ވާހަކަ

ލޯބިން ބުނެލަން

ލައިތުގެ އަތުނުޖެހެން ދުވި ނަމަވެސް އޭނާއަށްވުރެ ކެންޒާ ހަލުއްވެ ނުވިއެވެ. ކެންޒާ އަތުލައިގަނެގެން ލައިތު އައިސް ސޯފާއަށް ވެއްޓިގަތެވެ. ހީނހީނ ކެންޒާ ވަރުބަލިވެއްޖެއެވެ. ކުޑަވަގުތުކޮޅަކަށް ވިޔަސް ލައިތުގެ ސިކުނޑީގައިވި ހާސްކަން ފިލައިފިއެވެ. ކެންޒާ ހިމޭންވުމުން އެގޮތް ލައިތަށް ކަމަކު ނުދިޔައެވެ. ގޯނާއެއްކޮށްލާ ހިތްވީއެވެ.

"އައްދޯއި..." ކެންޒާގެ ބޮޑު ކޮލުގައި ލައިތު ދަތްއެޅުމުން ބުނެލިއެވެ. ލައިތު ޖަހާލީ ހިނިގަނޑެކެވެ. ލޯބިތައް އުތުރި އެރުމުން ކޮށްލެވުނު ކަމެއްކަމުގައި ލައިތު ބުނެލިއެވެ.

"ވާހަކައެއް ބުނަންވެފަ އޮތޭ ބުނީމެންނު." ލައިތު ހަނދާންކޮށްލަދިނެވެ. އެއާއެކު ކެންޒާ ލައިތުގެ އަތުގެ ތެރެއިން ތެދުވެ ސޯފާގައި އިށީނެވެ.

"ޒުބިން ގުޅި..." ކުޑަ މަޑުޖެހިލުމަކަށްފަހު ކެންޒާ ބުންޏެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟" ލައިތު އެއްވެސް އެއްޗެއް ނުބުނުމުން ކެންޒާ ހައިރާންވިއެވެ. އެ މޫނުން ހިތްހަމަނުޖެހިފައި އިންކަމުގެ އަސަރެއް ވެސް ނެތެވެ. ކެންޒާ ހީކުރި ކަހަލަ ކުޑަ ވެސް ސިހުމެއް އޭނާގެ ފުށުން ނުފެނުނެވެ.

"ބުނަންވީ ކީކޭ؟." ލައިތު އޮތް ގޮތް ބަދަލުކޮށްލައި ކެންޒާގެ އުނގުގައި ބޯއަޅާލިއެވެ.

"އޭނާ މީޓުކުރަން ބުނީމަ އަހަރެން އެއްބަސްވިން. އެކަމަކު ލައިތު ނުދާށޭ ބުނެފިއްޔާ އަހަރެން ނުދާނަން." އުނގުގައި އޮތް ލައިތުގެ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ކެންޒާ ބުންޏެވެ.

"ނުދާށޭ ބުނަނީ އިތުބާރު ނުކުރެވޭ މީހުން، އަހަންނަށް... އަހަރެންގެ ޕެންޑާއަށް ފުރިހަމަ އިތުބާރުކުރެވޭ." ލައިތު ބުންޏެވެ. އެ ބަސްތަކުން ކެންޒާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ޖެލަސްވާނެކަމަށް ހީކުރީ..." ކެންޒާ ބުނެލިއެވެ.

"އައި އޭމް ނޮޓް ޖެލަސް، އައި އޭމް ޓެރިޓޯރިއަލް... ޖެލަސްވާނީ ހައްޤެއްކަމުގައިނުވާ އެއްޗެއް ހާސިލުވާން އެދޭނަމަ، ޓެރިޓޯރިއަލްއަކީ ހައްޤަކަށްވެފައިވާ އެއްޗެއް ރައްކާތެރިކުރުން، ޔޫ ޕެންޑާ... އަހަރެންގެ ފަހު ނޭވާއާ ހަމައަށް ރައްކާތެރިކުރާނަން، ކޯޒް ޔޫ އާ އޯލްރެޑީ މައިން." ލައިތު އެއްމިޔަކަނުން ހިނިތުންވެލިއެވެ.

"ލައިތުގެ އިތުބާރު ގެއްލޭވަރު ކަމެއް ދުވަހަކުވެސް ނުކުރާނަން. ޕްރޮމިސް..." ކެންޒާ ވަޢުދުވިއެވެ.

"ސުވާލެއް ކޮށްލަންތަ؟... އަހަރެން ޕެންޑާއާ ރައްޓެހިވެގެން އުޅެފައި، މީހަކާ އިނދެ ދަރިއަކު ހުރެއްޖެނަމަ ޕެންޑާ ކިހިނެއް ހަދާނީ؟." ލައިތު އަހާލިއެވެ. ކެންޒާ މާނަވީ ގޮތަކަށް ލައިތަށް ބަލަން އިނދެފައި ހީނލީއެވެ. ލައިތު ސަމާސާކުރަނީއޭ ހީވަނީއެވެ.

"ތީ ޒުބިންނެއްނޫން..." ހިނިއައިސްފައި އިނދެ ކެންޒާ ބުންޏެވެ.

"ކެން... އަހަރެންނާ ދެއަނތްބަށް އިންނަންޖެހޭ ދުވަހެއް އަތުވެއްޖެއްޔާ އިންނާނަންތަ؟." ލައިތުގެ އަޑުގައި ހުރި ސީރިއަސްކަން ކެންޒާއަށް ވިސްނޭހެނެއް ހިޔެއްނުވެއެވެ.

"ލައިތު ތީ އެކަހަލަ ފިރިހެނެއްތަ؟. އައި މީން... ގިނަ އަނބިން ގެންގުޅޭ ހިތްވާ." ކެންޒާއަށް މަޖާވިއެވެ.

"އެގޮތް ބޭނުންނުވިޔަސް ހާލަތެއް މެދުވެރިވެދާނު..." ލައިތުއަށް ގޮތެއް ނިންމަން ޖެހިއްޖެނަމަ، އެކަމުން ނުކުންނާނޭ ނަތީޖާ އަންދާޒާކުރަން ބޭނުންވާ ކަހަލައެވެ.

"ނޭނގެ، އެނގޭހާ ވެސް ކަމަކީ ވަރަށް ދެރަވާނެކަން... އެކަމަކު ހާލަތާމެދު ވިސްނާނަމަ އެވަގުތަކުން އެނގޭނީ ކިހިނެއްކަން ހަދާނީ، އަހަރެން ޚިޔާލުކުރި ކަންކަމެއްނޫންތީ، ތެދަށް ބުނަންޏާ... މުސްތަޤުބަލްވަނީ ލައިތުއާއެކުގައި ކަމުގަ އަހަރެން އުންމީދުކޮށްގެން ހުރީ، އަނެއްކާ މިގުޅުމަކީ ސީރިއަސް ގުޅުމެއްތަ؟، ލައިތު ތިކަހަލަ ވާހަކަދެއްކީމަ އަހަރެން ބިރުގަނޭ..." ކެންޒާ ސީރިއަސްވިއެވެ.

ކެންޒާ ކަންބޮޑުވީހެން ހީވުމުން ލައިތު ތެދުވިއެވެ. ސޯފާއަށް އެއްފައި އަރުވައި ކުރުކޮށްލަމުން ކެންޒާގެ ގާތަށް އޭނާ ޖެހިލިއެވެ. އެ ދެމެދުގައި އޮތް ގުޅުން ދުވަހަކުވެސް ނިމުމަކަށް ނާންނާނޭކަން ލައިތު ޔަގީންކޮށްދިނެވެ. އޭނާގެ ހިތުގައި ކެންޒާނުން އެހެން އަންހެންކުއްޖަކު ނުވާކަން ބުނެދިނެވެ. ކޮންމެފަދަ ހާލަތެއް މެދުވެރިވީ ނަމަވެސް އޭނާ އަބަދުވެސް ޚިޔާރުކުރާނީ ކެންޒާކަން ހާމަކުރިއެވެ.

* * * * *

ސޯފާގެ ދިގަށް އޮށޯވެލައިގެން ޓީވީގެ ރިމޯޓް ހިފަހައްޓާލައިގެން މިފްރާހު އޮތެވެ. ގޭތެރޭގަށް ފަޅުކަން ވެރިވެފައިވީ މުބީން ނެތީމައެވެ. އޭނާއާއެކު އާޤިބާއި ޝާނު ވެސް ވީ ގޮހެވެ. އިވެމުންދިޔަ ޓީވީގެ އަޑު ފަނޑުކޮށްލީ ސިކުނޑީގައި ހިނގަމުންދިޔަ ކެންޒާގެ ފިކުރުތަކުންނެވެ. އެ އަންހެންކުއްޖާ ރުއްސުމަށް ކުރެވޭނޭ ކަމެއް ނެތޭ މިފްރާހަށް ހީވާންފަށައިފިއެވެ. ކެންޒާއަށް އޭނާގެ އެއްވެސް ކަމެއް ކަމުނުދާންވީ ސަބަބެއް މިފްރާހަށް ނުވިސްނެއެވެ. މިންނާއާ ގުޅުން ބަދަހިވީ އިރު އޭނައަކީ ދަރިފުޅަށް އެއްވެސް ކަމަކަށް މަޖުބޫރުކުރާނޭ މަންމައެއް ނޫންކަން މިހާރު މިފްރާހަށް އެނގިއްޖެއެވެ. ވަގުތުތަކެއް ބޭކާރުވީ ކަމުގައި މިފްރާހު ދެކެއެވެ. އެންމެ ފުރަތަމަ ކެންޒާ ދުށް ދުވަހެކޭ މިހާރެކޭ، އެ ދެމެދުގައި އޮތް ގުޅުން އޮތީ އެއްހަމައެއްގައެވެ. އެ ދެމެދުގައި ގާތްކަމެއް ނެތެވެ. ކެންޒާ އެންމެ ފޫހިވާ މީހަކީ މިފްރާހު ކަހަލައެވެ. މިފަދަ ޚިޔާލުތަކުން މިފްރާހު ރުޅި ގަދަވެއެވެ. ކެންޒާއަށް އެކިގޮތްގޮތުން މަޖުބޫރުކުރަން އޭނާ ބޭނުންވެއެވެ. ސިކުނޑީގައި އެފަދަ ރޭވުންތައް ރޭވުމުގައި އޭނާއަށް ވަގުތު ހޭދަކުރެވެއެވެ. އެހެން އެއްވެސް ކަމަކާ ވިސްނޭވަރަށްވުރެ މިފްރާހު ހުރީ ކެންޒާއަށް ބޭނުންވެފައެވެ. އަމިއްލަ ކުރުމަށް ފައިވިއްދާލާފައެވެ. ހަޔާތުގައި ބޭނުންވެ ނުވިކަމެއް ނޯންނާނޭ ބުނަން ބޭނުންވެފައެވެ.

* * * * *

ނިދިފައި އޮތް މިންނާއަށް ހޭލެވުނީ އޯކަށް ދެމޭއަޑު އިވޭތީއެވެ. ކައްޓެއްހެން އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ކައިފްގެ އެނދަށް ބަލާލެވުނީ ދެނެވެ. ދަރިފުޅު އެނދަކު ނެތެވެ. ހުރިތާ ހުރެފައި ފަޚާނާ ދޮރުމައްޗަށް ބޮޑު އެއްފިޔަޅު މިންނާ އަޅާލި ކަހަލައެވެ. ކައިފްއަށް ގޮވާލުމާއެކު ދޮރުގެ ތަޅުގައި ހިފައި އަނބުރާލިއެވެ. ދޮރު ހުޅުވުނީ ނިކަން ފަސޭހައިންނެވެ. މޫނު ދޮންނަ ތަށީގެ އިސްކުރު ދޫކޮށްލައިގެން ކައިފް ހުއްޓެވެ. ދަރިފުޅު ލޯފުހެލިތަން މިންނާއަށް ފެނުނެވެ.

"މަންމައަށް ހޭލެވުނީތަ؟. ސޮރީ..." ތެމިފައި ހުރި ދެއަތްތިލަ މޫނުގައި ހާކާލުމަށްފަހު މިންނާއާ ކައިފް ކުރިމަތިލިއެވެ.

"ކައިފް، ރަނގަޅުތަ؟." ހާސްވެފައި ހުރެ މިންނާއަށް އަހާލެވުނެވެ.

ދަރިފުޅުގެ މޫނުން ފެންނަ ވަރުބަލިކަން މިންނާގެ ހިތްބިރުގަންނަ ގޮތް ވިއެވެ. ކައިފް ރަނގަޅޭ ބުނުމަކުން މިންނާ ޤަބޫލެއްނުކުރިއެވެ. ކައިފްގެ ނިތްކުރިއާއި ކަރުދޮށާއި ގައިގައި އޭނާ އަތްލިއެވެ. އިތުރަށް ހާސްވީ ހުންވައްތަރުވެފައި ކައިފް ހުރީމައެވެ. މިންނާ އާދޭސް ކުރީމާ ވެސް މިރޭ ކައިފް އެ އޮތީ ނުކައެވެ. ފަހަރެއްގައި އަނގަ ހިތިވީ ކަމަށް ވެދާނޭ މިންނާ ހީކުރިއެވެ. އޭނާ ކައިފްގެ ހަރަކާތްތަކަށް އޭރު ސަމާލުކަމެއް ނުދެވުނެވެ. ކައިފް ގިނަ ވަގުތު އޮންނަނީ އެނދުގައެވެ. ގެއިން ބޭރަށް ނުކުންނާނީ ކެންޒާއާއެކުއެވެ. އެގޮތަށް ވެސް އޭނާ މާލެ އައިފަހުން ނުކުތީ އެންމެ ދެފަހަރުއެވެ. އޭނާގެ ފޫހިފިލުވައިދޭ ބައިވެރިއަކީ ފޯނެވެ. ބަދަލުތަކެއް އައިކަން ފާހަގަވާނީ ކައިފްގެ ދުވަހީ އުޅުމަށް ތަފާތެއް އައިނަމަތާއެވެ. ފިރިހެން ދަރިފުޅުގެ ވައަތު މުލައްދަނޑީގައި ހިފާލަމުން ފާޚާނާއިން ނުކުންނަން މިންނާ އުޅުނެވެ.

"ހޮޑުލަވާފަ ހުންނަނީ..." ފާޚާނާއިން ނުކުންނަން ބޭނުންނުވެފައި ހުރިހެން ކައިފް ބުނެލިއެވެ.

"ބޭރުގަ އިން ބާލިދީ ހިފައިގެން އެބައަންނަން. ކޮޅަށް ނުހުރެ ތަށިމަތީ އިށީނދެލާ." މިންނާ މިހެން ބުނެ ކައިފްގެ ކޮނޑުގައި ފިރުމާލިއެވެ.

ދުވެފައި ކަހަލަ ގޮތަކަށް މިންނާ ކޮޓަރިން ނުކުތެވެ. ބަދިގެ ހުޅުވައި ވަނެވެ. ދޮވެފައި ހުރި އެއްޗެހި މެޝިނުން ނަގައި އަޅަން ގެންގުޅޭ ނޫކުލައިގެ ބާލިދީ މިންނާ ނެގިއެވެ. ސިންކު ކައިރިއަށް ޖެހިލާ ބާލިދީގެ އެތެރެ ދޮވެލިއެވެ. ދެން އަނެއްކާ ވެސް އޭނާ ނުކުމެގެން ދުއްވައިގަތީ އައިކޮޅަށެވެ. ބަދިގޭ ދޮރު ލެއްޕުން ވެސް މުހިންމެއްނުވިއެވެ.

ތަޅުންމަތީ އޮތް މިންނާ ނިދާ ގޮދަޑި ވަގުތުން ކޮޅަށް ނަގައި ފާރުގައި ޖައްސާލިއެވެ. ދެން ކައިފްއަށް ގޮވާލައި ކޮޓަރިއަށް ނުކުންނަން ބުންޏެވެ. ސޯޓުބުރީގައިކަން ކައިފް ހުރީ އެނގި މިންނާ އަލަމާރިން އަތްދިގު ޓީޝާޓަކާއި ޓްރެކްސޫޓެއް ނެގިއެވެ. ކޮޓަރީގެ ހޫނުކަން މަޑުކުރުމަށް ހަމައެކަނި ޖައްސާފައި ހުރީ ފަންކާއެކެވެ. އެހެންވިޔަސް އެ ފިނިން ވެސް ކައިފް ހީކަރުވާނޭކަން މިންނާއަށް އެނގެނީއެވެ. މަންމަ ހާސްވެފައިކަން ހުރީ ކައިފްއަށް އެނގެއެވެ. އެކަމަކު މަންމަގެ ހިތްހަމަޖައްސައިދޭނޭ ހިތްވަރެއް އޭނާގެ ނެތެވެ.

"މަންމައަށް ހީވަނީ ކައިފް މިރޭ އެއްޗެއް ނުކައި ނިދީމަހެން ތިހެން ތިވީ. ގޮހޮރު މާބޮޑަށް ހުސްވީ... އަންނާނަން އެއްޗެއް ތައްޔާރުކޮށްލައިގެން. އަދި ކިރިޔާ ދޭއް އެޖެހީ. ބާލިދީ ކައިރިކޮށްލައިގެން އިނދޭ."

މަންމަ ނަގައިދިން ހެދުން ލައިގެން އައިސް އެނދުގައި ކައިފް އިށީނެވެ. އެނދުކައިރީ މިންނާ ބެހެއްޓި ބާލިދީ ކުރިމައްޗަށް ގެނެސް ބަހައްޓާލިއެވެ. މިންނާ ދެއްކި ވާހަކައަށް އާނއެކޭ ކައިފް ބުނީ މަންމައަށް ޓަކައެވެ. އޭނާ އެއްގޮތަކަށް ވެސް ކާހިތެއްނެތެވެ. މިންނާ ކޮޓަރިން ނުކުންނަން އުޅެފައި އެނބުރިލިއެވެ.

"ކޮއްކޮއަށް ގޮވަންތަ؟. ކައިފް ކައިރިއަށް މިކޮޓަރިއަށް އަންނަން." މިންނާ އަހާލިއެވެ. ކައިފް އެއްބަހެއް ނުވިއެވެ.

"ހޭލާ އުޅެފައި ކެން މަސައްކަތައް ނުކުންނާނީ، ކޮލެޖަށް ވެސް ދާން ޖެހޭނެ..." ކައިފް ސަބަބު ބުނެދިނެވެ. މިންނާ އިތުރު އެއްޗެއް ނުބުނެ ބޯޖަހާލީ ކައިފް ދެއްކި ވާހަކަ ޤަބޫލުކުރެވޭތީއެވެ.

ކޮޓަރީގައި އެކަނިވުމާއެކު ކައިފްގެ މޫނު މިލައިގެން ހިނގައްޖެއެވެ. މަޑުމަޑުން ދެ ލޯ ފެންކަޅިވެއްޖެއެވެ. އޭނާ ހާމަނުކުރި ނަމަވެސް އޭނާ އެއިނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ހަށިގަނޑުން ބަލީގެ ވިހަ ފިލައިގެން ދިއުމަށްފަހު އަލުން އަނބުރާ އެ ވިހަ ހަށިގަނޑަށް ވަނީއޭ ކައިފްއަށް ހީވަނީއެވެ. އަލުން އެ ވޭންތައް އުފުލަން ޖެހޭނެތީ އެކަމާ އޭނާގެ ހިތް ރޮނީއެވެ. އުންމީދުތައް އަނެއްކާ ވެސް ބިލާހަކަށްވާން އުޅެނީއޭ ހީވަނީއެވެ. މަންމައާއި ކޮއްކޮއާ ދުރަށް ދާން ޖެހޭނެ ކަމުގެ ބިރު ވެސް ހަށިގަނޑު އިތުރަށް ވަރުދެރަކުރުވަނީއެވެ. ކޯތާފަތް ތެމުމާއެކު ލަސްގޮތަކަށް ކައިފް ދެއަތުން މޫނު ފުހެލިއެވެ.

މިންނާ ތައްޔާރުކޮށްގެން ގެނައި ސޫޕުތަށިން ކޮންމެވެސް ވަރެއް ކައިފް ކެއެވެ. އެނދުއަރިމަތީ ހުރި ކަބަޑުގައި ސޫޕުތަށި މިންނާ ބެހެއްޓިއެވެ. ދަރިފުޅުގެ ގާތުގައި އިނދެ އޭނާގެ ބުރަކަށީގައި މިންނާ ފިރުމާދިނެވެ. މަންމަގެ އެ އޯގާތެރިކަން ކައިފްގެ ހިތަށް ކުޅަދާނައެއްނުވިއެވެ. ދެ ލޮލަށް ބޮނޑިވަމުން އައި ކަރުނަތައް ސައިލެއްފަދައިން އޮހިގަނެއްޖެއެވެ. ވަގުތުން އިސްޖެހިއްޖެއެވެ.

"ކައިފް... ޑަކްޓަރަށް ދާންވީތަ؟." މިންނާއަށް އަހާލެވުނެވެ. ކައިފް ދެފަރާތަށް ބޯހޫރާލިއެވެ. ދަރިފުޅު ގަޔާ ކައިރިކޮށްލައިގެން މިންނާ އިންއިރު އެ ހިތް ވެސް ރޮނީއެވެ. ޒުވާން ދަރިފުޅު އަޑުންއަޑުނަގާ ރޯތީ މިންނާއަށް ހުރީ ފެނިފައެވެ. އެ ރުއިމަށް ކެތްކުރަން ވެސް މިންނާއަށް އާދަވީ ހާދަވަރަކަށް އެއަޑު ކަންފަތަށް އިވުނު ފަހުންނެވެ. ވޭނަށް ތަޙައްމުލުނުކުރެވިގެން ތެޅިފޮޅޭތައް ވެސް އޭނާ ދުށްޓެވެ. އަލުން އެދުވަސް ނުދައްކަވާތޯ މިންނާ ދުޢާކުރެއެވެ. އޭނާ ނޫނީ މިއަދު އެކުއްޖާގެ ހުރީ ކާކު ހެއްޔެވެ.

"ދެރަގޮތެއްނުވާނެ... މަންމައަށް އެނގޭ ކައިފް މާ ބޮޑަށް ވިސްނަނީކަން، އެހާ ބައިވަރު ބޭސް ކާއިރު ރަނގަޅަށް ކާންވާނެ، އެވާނީ ނުކައި ހުރީމަ ހޮޑުލެވުނީކަމަށް." ކައިފްގެ ގައިގާ ފިރުމަމުން މިންނާ ވާހަކަ ދެއްކިއެވެ. ދަރިފުޅުގެ ހިތުގެ އިޙްސާސްތައް އެނގިގެން ކަހަލައެވެ.

ހެނދުނު ހޭލައިގެން ކޮޓަރިން ނުކުތް ކެންޒާއަށް ރޭގައި ހިނގި އެއްވެސް ކަމެއްގެ ހިލަމެއްނުވެއެވެ. އޭނާ އައިސް ބޭބެގެ ކޮޓަރީގައި ޓަކި ދިނެވެ. މަންމަ ހޭލާކަން އުޅޭނީ އެނގޭތީއެވެ. ނަމަވެސް ދޮރެއް ނުހުޅުވިއެވެ. ދެވަނަ ފަހަރަށް ޓަކިދޭން އުޅެފައި ހުއްޓާލިއެވެ. ހުޅުވާފައި ހުރި ބަދިގެ ފެނުމުން ކެންޒާ އައީ ބަދިގެއަށެވެ. އެތަނުގައި މީހަކު ނެތުމުން ހައިރާންވިއެވެ. ލައިގެން ހުރި ހަރުވާޅުގެ ޖީބުން ނެގި ތަޅުދަނޑިފަތިން އޭނާ އައިސް ކައިފްގެ ކޮޓަރި ހުޅުވިއެވެ. ތަންމަތީގައި ކައިފްއަށް ނިދިފައި އޮތްއިރު އެނދުގައި އަތްއަޅުވާލައިގެން އިން މަންމައަށް ވެސް އިނީ ނިދިފައެވެ. ކޮޓަރިތެރޭގައި ހުރި ބާލިދީ ފެނުމުން ކެންޒާ ސުވާލު އުފެދުނެވެ. ކައިފްއަށް ކަމެއްވީބާއޭ އޭނާ ހިތަށް އެރިއެވެ. އެކަމަކު މަންމައަށް ގޮވާލާކަށް ނުކެރުނެވެ. ނިދި ހަލާކުވެދާނެތީއެވެ. ކައިފް އޮތީ ބިއްދޮށަށް އެނބުރިއެވެ.

މަންމައަށް ގޮވުމުގެ ޚިޔާލު ދޫކޮށްލުމަށްފަހު ކެންޒާ ބަދިގެއަށް އައިސް ސައިތައްޔާރުކުރަން ފެށިއެވެ. ކައިފްއަށް ބޭނުންވާނޭ އެއްޗެހި އޭނާއަށް އެނގެއެވެ. ކަސްރަތުކުރަން ފެށިފަހުން ކެންޒާ ވެސް ޢާއްމު ކެއުމަށް ބަދަލު ގެނެސްފައި ވެއެވެ. ހަތަރު އިރަށް ބަހާލައިގެން ވަކި ދުވަސްތަކަށް ވަކި ބާވަތްތައް ތާވަލުކޮށްގެން އޭނާ ޞިއްޙަތައް ފައިދާ ހުރި ކާނާ ކެއުމުގެ އާދަ ހިފަހައްޓަން ގަސްދުކުރީ މުސްތަޤުބަލަށް ވިސްނާފައެވެ. ހަށިގަނޑު އާދަޔާ ޚިލާފަށް ފަލަވުމުގެ ސަބަބުން ދުވަހީ ދިރިއުޅުމުގައި ވެސް ގިނަ ހުރަސްތަކަކާ ކުރިމަތިލާން ޖެހޭކަން ކެންޒާއަށް އެނގެއެވެ. އޭގެ އިތުރުން ހިތުގެ ބައްޔާއި ހަކުރުބަލި ފަދަ އެތައް ބޮޑެތި ބަލިތަކަށް ފުރުޞަތު ދެވެނީކަން އޭނާއަށް އެނގެއެވެ. ކެންޒާގެ މަޤުޞަދަކީ، ލޫޅާފަތި ހަށިގަނޑަކަށްވުރެ ދުޅަހެޔޮ ޞިއްޙަތެއް ހޯދުމެވެ. އޭނާ ފަލަކަމުން ލައިތުއަށް އޭނާ ހުތުރުވެގެން ނޫޅެއެވެ. ލޯބިވާ ގޮތް ތަފާތެއްނޫނެވެ. އެހެންނަމަވެސް ކެންޒާގެ ހުވަފެނަކަށްވާތީ އެ ހުވަފެން ސިދާކޮށްދިނުމަށް ޓަކައި ލައިތު އޭނާއަށް ފުރިހަމައަށް އެއްބާރުލުން ދެއެވެ. އޭނާގެ ހިތްވަރުން ކެންޒާއަށް ސާބިތުކަން ލިބެއެވެ. ކައިވެންޏަކާ ހަމައަށް ދެވިއްޖެނަމަ، ވަލީމާ ބާއްވާނޭ ގޮތާއި އެ ޙަފުލާގައި އޭނާ ހުންނާނޭ ގޮތުގެ ޚިޔާލަކީ، ފުރާވަރުންސުރެ ކެންޒާގެ ހިތުގައި ރޭވިފައި އޮތް ޚިޔާލެކެވެ. ވަރަށް ލޯބިވާ މީހަކާނޫނީ ކައިވެންޏެއް ނުކުރާނަމޭ ކެންޒާ އަމިއްލަ ނަފްސަށް އަބަދުވެސް ބުނެއެވެ. އެދުވަސް ދުރަކުނެތޭ ކެންޒާއަށް މިހާރު ހީވެއެވެ. ޔަގީނުން ވެސް ހަޔާތުގެ ދާއިމީ ބައިވެރިޔާއަށް ވާނޭ ފަރާތް އޭނާ ވަނީ ކަނޑައަޅާފައެވެ.

މަސައްކަތްތައް ނިންމާލެވުމާއެކު ޚިޔާލުތަކުގެ ލޯގަނޑުވެސް ފުސްވެއްޖެއެވެ. މަންމަ ތެދުވެ ކުރަން އެއްވެސް މަސައްކަތެއް ކެންޒާ ނުބެހެއްޓިއެވެ. ގޭތެރޭގައި ކެންޒާއަށް ކުރަން ނޭނގޭ އެއްވެސް މަސައްކަތެއް ނޯވެއެވެ. އޭނާ ހުންނަގޮތަށް ބަލާ ގޮތްނިންމާ މީހާއަށް އޭނާގެ މުރާލިކަމެއް ނޭނގޭނެއެވެ. ސައިޖޯޑު ދޮވެލައި އެ ހުންނަން ޖެހޭ ތަނުގައި ބަހައްޓާފައި ކެންޒާ ބަދިގެއިން ނުކުތެވެ. ރަނގަޅަށް ދޮރު ލައްޕާލައި އޭނާ އައީ ކޮޓަރިއަށެވެ. ގަޑިންވީއިރެއް ބަލާލަން ހަނދާންވީ ދެނެވެ. ވަރަށް އަވަސްކޮށްގެން ނޫނީ އޭނާ ބަލާ ނަސީމު އަންނަންވާއިރަށް ނުނިކުމެވޭނެއެވެ.

ދޮރޯށިން ނުކުތްއިރު ކުރިމަތީ ޕާކުކޮށްފައި އޮތް ކާރު ފެނުމުން ކެންޒާއަށް ލިބުނީ ސިހުމެކެވެ. އަވަހަށް ދޮރޯށި ލައްޕާލުމާއެކު ހަލުވިކޮށް އައިސް ކާރުގެ ކުރީ ދޮރުފަތުގެ ބިއްލޫރިގަނޑުގައި ޓަކިދީފިއެވެ. ނިކަން ހިނިއައިސްފައި ހުރެއެވެ.

"ގުޑްމޯނިންގ..." ތިރިކޮށްލި ބިއްލޫރިގަނޑުން ކާރުގައި އިން ލައިތު ފެނުނެވެ.

"ގުޑްމޯނިންގ، ހާދަ ހެނދުނަކާ... ކޮބާ ނަސީމު؟." ލައިތު އިޝާރާތްކުރުމުން ކެންޒާ އައިސް ކާރަށް އަރައި ވާހަކަދައްކަން ފެށިއެވެ. ފަހަތަށް ޖަހާލައި ލައިތު ކާރު ދުއްވާލީއެވެ.

"ފުރާތީ، މިއަދުގެ މެކްސިމަމް އަހަރެންގެ ޕެންޑާއާއެކު ހޭދަކުރާހިތުން މިއައީ." ލައިތު ހަޤީޤަތް ހާމަކުރިއެވެ.

* * * * *

ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ސޫރައަށް ލައިރާ ބަލާލިއެވެ. ކަޅުކުލައިގެ މެކްސީއެކެވެ. ޢާއްމުކޮށް އަޅަން ގެންގުޅޭ އަވިއައިނަށްވުރެ ލޯބޮޑު އައިނެއް ބޮލުގައި ބައިންދާލާފައި އިނެވެ. އިސްތަށިގަނޑު ނިއުޅާލާފައި ކޮނޑުގެ ދެފަރާތުން ކުރިމައްޗަށް ގެނެސްފައެވެ. ބޯމަތީ ބައިންދާލާފައި އިން އައިނު ތިރިކޮށްލައި މޫނަށް ހެޔޮވަރުކޮށްލިއެވެ. ފޮރުވޭނޭ އެންމެ ބޮޑަކަށް މޫނު އެހުރީ ފޮރުވިފައިކަން ލައިރާއަށް އެނގުނެވެ. ދެން އެހުރިގޮތަށް އޭނާ ކޮޓަރިން ނުކުމެއްޖެއެވެ.

ޢާއިލާ ކޯޓަށް ޙާޟިރުވުމަށް އެންގިފައި އޮތް ވަގުތަށް ލައިރާ އައެވެ. އޭނާއާއެކު ހުރީ ސަރަފީނާއެވެ. ކޯޓުގެ އިދާރާއިން އެ ދެ ޒުވާނުންނަށް ގޮވާލެވެންދެން ޒުބިން ހުރީ ދުރުގައެވެ. އޭނާއާމެދު ސަރަފީނާ ހިތްހަމަނުޖެހޭނޭވަރު އެނގޭތީއެވެ.

"ލައި، ބައްޕަ ގާތު ބުނަންތަ މިނޫން ގޮތަކަށް ނިންމޭތޯ ބަލަން." ސަރަފީނާއަށް ކެތްނުވެގެން ބުނެވުނެވެ. މިއަދު އެކަނިވެސް ދަރިފުޅު ގާތު އޭނާއަށް ކިތަންމެ ފަހަރަކު އެހެން ބުނެވިއްޖެއެވެ. ހައްތަހާ ވެސް ލައިރާގެ ނިންމުން ބަދަލުވޭތޯއެވެ.

"އެއްވެސް ނުފޫޒެއްގެ އަސަރެއް ދެނެއް ނުކުރާނެ. ކޯޓާހަމައަށް މިއައީ ވަރިކުރާކަށްނޫނޭ މަންމާ، މިއައީ އެ ވަރި ސާބިތުކޮށް، މިކަން ނިންމާލަން، ކޯޓަށް އަންގަންޖެހޭ ކަމެއްވީމަ." ލައިރާ ހާމަކުރީ ސަރަފީނާއަށް އެނގިފައި ނެތް މަޢުލޫމާތެވެ. ލިބުނު ސިހުން ފޮރުވާލުމަށް އޭނާއަށް ހިންދިރުވާލެވުނެވެ. އެސްފިޔަތަޅުވާލުމާއެކު ފުންނޭވާއެއްލިއެވެ. އެތަނުގެ ގޮނޑިތަކުގައި ތިބި މީހުންނަށް އަވަސް ގޮތަކަށް ބަލާލެވުނެވެ.

"ކޮންއިރަކު؟..." ލައިރާއާ ގާތްވެލައި ސިއްރުން ސަރަފީނާ އަހާލިއެވެ.

"މި ފޯމުލާން ޒުބިން ނިންމާފަ، ހުރިހާ އެއްޗެއް ހިފައިގެން އޭނާ ގެއިން ނުކުތީ އެހެންވެ..." އެއްވެސް މީހެއްކައިރީ ނުބުނެ އޮތް ސިއްރު ލައިރާ ހާމަކުރިއެވެ. އޭނާ ހިތުގައި ޖެހިގެން އެވަރަށް ރުއީ އެހެންވެއެވެ. ޒުބިންގެ ދުލުން ވަރީގެ ލަފުޒުތައް އިވުމުން އެހިތް ކުދިކުދިވީއެވެ. އެކަކު ގާތުގައި ވެސް އެވަގުތު އެހެން ބުނަން ނުކެރުނީއެވެ.

ޒުބިންއާއި ލައިރާގެ ނަން ގޮވާލެވުނެވެ. އެމީހުން އެތެރެއަށް ވަދެގެން ދިއުމުން ގޮނޑިބަރީގައި ސަރަފީނާ މަޑުކޮށްލައިގެން އިނީއެވެ. އަދިވެސް ލައިރާ ދެއްކި ވާހަކަ ޤަބޫލުނުކުރެވިފައި އިން ކަހަލައެވެ. އެ ޚިޔާލުގެ އޮއެވަރުގައި ބެހިފައި އޭނާވީ ކިހާއިރަކުކަމެއް ނޭނގެއެވެ. ހަމަވިސްނުމަށް އާދެވުނީ ގާތުގައި ހުއްޓުނު ދަރިފުޅު ގޮވާލި އަޑުންނެވެ.

"ނިމިއްޖެ... ގެއަށް ދާންވީ..." ލައިރާ ބުންޏެވެ. ފަރުވާތެރިކަމާއެކު ދަރިފުޅުގެ މޫނަށް ސަރަފީނާ ބަލާލިއެވެ. ކަރުނައިގެ އަސަރެއް އެކުއްޖާގެ ދެ ލޮލުން ސަރަފީނާއަކަށް ނުފެނެއެވެ. ދޭހަކުރަން އުނދަގޫ ހިމޭންކަމެއް ލައިރާ ވަށާލާފައިވާ ކަހަލައެވެ. ސަރަފީނާ ތެދުވުމުން ލައިރާ ކުރިއަށް ހިނގައިގަތެވެ. އެމީހުންގެ ކުރިން ނުކުންނަން ނުކެރިފައި ޒުބިން މަޑުކޮށްގެން ހުރީއެވެ. އެހެންނަމަވެސް ލޮލަށް އޮބާލުމުގެ ކުރިން ލައިރާ ފަސްއެނބުރި ޒުބިންއަށް ބަލާލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވި ހިނދު ލުއި ހިނިތުންވުމެއް ލައިރާ ބަދަލުކޮށްލިއެވެ. އެ ހިނިތުންވުމަށް ޖަވާބު ދޭނޭ ގޮތެއް ޒުބިންގެ ވިސްނުމަކަށް ނައެވެ.

* * * * *

ހީތްރޯ އެއާޕޯޓުން ޓެކްސީއަކަށް ލައިތު އެރިއެވެ. އޭނާއަށް ލިބިފައި އޮތް އެޑްރެސް ޑްރައިވަރަށް ކިޔާދިނެވެ. ލަންޑަނަކީ އޭނާގެ ދެވަނަ ވަޒަނެވެ. ރާއްޖެއަށްވުރެ ގިނަދުވަހު އޭނާ ދިރިއުޅުނުތަނެވެ. އޭނާ އަންނަން ބޭނުންވި އެޑްރެހަކީ މީހުންގެ ހޭލަމޭލަވުން ގިނަ ސަރަޙައްދެއްކަމާއި ދާން އޮތް ހައިވޭގައި ރޭގަނޑުގެ އެ ގަޑީގެ ސަބަބުން ދުއްވާ އެއްޗެހީގެ ކާރުބާރު ބޮޑުވާނޭކަން ޑްރައިވަރު ބުނެދިނެވެ. އޭނާ ދިން މަޢުލޫމާތުތަކަކީ ލައިތަށް އާ މަޢުލޫމާތެއް ނޫނެވެ.

ހިރާ ރާއްޖެ އަންނަން ބޭނުންނުވެގެން މަޑުކުރީ ލަންޑަނުގައެވެ. އޭނާއާއެކު ދަތުރުގައި ބައިވެރިވި ސުހާނާއާއެކުއެވެ. ޝާނީއަކީ ލަންޑަނުގައި އުޅޭ ސުހާނާގެ ދައްތައެވެ. ފޫޅުމައިކަން ކިޔަވަމުން ދާއިރު، އޭނާއަކީ އެތަނުގައި ރެޖިސްޓާޑް ނަރުހެކެވެ. ސުހާނާގެ އެދުމަށް ހިރާއާއެކު އެމީހުން ތިބެނީ ޝާނީ އުޅެމުން އަންނަ ދެކޮޓަރީގެ ފްލެޓުގައެވެ. އެތަނަކީ ޝާނީ އިންނަން އުޅޭ ޒުވާނާކަމަށްވާ ޑަކްޓަރ ޗާލީ ހިފާފައި ހުރި ތަނެވެ. އަވަސް މުސްތަޤުބަލެއްގައި ޒަވާޖީ ހަޔާތެއް ފަށަށް އެދެމީހުން ނިންމާފައިވާތީ، އެ ތަނަކީ މުސްތަޤުބަލުގައި އެ ދެމީހުން އެކުގައި ދިރިއުޅޭނޭ ގެއެވެ. އެތަނުގެ ސަޤާފަތުގެ ތެރެއިން ބުނާނަމަ ޗާލީއަކީ ޝާނީގެ ފިއޯންސޭއެވެ. އެ ދެމީހުން ހަފްތާއެއް ކުރިން ވަނީ އެންގޭޖުވެފައެވެ. ވަކިމުއްދަތެއްނެތި ހިރާ ހުންނަހެން ހީވާތީ އެކަމާ ޝާނީ ހުރީ ސުވާލު އުފެދިފައެވެ. އޭނާ ވަރަށް އަވަހަށް ދާނޭކަމުގައި ޝާނީއަށް ޚަބަރު ލިބުނީ އެކަމާމެދު ހިސާބަކަށް ހިތްހަމަނުޖެހިފައި ހުއްޓައެވެ. އޭނާގެ ކައިވެންޏަށް ރާއްޖޭގައި ތިބި މައިންބަފައިން އަންނައިރު އެމީހުން ވެސް އައިސް ތިބޭނެ ތަނަކީ އެ އެޕާޓްމެންޓެވެ. ޝާނީ އިތުބާރުކުރީ އަމިއްލަ ކޮއްކޮއަށެވެ. ހިރާއަކީ އޭނާއަށް ބީރައްޓެއްސެއްވީމައެވެ.

ޝާނީ ޑިއުޓީ ނިންމާފައި އައި ގަޑިއެވެ. ފްލެޓަށް ވަނުމަށް އުޅުނުވަގުތު ދޮރުމަތީ މަޑުކޮށްލައިގެން ހުރި ޒުވާނާ ޝާނީއަށް ފެނުނެވެ. އޭނާ އެ ފްލެޓަށް ވަންނަން ބޭނުންވެފައި ހުރިހެން ހީވި ނަމަވެސް އަނގައިން ބުނަން ނުކެރުނީ ނުދަންނަ މީހެއްވީމައެވެ. އެހިސާބުން ވެސް އޭނާއަށް ފެނުނު ޒުވާނެއްނޫނެވެ. ޝާނީ ވަން ދޮރު ނުލެއްޕެނީސް އެ ދޮރުން އޭނާ ވަނެވެ. އިމާރާތުގެ އެލެވޭޓާއަށް އެރުނީ ދެމީހުން އެކީގައެވެ. އޭނާގެ ބުރަކަށީގައި އޮތް ބެކްޕެކް ނޫން އިތުރު އެއްޗެއް ނެތެވެ. ޝާނީއަށް ސިއްރުން އެ ޒުވާނާއަށް ބެލުނެއްކަމަކު އޭނާ އެއްފަހަރު ވެސް ޝާނީއަށް ބަލާނުލައެވެ. އެލެވޭޓާގެ ތެރެއިން ފެންނަން ހުރި ފަންގިފިލާތަކުގެ ނަންބަރުތައް އަރާފައިބާ ބޯޑަށް އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވާ ކަހަލައެވެ. ޝާނީ ދާން ބޭނުންވާ ފަންގިފިލާގެ ނަންބަރަށް އޮބާލުމުން އެތަނަށް އެ ޒުވާނާ އެއްފަހަރު ބަލާލިއެވެ. އެލެވޭޓާ ހުއްޓި ދޮރު ހުޅުވުމުން އޭނާ އެއްފަރާތަށް ޖެހިލިގޮތް ޝާނީއަށް ފާހަގަވިއެވެ. ކުރިން ނުކުތުމަށް ޝާނީއަށް އޭނާ ފުރުޞަތު ދިނީއެވެ. ޝާނީ ހަލުވިކޮށް ނުކުމެ އޭނާގެ އެޕާޓްމެންޓާ ދިމާއަށް އައެވެ. އޭނާ ހާސްވީ އެލެވޭޓާ ތެރެއިން ނުކުތް ޒުވާނާ ވެސް އޭނާގެ ފަހަތުން އަންނާތީއެވެ. އެބައިގަ ހުރި ހަމައެކަނި އެޕާޓްމެންޓަކީ ޝާނީ އުޅޭ އެޕާޓްމެންޓެވެ. ލައިތުގެ ބުރަކަށިން ދަބަސް ނެގުމުން ޝާނީ ހިތްބިރުގަތެވެ. ދުވެފައި އައިސް ދޮރުކައިރީ މަޑުކޮށް އަތްދަބަހުން ތަޅުދަނޑި ނެގިއެވެ. ހިތްއަވަސްވެފައި ހުރުމުން ރަނގަޅު ތަޅުދަނޑި ވަކިކުރަން އުނދަގޫވިއެވެ. އޭނާގެ ފަހަތުގައި އެ ޒުވާނާ އައިސް ހުއްޓެންވީއިރަކަށް އޭނާއަށް ދޮރެއް ނުހުޅުވުނެވެ. ވަގުތުން ދެއަތް މައްޗަށް ހިއްލާލުމާއެކު އަތުގައި ފައިސާއެއް ނެތޭ ޝާނީ ބުނެލީ އިނގިރޭސި ބަހުންނެވެ. އޭނާ ލަންޑަނަށް ބަދަލުވީއްސުރެ، މިއަދާ ހަމައަށް މީހަކު އެގޮތަށް ފަހަތުން އަޅުވާލާފައެއް ނުވެއެވެ.

"ސޮރީ..." ޝާނީގެ ހަރަކާތްތައް ފެނި ހައިރާންވެގެން އެ ޒުވާނާ ބުންޏެވެ. ދެން އޭނާގެ ފޯނުގައި އޮތް އެޑްރެސް ޝާނީއަށް ދެއްކުމަށްފަހު އޭނާއަށް ކިޔަނީ ލައިތުކަން ބުންޏެވެ. އަދި ހިރާ ހޯދުމަށް އައީކަން ބުންޏެވެ.

"ދިވެއްސެއް ދޯ." ޝާނީގެ މޭޖެހުން ފިލާ އޭނާ ހަމައަކަށް އެޅުނެވެ. ލައިތުގެ ފޯނުން އޭނާ ދެއްކި ހިރާގެ ފޯޓޯއިން ވެސް ޝާނީއަށް ކަންކަން ފަހުމްވެއްޖެއެވެ.

"ލައިތު އަންނާނޭ އެމީހުން ނުބުނޭ... އެކަމަކު އެމީހުންގެ ވާހަކަތަކުން ލައިތުގެ ނަން އަހަރެން އަޑުއެހިން." ޝާނީ އެޕާޓްމެންޓުގެ ދޮރު ހުޅުވައި އެތެރެއަށް ވަދެ ލައިތު ވަނުމަށް ތަންދެއްކިއެވެ. އޭނާ ވަނުމުން ދޮރު ލައްޕާލާފައި ފެންޑާގައި ހުރި ގޮނޑިތައް ލައިތަށް ދައްކާލިއެވެ.

"ގޭގަ ނެތީތަ؟." ލައިތު އަހާލިއެވެ.

"އާން... ތީ ބޯއިފްރެންޑްތަ؟... އޯ ބްރަދާތަ؟." ހިރާއާ ގުޅިގެން މަޢުލޫމާތެއް ދިނުމުގެ ކުރިން ޝާނީ އޮޅުންފިލުވަން ބޭނުންވިއެވެ. ހިރާއާއި ސުހާނާ ޢާއްމުކޮށް ރޭގަނޑު ބޭރަށް ދިއުމަކީ އާދައެކެވެ. އެއީ ޒުވާންކުދީންނެވެ. ޝާނީގެ ކޮއްކޮއަށް ވިޔަސް އޭނާ އެމީހުންގެ މިނިވަންކަމަށް ހުރަސް އަޅާކަށް ބޭނުމެއްނޫނެވެ. އެމީހަކު އުޅޭނޭ ގޮތެއް އެނގޭނީ އެމީހަކަށް ކަމަށް ޝާނީ ޤަބޫލުކުރެއެވެ.

"ތެދަށް ބުނަންޏާ ތިއިން އެކަކެއް ވެސް ނޫން. އަހަރެން ހިރާއާ ބައްދަލުކުރަން މިއައީ ވަރަށް މުހިންމު ކަމަކު، އޭނާ ހުރިތަނެއް ބުނެވިދާނެތަ؟. އޭނާގެ ހާލު ރަނގަޅުތަ؟." ލައިތުގެ ސުވާލުތަކުން ޝާނީ ހައިރާންވިއެވެ.

"ލުކް، އަހަންނަށް އެނގޭ ތި ދެމީހުންނަށް އެކަކުއަނެކަކު އެނގޭކަން، އެކަމަކު ހިރާ ކީއްވެހޭ އަހަރެން ގާތު މީހަކު އަންނާނޭ ނުބުނީ... ސުހާނާ ވެސް ނުބުނޭ... ލައިތު އަންނަން ހަމަޖެހިފަ އޮތްނަމަ އޭނާ އަހަރެން ކައިރީ ނުބުނި ނަމަވެސް ސުހާނާ ގާތު ބުނާނެ." ޝާނީ ފެންތަށްޓެއް ގެނެސް ލައިތުއަށް ދިއްކޮށްލިއެވެ. ޝުކުރު އަދާކޮށް ފެންފޮދެއް ބޯލުމަށްފަހު ކުރިމަތީ ހުރި ކޮފީ މޭޒުމަތީ ލައިތު ތަށި ބެހެއްޓިއެވެ.

"އަހަރެން ހިރާ ގާތު އަންނާނަމޭ ބުނީ އަންނަ ހަފްތާގައި، އޭގެ ހަތަރު ދުވަސްކުރިއަށް ލާފައި އަހަރެން މިއައީ ލަސްކުރެވެން ނެތީމަ. އަވަސްކުރިކަން ހިރާ ގާތު ނުބުނީ އަހަރެންގެ އަމިއްލަ ބޭނުމެއް އޮތީމަ. އަހަރެމެންގެ ދެމެދުގައި އޮތް ޕާސަނަލް މެޓާއެއް ހައްލުކުރުމަށް މިއައީ. އައި ސީ... ޔޫ އާ އަ ނާސް..." ޝާނީ ލައިގެން ހުރި ޔުނީފޯމަށް ސަމާލުކަން ލައިތަށް ދެވުނެވެ.

"ހިރާގެ ހާލު ރަނގަޅުތަ؟. އޭނާ ގޮވައިގެން ޑަކްޓަރަށް ދަނީ ކާކު؟." ލައިތު އަހާލިއެވެ.

"ޝީ އިޒް ފައިން، ސުހާނާއާ ދެމީހުންވީ ކްލަބަށް ގޮސް، އަވަހަކަށް ނާންނާނެ." ޝާނީ ބުންޏެވެ.

"ކާކު އޭނާ ގެންދިޔައީ؟." ޤަބޫލުނުކުރެވިގެން ލައިތު އެއްސެވެ.

"މީހަކު ގެންދާވަރުގެ ކުޑަކުއްޖެއްތަ؟، މިކޮޅަށް އައިފަހުން އެއީ އެމީހުންގެ އާދައެއް. ލައިތު ތިހާ ކަންބޮޑުތިވަނީ ކީއްވެތަ؟، އޭނާ ކުލަބަށް ދާކަން ނޭނގި އޮތީ ދޯ." ޝާނީ ބުނެލިއެވެ.

"އަހަރެން ދެއްކި ފޮޓޯއަށް ނުބަލަންތަ؟." ލައިތު ސުވާލުކުރިއެވެ.

"އެއީ ހިރާގެ ފޮޓޯއެއްނު..." ލައިތު ބުނަން ބޭނުންވާ އެއްޗެއް ދޭހަނުވެ ހުރެ ޝާނީ ބުންޏެވެ.

"އޭނާގެ ބަނޑު ނުދެކެންތަ؟. އޭނާ އެހުރީ ކުލަބަށްދާ ފަދަ ހާލަތެއްގައެއްނޫނެއްނު." ލައިތުއަށް ބުނެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.

ހިރާ ބޭނުންވަނީ ދަރިފުޅުގެ ކިބައިން މިންޖުވާންހެން ލައިތަށް ހީވިއެވެ. އެހެންނޫނަމަ އޭނާ ކުލަބަށް ދިއުމުގެ ބޭނުމެއްނޯންނާނޭ ލައިތަށް ވިސްނުނެވެ. ލައިތުގެ މޫނުގެ ކުލަވަރު ބަދަލުވީ ޝާނީ ބާރަށް ހޭންފެށީއެވެ. އެކަމާ ލައިތު ސުވާލުކުރުމުން ވަކިން ބާރަށް އޭނާ ހޭންފެށިއެވެ. ބަނޑުގައި އަތްއަޅައިގެން ގުދުވެ އޮވެ ހީނހީނފައި އޭނާ ތެދުވިއެވެ. ދެން އިނގިލިން އެއްކެއް ދައްކާލުމަށްފަހު މަޑުކުރާށޭ ބުނާހެން އިޝާރާތްކުރިއެވެ. ދެން ދުވެފައި ޝާނީ ވަނީ އެތެރެއަށެވެ. ފޯނަށް ހިރާ ފޮނުވާފައި އިން ފޮޓޯ ލައިތު އަދިވެސް އެއްފަހަރު ބަލާލިއެވެ. ބަނޑުކޮޅު ނުކުމެލާފައި ހުރީ ކިތަންމެ ކުޑަކޮށް ނަމަވެސް އެއީ ބަނޑުބޮޑު އަންހެނެއްގެ ބަނޑުކަން އެނގެއެވެ. އެ ޚިޔާލުގައި އިންދައި ޝާނީ އެނބުރި އަތުވެއްޖެއެވެ. ލައިތު އަޖައިބުވީ ޝާނީ ކުއްލިއަކަށް ބަނޑުބޮޑުވެފައި ހުރިތަން ފެނިފައެވެ. އިންތަނުން ލައިތަށް ތެދުވެވުނެވެ. ފަރިދައްކާލާހެން ދެއަރިއަށް އެނބުރިލައި ބަނޑުގައި ޝާނީ ހިފަހައްޓާލައިގެން ހުރީ ހެވި ދިލިފައެވެ.

"ގެޓުތަ؟." ޝާނީ އަހާލިއެވެ. ލައިތު އަނގައިންނެއް ނުބުންޏެވެ. ޝާނީގެ ބަނޑަށް ބަލާލާފައި އަތުގައި އޮތް ފޯނަށް އޭނާ ބަލާލީއެވެ.

"ތިއައީ ހިރާ ބަނޑުބޮޑުކަމަށް ހީކޮށްތަ؟." ޝާނީ އެއްސެވެ. މިފަހަރު ލައިތު މަޑުމަޑުން ބޯޖަހާލިއެވެ. އެހިނދު ޝާނީ ލައިގެން ހުރި ނަރުސް ލިބާހުގެ ދަށުން ސިލިކޯން ގަޑެއް ނެރުނެވެ. އެ ހުރީ ބަނޑުބޮޑު މީހެއްގެ ބަނޑުހެންނެވެ. ލައިތުގެ ދެބުމަ ކައިރިވެލިއެވެ.

"އަހަރެން މިޑްވައިފް ކޯސް ހަދާތީ، މިކަހަލަ ކިތަންމެ ސާމާނެއް އަހަރެން އަތުގައި ހުންނާނެ، ލައިތު އަތުގައި ތިއޮތް ފޮޓޯއަކީ އަހަރެންގެ ކޮއްކޮ ސުހާނާއާއެކު ހިރާ ނަގާފައި އޮތް ފޮޓޯއެއް، އަހަރެންގެ އަތުން މި ސިލިކޯން ބަނޑު ފެނިގެން އެމީހުން މީތި ހިފައިގެން ފޮޓޯ ނަގަނަގާފައި އުޅުނީ... އިޓްސް އަ ފޭކް ޕްރެގްނެންސީ ބެލީ، އައި އޭމް ސޮރީ... އަހަންނަކަށް ނޭނގެ ތި ދެމީހުންގެ މައްސަލައަކީ ކޮބާކަމެއް، ބަޓް ޝީ އިޒް ނޮޓް ޕްރެގްނެންޓް..." ޝާނީ ބުނެލިއެވެ.

"ޔަގީންތަ ހިރާ ބަނޑުބޮޑުނޫންކަން." ލައިތު އަހާލިއެވެ.

"މިވަރުގެ ބަނޑެއް ހުންނައިރު ބަނޑުބޮޑުކަން ނޭނގިއެއް ނުހުންނާނެ، އަހަރެން މެޑިކަލް ދާއިރާގައި މަސައްކަތްކުރާއިރު، ގަސްދުގައި ބަނޑުބޮޑު މީހަކު ނައިޓުކުލަބުގެ އެ މާޙައުލުގެ ތެރެއަށް ފޮނުވާނެތަ؟، ހިރާ ބަނޑަށް ތަދުވާތީ އުޅުނު، އަހަރެން ސުވާލުކުރީމަ ސުހާނާ ބުނީ އޭނާ ޕީރިއަޑްވެގެން އުޅެނީކަމަށް. އެ ދެމީހުން އެކަކުއަނެކަކުލާ ޖަންގިޔަލަށް ދަންދެން އެނގޭނެ، ސުހާނާއަކީ އަނގަގަދަ ކުއްޖެއް، އޭނާގެ ފަރާތުން އެނގުނީ މިދިޔަ މަހު ވެސް، މި މަހު ވެސް ހިރާ ޕީރިއަޑްވިކަން." ޝާނީއަށް ޔަގީންވާވަރު ކިޔާދިނެވެ.

"ކޮން ކުލަބަކަށް ދިޔައީ؟." ލައިތު އެއްސެވެ.

"ނޭނގެ... އަހަރެން އެކަހަލަ ސުވާލެއް އެމީހުންނާ ނުކުރަން." ޝާނީ ބުންޏެވެ.

"ޕްލީޒް... އޮޅުންފިލުވާލެވިދާނެތަ؟. އެކަމަކު އަހަރެން ބޭނުންވެގެންކަން ނުބުނައްޗޭ." ލައިތު އެދުނެވެ. އިރުކޮޅަކު ލައިތަށް ބަލަން ހުރެފައި ޝާނީ ބުނީ މަޑުކޮށްލުމަށެވެ. އެއްފަރާތުގައި ހުރި ހިމަ މޭޒުގެ މަތީ ބެހެއްޓި އަތްދަބަސް ތެރެއިން ފޯނު ނަގައިން ޝާނީ އައެވެ. ފޯނުން އެކުރާކަމެއް ކުރުމުގައި ވަގުތުކޮޅެއް ހޭދަވިއެވެ. ދެން ނިކަން ހަލުވިކޮށް ލައިތުގެ ގާތަށް އައިސް ފޯނު ދައްކާލިއެވެ. ސުހާނާ ފޮނުވި ސްނެޕް ލައިތު ދުށްޓެވެ. ޝާނީއަށް ނަޒަރު ހުއްޓާލައި ލައިތު ބޯޖަހާލިއެވެ.

"ތޭންކްސް... ހިރާ ކައިރީ އަހަރެން އައިކަން ބުނާނެކަމެއްނެތް." ލައިތު ބުންޏެވެ.

"އެކަމަކު އޭރުން..."

"އަހަރެން އައީ ބަނޑުބޮޑު އަންހެނެއް ހޯދަން، މިތާކު ބަނޑުބޮޑު އަންހެނެއްނެތެއްނު." ލައިތު ބުންޏެވެ. އޭނާއަށް ވީގޮތް ޝާނީއަށް ވިސްނުނެވެ. ހިތަށް ނޭރީ ހިރާ އެވަރުގެ ދޮގެއް މީހެއް ކައިރީ ހަދާފާނޭކަމެވެ.

ޝާނީ އުޅޭ ފްލެޓުން ލައިތު ނުކުތް ގޮތަށް ރާއްޖޭއަށް އެނބުރި ދިއުމަށް ޓިކެޓު ހަމަޖެއްސިއެވެ. އަދި މުޅި ރޭ އޭނާ ގޮވައިގެން އުޅޭނޭ ޑްރައިވަރެއް ހަމަޖެއްސިއެވެ. ކާރު އައުމުން ޑްރައިވަރު ގާތު ހިރާ ގޮސްވީ ކުލަބަށް ދިއުމަށް އެތަނުގެ ނަން ބުންޏެވެ.

އަޑުފަށްގަނޑު ގަދަކަމުން ދެކަންފަތް ބައްވާހާވެއެވެ. މީހުންގަނޑުގެ ތެރެއިން މީހަކު ހޯދާނީ ކިހިނެއް ހެއްޔެވެ. ލޭޒާ އަލިތަކާއި ނިވިދިއްލެމުންދާ ތަފާތު ކުލަތަކުގެ ތެރެއިން އަންހެނެއް ފިރިހެނެއް ވަކިކުރަން ވެސް އުނދަގުލެވެ. އަނދިރިވާ ވަގުތު ތަނެއްދޮރެއް ވަކިނުވާވަރަށް އަނދިރިވެއެވެ. ނެށުމަށްވުރެ ބޮޑަށް އެތަނުގައި މީހުންގަނޑު ތެޅިފޮޅެނީއެވެ. އިސްޓޭޖުގައި ހުރި ޑީޖޭ ބަނދިވަރެއް ގޮވާލައިފިނަމަ މީހުންގަނޑު ލަވާ ހަޅޭކުގެ އަޑު ވަކިން ގަދަވެއެވެ. އެއްފަރާތުގައި ހުރި ތަފާތު ބުއިންތައް ހަދައިދޭ މޭޒުގެ ދޮށަށް ލައިތުގެ ނަޒަރު ދަތުރުކޮށްލިއެވެ. ސްޓޫލެއްގައި އިށީނދެ އިން އަންހެންކުއްޖާ ފެނުނީ ފުރަގަހުން ނަމަވެސް ލައިތަށް އެއީ ހިރާކަން އެނގިއްޖެއެވެ. ކަޅުކުލައިގެ ވިދާ ފޮތީގެ ކުރު ހެދުން ކޮޅުގައި އޭނާގެ ހަށިގަނޑުގެ ފާޅުކަން ބޮޑެވެ. ހީނހީނފައި މަލައްވަކުރުމުގައި ކުރިމަތީ ސްޓޫލުގައި އިން ޒުވާނާއާ ބައިވެރިވަމުންދިޔައެވެ. ލައިތުގެ ފޯނު އަތަށް ހެޔޮވަރު ކޮށްލީ އެވަގުތެވެ. ކުލަބުގެ މަތީ ފަންގިފިލާއަށް އެރީ އެތަނުގައި ހުރެ ކުލަބުގެ ތިރީގައި ހިނގާ ކަންކަން ބަލާލެވޭގޮތަށް ހުރީމައެވެ. ފޯނުގެ ކެމެރާ ސެޓުކޮށްލީ ހިރާއާއި އެ ޒުވާނާ އެކުގައި އަރާނޭ ހެންނެވެ. އޭނާ ފޯނުގައި އެމީހުންގެ ދެތިން ފޮޓޯ ރައްކާކުރިއެވެ. އަދި ކުރު ވީޑިއޯކޮޅެއް ވެސް ރިކޯޑުކޮށްފިއެވެ. އޭގެ ބޭނުމަކީ ހިރާއާއި އެ ޒުވާނާ ތުންގުޅާލި މަންޒަރު ނެގުމެވެ. އަދި ހިރާގެ ގައިގާ އޮޅުލައިގަނެގެން ކަހަލަ ގޮތަކަށް ދެ މީހުން ގޮސް މީހުންގަނޑުގެ ތެރެއަށް ވަން ގޮތް ވެސް ނަގާށެވެ. އަމިއްލަ މަސްތީ ދުނިޔެއެއްގައި މީހުންގަނޑު ވަޖިދުވަމުން ދާއިރު ލައިތުއަށް އެކަކު ވެސް ސަމާލުކަމެއް ނުދިނެވެ. އޭނާ މީހުންގަނޑުގެ ތެރެއިން ތަންހަދަމުން ވަން ދޮރުން ނުކުތީއެވެ.

(ނުނިމޭ)