ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ހައްޔަރު ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އިޝާ ނަމާދަށް ދަނިކޮށެވެ. އޭރު ނިޝާން ހުންނެވީ އިމާދުއްދީން ސުކޫލާއި ފުރުގާން މިސްކިތް ގުޅޭ ގޯޅީ ކައިރީގައެވެ.
އޭރު ނިޝާންގެ ކައިރީގައި އޭނާގެ ދަރިފުޅުވެސް ހުއްޓެވެ. ނަމަވެސް އެކަމަށް އެއްވެސް ބެލުމެއް ނެތި ފުލުހުންގެ ބޮޑު ފައުޖަކުން ގެންދިޔައީ ނިޝާން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކޯޓް އަމުރު ދައްކާ ފުލުހުންގެ ބަންދަށް ގެންދާކަން އެންގިއެވެ. ޝެއިހް އެދުނީ އިޝާ ނަމާދު ކޮށްލަން ފުރުސަތަކަށެވެ. ނަަމަވެސް އެ ފުރުސަތު ދެވެން ނެތް ކަމަށް ފުލުހުން އެންގި އެވެ.
އެހެން ކަމުން ދަރިފުޅާއެކު ހިނގާފައި އޭނާ ދިރިއުޅޭ ރެހެނދި ފްލެޓާއި ހަމައަށް ދެވޭނެ ގޮތް ހަދައިދޭން އެދުނެވެ. ކަން ހިނގަމުންދާ ގޮތް ނޭންގި ނިޝާންގެ ދަރިފުޅު ހުރީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައެވެ. އެ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ އާންމުވެ އާންްމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް ސަރުކާރާއި ފުލުހުންނަށް އަމާޒުވިއެވެ.
ނިޝާން ދިރިއުޅޭ އެޕާޓްމަންޓާއި ހަމައަށް ދަރިފުޅު ގެންދިއުމުގެ ހުއްދަވެސް ފުލުހުން ނުދިނެވެ. އެހެން ކަމުން ނިޝާނަށް ޖެހުނީ އޭނާގެ ދަރިފުޅު ލިފްޓާއި ހަމައިން ދޫކޮށްލާށެވެ. އެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖްވެސް މިހާރު ވަނީ އާންމުވެފައެވެ. ފުލުހުންގެ ބޮޑު ޓީމަކުން ނިޝާން ހައްޔަރު ކޮށްގެން ގެންދިޔަ ފަހުން އޭނާގެ ދަރިފުޅަށް ވަނީ ނަފްސާނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ކިތަންމެ ކުޑަ ކަމެއް ދިމާވި ނަމަވެސް ބިރުގަނެއެވެ. ސުކޫލަށް ދާން ބޭނުމެއް ނުވެއެވެ.
މައުލޫމާތު އެނގޭ މީހަކު އަވަސްއަށް ބުނީ އެ ރެއިން ފެށިގެން ނިޝާންގެ ދަރިފުޅު ވާހަކަ ނުދައްކާ ކަމަށެވެ. އަބަދުވެސް ބިރުން އުޅޭ ކަމަށެވެ. އޭގެ ކުރީން ކޮންމެ ގަޑިއަކު ބައްޕައާއެކު ނަމާދަށް ދިިޔަ އެ ކުއްޖާ މިހާރު ބޭރަށް ނިކުމެ އުޅެން ވެސް ބިރު ގަނެއެވެ. ފުލުހުންގެ އެސްއޯ ޔުނީފޯމަކީ ބިރުގަންނަ އެއްޗަކަށް ވަނީ ވެފައެވެ.
ނިޝާން، އޭނާގެ ދަރިފުޅާއެކު ހުއްޓާ ހައްޔަރު ކުރަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެ އެކަމުގެ ފާޑުކިޔުން މުޅި ސޯޝަލް މީޑިއާގައި އާންމުވިއިރު ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމުގެ ޒިންމާ އޮތް ޖެންޑާ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަން ހިނގިކަން ނުވެސް އެނގެއެވެ. ޒިންމާ އަދާކުރުމުގައި މުޅީން ފެއިލްވެފައި އޮތް އެ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނައީ ނޫސްވެރީންނެވެ. ތަކުރާރުކޮށް ސުވާލު ކުރުމުން ބަލަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ބުންޏެވެ. އަދި މަައުލޫމާތު ދެވޭނީ އޭގެ ފަހުން ކަމަށް ބުންޏެވެ. އޭގެ ފަހުން އެތައް ދުވަހެއް ވީއިރު އަދިވެސް ޖެންޑާ އިން ބެލި ކަމެއް ސާފެއް ނުވިއެވެ.
އެކަމާއި ގުޅޭ ގޮތުން މިއަދު ސުވާލު ކުރަން ފެށުމުން ޖެންޑާއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ނޫސްވެރީންގެ ގުރޫޕަށް ހިއްސާކޮށް އެ މައުލޫ ބަދަލު ކުރަން މަސައްކަތް ކުރިއެވެ. މި މައްސަލައަކީ ޖެންޑާއަށް މުހިންމު މައްސަލައަކަށް ނުވިއެވެ. ޔަގީނުންވެސް މި މައްސަލާގައި ޖެންޑާގެ ސަމާލު ކަމެއް ނެތެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޖެންޑާއިން ވަނީ ކުއްޖާގެ އާއިލާއާ ބަދަލު ކޮށްފައެވެ. އަދި އެ އާއިލާއިން ދުރުހެލިވެފައިވާ ބައެއް ކަންކަން ކުރަން ލަފާދީ ހަދާފައިވާ ކަމަށް ބުނެއެވެ. މި ސަރުކާރުގައި އެއްވެސް ނަތީޖާއެއް ނުނެރެވި އޮތް ޖެންޑާގެ ހާލަތު މިދިޔަ ދޮޅު އަހަރެއްހާ ދުވަހު އަދި މާ ބޮޑަށްވެސް ގޯހެވެ. ހުޅުމާލެ ފޭސް ދޭއްގައި ކުޑަކުއްޖަކު މަރާލާފައި އޮއްވާ ފެނުނު ހާދިސާ ފަދަ ކޮންމެ ހާދިސާއަކުންވެސް ފެނުނީ ޖެންޑާގެ އިހުމާލެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޝައިހް ނިޝާން ހައްޔަރުކުރި އިރު ހައްޔަރު ކުރުމާއި ހަމައަށް ނިޝާން އުޅުނީ ފިލައިގެނެއް ނޫނެވެ. އޭނާ ގެންދިޔައީ ސޯޝަލް މީޑިއާގައި ހަމަނުޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. ކޮންމެ ނަމާދަކަށް ފުރުގާނަށް ދެއެވެ. ފޯނުން ގުޅޭ ގޮތަށެވެ. އެހެންވީމަ ދަރިފުޅާއެކު އިޝާ ނަމާދަށް ދިޔަ ވަގުތު ބަލާ ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތެވެ. ފުލުހުން މިފަހަރު އަމަލުކުރީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަަށެވެ. އަދި މިކަމަށް ފަހު ދެން ޒިންމާ އަދާކުރަން އޮތް ޖެންޑާ މިނިސްޓްރީގެ އަމަލުތައް ހުރީ މާ ލަަދުވެތި އެހާމެ ދެރަވަރު ކޮށެވެ.