ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

121 ސިއްހީ އެހީތެރިން ޕޮޒިޓިވްވެފައިވޭ

ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ ސިއްހީ އެހީތެރިންގެ 121 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ގުރޫޕްގެ މެންބަރު ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެގެންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ހާލަތު ގޯސްވަމުންދާއިރު ސިއްހީ އެހީތެރިންގެ ދަތިކަން ކުރިމަތިވާނެ ކަމަށާ ދިގު މުއްދަތަކަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ސިއްހީ އެހީތެރިންނަށް މަސައްކަތަށް ނިކުތުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވުމުން ސިއްހީ އެހީތެރިންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. މިހާތަނަށް 121 ސިއްހީ އެހީތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.

އިންސާނީ ވަސީލަތްތައް ހޯދުމަކީ މަހަކުން ދެމަހުން ކުރެވޭނެ ކަމެއް ނޫން ކަމަށާ ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާނަމަ ސިއްހީ އެހީތެރިން ބޭނުންވާ އަދަދު އިތުުރުވެ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަަމަށް މޫސަ ވިދާޅުވިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ފެންނަމުންދާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެހެނިހެން ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށްވެސް ފަރުވާދޭން ތިބީ އެއްބައެއް ކަމަށެވެ.

އެކަމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކެޕޭސިޓީ ވަރަށް ބޮޑަށް ފުލްވޭ. އަޅުގަނޑުމެންގެ ނަރުހުން ވަރަށް ބޮޑަށް ވަރުބަލިވެފައިވަނީ. ބައެއް މީހުން ފަސްކިލޯ ލުއިވެއްޖެ. އޭގެ މާނައަކީ ކުރިން ހޮސްޕިޓަލްގައި އެޑްމިޓްވެފައިވާއިރު ރިލެޓިވްއާއެކު ހޮސްޕިޓަލްގައި އެ ތިބެނީ. އެކަމު މިހާރު ގިނަ ފަަހަރަށް ދުވަސްވީ ބޭފުޅުން އެކަނި އެނދުގައި އެ ތިބެނީ. އެކަހަލަ ހާލަތުގައި ނަރުހުންނަށްވެސް އަޅާނުލެވި ހިނގައިދާނެ،"

ނަޒްލާ ވިދާޅުވީ ސިއްހީ ހިދުމަތްތެރިންނަކީ ވަރަށް ބޮޑު ރިސްކެއްގައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށާ އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އަދި ބަލި މީހުންނާއި ކޮންޓެކްޓްވުމުގެ ސަބަބުން މަސައްކަތާއި ދުރުގައިވެސް ތިބެން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މުޅި ނިޒާމު ބޮއްސުންލައިގެން ދިއުމުގެ ކުރިން ކޮވިޑްގެ ނަންބަރުތައް މަދުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"ހަމަ ސޭމް މި ނަރުހުންނާއި ޑޮކްޓަރުން މި ތިބީ ނޮން ކޮވިޑަސްވެސް. ހާޓްއެޓޭކެއް ޖެހިގެން އަންނަ މީހުންނަށްވެސް ފަރުވާ ދޭން މިތިބީ އެއް ބައެއް. އެހެންވީމަ މި ކެޕޭސިޓީގައި ހިފެހެއްޓުން ވަރަށް މުހިންމު،"

ކޮވިޑް-19 ބަލި ފެތުރުން އިތުރުވެފައިވާއިރު ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތީ ކޭޓާ ނުކުރެވޭފަދަ ހާލަތެއްގައި ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާވެސް ވަނީ ވިދާޅުވެފައެވެ.

ޝީނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުވެސް މިހާރު އޮތީ އެފަދަ ކޭޓާ ނުކުރެވޭފަދަ ހާލަތެއްގައި ކަމަށާ ބަލި ޖެހޭ މިންވަރަށް ބަލާއިރު އެމީހުންނަށް އެޓެންޑް ކުރަން އެކަށީގެންވާ ވަރަށް ޑޮކްޓަރުން އަދި ނަރުހުންވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އާންމު ހާލަތުގައި އެޑްމިޓްކުރާ ބަލި މީހުން ބަލަހައްޓަން ކޮންމެ ފަސް އެނދަކަށް ނަރުހެއް ހުންނަ ކަމަށާ ނަމަވެސް މިއަދު އެ އަދަދު އިތުރުވެފައިވާތީ ކޮންމެ ތިރީސް އެނދަކަށް އެޓެންޑް ކުރަން ޖެހެެނީ އެންމެ ނަރުހަކަށް ކަމަށް ވިދާޅުވިއެވެ.

"ޕޮައިންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު މި އޮތީ ބާޑަންވެފައޭ. ކޭޓާއޭ ނުކުރެވޭ. މެނޭޖް ކުރަނީ ކޮންމެވެސް ގޮތަކަށް. ދެން މިރޭޓުން ދާ ފަށައިފިިއްޔާ ސުކޫލެއްގައި އެނދު ޖަހައިގެންވެސް ބޭތިއްބިދާނެ. އެކަމަކު ސުވާލަކީ އެމީހުންނަށް ފަރުވާ ދޭނީ ކޮން ބައެއްހޭ،"