މުޖުތަމައުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހުއްޓުވުމަށާއި ބަދަހި އާއިލާއެއް ބިނާކުރުމަށްޓަކައި ފިރިހެނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑުކުރުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެދިވަޑައިގެންފި އެވެ.
މިނިސްޓަރު މިކަމަށް އެދިވަޑައިގެންނެވީ "އާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ހިއްސާ"ގެ ނަމުގައި މިއަދު ފެށި ޕްރޮގްރާމެއް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ލިބިއްޖެނަމަ އެފަދަ ކުއްޖަކު ދުޅަހެޔޮކަމާ އެކު ހެދިބޮޑުވުމަށާއި އުފާވެރި ދިރިއުޅުމެއް ފެށުމަށްޓަކައި އެ ކުއްޖެއްގެ އާއިލާގައި ހިމެނޭ ފިރިހެން ބޭފުޅުންގެ ފަރާތުން ރައްކާތެރިކަން ޔަގީންކޮށްދިނުން މުހިއްމު ކަމަށެވެ.
ކުޑަކުދިންނަށް ލިބޭ ޖިންސީ އަނިޔާ ހުއްޓުވުމަށްޓަކައި ފިރިހެނުންގެ ދައުރު ފުޅާކޮށް އެ މަސައްކަތުގައި ފިރިހެން ބޭފުޅުން ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރުމަށްވެސް މިނިސްޓަރު އެދިވަޑއިގެންނެވި އެވެ.
އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިިޔާތަކާއި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހައްލުކުރެވޭނީ ޖެންޑާ މިނިސްޓްރީއާ އެކު ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ބައިވެރިވެގެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"މިކަން ހުއްޓުވޭނީ ފުލުހުންނާއި މިކަން ނުކުރާ ހުރިހާ ރައްޔިތުންވެސް މިކަމުގައި ތެދުވެގެން." މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ފެށި ސިލްސިލާ ޕްރޮގްރާމަކީ އާއިލާތަކުގެ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ހިއްސާ އިތުރުކުރުމާ އެކު ބަދަހި އާއިލާއެއް ބިނާކުރުމަށްޓަކައި ވީހާވެސް ގިނަ ބަަޔަކަށް ކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.