަގީން އަތްގުޅިނުކާނެކަން... ވެއްޓިއްޖެއްޔާ ނަގާފަ ބަހައްޓާނޭ ކޮޅެއް ވެސް ނޭނގެނެ، އަދި ކޮބާ ކަމެއްކުރަންވެއްޖެއްޔާ އުޅޭނެ ހާލަކީ...." މިހެންބުނެ ހީނލާފައި، ފިޒާނާ އިސްއުފުލައި ލައިތަށް ބަލާލިއެވެ.
ފިޒާނާއާއި ލައިތުގެ ނަޒަރު ސީދާވެލިއެވެ. އެތަނަށް ފިޒާނާ އައީސުރެން އަސަދުގެ ލޯ ހުރީ އެ އަންހެންކުއްޖާއަށެވެ. ލައިތުއާއި ފިޒާނާއާ ދެމެދު ވާހަކައެއް ދެކެވިއްޖެކަން އަސަދަށް އެނގުނީ އެހެންވެއެވެ. ކުއްލިއަކަށް ލައިތު މޭޒުދޮށުން ތެދުވެއްޖެއެވެ. އެތަނުގައި ތިބި އެކަކަށް ވެސް ބަލާލުމެއްނެތި އޭނާ އެތަނުން ނުކުމެގެން ދިޔައީއެވެ.
ކަންތައްވާނޭ ގޮތް ލަފާކުރެވިފައި އޮތް ނަމަވެސް ޔާދިންއަށް އުންމީދުކުރެވުނީ ޢާއިލާ އޭނާއާއެކު ފިޒާނާ ބަލައިގަންނާނޭ ކަމަށެވެ. ލައިތު ހަޔާތުގެ ބައިވެރިއަކަށް ކެންޒާ ޚިޔާރުކުރިކަން ޢިއުލާން ކުރި ދުވަހު އެންމެންގެ ފަރާތުން ފެނިގެން ދިޔަފަދަ ހޫނު މަރުޙަބާއެއް ޔާދިންއަށް ވެސް ލިބެން އެދެވުނެވެ. ފިޒާނާއާ ނުރުހެންވީ ސަބަބެއްނެތް ކަމުގައި ޔާދިންއަށް ޤަބޫލުކުރެވެއެވެ.
"ފިޒާ... އޭނާއާ ތިވާހަކަދައްކަނީ ކީއްކުރަންތަ؟." ޔާދިން ހިތްހަމަނުޖެހުނެވެ.
"އޭނާ އަހަންނަށް ބިޗްއަށް ގޮވީމަ. ރައްދު މިދިނީ..." ފިޒާނާ ވަގުތުން ބުންޏެވެ.
ކައި ނިމިގެން ފަރުޒީނު ތެދުވަން އުޅުނީ ލައިތުގެ ގާތަށް ދިއުމަށެވެ. އެހިނދު ކަސްތޫރީ އެދުނީ މަޑުކޮށްދިނުމަށެވެ. ޔާދިންއާއި ފިޒާނާއާ ވާހަކަދައްކާއިރު ފަރުޒީން ވެސް އިންނަން ވާނޭކަން މަންމަ ބުންޏެވެ. ފިޒާނާގެ ވާހަކައަކީ އަސަދު ވަރަށް ރަނގަޅަށް ފަރުޒީނަށް ކިޔާދީފައި އޮތް ވާހަކައެކެވެ. އެހެންވެ ކޮންމެވެސް ރުހޭކަން ދައްކާކަށް ވެސް ފަރުޒީނު ބޭނުމެއްނުވިއެވެ. އޭނާ އެގޭ ހުރިހާ ކުދީންދެކެ ލޯބިވިޔަސް އެންމެ ފުރަތަމަ އަތްދަމާލާފައި އެ ދެއަތުގެ ހިމާޔަތަށް ގެންނާނީ ސެހްރާނާއި ލައިތެވެ. ކާމޭޒުދޮށުން ތެދުވަން އުޅުނު ސެހްރާނުގެ ގާތުގައި ލައިތުގެ ގާތަށް ދިއުމަށް ފަރުޒީނު ބުންޏެވެ.
ކޮޓަރިއަށް އައިސް އެނދުގައި އޮށޯވެލި ގޮތަށް ލައިތު އޮތީ ވިސްނުމަކަށް ގެއްލިފައެވެ. ފިޒާނާ އެގެއަށް ވަންނަން ފަށައިފިއްޔާ އޭނާއަށް އުޅޭން އުނދަގޫވާނޭކަން ލައިތަށް އެނގެއެވެ. އަނެއްކޮޅުން ހިރާ ދިން ޚަބަރަކީ އެންމެ ނުބައި ޚަބަރެވެ. އެނދުން ތެދުވެ ގަމީހުގެ ގޮށްތައް ނައްޓަމުން ލައިތު އައީ ފާޚާނާއަށް ވަންނާށެވެ. މީހާއަށް ލިބެމުން އަންނަ ހާސްކަން ކަނޑުވާލުމަށް ފެންވަރާލަން އޭނާ ގަސްދުކުރީއެވެ.
* * * * *
ކުޑަދޮރު ކައިރީ މަގުމައްޗަށް ބަލަހައްޓައިގެން ޒުބިން ހުއްޓެވެ. އޭނާ މައިންބަފައިންގެ ގެއިން ނުކުމެ ތަނެއް ކުއްޔަށް ހިފައިގެން އުޅޭތާ މަހެއްވަނީއެވެ. އެނބުރި އަންނަން މަންމަ އެދުނު ނަމަވެސް އަދިވެސް ހުރީ ނުރުހުންވެފައެވެ. ބައްޕަ އެއްފަހަރު ވެސް ގުޅާނުލައެވެ. އެމީހުންނަށް އަމިއްލަ ދަރިފުޅުގެ އިޙްސާސްތައް މުހިންމުނުވީތީ އެކަމާ ޒުބިން ހިތާމަކުރެއެވެ. ހަމައެއާއެކު ލައިރާއާއި އިލިއާނާގެ ޚިޔާލުތައް އެ ސިކުނޑިއާ ވަތްކެއްނުވެއެވެ. އިލިއާނާ އުފަންވީ އޭނާގެ އަތްމައްޗަށެވެ. އެންމެ ތުއްތު އިރުން ފެށިގެން އޭނާ އެކުއްޖާ ގެންގުޅީ އަމިއްލަ ދަރިއެއްފަދައިންނެވެ. ބަފައިވަންތަކަމުގެ ޖަޒުބާތާ ދުވަހަކުވެސް ވަކިވުމެއްނެތްކަން އޭނާއަށް އެނގެއެވެ. ހަމައެއާއެކު ހިތުގައި އަންހެންކުއްޖަކަށް ޓަކައި ތަފާތު ވިންދެއް ޖެހުމުން، އެ އިޙްސާސް ފިލައިގެނެއް ނުދިޔައެވެ. ކެންޒާގެ މަޑުމައިތިރިކަމުގެ ތެރޭގައި ފޮރުވިފައިވާ ލާނެތްކަން ޒުބިން ދުށްޓެވެ. އެ އަންހެންކުއްޖާ އިސްވެ ލޯބި ހުށަހަޅާނޭކަމުގެ އިޝާރާތް ޒުބިންއަށް އޮތީ ވެފައެވެ. އެންމެ ހައިރާންވާންޖެހުނީ އޭނާއަށް ލޯތްބަކީ ކިހާ ވަރުގަދަ ޖަޒުބާތެއް އޭރު ނޭނގޭތީއެވެ. ކަމުދިއުމަކީ ލޯތްބަށް ނުވެދާނޭކަމެއް އެ އަންހެންކުއްޖާއަކަށް ނޭނގެއެވެ. ލޯބީގެ ތަޖުރިބާއެއް އޭނާ ނުކުރާކަން ޒުބިންއަށް ޔަގީންވިއެވެ. ކެންޒާގެ ހުށަހެޅުން ޤަބޫލުކުރީ ތަފާތު ކުއްޖަކަށް އޭނާވީމައެވެ. ޒުބިންގެ ހިތް އޭނާ ފަތަހަކުރީ ކެންޒާއާ ގުޅުނު ފަހުންނެވެ. އޭނާގެ އުމުރުގެ ޅަކަމުގެ ފައިދާ ނަގަން ބޭނުންވިނަމަ އެއްވެސް ދަތިކަމެއްނެތި ޒުބިންއަށް އެކަން ހާސިލުވީހެވެ. ދެމެދުގައި ފަސްއަހަރުގެ ތަފާތު ހުރިއިރު، ޒުބިންގެ ވެސް ޒުވާންކަމުގެ އެންމެ ކުރީކޮޅެވެ. ހިތްއެދޭ އަންހެންކުއްޖާއާ ދުރުގައި ހުންނަން އުނދަގޫވީ ދުވަސްތަކެކެވެ. ހަށިގަނޑުގެ ހިފެހެއްޓުން ދޫވެދާނެތީވެ، ކެންޒާއާ ގިނަގިނައިން ބައްދަލުވުމުގެ ޚިޔާލު ޒުބިން ދޫކޮށްލީއެވެ. އަބަދުވެސް ދެމެދުގައި ދުރުމިން ބޭއްވީއެވެ. ކެންޒާ އެކަމާ ގަޔާނުވާކަން އެނގެއެވެ. އޭނާއަކީ ޚިޔާލީ ދުނިޔެއެއްގައި އުޅޭ މައުސޫމް ކުއްޖެކެވެ. ޒުބިން ހުރީ ކެންޒާގެ އުމުރުން ވިހި އަހަރުވުމުން ކައިވެންޏަށް އަހަން ނިންމައިގެންނެވެ. ކެންޒާއާއެކު ހަޔާތުގެ ޒަވާޖީ ހަޔާތެއް ފަށައި، އުމުރުގެ ބާކީ ދުވަސްތައް އެ އަންހެންކުއްޖާގެ އުނގު ލޯބިން ފުރާލަދޭށެވެ. އެކަމަކު ތަގުދީރުގައި ލިޔެވިފައިވީ އޭނާ ތައުބީރުކުރި ގޮތަކަށްނޫނެވެ.
"ކެންޒާ..." ރިންގުވާން ފެށި ފޯނު ނެގުމާއެކު ޒުބިންއަށް ބުނެވުނެވެ. ވަގުތުން ކޯލު ނަގައިފިއެވެ.
"ވަގުތުވީތަ؟." ޒުބިންއަށް އަހާލެވުނެވެ. ކެންޒާ އާނއެކޭ ބުންޏެވެ.
"ބުރާސްފަތި ދުވަހު ބައްދަލުވެދާނެތަ؟ ކުރިއާލާ މިބުނީ ކެންޒާ ބިޒީވެދާނެތީ." އެއްދުވަސް ކުރިއަށްލައި ޒުބިން އެއްސެވެ.
"ހަވީރު ފްރީވާނީ... ދެން ފަހަރެއްގައި ރޭގަނޑު. ކަމަކުތަ؟." ކުރިން އޮތް ގާތްކަން އޮތްކަމަކަށް ކެންޒާ ނުދެކެއެވެ.
"ވާހަކަ ދައްކާލަން. ޕްލީޒް... އަހަރެން ކެންޒާއަށް ކިޔައިދޭން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އެބައޮތް. މަޢާފަށް އެދެން ވެސް ބޭނުން. އަހަންނަށް އެނގޭ ކަންތައްވެފަ އޮތް ގޮތުން ކެންޒާ އަހަންނަށް ނަފުރަތު ކުރާނޭކަން." ޒުބިންއަށް ބުނެވުނެވެ.
"ޑިސެޕޮއިންޓްވި، ބަޓް އިޓްސް އޯވާ... އަހަރެން އޯކޭ... ނަފުރަތެއްނުކުރަން ޒުބިންއަށް. އަހަރެން ވެސް މޫވްއޮން ކޮށްފިން." ކެންޒާ ހުރީ ހަމަޖެހިފައެވެ. އޭނާގެ ހިތުގައި ޒުބިންގެ މައްޗަށް ލޯތްބެއް ނެތެވެ. އެ ލޯބި މާޒީއަށްވެ ވަޅުލެވިއްޖެއެވެ. އޭނާގެ ހިތާއި ފުރާނަ ގުޅިފައިވަނީ ލައިތުއާއެވެ. އެ ދެމެދުގައި އުފެދުނު ލޯބި ފުންވެފައި އިހްސާސްތައް މާވަރުގަދައެވެ. ޒުބިންއާއެކު އެފަދަ ޚާއްޞަކަމެއް ކެންޒާއަށް އިޙްސާސްކުރެވިފައެއް ނެތެވެ.
ކެންޒާގެ ވާހަކަތައް ހުރި ގޮތުން ޒުބިންގެ ހިތަށް އުނދަގޫވިއެވެ. އޭނާއާ ބައްދަލުވުމަށް ޒުބިން އަނެއްކާ ވެސް އެދުނެވެ. ކެންޒާ އެއްބަސްވީ، މަޢާފަށް އެދެން ޒުބިން ބޭނުންވަނީ ދެމީހުން ކުރިމަތީ ތިބެގެންހެން ހީވާތީއެވެ. ޒުބިންއަށް އެ ފުރުޞަތު ދޭން އޭނާ ބޭނުމެވެ.
(ނުނިމޭ)