މިނިސްޓްރީ އޮފް ހެލްތު

ބަލި މީހުން ގެއަށް، އަތޮޅުތަކުގެ އެހީތެރިން މާލެއަށް

Aug 27, 2020
3

މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކޮވިޑަށް ހާއްސަ ކޮށްފައިވާ ފެސިލިޓީތަކަށް ރަށްރަށުގެ ސިއްހީ އެހީތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްފައިވާ މީހުން ގެއަށް ފޮނުވާލާ އެ ތަންތަނުގައި ތިބި ނަރުހުން މާލެ ގެންނާތީ ބައެއް ރަށްރަށުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޗްއީއޯސީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ މެމްބަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ މިހާރު ބަލި ޖެހޭ މީހުން އިތުރުވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށްވެފައި އިންސާނީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންވަނީ މާލޭ ސަރަހައްދުގައި ހުރި ފެސިލިޓީސް ތަކަށް ކަމަށެވެ. އެހެން ވެގެން ސިއްހީ އެހިތެރިންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އަތޮޅުތަކުގެ އެކި ރަށްރަށުންނާއި ރާއްޖެއިން ބޭރުން ސިއްހީ އެހީތެެރިން ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ހެލްތް މިނިސްޓްރީން މިހާރު ވަނީ ގިނަ ރަށްތަކެއްގައި ތިބި ސިއްހީ އެހީތެރިން މާލެ ފޮނުވުމަށް އަންގާފަ އެވެ. އަދި ވަރަށް މަދު އަދަދަކަށް ސިއްހީ އެހީތެރިން ތިބި ރަށްރަށުން ވެސް ސިއްހީ އެހީތެރިން ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަމާއި ރަށްރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަވަސްއާ ވާހަކަ ދައްކަމުން ދަނގެތި މީހަކު ބުނީ އެ ރަށުގެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބިދޭސީ ދެ ނަރުހުން މާލެ އަންނަން ހެލްތުން އަންގާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުން ގެއަށް ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

"އެންމެ ތިން ނަރުހުން މި ތިބެނީ. އޭގެ ތެރެއިން ބިދޭސީ ދެ ނަރުހުން މި ތިބެނީ. އެކަމާއި ގުޅިގެން އެޑްމިޓްކޮށްފައި އޮތް އުމުރުން ދުވަސްވީ ދެ މީހަކު ގެއަށް ބަދަލު ކުރަން ވަނީ އަންގާފައި. ސެންޓަރަށް ގުޅި ހެލްތް މިނިސްޓްރީގެ މުވައްޒިފު ވަނީ އެޑްމިޓްކޮށްފައި ތިބި މީހުން ގެއަށް ބަދަލު ކުރަން ޖެހުނު ނަމަވެސް ނަރުހުން މާލެ ފޮނުވަން އަންގާފައި. މިއީ ކިހާ ދެރަކަމެއްތޯ،"

މަދު އަަދަދެއްގެ ނަރުހުން ތިބި ރަށްރަށުން ނަރުހުން ގެންދިއުމުން އެކަމުގެ ސަބަބުން އެ ރަށްރަށުގައި ފަރުވާއަށް ބޭނުންވެފައި ތިބި މީހުންނަށް ވަރަށް ބޮޑު ގެއްލުމެއްވާނެތީ އެމީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މެނޭޖްމަންޓަށް ހެލްތު މިނިސްޓްރީން މި އަންގަނީ ދެ ނަރުހުން ވަގުތުން ފޮނުވަން. ނޫނީ ފިޔަވަޅު އަޅާނެ ކަަމަށް. އެެހެންވީމަ އުމުރުން ދުވަސްވީ ދެ މީހަކު އެޑްމިޓްކޮށްގައި އޮއްވާ ރޭ އެ މީހުން ގެއަށް ގެންދަން އެންގީ. ނަމަވެސް އަޅުގަނޑުމެން ހަޅުތާޅުކޮށްގެން ބަންދުކުރިއަ ނުދީ މި ތިބީ،" ދަނގެތިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިކަމާއި ގުޅޭގޮތުން ހެލްތުގެ ބަހެއް ވަނީ ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކޮވިޑްގެ ނަންބަރު އިތުރުވަމުންދާ މިންވަރުން ސިއްހީ އެހީތެރިން ކުރަންޖެހޭ މަސައްކަތް އިތުރުވެފައިވާ ކަމަށާ އޭގެ ސަަަބަބުން ނަރުހުންނާއި ޑޮކްޓަރުން މިހާރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް މީގެ ކުރިން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފަ އެވެ. އަދި ދުވަހެއް ދުވަހަކަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ބަލި މީހުންނަށް ފަރުވާދޭން ސިއްހީ އެހީތެރިން މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.