ހަބަރު

"ގެވެށި ގުޅުން" ކެމްޕޭނަށް މީހުން ތަމްރީނު ކުރަނީ

ޖެންޑާ މިނިސްޓްރީގެ ގެވެށި އަނިޔާ އާ ދެކޮޅަށް ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕޭނަށް ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުގެ މުވައްޒަފުން ތަމްރީނު ކުރަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ފެށި ވާޗުއަލް ޓްރެއިނިން ޕްރޮގްރާމަކީ ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. ޓްރެއިނިންގައި އަތޮޅުތެރޭގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފް.ސީ.އެސް.ސީ) ތަކުން 33 މުވައްޒަފުން ބައިވެރިވި އެވެ.

ޕްރޮގަރާމުގެ މަގްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާގުޅޭ މައުލޫމާތު ފޯރުކޮށްދީ، އަތޮޅުތެރޭގައި ޕްރޮގްރާމް ހިންގާނެ މުވައްޒަފުން ބިނާކުރުން ކަމަށް ޖެންޑާ އިން ބުންޏެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން، މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވވީ މުޖުތަމައުގައި ގެވެށި އަނިޔާ ހުއްޓުވަން ބޭނުންނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުނަށްވެސް މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށެވެ. އަދި ގެވެށި ގުޅުން ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެފް.ސީ.އެސް.ސީ ތަކުން ކުރަމުންދާ މަސައްކަތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރުން މުހިއްމުކަމަށްވެސް ވިދާޅުވި އެވެ.

ޖުލައި މަހު ފެށި 'ގެވެށި ގުޅުން' ކެމްޕޭނަކީ ތިން މަހަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

ރާއްޖޭގައި ގެވެށި އަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރާއިރު، މިދިޔަ މަހު އެކަނިވެސް ގެވެށި އަނިޔާގެ 29 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި، މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރާ އަނިޔާގެ މައްސަލަތަކެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެކި މައްސަލަތަކާ ގުޅޭ، 170 ކޭހެއް މިދިޔަ މަހު ވަނީ ރެކޯޑުކޮށްފަ އެވެ. އޭގެތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އެވެ.