(23 އޯގަސްޓް 2020 އާ ގުޅޭ)
ކެންޒާގެ ވާހަކަތައް ހުރި ގޮތުން ޒުބިންގެ ހިތަށް އުނދަގޫވިއެވެ. އޭނާއާ ބައްދަލުވުމަށް ޒުބިން އަނެއްކާ ވެސް އެދުނެވެ. ކެންޒާ އެއްބަސްވީ، މަޢާފަށް އެދެން ޒުބިން ބޭނުންވަނީ ދެމީހުން ކުރިމަތީ ތިބެގެންހެން ހީވާތީއެވެ. ޒުބިންއަށް އެ ފުރުޞަތު ދޭން އޭނާ ބޭނުމެވެ.
ޒުބިންއާ މާގިނަ ވާހަކަތަކެއް ކެންޒާއަކަށް ނުދެއްކުނެވެ. އެހެންވެ ބައްދަލުވާނޭ ވަގުތެއް ބުނެފައި ކޯލު ވެސް ކުރުކޮށްލީއެވެ. އޭނާ މިހާރު ޒުބިންއާ ދައްކާނޭ ވާހަކަތަކެއް ނެތީއެވެ. ހަޔާތުން ޒުބިންގެ ބާބު ނިމި އޭނާގެ މުހިންމުކަން ވަނީ ކެނޑިފައެވެ. ޚާއްޞަވީ ހަމައެކަނި އޭރު ކެންޒާގެ ހިތުގައި އުފެދުނު ޖަޒުބާތެވެ. އޭރު ވެސް އެ ދެމެދުގައި އޮތީ އެކުވެރިކަމުގެ ގުޅުން ފަދަ ގާތްކަމެއްކަން މިހާރު ކެންޒާ ވިސްނާލީމާ އެނގެއެވެ.
* * * * *
ބޮޑުކޮޓަރީގެ ސޯފާތަކުގައި ޔާދިންއާއި ފިޒާނާއާ ވާހަކަދެއްކުމަށް ޢާއިލާގެ އިސް މެންބަރުން ތިއްބެވެ. ދެ ޒުވާނުންނާ ވާހަކަދެއްކީ ކަސްތޫރީ އާއި ސަރަފީނާއެވެ. އެކަކު އިށީނުމަށް ހުރި ސޯފާގެ އަތްގަނޑުމަތީ ވިއްދާލެވިފައިވާ ކަނާއަތުގެ މައްޗަށް ބުރަވެ އޭނާ އިނެވެ. ހަރަކާތަކަށް ވެސް އޭނާ ކޮށްލި ކަމަކީ އެއްފައި މައްޗަށް އަނެއްފައި އަރުވާލުމެވެ. އަނގަޔަކުން ނުބުނެއެވެ. ޔާދިންގެ ހޮވުން ރަނގަޅުނޫންކަން އެނގޭތީއެވެ. ދޭތެރެއަކުން ފަރުޒީނު ބަލާލައެވެ. އަސަދުއަށް ލޮލުން އިޝާރާތްކޮށްލައެވެ. އެއްޗެކޭ ބުނުމަށް އަސަދުގެ ގާތުން ފަރުޒީނު އެދޭ ކަހަލައެވެ. އެހެންވިޔަސް އެ އިޝާރާތަށް އަސަދު ފަރުވާލެއް ނުބެހެއްޓިއެވެ. ފިޒާނާ ގެންގޮސް ގެއަށްލާފައި އައުމަށް ކަސްތޫރީ ބުންޏެވެ.
ފިޒާނާއާއެކު އެޕާޓްމެންޓާ ހަމައަށް ޔާދިން އައެވެ. އޭނާ ވެސް ފެންނަނީ އެންމެ ހިތްހަމަޖެހިފައި ހުރި ގޮތަކަށް ނޫނެވެ. ދޮރުމަތީ ޔާދިން މަޑުކުރުމުން ފިޒާނާ ހައިރާންވިއެވެ. ނުވަންނާނަންތޯ އެއްސެވެ. ޢާއިލާގެ މެންބަރުންނަށް އޭނާ އައީ ފިޒާނާ ގެއަށްލާންކަން އެނގޭއިރު ލަސްވެއްޖެނަމަ ހިތްހަމަނުޖެހިދާނޭކަން ޔާދިން ހަނދާންކޮށްދިނެވެ.
"އެމީހުން އަހަރެންދެކެ ފޫހިވޭ ދޯ. މިހެންމިވީ ލައިތުއާ ހެދި. ކޮންމެ ގޮތެއް ވިޔަސް އަހަންނަކީ ދުރުމީހެއް. އެމީހުން ބޭނުންވާނީ އެމީހުންގެ މީހާ ދިފާއުކުރަން..." ޔާދިންގެ ގާތުގައި ހުރެ އޭނާގެ ގަމީހުގެ ގޮށްފައްޗާ ކުޅެމުން ފިޒާނާ ވާހަކަދެއްކީ ދެރަވެފައި ހުރެއެވެ.
"ނުވިސްނާ އެހާ ބޮޑަށް. ދޭ ރެސްޓްކޮށްލަން... އަހަރެން ދެން ދަނީ." ފިޒާނާގެ ކޮނޑުގައި ދެއަތުން ހިފައި މަޑުމަޑުން ދުރުކޮށްލުމާއެކު ޔާދިން ބުންޏެވެ. ފިޒާނާއަށް ހިނިތުންވުމެއް ދީފައި އޭނާގެ ކޯތާފަތުގައި ޔާދިން ފިރުމާލިއެވެ. ދެން އެނބުރި އައިސް އެލެވޭޓާއަށް އެރީއެވެ.
ގެއަށް އައިސް ވަންއިރު ބޮޑުކޮޓަރީގައި އިހު ވެސް ތިބި އެންމެން ތިއްބެވެ. އެމީހުންގެ މެދުގައި ދެކެވަމުންދިޔަ ވާހަކަތައް ޔާދިން ވަނުމުން ހުއްޓުމަކަށް އައިކަން ޔާދިންއަށް ވެސް ފާހަގަވިއެވެ. އިތުރު ފިޔަވަޅެއް އޭނާ އެޅުމުގެ ކުރީން ބައްޕަ ގޮވާލި އަޑު އިވުނެވެ. އެމީހުންގެ ގާތުގައި އިށީނުމަށް ބައްޕަ އެދުނެވެ.
"ފިޒާނާއަކީ ރަނގަޅު ކުއްޖެއްކަމަށް ބައްޕައަކަށް ނުފެނޭ." އެންމެ ފަހުން އަސަދުގެ ޚިޔާލު ފާޅުކޮށްފިއެވެ. ނަމަވެސް ޔާދިންގެ މޫނުން ކުލަ އޮއްސިއްޖެއެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. ބައްޕަގެ ފަރާތުން ލިބޭނީ އެފަދަ ޖަވާބެއްކަން ޔާދިން މާކުރިން ވެސް އުންމީދުކޮށްގެން އިންކަހަލައެވެ. އެހެންވިޔަސް އެކަން އެގޮތަށްވުމުން ރުޅި އާދެވިއްޖެއެވެ.
"ލައިތު ކުރިކަމެއްގެ ސަބަބުން ފިޒާނާދެކެ ރުޅިއަންނަނީ ކީއްވެ؟." އެންމެންނަށް ޔާދިން ބަލާލިއެވެ.
"ފިޒާނާގެ ފުށުން ކަންތައްތަކެއް އެނގޭތީ ބައްޕަ އެހެން ބުނީ." ފަރުޒީނު ބުންޏެވެ.
"އޭނާ ދަރިފުޅުދެކެ ލޯބިވާހެން މަންމައަށް ހިޔެއްނުވޭ. އެހާ އަވަސްއަރުވާލާފައި ކައިވެނި ކުރަން ތިއުޅެނީ ފިޒާނާ ބުނެގެންތަ؟. މަންމަ ހިޔެއްނުކުރަން އެޕާޓްމެންޓް ހޯދީ ފިޒާނާ ބަހައްޓަންކަމަށް." ސަރަފީނާގެ ޚިޔާލު ވެސް ހުށަހެޅިއެވެ.
"މަންމާ، ކައިވެނިކުރަން އުޅޭއިރު، އެވަރުކަމެއްނޫނެއްނު އެއީ... އަޅުގަނޑުމެންނަކީ ނުލިބޭ ބައެއްނޫނެއްނު." ދިފާއުގައި ޔާދިން ވާހަކަދެއްކިއެވެ.
"އަދި ދުވަސްކޮޅަކު މަޑުކޮށްލާ." ކަސްތޫރީ ބުންޏެވެ.
"މަންމާ، އެ އަންހެންކުއްޖާގެ ގޮތް މަންމައަށް އެނގޭނެ." އަސަދު ކަންބޮޑުވިއެވެ. ކަސްތޫރީ ބޮލުން އަންގާލީ ހިމޭންވުމަށެވެ.
"ޔާދިން، ފިޒާނާއާ ބައްދަލުކުރަން އެ އެޕާޓްމެންޓަށް ދިއުމަކީ މާމަ ރުހޭކަމެއްނޫން. އެކަމަކު ބައްދަލުކުރަން މިގެއަށް ގެނަޔަސް އެންމެ ރަނގަޅު. ކައިވެންޏާ މެދު މަޝްވަރާ ކުރަން ހަދާނީ އެހެން ފަހަރަކުން. ދެން ދޭ ދަރިފުޅު." ކަސްތޫރީ ބުންޏެވެ.
ޔާދިން ތެދުވެގެން ދަމުން ވެސް ބައްޕައަށް ބަލާލިއެވެ. އެމޫނުން ހިތްހަމަޖެހުމުގެ ޒަރެއްގެ މިންވަރު ވެސް ފާޅެއްނުވެއެވެ. އެހެންވިޔަސް މާމަގެ ވާހަކަތަކުން ޔާދިންއަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. މާމަ ރުހިއްޖެކަމަކާ ބަސްކިޔާކަށް ބައްޕައަކަށް ނުކެރޭނޭކަން ވެސް ޔާދިންއަށް އިނގެއެވެ.
"މަންމާ..." އަސަދު ގޮވާލިއެވެ.
"ޔާދިންއާއި ލައިތަކީ ވެސް އަހަރެމެންގެ ދަރީން. އެ ދެބެންގެ ދެމެދުގައި އޮތް ނަފުރަތު އަތްނުފޯރާ ފަށަށް އަރައިފި. އަހަރެން ބިރުގަނޭ އެ ދެބެން އެކަކުއަނެކަކުގެ ކަރުގައި ހިފާތަން ބަލަން ޖެހިދާނެތީ. އަސަދު، އެ އަންހެންކުއްޖާއަކީ ކިހާވަރެއްގެ، ކޮންކަހަލަ އަންހެންކުއްޖެއްކަން މަންމައަށް އެނގޭ. މިވަގުތު ޔާދިންއާ ދެކޮޅުވެގެން ކަމަކުނުދާނެ. އަހަރެމެން ދައްކާ ވާހަކައެއް ޔާދިންއަށް ޤަބޫލެއް ވެސް ނުކުރެވޭނެ. އަހަރެންނަށް ޔަގީން އޭނާ އަހަރެމެންގެ ދަރިފުޅުގެ ބޮލަށް އެރެނީކަން. ބައެއްފަހަރު ދަރީންނަށް ވިސްނައިދިނުމަށް ޓަކައި އެކުދީން ބޭނުންވާ ގޮތް ހަދައިދޭން އެބަޖެހޭ... ޔާދިންއަށް ފިޒާނާގެ ގޮތް އެނގޭނީ އެ ދެމީހުން އެކުގައި އުޅެން ފެށީމަ. މިރޭ ވެސް މޭޒުދޮށުގައި ފިޒާނާ އުޅުނު ގޮތް އަހަރެން ދުށީން. އަހަރެންނަށް އެނގޭ ލައިތުއަށް ފަސޭހައެއްނުވާނޭކަން. ޔާދިން މިހާރު ފިޒާނާގެ ބަހަށް ހެއްލިފައި ހުއްޓަސް، އެކުއްޖާއަށް ކަންކަން ފެންނަން ފަށައިފިއްޔާ ނުހުންނާނެ މަޑަކުން. މަންމައަށް އެނގޭ އަސަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަކަން އިނީ. އެހެންވިޔަސް މަންމަ މިބުނިހެން މިކަމާ މާބޮޑަށް ދެކޮޅު ނުހަދާ... އަހަރެން ދޭންވާ ނަސޭޙަތެއް ޔާދިންއަށް ދޭނީ އެކުއްޖާ ބޭނުންވާ ކަންތަކަށް ހުރަސް ނާޅާ. ތަޖުރިބާއަކީ ވެސް ފިލާވަޅެއް. ޔާދިންއަށް ވިސްނޭނީ އެގޮތަށް." ކަސްތޫރީ ރާވާފައިވަނީ ކިހިނެއްކަން ހާމަކުރިއެވެ.
"ކެންޒާ ހެންނެއް އެ އަންހެންކުއްޖާ. ކެންޒާ އަޅުގަނޑުމެންނަށް ޤަދަރުކުރޭ... ބަސް ޤަބޫލުކުރާ ގޮތް ހުރޭ. ބޮޑާ ކިބުރިވެރިކަމެއް ނުހުރޭ. މިގެއަށް އެކުއްޖާ އައުމަކީ ގޭތެރޭގެ އުފާވެރިކަން އިތުރުވާނޭ ކަމެއް، އެކަމަކު ފިޒާނާއަކީ އޭގެ ދިމާ އިދިކޮޅު، ރީތި ސިފައެއް ލިބި، ކިޔަވައިގެން ހުއްޓެއްކަމަކު، ރިވެތި އަޙުލާގެއް ނެތް. މިގެއަށް އޭނާ އަތުވެއްޖެނަމަ، އަޅުގަނޑުމެން ތިބެން ޖެހޭނީ އަބަދު ފާރައަށް. އަޅުގަނޑުގެ ލައިތުއަށް ނޭވާ ލާނޭ ފުރުޞަތެއް ނުލިބޭނެ. ލައިތު ވަރަށް ގަޔާވޭ ކެންޒާއާ، އެ ދެކުދީންގެ ދެމެދުގައި ފިޒާނާގެ ސަބަބުން މައްސަލަ ޖެހިދާނޭތީ މިހާރު ވެސް ކަންބޮޑުވޭ." ފަރުޒީނަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
"ކައިވެނި ކުރުމުގެ ކުރީން ޔާދިންއަށް ހެޔޮ ވިސްނުން ލިބޭނޭނަމަ." ސަރަފީނާއަށް ބުނެވުނެވެ.
* * * * *
ދަންވަރުގެ ވަގުތެވެ. ނިދަން ލީ ހަރުވާޅުގައި އޭނާ ނުކުމެ ހުރީ ބެލްކަނީގައެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ އޭނާ ވާހަކަދެއްކީ ހިރާއާއެވެ. އިތުރު ތަފްސީލު އެނގެން ބޭނުންވެފައި ހުރީތީ ލައިތު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. ހިރާ ބަނޑުބޮޑެއްނުވާނޭ ބުނަން ބޭނުންވިޔަސް ޔަގީންކަމެއް ނެތެވެ. އެ ދެމެދުގައި އެ ގުޅުން ހިނގާފައިވާތީއެވެ. ލައިތަކީ ޞިއްޙީ މާހިރަކަށް ނުވިޔަސް ކަންކަން ރޯފިލާފައި ހުރި ޒުވާނެކެވެ. ހިރާ ބަނޑުބޮޑުކަން އެނގުނީ ކޮންއިރަކުތޯ ލައިތު އެއްސެވެ. އޭނާ ކުރާ ސުވާލުތަކަށް ހިރާ ޖަވާބު ވެސް ދިނެވެ. ފިނީނޭވާއެއް ދޫކޮށްލަމުން ލައިތުގެ ކަންފަތާ ފޯނު ދުރުކޮށްލިއެވެ. ބެލްކަނީގެ ރެއިލިންގައި ދެއަތް ޖައްސާލިއެވެ. އުޑުމައްޗަށް ލައިތު ބަލާލީ ހާސްވެފައި ހުރިވަރުންނެވެ. ދެން އަނެއްކާ ވެސް ފޯނު ގެނެސް ކަންފަތުގައި ޖައްސާލައިފިއެވެ. ކުރިމަތިލާން ނުކެރިގެން އުޅޭ މީހަކަށްވާން ލައިތު ބޭނުމެއްނޫނެވެ. އެހެންވެ އޭނާ ކަންތައްކުރަން ނިންމި ގޮތް ހިރާއަށް އިއްވާލައިފިއެވެ.
ހެނދުނު ބަދިގެއަށް ކެންޒާ ވަންއިރު ލައިތު އިނީ އައިލެންޑް ދޮށުގައެވެ. އޭނާ ކޮފީ ބޮނީއެވެ. ހެނދުނުގެ ސަލާމް ލައިތުއާ ކެންޒާ ކޮށްލީ ނިކަން ހިނިއައިސްފައި ހުރެއެވެ. އެ ދެ ލޯ ލައިތު ދުށުމަށް ބޭގަރާރުވެފައިވާ ކަހަލައެވެ. ގޮނޑި އަނބުރާލުމާއެކު ކެންޒާއާ ލައިތު ކުރިމަތި ލިއެވެ. ދެއަތް ފުޅާކޮށްލައި ގާތަށް އައުމަށް ކެންޒާއަށް ގޮވާލިއެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ ލައިތުގެ އުނގަށް އޭނާ އައިސް ވަނެވެ. ލައިތު ބައްދާލީ ނިކަން ލޯބިންނެވެ. ވަރަށް ލޯބިވެޔޭ ބުނެލިއެވެ. ދުރުވެލާފައި ކެންޒާގެ ތުންފަތުގައި ބޮސްދިނެވެ. ރަކިގޮތަކަށް ކެންޒާ ހީނލިއެވެ.
"ޔޫ ޓޭސްޓް ލައިކް ކޮފީ..." ތުނިކޮށް ހުރި ތުނބިޅީގައި އަތްތަލަމުން ކެންޒާ ބުންޏެވެ.
"މިރޭ އަހަރެން މަޑުކުރާނަން. ދާނަން ދޯ އަހަންނާއެކު." ލައިތު ބުންޏެވެ. ނިކަން އަވަހަށް ކެންޒާ ބޯޖަހާލިއެވެ.
"އަހަރެން ވެސް ލައިތުއާ ވާހަކައެއް ދައްކަން އެބައޮތް." ކެންޒާ ބުންޏެވެ. ނަމަވެސް ވާހަކަ ކުރިއަށް ނުގެންދިޔައީ ލައިތުގެ މޫނުން ފެންނަ ވަރުބަލިކަން ފާހަގަވެފައެވެ.
"ރޭގަ ނުނިދަންތަ؟." ކެންޒާ އަހާލިއެވެ.
"ނުނިދުނީ..." ބޯޖަހާލަމުން ލައިތު ބުންޏެވެ.
"ދެން ތިހެން ހުރެ އަނެއްކާ އޮފީހަށް ދަނީ... ދާންވީނު ނިދާލަން."
"އައި މިސްޑް ޔޫ، ކެން އަންނަންވީނު..." ކެންޒާގެ ކޮނޑުގައި ބޯއަޅާލައި ލައިތު ބުންޏެވެ.
"ތިހެން ބުނާއިރު އެނގޭނެ ނުދެވޭނެކަން. އެހެންނޫނަސް ނުކެރޭނެ... މީހަކަށް ފެނިދާނެ." ލައިތުގެ ބޮލުގައި ކެންޒާ ފިރުމާލިއެވެ.
"ތިބުނީނު މިރޭ މީޓުވާނެއޭ، ކޮފީ ނުބޮއެ ދޭ ނިދާލަން. އަހަރެން އޯކޭ." ކޮނޑުމަތިން ލައިތުގެ ބޯ ނަގަމުން ކެންޒާ ބުންޏެވެ. އެއާއެކު ލައިތު ބަލާލީ ނިކަން ލޯބިންނެވެ. ކެންޒާގެ ގައިގާ ބައްދާލުމަށްފަހު އަނެއްކާ ވެސް ވަރަށް ލޯބިވާކަން އޭނާ ހާމަކޮށްފިއެވެ. އަދި ދިޔަޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ.
ލައިތު ނުކުމެގެން ދިއުމުން ކެންޒާގެ ހިނިތުންވުން ވަކިން ފުޅާވެލިއެވެ. ލައިތު ލޯބިވާކަން ބުނާ ކޮންމެ ފަހަރަކު އެހިތް އުފަލުން ނަށާލައެވެ. އެނބުރިލިއިރު އައިލެންޑްމަތީ ލައިތު ބޯން ފަށާފައި ހުރި ކޮފީ ޖޯޑު ފެނުނެވެ. އެ ނަގައި ތުނބުގައި ކެންޒާ ޖަހާލައިފިއެވެ. ޖޯޑުގައި ބާކީ ހުރި ކޮފީ ފޮދު އޭނަ ބޮއެ ހުސްކޮށްލީ އެތިއެތި ފޮދުންނެވެ. ޚިޔާލީ ދުނިޔެއަށް ގެއްލި ހުރެ އޭނާ މަސައްކަތްތައް ފެށިއެވެ. އަނގައިން ލައްވަމުންދިޔަ ލޯބީގެ އިނގިރޭސި ލަވައެއްގެ ރާގުން ތަނުގެ ހިމޭންކަން ނެތިކުރަމުންނެވެ.
* * * * *
މެންދުރަށް ކުލާސްތައް މެދު ކަނޑާލުމުން ކެންޒާ ކޮލެޖު ނުކުތެވެ. ދުރުގައި އޮތް ނަސީމުގެ ކާރުގެ ފެނުނެވެ. ނަމަވެސް އޭގެ ކުރިން ކުރިމަތީ އޮތް ގޯޅީގެ ކަންމަތީ ހުރި މިފްރާހު ކެންޒާއަށް ފެނިއްޖެއެވެ. ރުޅިއައުމަށްވުރެ ކެންޒާ ޖެހިލުންވީއެވެ. ކޮލެޖުން ނުކުންނަ ކުދީންނަށްކަން އޭނާ އެ ބަލަނީ އެނގުނުއިރު ކެންޒާއާ ހަތަރުކަޅި ބައްދަލުވެއްޖެއެވެ. ބިރުން ފިލަން ދުވާ މީހަކު ފަދައިން މޫނު އަނބުރާލުމާއެކު ކެންޒާ ހިނގުން ބާރުކޮށްލިއެވެ. ނިކަން އަވަހަށް އެއައި ގޮތަށް ކާރުގެ ފަހަތު ސީޓަށް އޭނާ އަރައިފިއެވެ. ނަސީމު ބަލާލުމުން އަވަސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ކާރު ދުއްވާލުމުން ކެންޒާ ފަސްއެނބުރި ބަލާލިއެވެ. ދުވާރުމަތީ ކާރާ ދާދި ކައިރީގައި މިފްރާހު ހުރުމުން އިތުރަށް ސިހުނެވެ. އޭނާ އެހާ އަވަހަށް އެހިސާބަށް އެއީ ދުވެފައިކަން ކެންޒާއަށް އެނގުނެވެ. ހީވީ މައިބަދައިން ފެށިގެން މުޅިގައިން ހީބިހި ނަގައިގެން ދިޔަހެނެވެ. ހަނދާނަށް އައީ މިފްރާހުގެ ދުލުން ބޭރުވި ބަސްތަކެވެ. ކެންޒާއަކީ އޭނާގެ ހައްޤެއް ކަމެވެ.
"ކެންޒާ ދަންނަ ކުއްޖެއްތަ؟. ދުވެފައި އައިގޮތުން ހީވީ ކާރަށް އަރަންވާއިރަށް އޭނާ ކެންޒާއަށް ގޮވާލަން ބޭނުންވެފަހުރީހެން. ކާރު މަޑުކުރަންވީތަ؟."
"ނޫން... ނޭނގެ ކާކުކަމެއް." ނަސީމުގެ ވާހަކައާ ކެންޒާ ދެކޮޅު ހެދިއެވެ. މިގަޑައަކީ މިފްރާހު އޮފީހުގައި އުޅެން ޖެހޭނެ ގަޑިކަން ކެންޒާއަށް ވިސްނާލެވުނެވެ. އޭނާ ހުރީ ރަސްމީ ހެދުމެއްގައެއްނޫނެވެ. އޭގެ މާނައަކީ ވަޒީފާއަށް ދަމޭ ކިޔައިގެން އޭނާ ދެއްކި ވާހަކައަކީ ދޮގެއްހެން ކެންޒާއަށް ހީވިއެވެ. އެހެންވީމާ އޭނާގެ މަޤުޞަދަކީ މިންނާ ރުއްސުންކަން ކެންޒާއަށް ޔަގީންވެއްޖެއެވެ.
* * * * * *
މާމަގެ ހުށަހެޅުން އަޑުއަހާފައި ފިޒާނާ އުފާވިއެވެ. އޭނާއާ ބައްދަލުކުރަން ޔާދިން އައުމުގެ ބަދަލުގައި އެގެއަށް ފިޒާނާއަށް ދެވުމަކީ ޚުދު ފިޒާނާ އެންމެ ފުރަތަމަ ވެސް ބޭނުންވީ ގޮތެވެ. ކަސްތޫރީ މުސްކުޅިވެ ވިސްނުން ކޮށިވެއްޖެކަމުގައި ފިޒާނާ ޤަބޫލުކުރިއެވެ. އެމީހުން އަމިއްލައަށް އޭނާއަށް އެ ހުޅުވާލަދިނީ ކިހާ ބޮޑު ފުރުޞަތެއްކަން އެނގޭނަމަ އެގޮތަށް އެއްބަހެއްނުވީސްކަން ފިޒާނާ ޤަބޫލުކުރެއެވެ.
"މިތަނަށް ކުލި ދައްކާ، އަހަންނަށް ޚަރަދު ކުރާކަށް ނުޖެހޭނެ އަހަރެން ތިގެއަށް ގެންދިޔައީމަ. ކުރިން ހުރީ ސާވަންޓުން ތިބޭ ތަނުގަ. ކައިވެނި ހަމަޖެހެންދެން އަހަންނަށް އެންމެ ރަނގަޅު އެތަނުގައި ހުރެވޭނޭ ގޮތް ހަމަޖައްސަނިކޮށް. އަހަރެން ޖޮބަށް ދާއިރު އަމިއްލަ ޚަރަދުތަ އަހަންނަށް ބެލެހެއްޓޭނެ." މަޤުޞަދު ހާސިލުކުރުމަށް ފިޒާނާ މަގުކޮށާލިއެވެ.
"ފިޒާއަކީ ސާވަންޓެއްނޫން. އެތަނުގައި ހުންނާކަށް އަހަރެން އެއްބަހެއްނުވާނަން." ޔާދިން ވަގުތުން ދެކޮޅު ހެދިއެވެ.
"ޑޯންޓް ބީ ސްޓުޕިޑް، އެތަނުގައި ހުރުމަކުން އަހަރެން ސާވަންޓަކަށް ވާނީ ކިހިނެއް... އޭރުން އަހަރެމެންނަށް މިހެން މީޓުކޮށްލަން ފަސޭހައެއްނު ވާނީ. އަބަދާއަބަދު އަހަރެން ބޭނުމެއްނޫން ތިގެއަށް ވަންނައިރަށް އެންމެންގެ ލޯތަށް އަހަންނަށް ހުއްޓިފައި ހުންނާކަށް. އޭރުން ފްރީޑޮމްއެއް ނޯންނާނެ... ލޯބިން ކަމެއް ވެސް ކޮށްނުލެވޭނެ." ފިޒާނާ ތުންދަމާލިއެވެ.
"މިވަގުތު ތިކަހަލަ ސްޓެޕްއެއް ނަގާކަށް ނުފެނޭ، އަހަރެން ބޭނުމީ އަވަހަށް ކައިވެނި ކުރަން." ޔާދިންގެ ޚިޔާލު ހުރި ގޮތް ބުންޏެވެ.
"އެމީހުން އެބަލަނީ މިކައިވެނި ހުއްޓުވޭތޯ. ޚާއްޞަކޮށް ޔާދުގެ ބައްޕަ. އަހަރެންގެ މަންމައަށް ގުޅިކަން ޔާދުއަށް އެނގޭތަ." ޔާދިންގެ އުނގުން ފިޒާނާ ފޭބިއެވެ.
"ނޭނގޭ. ކޮންއިރަކު؟. ބައްޕަތަ ގުޅީ؟." ޔާދިންއަށް ލިބުނީ ހައިރާންކަމެވެ.
"ދެން އެހެންކާކު. އޭނާގެ ދަރިއަކީ ހަމައެކަނި ލައިތުވިއްޔާ. އަހަންނަށް ޝައްކު އެއީ ޔާދުގެ އަސްލު ބައްޕަކަމާމެދު، އޭނާ ކީއްވެތަ އެހާ ލޯތްބެއް ލައިތުދެކެ އެވަނީ. މަންމަ ހުރީ ރުޅިއައިސްގެން އަހަންނަށް ނުގޮވާ އެއްޗެއްނެތް އޭނާއާ ހެދި." ފިޒާނާގެ ވާހަކައިން ޔާދިންގެ މޫނު ބަނަވެއްޖެއެވެ.
"ކީކޭ ކީ؟." މަޑުމަޑުން ޔާދިން އަހާލިއެވެ. އެއާއެކު ފައްޗަކަށް އެތައްކަމެއް ފިޒާނާ އަމުނާލައިފިއެވެ. ޔާދިންއަށް ވެސް ޤަބޫލުކުރެވުނީ އަސަދު އެގޮތަށް ފިޒާނާގެ މަންމައަށް ގުޅައިގެން ނުވާނޭކަމެވެ. ހިތްހަމަނުޖެހިފައި އިންކަމެއް ފިޒާނާއަކަށް ޔާދިން ނުދެއްކިއެވެ. އޭނާ ބެލީ ފިޒާނާ ރުޅި މަޑުކުރެވޭތޯއެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ކަސްތަރުކޮށްފައި ފެންވަރާލައިގެން ނުކުމެ ހެދުންތައް ހުރި ކޮތަޅު "ބެކްޕެކް"އަށް ކެންޒާ ލިއެވެ. އަދި ދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. މޫދު ފެންނަ ގޮތަށް ހުރި ބެލްކަނީގައި ލައިތު މަޑުކޮށްލައިގެން ހުރިތަން ކެންޒާއަށް ފެނުނީ ސިޓިންރޫމަށް ނުކުމެވުނު ފަހުންނެވެ. ކޮފީ މޭޒު ކައިރީ ދަބަސް ބަހައްޓާފައި އޭނާ އައީ ލައިތުގެ ގާތަށެވެ.
"ޕެންޑާ..." ފުރަގަހުން އައިސް ލައިތުގެ އަތް ހިއްލާލައި އަތްދަށަށް ކެންޒާ ވަނުމުން ލައިތު ހިނިއައެވެ.
"މާބުރައީތަ؟. ޔޫ ލުކް ޓަޔަޑް އެންޑް ވޮރީޑް..." ކެންޒާ ބުންޏެވެ. ލައިތު ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯހޫރުވާލިއެވެ.
"އަހަރެން ފުރަން މިއުޅެނީ." ލައިތު ބުންޏެވެ. ކެންޒާ ދުރަށްޖެހިލަން އުޅުނީ ލައިތުގެ މޫނަށް ރަނގަޅަށް ބަލާލުމަށެވެ. ނަމަވެސް ލައިތު އޭނާ ދުރަށް ދިޔަ ނުދޭން ހިފެހެއްޓިއެވެ. އޭނާގެ ގާތުގައި ހުރެދިނުމަށް ލައިތު އެދުނީ އާދޭސްކުރާ ފަދަ ގޮތަކަށެވެ.
"ލައިތު، ކަމެއްވީތަ؟... ކޮންތާކަށް ދާން ތިއުޅެނީ، ކިހާ ދުވަހަކަށް..." ކެންޒާއަށް ނޭނގޭ ނުތަނަވަސްކަމެއް ލިބިގެން ހިނގައްޖެއެވެ.
"ދެ ދުވަސް އެންމެ ގިނަވެގެން. މިވަގުތު އެކަމާ ވާހަކަދެއްކޭކަށްނެތް... އަހަރެމެން ރައްޓެހިވި ފަހުން ދުރުގައި ހުންނަންޖެހޭ ފުރަތަމަ ފަހަރުކަން އެނގެ. އަހަންނަށް އިތުބާރުކުރަންތަ؟." ކެންޒާގެ ކޯތާފަތުގައި ދެއަތުން ލައިތު ހިފާލިއެވެ.
"އައި ޓްރަސްޓް ޔޫ.... އެންމެ ދެ ދުވަހެއްނު، އަހަރެންގެ ގާތަށް ލައިތު އެނބުރި އަންނާނަމެންނު. އޮފީހުގެ މަސައްކަތުގައި ތަންތަނަށް ލައިތު ދާންޖެހޭނެކަން އެނގޭ. އެވަރު އަންޑެސްޓޭންޑްވާން ވާނެކަމަށް އަހަރެން ޤަބޫލުކުރަނީ." ހިތަށް އުނދަގޫވީ ނަމަވެސް ކެންޒާ ހުރީ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ.
"ހުއްޓާނުލާ އެތައްހާސް ފަހަރަކު ބުންޏަސް އަހަރެން ޕެންޑާދެކެ ވާ ލޯބި ބުނެނުދެވޭނެ. ޔޫ ވާ އޯލްވޭޒް ދި ވަން ފޯ މީ. ޔެސް، ވަރަށް އަވަހަށް އެނބުރި އަންނާނަން. އެންމެ ދެ ދުވަހަށް ވެސް ދުރުގައި ހުރުމަކީ އަހަރެން ބޭނުންވާ ގޮތެއްނޫން."
"ވީޑިއޯކޯލް ކުރެވޭނެ އެއްނު." ކެންޒާ ބުނެލިއެވެ.
"އަހަރެން ގުޅާނަން..." ލައިތު ބުންޏެވެ.
ލައިތުގެ އަތުގެ ތެރޭ ކެންޒާ ގާތްކޮށްލައިގެން ކުރިމަތިން ފެންނަން އޮތް މޫދަށް ބަލަން ހުއްޓެވެ. އޭނާ ދަނީ ކޮންތާކަށްކަން އަދި ކޮންއިރަކުން ބުނި ނަމަވެސް ދާ ބޭނުމެއް ލައިތު ނުބުނެއެވެ. އޭނާ ކެންޒާއަށް ސިއްރުކުރަން މަސައްކަތްކުރާ ކަންތަކުގެ ބޮޑުކަމުން އެހިތްވަނީ ބިރުގެންފައެވެ. ރޭގެ ވަގުތެއްގައި ހިރާ ފޮނުވި ފޮޓޯއިން އޭނާ ބަނޑުބޮޑުކަން ހުރީ ފެންނާށެވެ.
"ތަންކޮޅެއް ގިނައިރު މަޑުކޮށއލެވޭނެތަ؟" އިހުނަށްވުރެ ކެންޒާ ގާތްކޮށްލަމުން ލައިތު އާހިލިއެވެ. ކެންޒާ އާނއެކޭ ބުނުމުން ލައިތު ޝުކުރު އަދާކުރިއެވެ.
"ޝުކުރިއްޔާއޭ... ރިއަލީ... ތީ ލައިތުތަ؟. އަހަރެންގެ ބޯއިފްރެންޑް ކޮބާ؟. ޔޫ އާ ނޮޓް ހިމް. ލައިތު ކާލައިގެން ހުރި ފުރާތައެއްތަތީ؟. އަހަރެން ހައްލާލަން ދޯ ތިއުޅެނީ..." ކެންޒާގެ ވާހަކަތަކުން ލައިތުގެ މިލާފައިވި މޫނަށް ދިރުން އައެވެ. އޭނާގެ ބަނޑުގައި ކެންޒާ ޖަހާލި ގޮތުން ހީނލެވުނެވެ. ކެންޒާގެ ބަނޑުގައި ލައިތު ކޮއްޓާލަންވާއިރަށް އޭނާ ހޭންފަށައިފިއެވެ. ލައިތުގެ އަތްދަށުން އަވަހަށް ދެމިގަނެގެން ކެންޒާ ދުރަށް ދިޔައެވެ. ފުރޭތައެކޭމީ ކިޔާ ދެއަތް އުފުލާލައި ބަރު އަޑަކުން ހަޅޭލަވަމުން ކެންޒާގެ ފަހަތުން ލައިތު ދުއްވައިގަތެވެ.
(ނުނިމޭ)