ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އިލްތިމާސް: 5 މީހުނަށްވުރެ ގިނައިން ކައިރިނުވޭ

އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރުމަށާއި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

ހެންވޭރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ބޮޑު ދުވަސްވަރެއް ކަމަށާ ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ބަަޔަކު އުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ވައިރަސް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ކަމަށާ އެހެން ކަމުން އެކަންކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ ވަރަށް ބޮޑު ޕެންޑަމިކެއް. ކޮރޯނާ ވައިރަސްގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވާނީ، ފެތުރުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކަށްވަނީ އެންމެން އެއްތަނަކަށް އެއްވެ، ގައިގޯޅިވެ އުޅުން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެޗްޕީއޭގެ އެ އެންގުމާއި ހިލާފަށް އަމަލުކުރާ ފަރާތްތައް އެބަ އުޅޭ. އަޅުގަނޑު މި ދެންނެވީ ކޮންމެހެން މި ކަމަކާ [އަލިފާނުގެ ހާދިސާ] އާއި ގުޅިގެނެއް ނޫން،" އިދިކޮޅުން އިއްޔެ ހަވީރު ބޭއްވި ސައިކަލް ބުރާއި އިހުތިޖާޖަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިއްޔެ އިދިކޮޅުން ބޭއްވި ސައިކަލް ބުރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ސައިކަލް ބުރުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

"ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި އެކަހަލަ ކަމެއް ހިނގައްޖެ. އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން ނިކުމެ ވަޑައިގެން މާސްކު ވެސް ނާޅުއްވާ ރައްޔިތުންގެ އެތައް ބަޔަކު އެއްތަނަކަށް އެއްކޮށް މިފަދަ އަމަލުތައް އަމަލުތަކެއް ހިންގައިފި. މިޔަކީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެ ކަމެއް ނޫން. އެއީ ވަރަށް ހިތާމަވެރި ކަމެއް،" ގިނަ އަދަދެއްގެ ނޫސްވެރިންނާއެކު ސަލްމާން މިސްކިތް ކަންމަތީ ހުންނަވާ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި މުޒަހާރަ ކުރެވޭނެ ކަމަށާ އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. ނަމަވެސް މި ހާލަތުގައި ގާނޫނާއި ހިލާފަށް އެއްވެސް ބަޔަކަށް އަމަލު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތައް މުގުރާލާފައި އެއްވެސް ފަރާތަކަށް އަމަލު ކުރުމުގެ ފުރުސަތެއް ނުދޭނަން. އެކަމާއި ގުޅިގެން ސަރުކާރުން، ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އިނގޭތޯ،" ރައީސް ވިދާޅުވި އެވެ

ރައީސް ރޭ ވަނީ އަލުން ފުލް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ މާލެ ސިޓީ އަލުން ފުލް ލޮކްޑައުންއަކަށް ގޮސްފިނަމަ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފުލް ލޮކްޑައުން އަކަށް ނުގެންގޮސް ބަލިން ސަލާމަތްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ގައިޑްލައިންތަކަށް ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދީގެން ކަމަށް ވިދާޅުވި އެވެ. އެކަން ނުކުރާނަމަ ހުރިހާ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ނޫންނަމަ އެހިސާބަށް ދާންވެސް ޖެހިދާނެ. ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް އަޅުގަނޑު ޖެހޭނީ ކުރަން،" ރައީސް ވިދާޅުވިއެވެ.