ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް އެންމެ ބޮޑަށް ފެތުރެނީ މާފަންނުގައި

މާލެ ސިޓީގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ މާފަންނުގައި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

މާލެ ސިޓީން ކޮވިޑްގެ ބަލި މީހަކު ފުރަތަމަ ފެނިފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުންކޮށްފައެވެ. އެ ދުވަހުން ފެށިގެން މާލެ ސިޓީން ބަލި މީހުން ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ.

އަދި މި އޮގަސްޓް މަހު އެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހުގެ މިދިޔަ 25 ދުވަހު ކޮންމެ ދުވަހަކު 140 ވުރެ ގިނަ ބަލި މީހުން ދަނީ ފެންނަމުންނެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މި އޮގަސްޓް މަސް ނިމެމުންދާއިރު މާލޭގެ މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑްގެ ބަލި ފެތުރިފައިވާ ކަމަށެވެ. ޝަހީދު ވިދާޅުވީ އެންމެ ބޮޑަށް ބަލި ފެތުުރިފައިވަނީ މާފަންނުގައި ކަމަށެވެ.

"އޮގަސްޓް މަސް ނިމުނުއިރު މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑް-19 މި ބަލި މި އޮތީ ފެނިފައި. އާންމުކޮށް މީހުން ދިރިއުޅޭ ހުރިހާ ތަނަކަށް ފެތުރިފައިމިވަނީ. ހާއްސަކޮށް ފާހަގަކޮށްލެވޭ ގޮތުގައި މާފަންނުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު އެހެން ހިސާބުތަކަށްވުރެ އިތުރު ކަމަށް ފާހަގަކުރެވެނީ،" ޝަހީދު ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 7,047 އަރާފައެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 173 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މިއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އެންމެ ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ދުވަހެވެ.