ލައިފްސްޓައިލް

ބޮޑު މަހެއް މައްޗަށް ފުންމާލައި ހައިރާން ކޮށްލައިފި

ރެޑް ސީގައި ބޮޑު ވޭލް އެއްގެ މަތީގައި މީހަކު ދަތުރުކުރާ މަންޒަރުގެ ވީޑީއޯ އިން ސޯޝަލް މީޑިއާގައި ދައުރުވެ ވީޑިއޯ ބެލި ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ. ސައޫދީގެ ރަށެއް ކަމަށްވާ ޔާންބޫގައި ނަގާފައިވާ މި ވީޑިއޯގައި އެމީހާ އިންނަނީ މަހުގެ ބުރަކަށި މަތީގައި ގައެވެ.
ހައިރާންވާވަރުގެ މި ވީޑިއޯ ޓުވިޓާގައި ޝެއާކޮށްފައި ވަނީ އަލަލްވާނީ އަބްދުﷲ ކިޔާ މީހެކެވެ. މި ވީޑިއޯގެ ފުރަތަމަ ކްލިޕް ޝެއާ ކުރަމުން އޭނާ ކެޕްޝަނަކަށް ޖަހާފައިވަނީ ޔަންބޫގެ މީހަކު އެކްރޮބެޓް ފިޝް އަކާއެކު ފަތަނީ ކަމަށެވެ.

ގާތްގަނޑަކަށް 45 ވަރަކަށް ސިކުންތުގެ މި ވީޑިއޯއިން ފެންނަނީ ބޯޓެއްގައި ދަތުރުކުރަމުންދިޔަ މީހަކަށް ދެ ވޭލް (ބޮޑު މަސް) އެމީހުންނާ ދިމާލަށް ދަތުރު ކުރަނިކޮށް ފެންނަ ތަނެވެ. އެ ދެ މަސް ފެނުމާއެކު އެ ބޯޓުގައި އިންނަ މީހާ ވަރަށް ރަނގަޅަށް ތެދުވެ ފުންމާލަން ތައްޔާރު ވާތަން ވެސް ވީޑިއޯގައި ފެނެ އެވެ. ފުރަތަމަ ވޭލް އެ މީހާ އާ ވަރަށް ކައިރިއަށް އައުމާއެކު އޭގެ ބުރަކަށިމައްޗަށް ފުންމާލަން އެމީހާ މަސައްކަތް ކުރެ އެވެ. ނަމަވެސް އެ ފަހަރު އޭނާއަކަށް ކާމިޔާބެއް ނުވެ އެވެ. އެހެންވެ ދެން އޮތް މަހުގެ ބުރަކަށިމައްޗަށް އޭނާ އަރައިގެން އޭގައި ދަތުރުކުރަނިކޮށް މި ވީޑިއޯގައި ފެނެ އެވެ.

މި ވީޑިއޯގެ ބާކީ ހުރި ކްލިޕްތަކުން ފެންނަ ގޮތުގައި ރެޑް ސީ ގައި މި މަހުގެ ބުރަކަށި މަތީގައި އެ މީހާ ވަރަށް ގިނަ ވަގުތު ހޭދަ ކުރެ އެވެ.

މި ވީޑީއޯ ޝެއާ ކުރުމާއެކު ވައިރަލް ވިއެވެ. އެތައް ހާސް މީހުންނަށް މި ޓުވީޓަށް ލައިކްސް ދީ ރިޓުވީޓް ކޮށް ހަދާފައި ވެއެވެ.
ބައެއް މީހުން އެމީހާ އަށް ވެދާނެ ގޮތަކާ މެދު ކަންބޮޑުވެގެން އުޅުނުއިރު އަނެއްބަޔަކު ކަންބޮޑުވީ މަހަށް ގެއްލުމެއް ވެދާނެތީ އެވެ.
ވޭލް ޝާކް އާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން އެހެން މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި މި ކަހަލަ މަހުގައި ދަތެއް ނުހުރެ އެވެ. އެހެންވެ މި ފަދަ މަސްމަހަކަށް އިންސާނުންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެ އެވެ. އެ މީހާގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި މިއީ ދުނިޔެއިން ހުސްވުމުގެ ނުރައްކާ އޮތް އެންޑޭންޖާޑް ސްޕީޝީޒް އެވެ. މި ކަހަލަ މަހުގެ އެވްރެޖް ދިގުމިނުގައި 13 މީޓަރު އަދި ބަރުދަނުގައި 21 ޓަނު ހުންނަ ކަމަށް އެމީހާ ބުނެފައި ވެއެވެ.

ސައޫދީގެ ވަށައިގެންވާ ރެޑް ސީގައި މިކަހަލަ މަސް ވަރަށް ގިނައިން އުޅޭކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.