ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ކޮވިޑުގެ ޓޫރިޒަމް ގެއްލުން 195 ބިލިއަން ޑޮލަރުން މަތީގައި

މިދިޔަ އަހަރު ފަހުކޮޅު ޗައިނާއިން ކޮވިޑް19 ފެނި، މިއަހަރު ފެށުނީއްސުރެ މިވަބާގެ ސަބަބުން ދުނިޔޭގެ ގިނަގައުމުތަކުގެ ބޯޑަރު ބަންދުކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ، މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަހު އެކަނިވެސް ދުނިޔެ ވަނީ 195 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިދިޔަ އަހަރު، ދުނިޔޭގެ އިގްތިސާދީ އުފެއްދުން ތެރިކަމުގައި 8.9 ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ހިއްސާއެއް ފަތުރުވެރިކަމުން ކޮށްފައި ވީނަމަވެސް، މިއަހަރު މިހާތަނަށް އަދި ބާކީއޮތް ބައިގައިވެސް ބޮޑެތި ގެއްލުންތަކެއް ދުނިޔޭގެ އިގްތިސާދަށް ކުރާނެކަމަށް ދުނިޔޭގެ ފަތުރުވެރިކަމާއިގުޅޭ އިގްތިސާދީ މާހިރުން ދެކެއެވެ. މިގޮތުން އެކިގައުމުތަކުގެ އިގުތިސާދުގައި ފަތުރުވެރިކަން ހިއްސާކުރާ މިންވަރު ތަފާތުވުމުން އިގްތިސާދަށް ކުރާ އަސަރު އެކިގައުމުތަކަށް ކުރާނީ އެކިވަރަށެވެ. ފަތުރުވެކަމަށް ބޮޑަށް ބަރޯސާވާ ގައުމުތަކަށް ކުރާއަސަރު ބޮޑުވާނެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު އެމެރިކާގައި ފަތުރުވެރިކަމުން އެކަނިވެސް 2.8 މިލިޔަން ވަޒިފާ އުފެދުނެވެ. އެކަމަކު ކޮވިޑްބަލީގެ އެންމެ ގިނަމީހުން އެއްގައުމަކުން މިހާތަނަށް ފެނިފައިވަނީ އެމެރިކާއިން ކަމަށްވުމުން އެންމެބޮޑު ގެއްލުމެއް އިގްތިސާދަށް ކޮށްފައިވަނީ އެގައުމަށެވެ. މިއަހަރު މާޗްމަހުގެ ނިޔަލަށް އެމެރިކާގެ 31 ސްޓޭޓެއް ލޮކްޑައުން ކޮށްފައިވާއިރު ހަމަ އެމަހު ޔޫރަޕުންނާއި އިގިރޭސި ވިލާތުން އެމެރިކާއަށް ދަތުރުކުރުން ވަނީ ހުއްޓާ ލެވިފައެވެ. މިއަހަރުގެ ފުރަތަމަ ހަތަރުމަހު އެކަނިވެސް އެމެރިކާގެ އިގްތިސާދަށް ވަނީ 30.7 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެފައެވެ. ހަމަމިއާއެކު ކޮވިޑު19ގެ ސަބަބުން އިގުތިސާދަށް އެންމެބޮޑެތި ގެއްލުން ލިބުނު ގައުމުތަކުގެ ލިސްޓްގެ ކުރީގައި ގިނައީ ޔޫރަޕުގެ ގައުމުތަކެވެ.


މި އަހަރު ޖޫންމަހުގެ ނިޔަލަށް ދުނިޔޭގެ ފަތުރުވެރިން ދަތުރިކުރި މިންވަރު 98 ޕަސެންޓް ދައްވެފައިވާތީ ސްޕެއިނަށް ލިބިނުގެއްލުން ވަނީ 9.41 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިދިޔަ އަހަރު 89 މިލިޔަން މީހުންނާއެކު ދުނިޔޭގެ އެންމެގިނަބަޔަކު މިހާތަނަށް ދަތުރުކުރާ ގައުމަކީ ފްރާންސް ކަމުގައިވިޔަސް ކޮވިޑް19 ގެ ސަބަބުން އެގައުމަށް ލިބުނު ގެއްލުމުގެ މިންވަރު އުޅެނީ 8.8 ބިލިޔަން އެމެރިކާ ޑޮލަރުގަ އެވެ. މަތީގައި އެވާ ތާވަލުގައި މުޅިންހެން ހިމެނެނީ ރާއްޖެއަށް ފަތުރުވެރިން އަންނަ މޭޖާ މާކެޓްތަކަށް ވުމުން އެކަމުގެ ގެއްލުން ރާއްޖެއަށް ކުރާނެކަމީ ކަށަވަރު ކަމެކެވެ. އެކަން ތިރީގައި މިހިމަނާ ތާވަލުން ވަރަށް ސާފުކޮށް ފެންނަން އެހެރީއެވެ. މިތާވަލުގައި މިހިމަނަނީ ކޮވިޑް19ގެ ސަބަބުން އިގްތިސާދީ އުފެއްދުންތެރިކަން އެންމެ ދަށްވި ގައުމުތަކެވެ.

މިލިސްޓްގައި ގިނައީ ކެރީބިޔަންގެ ގައުމުތަކާއި، ފަތުރުވެރިކަމުގެ މައްޗަށް އެގައުމުތަކުގެ އިގްތިސާދު ބޮޑުތަނުން ބަރޯސާވާ ގައުމުތަކެވެ. މިދިޔައަހަރު 31މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ކެރީބިއަން ސަރަހައްދަށް ޒިޔާރަތް ކުރިއެވެ. ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަން މުޅިންހެން ހުއްޓުމަކަށް އައިސްފައިވާތީ މިސަތަހައްދުގެ ގިނަ ގައުމުތަކުގެ އިގްތިސާދަށް ވަންނާނެ ފައިސާގެ މިންވަރު، 90-60 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދައްވާނެކަމަށް ވަނީ ބެލެވިފައެވެ.

ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ މިންވަރު އަދި އަންދާޒާ ކުރެވިފައި ނުވިނަމަވެސް، މިއަހަރު އިގްތިސާދަށް ވަންނާނެ ފައިސާ 85 ޕަސެންޓަށް ދަށް ވާނެކަމަށް ބެލެވެއެވެ. ކުރިން މަރުކަޒީ ބޭންކުން އަންދާޒާ ކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ މިއަހަރުގެ އުފެއްދުން ތެރިކަމުގެ ނިސްބަތް 15 ޕަސެންޓާ ހަމަޔަށް ވެއްޓިދާނެއެވެ. ފަތުރުވެރިކަމާ ގުޅުންހުރި ތިރީހަކަށްހާސް ވަޒީފާ ގެއްލިފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކުރިޔަށް އޮތްތަނުގައި ސްޓްރެޓެޖިކް ވިސްނުންތެރި ކަމާއެކު ކަނޑައެޅިފައިވާ މަގުޗާޓެއްނެތި ކަންކަން "ޕްރިއޯރިޓައިޒް" ނުކޮށް ކުރިޔަށްދާނަމަ، މިކާރިސާގެ ގެއްލުން އިތުރަށް ދެމިގެންދިޔުމުގެ ފުރުސަތު ބޮޑެވެ. މިހާތަނަށް އައިއިރު ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ކައުންސިލްގެ "ސޭފް ޓްރެވަލް" ލިސްޓްގައި ރާއްޖެ ހިމެނިފައި ނުވުމަކީ މިކަމުގެ މިސާލެކެވެ. ކަމާބެހޭ ފަރާތްތަކަށް އެއީ ކުރަންޖެހޭ ކަމެއްކަން އެގިފައި ނެތުމުން އެކަމަށް ކުރަންޖެހޭ މަސައްކަތް، ކުރަންޖެހޭ ވަގުތުގައި، ކުރަންވާ ގޮތަށް ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އެކަންކުރަން ހަވާލުވެތިބި ދައުލަތުގެ ވެރިންނަށް އެހެން ކަންކަން މުހިންމުވީ ތޯއްޗެކެވެ.

މިހާރުން މިހާރަށް ވެސް، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެކަށޭނަ ފިޔަވަޅުތަކެއް އަޅާ، ދުނިޔޭގައި އިގްތިސާދަށް އެންމެ ކުޑަކޮށް އަސަރު ކޮށްފައިވާ ގައުމުތަށް ދެނެގަނެ އެފަދަ މާކެޓްތަކަށް އަމާޒުކޮށް އިޝްތިހާރާއި، ޕްރަމޯށަނާއި މާކެޓިން ހަރަކާތްތަށް ހިންގުމުގެ އިތުރަށް އެފަދަ ގައުމުތަކާއި ސިޔާސީގުޅުން ހަރުދަނާކޮށް ވަގުތާއި ހާލަތަށް ވިސްނާ ގައުމު ވެއްޓިފައިމިވާ ފުންވަޅުގަނޑުން އަރައިގަތުމަށް އިޚްލާސްތެރި، ތެދުވެރި މަސައްކަތްތަކެއް ފަށާކަށް ނުވޭހެއްޔެވެ؟