ވާހަކަ

ލޯބިން ބުނެލަން

(29 އޯގަސްޓް އާ ގުޅޭ)

ކުލަބުގެ މަތީ ފަންގިފިލާއަށް އެރީ އެތަނުގައި ހުރެ ކުލަބުގެ ތިރީގައި ހިނގާ ކަންކަން ބަލާލެވޭގޮތަށް ހުރީމައެވެ. ފޯނުގެ ކެމެރާ ސެޓުކޮށްލީ ހިރާއާއި އެ ޒުވާނާ އެކުގައި އަރާނޭ ހެންނެވެ. އޭނާ ފޯނުގައި އެމީހުންގެ ދެތިން ފޮޓޯ ރައްކާކުރިއެވެ. އަދި ކުރު ވީޑިއޯކޮޅެއް ވެސް ރިކޯޑުކޮށްފިއެވެ. އޭގެ ބޭނުމަކީ ހިރާއާއި އެ ޒުވާނާ ތުންގުޅާލި މަންޒަރު ނެގުމެވެ. އަދި ހިރާގެ ގައިގާ އޮޅުލައިގަނެގެން ކަހަލަ ގޮތަކަށް ދެ މީހުން ގޮސް މީހުންގަނޑުގެ ތެރެއަށް ވަން ގޮތް ވެސް ނަގާށެވެ. އަމިއްލަ މަސްތީ ދުނިޔެއެއްގައި މީހުންގަނޑު ވަޖިދުވަމުން ދާއިރު، އެތަނުގައި ލައިތަށް ސަމާލުކަން ދޭނޭ ހަމައެކަކު ވެސް ނެތެވެ. އޭނާ މީހުންގަނޑުގެ ތެރެއިން ތަންހަދަމުން ވަން ދޮރުން ނުކުތީއެވެ.

ކުލަބުން ނުކުމެ ލައިތު ގުޅާލާއިރަށް، އޭނާ ހަމަޖައްސާފައި ހުރި ޑްރައިވަރު އަތުވެއްޖެއެވެ. އެއްދުވަހު ހުރުމަށް ހޮޓެލަކުން ކޮޓަރިއެއް އޭނާ ހަމަޖެއްސީ ޑްރައިވަރު އައުމާ މެދުގައި ހޭދަވީ ވަގުތުކޮޅުގައެވެ. އެއަށްފަހު ކުރިމައްޗަށް މަޑުކުރި ކާރަށް އެރުމާއެކު ޑްރައިވަރަށް ހޮޓެލްގެ މަޢުލޫމާތު ދީފިއެވެ. މަންޒިލަށް ދެވުމާ މެދުގައި ހޭދަވީ ވަގުތުތަކުގައި އެތައް ފަހަރަކު ލައިތުގެ ފޯނުން ނެގި ހިރާގެ ފޮޓޯއާއި ވީޑިއޯ ބެލިއެވެ. ފިނިނޭވާއެއް ދޫކޮށްލައި ސީޓުގައި ބުރަކަށި ޖައްސާލަމުން ލައިތު ލޯމަރާލީ ވަރުބަލިވެފައި އިން މީހަކު ފަދައިންނެވެ. ހިރާއާ މެދު ކަންތައް ކުރާނޭ ގޮތް އޭރު އޭނާގެ ސިކުނޑީގައިވަނީ ރާވައި ނިމިފައެވެ. ދިގު ދަތުރަކަށްފަހު އޭނާ އަދި ތަނެއްގައި މަޑުކޮށްނުލައެވެ. ފްލައިޓުން ދޭ ކާއެއްޗެހި ކެއުމަކީ ލައިތު ކުރާ ކަމެއްނޫނެވެ. އެހެންވެ ހަމައެކަނި ގެނުވި ކޮފީތަށި ބުއި ގޮތަށް އޭނާ އަދި އެ ހުރީ ބަނޑަށެވެ. ހަށިގަނޑަށް ލޮޑުކަން އިޙްސާސްވުމުގެ އިތުރުން ގޮހޮރުގެ ހުސްކަން ވެސް އޭނާއަށް އުނދަގޫ ކުރަން ފަށައިފިއެވެ. ފްލައިޓަށް އެރީއްސުރެ ހިރާގެ ހަޤީޤަތް އެނގެންދެކަށް އޭނާ ހުރީ ހާސްކަމެއްގެ ތެރޭއެވެ. ހިރާ ބަނޑުބޮޑުނަމަ އޭނާ ގަސްދުކޮށްގެން ހުރީ ފުރަތަމަ އެ ކުއްޖަކީ އޭނާގެ ދަރިއެއްތޯ ބެލުމަށެވެ. އެއަށްފަހު ހިރާއަށް ފުރުޞަތުތަކެއް ދިނުމަށެވެ. އެ ފުރުޞަތުތަކުގައި ލައިތުގެ ދިރިއުޅުމުން ކެންޒާ ބޭރުކޮށްލުމެއް ނުވެއެވެ. ހަޔާތަށް ހިރާ ގެންނަން ޖެހުނު ނަމަވެސް އޭނާ ވާނީ ހަމައެކަނި ދަރިފުޅުގެ މަންމައަށެވެ. އޭނާގެ ހަޔާތުގެ ދާއިމީ ބައިވެރިއެއްގެ ގޮތުގައި އަބަދަށް ހުންނާނޭ ފަރާތަކީ ކެންޒާއެވެ. މި ދަތުރަކީ އަމިއްލައަށް ހުރިހާ ކަމެއް ޔަގީންކުރުމަށް ލައިތު ކުރި ދަތުރެވެ. އަމިއްލައަށް ހިރާގެ ވާހަކަތަކުގައި ހުރި ތެދުދޮގު އޮޅުންފިލުވާފައި ނޫނީ ކެންޒާގެ ގާތުގައި އެއްވެސް ވާހަކައެއް ދައްކަން ލައިތު ބޭނުންނުވީއެވެ. ކެންޒާ ލޯބިވާވަރު އެނގޭއިރު އެ އަންހެންކުއްޖާގެ ހިތްހަލާކުވެދާނޭ ކަމުގެ ބިރު ވެސް ލައިތުގެ އެބައޮތެވެ. އަމިއްލަ ނަފްސަށް ޔަގީންނުވާއިރު ކެންޒާއަށް ޔަގީންކަން ދެވޭނީ ކިހިނެއް ހެއްޔެވެ.

* * * * *

ލައިރާ ހުރީ ވަރިކޮށްފައިކަން ސިއްރުކުރީތީ އެކަމުގެ ޝަކުވާ ސަރަފީނާއަށް ކުރެވުނީ ފިރިމީހާގެ ގާތުގައެވެ. ދަރިފުޅު އެކަނި ހުރެ އުމުރު ހުސްކޮށްލާނީތޯ އަސަދުއާ ސަރަފީނާ ސުވާލުކުރިއެވެ. ނޫނީ އަލުން ދަރިފުޅާ އިންނާނޭ ރަނގަޅު ޒުވާނަކު ހޯދައި ކައިވެނީގެ ވާހަކަ ދައްކަންވީ ހެއްޔެވެ.

"ސަރާ!... ގިވް ހާ ސްޕޭސް، ލައިރާ ނުބުނީ ފަހަރެއްގައި ސަރާ ތިހެން ކަންބޮޑުވެގެން އުޅޭނޭކަން އެނގޭތީ ކަމަށް ވެދާނެ، އަހަރެމެން ބޭނުންވިޔަސް އެއީ އެ ދެކުދީންގެ ދިރިއުޅުން، އެއްފަހަރު ވެސް އަހަރެމެންގެ ދަރިފުޅު ނުބުނޭ ޒުބިންއަކީ ގޯސް މީހެކޭ، އޭނާ ލައިރާއަށް ތުރާތަކެއްނުދޭ، ޖެހުނު މައްސަލައެއްވިއްޔާ އެ ދެކުދީންގެ ދެމެދުގައި އެކަމާ އޮންނާނީ ވާހަކަދެއްކިފަ، ލައިރާއަކީ ފުރަތަމަ އަހަރެމެންގެ ދަރިފުޅު، އެއަށްފަހު ޒުބިންގެ އަނބިމީހާ، އެކަން އަހަރެމެން ވެސް ނުވާނެ ހަނދާންނައްތާލައިގެން، ދެމަފިރިންގެ ދެމެދުގައި ހިނގާ ހުރިހާ ކަމަކީ މައިންބަފައިންނާ ޚިއްޞާ ކުރެވޭނެ ކަންކަމެއްނޫން، އަހަރެމެންނަށް ކަމެއް ލައިރާ ސިއްރުކޮށްފިނަމަ، އެކަމުގައި ރަނގަޅު ސަބަބެއް އޮންނާނެ، އަހަރެންގެ އެ ދަރިފުޅަށް ވަރަށް އިތުބާރުކުރަން، ލައިރާ ދައްކަން ބޭނުންނުވާ ވާހަކަތައް ހޯދަން ސަރާ ވެސް އެކުއްޖާއަށް ބާރުނާޅާ، އިއްދައިގެ ތިން މަސް އަދި އޮތީ، އިރާދަކުރެއްވިއްޔާ ތިން މަސް ނިމޭއިރު ލައިރާ ހުންނާނީ ހަމަޖެހިފައި. އޭނާގެ ދިރިއުޅުމާ ގުޅުވައި އެއްވެސް ވާހަކައެއް ސަރާ ދައްކަންވާނީ އެހާތަނަށް." އަސަދުގެ އަތުގެ ތެރޭ، އެ މޭގައި މޫނު ޖައްސާލައިގެން އޮތް ސަރަފީނާއަށް ބުންޏެވެ.

އެނދުގައި އަރިއަކަށް އޮވެއޮވެ ވަރުބަލި ވުމުން ލައިރާ އަނެއްފަރާތަށް އެނބުރިލިއެވެ. އޭނާގެ ލޮލުގައި ޒުބިންގެ ސޫރަ ނުފިލާވިއެވެ. އެހެނަސް އެ ނަސީބަކީ ހަޔާތަށް އައި ވަގުތީ އުފާވެރިކަމެއްކަމުގައި ނޫނީ ނުވެއެވެ. ހިތްހަމަޖައްސާލީ އެންމެ ސަބަބަކަށްޓަކަ އެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ލައިރާ ބެލީ ހިތްހަމަޖައްސާލެވޭތޯއެވެ. އޭނާއަށް ޒުބިން ހާސިލު ނުވިނަމަވެސް އޭނާގެ ހަނދާންތައް އަބަދަށް ލައިރާއާއެކު ވާނެއެވެ.

* * * * *

ލައިތު ގޭގައި ނެތްކަން ޢާއިލާއަށް އެނގުނީ ހެނދުނުގެ ނާސްތާގައި ބައިވެރިވާން ނައުމުންނެވެ. ކޮޓަރިން ލައިތުއާ ބައްދަލުނުވިކަން ސެހްރާނު ހާމަކުރުމުން، ދެން ބެލީ ލައިތުގެ ފޯނަށް ގުޅޭތޯއެވެ. ފޯނު ވެސް އޮތީ ނިއްވާލައިފައެވެ. ރާއްޖޭން ބޭރުގައި ހުރެދާނޭ އެކަކުވެސް ހިޔެއްނުކުރެއެވެ. ލައިތުގެ އެޕާޓްމެންޓުގައި ނިދީކަމުގައި ކަސްތޫރީ ނިންމުމުން، ދެން ތިބި މެންބަރުންނަށް ބޮޑަށް ޤަބޫލުކުރެވުނީ އެގޮތަށެވެ.

ކުރިއަށް އޮތީ ހަފްތާ ބަންދެވެ. ޢާއިލާތެރޭގައި ދެކެވެމުން އަންނަ ދަތުރު ދާނީ ކޮންއިރަކުންތޯ ލައިރާ ސުވާލުކުރިއެވެ. ދަތުރުގެ ވާހަކަ ލައިރާ ބުނުމާއެކު އެކަމަށް ބޮޑު އެއްބާރުލުމެއް ދޭން އަސަދު ބޭނުންވިއެވެ. ލިބިފައިވާ ނުތަނަސްކަމާއި ދުރުވެލަން ލައިރާ ބޭނުންވަނީއޭ އަސަދަށް ވިސްނުނީއެވެ. ކަސްތޫރީއާއި ސަރަފީނާ ވެސް އެއްބަސްކީ ގޮތުން ހީވަނީ އެމީހުންނަށް އެވީ އަސަދަށް ވީހެންނެވެ. ހަޤީޤަތަކީ ޒުބިންއާ ބައްދަލުވާން އިލިއާނާ އެދޭނޭކަން އެނގޭތީ، ލައިރާ ބޭނުންވީ ދަރިފުޅުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލާށެވެ. ކޮންމެ ފަހަރަކު ބައްޕައާ ބައްދަލެއްނުކުރެވޭނޭ، މަސައްކަތުގައި އަވަދިނެތި އުޅޭތީ ވަގުތެއް ނުވާނޭ ބުނެގެން އިލިއާނާ ޤަބޫލުނުކުރާނޭކަން ލައިރާއަށް އެނގެއެވެ. ވިސްނުންތޫނު ދަރިއަކަށް އިލިއާނާވާއިރު، އެކުއްޖާ އަމިއްލައަށް ޒުބިންއަށް ގުޅާ ހަދާކަން ލައިރާއަށް ވެސް އެނގެއެވެ. ޒުބުން ދެކޮޅު ނުހެދި ނަމަވެސް އިލިއާނާގެ ޒިންމާ ނަގަން ލައިރާ ބޭނުންވަނީ އޭނާ އަމިއްލައަށެވެ. އެކަމުގައި ޒުބިން ބައިވެރި ކުރުމަކާ ނުލައެވެ.

"ކޮންބައެއް ދާނީ؟..." ސެހްރާނު އަހާލީ އެންމެންނަށް އަވަސް ނަޒަރެއް ދެމުންނެވެ.

"އެންމެންނަށް ދެވޭނެތަ؟." ފަރުވާކުޑަގޮތަކަށް ޖިނާނު ބުނެލިއެވެ. ޢާއިލާގެ ހުރިހާ ކުދީންގެ މެދުގައި އޮންނަ ގުޅުން ޖިނާނަށް އެނގޭތީއެވެ. އެންމެންގެ ތެރެއިން އެއްގަލަކަށް އަރުވަން އެންމެ އުނދަގޫވާނީ ލައިތުއާއި ޔާދިންއާކަން ވެސް އޭނާއަށް އެނގެއެވެ.

"ކެން ގެންދަންވާނެ، އޭރުން ޔަގީނުން ވެސް ބައިވެރިނުވެ ލައިތަކަށް ނުހުރެވޭނެ."

ވިސްނުންތެރިކަމާއެކު ސެހްރާނު ބުންޏެވެ. އެ ޚިޔާލަށް ލައިރާ އެއްބަސްވިއެވެ. ކެންޒާ ހުރިއްޔާ އޭނާގެ އެކަނިވެރިކަން ވެސް ފިލާނޭތީއެވެ. ކުދީންގެ ނިންމުމާ ކަސްތޫރީއާއި އަސަދު ދެކޮޅެއް ނުހެދިއެވެ. ނަމަވެސް ދަތުރަކި ހަމައެކަނި ކުދީންގެ މެދުގައި ރޭވޭ ދަތުރެއްކަން އަސަދު ބުންޏެވެ. ސަރަފީނާއަށް އެގޮތް ކަމުނުދިޔަ ނަމަވެސް އަސަދުގެ ނިންމުން އަނބުރާ ގެންދަން ނުކެރުނީއެވެ. ފަރުޒީނު ވެސް ހުރީ ދަތުރުގައި ބައިވެރިވުމުގެ ވިސްނުމެއްގައެއް ނޫނެވެ. އޭނާ ވެސް ބޭނުންވަނީ ކުދީން ހިތްހަމަޖައްސާލައި، ޢާއިލީ ގުޅުން ބަދަހިވާނޭ ފުރުޞަތެއް ދިނުމަށެވެ. އެމީހުން ބޮޑެތި މީހުން ހިނގައްޖެއްނަމަ، ކުދީން ޖަހަން ބޭނުންވާ ސަކަރާތެއް ނުޖެހޭނެކަން ފަރުޒީނަށް އެނގެއެވެ.

"ފިޒާ ބައިވެރިނުކުރަންޏާ ނުދާނަން." ޔާދިން ބުންޏެވެ.

އެންމެން ހިމޭންވިއެވެ. ބޭއިޚްތިޔާރުގައި އަސަދަށް ނޫނެކޭ ބުނެވެން އުޅުނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. ދަރިފުޅުގެ އަތުގައި ކަސްތޫރީ ހިފެހެއްޓީ ހުރިހާ ކުދީންގެ ތެރޭ ޔާދިންއަށް ފާޑުކިޔާ ބޭޒާރުނުކުރުމަށެވެ. އަސަދު ހިމޭންވީ އެހެންވެއެވެ. އެންމެންގެ ތެރެއިން ލައިރާއަށް ޔާދިން ބަލާލިއެވެ. ކެންޒާ ބައިވެރިވާން ދައްތަ ތަރުޙީބު ދިން ގޮތަށް ފިޒާނާ ބައިވެރިކުރަން ބުނުމުން އެފޯރި ގެއްލުނީ ކީއްވެތޯ ޔާދިންގެ ދެ ލޮލުން ސުވާލުކުރާ ކަހަލައެވެ. ދައްތައަށް ވެސް އޭނާއަށްވުރެ ލައިތު މުހިންމުވީހެއްޔެވެ. ޔާދިންއަށް ކުޑަކޮށް ތުންފިއްތާލެވުނެވެ. އޭނާ ކައިވެނިކުރަން އުޅޭއިރު އެ ޢާއިލާގެ ކުއްޖެއްގެ ގޮތުގައި ފިޒާނާ ދުށުމަށް ހަމަ އެކަކު ވެސް ބޭނުންނުވަނީބާއޭ ޔާދިންގެ ހިތަށް އަރަމުންދިޔައެވެ.

"ހުރިހާ ކުދީން ބައިވެރިވާއިރު ފިޒާނާއަށް ވެސް ބައިވެރިވެވޭނެ." ކަސްތޫރީ ބުންޏެވެ.

"އެހެންމީހުން ހިތްހަމައެއް ނުޖެހޭނެ." އިސްއޮބާލައިގެން އިނދެ ޔާދިން ބުނެލިއެވެ. އެހިނދު ލައިރާ ވާހަކަދެއްކިއެވެ.

"ކީއްވެ ހިތްހަމަނުޖެހެންވީ؟، އެއީ ޔާދުގެ ގާލްފްރެންޑް، ކެންޒާ ދާއިރު ފިޒާނާ ދިއުމަކުން ނެތް މައްސަލައެއް." ޔާދިންއަށް ވީގޮތް ދެނަހުރެ ލައިރާ ބުންޏެވެ. މާމަ ހުއްދަދިނުމުން، ފިޒާނާއާ މެދު ލައިރާ ދެކޭ ގޮތް އެއްފަރާތްކުރުމަށްފަހު، ވަކި މީހެއްގެ ކޮޅަށް ހުރީކީނޫންކަން ޔާދިންއަށް ބުނެދޭން ލައިރާ ބޭނުންވީއެވެ.

"އަޅުގަނޑު ލައިތުއާ ވާހަކަދައްކާނަން." އިސްނަގައި ސެހްރާނު ބުންޏެވެ.

ކެންޒާ ހެނދުނުގެ ނާސްތާގައި އެއްގޮތަކަށް ވެސް ބައިވެރިނުވާކަން ސަރަފީނާ ފާހަގަކުރިއެވެ. އޭނާ އިންނަމަ ލައިތު ވީތަނެއް އެކުއްޖާއަށް އެނގޭނޭކަން ސަރަފީނާ ބުންޏެވެ. ކެންޒާގެ ދިފާއުގައި ވާހަކަދެއްކީ ލައިރާއެވެ. އެމީހުންގެތެރެއަށް އަދިވެސް ކެންޒާ އަލީކަން އޭނާ ބުންޏެވެ. މަންމަމެންނާ ކުރިމަތިލާންވީމާ ކެންޒާ ލަދުގަންނަނީކަން ލައިރާ ބުންޏެވެ.

* * * * *

ފޯނަށް މެސެޖެއް އައިކަމެއް ކެންޒާ ނުދެނަހުއްޓެވެ. ކުލާހުގެ ވަގުތުގައި ފޯނު ސައިލެންޓް ކޮށްފައި އޮންނާތީއެވެ. ގުރޫޕުގެ މެދުގައި މަސައްކަތްތައް ކުރިއަށް ދިޔައިރު އެއްފަހަރު ވެސް ފޯނު ބަލާލާނޭ ފުރުޞަތެއް ނުލިބުނެވެ. އެހެންވެ މެންދުރަށް ކުލާސްތައް މެދުކެނޑުމުން އެންމެ ފުރަތަމަ ކަމަށް ވެސް ކެންޒާ ކުރިމަކީ އެއީއެވެ. ކުލާހުން ދަރިވަރުން ހުސްވެ އޭނާ އެކަނިވީއެވެ. ދަބަސް ހިފައިގެން ނުކުންނަން އައީ ޓެލެގްރާމަށް އައި ވީޑިއޯ ހުޅުވަމުންނެވެ.

"ޕެންޑާ!..."

ވީޑިއޯއިން އިވިގެން ދިޔަ ލައިތުގެ އަޑުން ކެންޒާގެ ފިޔަވަޅު ހުއްޓުނެވެ. ތުންފަތް ފުޅާވެލިއެވެ. ކެންޒާ ކުލާހުގައިކަން ވާނީ އެނގޭކަން ލައިތު ބުންޏެވެ. ވީޑިއޯގައި ލައިތު ފެންނަނީ ފެންވަރައިގެން ނުކުތް ގޮތަށް ހުރިހެންނެވެ. ތެތް އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައެވެ. އުނުގައި ހުދުކުލައިގެ ބޮޑު ތުވާއްޔެއް އޮޅާލައިގެންނެވެ. އޭނާ ކެންޒާއާ މުޚާޠިބުކޮށް ވާހަކަދައްކަމުން އައިސް ކުޑަދޮރުން ބޭރު ދައްކާލިއެވެ. ހޮޓެލްގައި ހުރިކަމާއި އޭނާ މާލެ އަންނަން އުޅޭކަމުގެ އުފާވެރި ޚަބަރު ދިނެވެ. ކޮޓަރީގައި ހުރި ބޮޑު އެނދު ދައްކާލުމާއެކު ކެންޒާއަށް އޭނާ ރޭގައި ބޭނުންވީވަރު ހާމަކުރިއެވެ. ވަރަށް ބޮޑަށް ކެންޒާގެ މަތިން ހަނދާންވީކަން ބުންޏެވެ. ވީޑިއޯގެ އެންމެ ފަހު މިނެޓްގައި ތަކުރާރުކޮށް ކެންޒާދެކެ ވަރަށް ލޯބިވެޔޭ ލައިތު ބުންޏެވެ. އޭނާ އެނބުރި އަންނަނީކަމާއި އިންތިޒާރުގައި ހުރުމަށް ބުންޏެވެ. މާލެ އެރުމުން އެންމެ ފުރަތަމަ ދުށުމަށް އެދޭ މޫނަކީ ކެންޒާގެ މޫނުކަން ލައިތު ބުންޏެވެ. އެހެންވީމަ އޭނާއަށް އިންތިޒާރު ކުރުމަށާއި ތައްޔާރުވެގެން ހުރުމަށް ލައިތު އެދުނެވެ.

ތިން ހަތަރުފަހަރަށް ކެންޒާ އެ ވީޑިއޯ ބެލިއެވެ. ފޯނުގައި ރައްކާކުރިއެވެ. ލައިތުގެ ވާހަކަތަކަށް ބޭއިޚްތިޔާރުގައި އޭނާއަށް ޖަވާބުދެވެއެވެ. ރައްދުގައި ލޯބިވެޔޭ ބުނެލައެވެ. މޮޔައެއްހެން ހީނގަނެވެ. ނަސީމުގެ މަތިންނެއް ވެސް އޭނާ ހަނދާނެއްނެތެވެ. ކޮލެޖުގެ ގޭޓާ ހަމައަށް އާދެވި ދެން ވެސް އޭނާއަށް ފޯނަށް ބަލަން ހުރެވުނީއެވެ. "ޕޯސް" ކޮށްލެވިފައިވާ ވީޑިއޯއިން ލައިތުގެ ސޫރައަށް ގެއްލިފައެވެ. ނަސީމުގެ ކޯލު އައީ އެވަގުތެވެ.

"އެހެންޏާ ވެސް މަޑުކޮށްގެން އޮންނަ ދިމާގަ މިހުރީ." ކެންޒާ ނައިސް ލަސްވާތީ ނަސީމު ހުރީ ކާރުން ފައިބައެވެ. އޭނާއަށް ގޭޓު ކައިރީ ހުރި ކެންޒާ ފެނެއެވެ. ފޯނުކުރީ ކެންޒާ ހިނގައިގަންނަން ނޫޅެ ހުންނާތީއެވެ.

ހ.މަހަލްއަށް ނަސީމު ގެނެސްދިނުމުން ކެންޒާ ކާރުން ފައިބައިގެން ގޭތެރެއަށް އައިސް ވަނެވެ. ބަދިގެއަށް ވަދެވުންއިރު ސެހްރާނާއި ލައިރާ އޭނާ ނައިސްގެން ތިބި ކަހަލައެވެ. ލައިތު ކޮބާތޯ ދެ މީހުން އެހީ އެއްފަހަރާއެވެ. ކެންޒާ ހައިރާންކަމާއެކު ނިތްއަރުވާލައިގެން ހުރެވުނީއެވެ.

"ކެންއަށް އެނގޭނެ." ސެހްރާނު ބުނެލިއެވެ. އޭނާ ނިމުނުތަނާ ލައިރާ އާދޭސްކޮށްލައިފިއެވެ.

"ނުބުނޭތަ؟." ކެންޒާއަށް އަހާލެވުނެވެ.

"އޭނާ ހިތަށް އަރައިފިއްޔާ ބުނާނީ." ސެހްރާނު ބުނެލި ރާގުންނާއި އެ މޫނަށް ޖެއްސި ވައްތަރުން ކެންޒާއަށް ހީނގަނެވުނެވެ.

"ބައްޕައަކަށް ވެސް ނޭނގެ، އެކަކަށް ވެސް ނޭނގެ... އެކަމަކު ކެންއާ ކޮންޓެކްޓް ނުކޮށް ނުހުންނާނެ." ލައިރާ ބުނީ ވަރަށް ޔަގީންކަމާއެކުއެވެ.

"ވަރަށް ބޮޑު ކަމަކުއޭ މި ހޯދަނީ." ދެންބުނާށޭ ބުނާފަދަ ގޮތަކަށް ސެހްރާނު އާދޭސްކޮށްލިއެވެ.

"އޭނަ... ލަންޑަނުގައި..." ކެންޒާ ބުންޏެވެ. ސެހްރާނާއި ލައިރާއަށް އެކަކުއަނެކަކަށް ބަލާލެވުނީ ޤަބޫލުނުކުރެވިގެންނެވެ. ދެމީހުން އެއްފަހަރާ ކެންޒާއަށް ލޯހިމަކޮށްލިއެވެ. ނުބުނަން އުޅެނީ ކީއްވެތޯ ސުވާލުކުރިއެވެ. އެއާއެކު ކެންޒާ ހުވާ ކުރިއެވެ. ލައިތު އިއްޔެގެ ވަގުތެއްގައި ފުރައިފިކަން ބުންޏެވެ. ސެހްރާނު ވަގުތުން އާރިކަށް ގުޅިއެވެ. ދެން ކޯލު ކަނޑާލާފައި އޭނާ ލައިރާއަށް ބަލާލިއެވެ.

"ތެދެކޯ... ދެ ދުވަސްފަހުން އަންނާނެކަމަށް ބުނެފަޔޯ ފުރީ." ލައިރާ ކައިރީ ސެހްރާނު ބުންޏެވެ.

"ކީއްކުރަން ލަންޑަނަށް ދާންވީ؟" ލައިރާ އަނެއްކާ ވެސް ބަލާލީ ކެންޒާއަށެވެ. ނޭނގެއޭ ބުނާހެން ކެންޒާ ދެކޮނޑު އަރުވާލީއެވެ. އެހެންނަމަވެސް އެވަރުން އެ ދެ މީހުން ޤަބޫލުނުކުރާނޭ ކެންޒާއަށް ހީވީއެވެ.

"މުހިންމު ކަމަކުއޭ ބުނީ، ނުގޮސްނުވެގެންނޭ ބުނި... މިއަދު މިކޮޅަށް އަންނާނެ." ކެންޒާ އިތުރަށް ހާމަކުރިއެވެ.

"ހިރާއާ ހެދިގެންބާ." ކުއްލިއަކަށް އިނދެފައި ސެހްރާނު ބުންޏެވެ.

"އޭނާ ކީއްކުރީ؟." ލައިރާ ބުނެލިއެވެ.

"ހިރާއަކީ ކާކު؟." ކެންޒާއަށް އަހާލެވުނެވެ.

"އެއީ މަންމަ ސައިޑު، ބޮޑުބޭބެ، އަޒްހަރުގެ ދަރިފުޅު، ކެންއަށް އަދި ނުފެންނާނެ..." ލައިރާ ބުންޏެވެ.

"އޭނާ ކޮންމެވެސް ކަމެއް ވެގެން އުޅެނީ، ލައިތު އެކަމާ ބޯގޮވާފަ ހުރީ، އަޒްހަރުބެ އައިސް އަންކަލް ގާތު ހިރާގެ ވާހަކަދެއްކީމަ. ހިރާ އޮފީހަށް ނުދާތީއޭ ކީ..."

"ސެހެރްއަށް ކިހިނެއް އެނގުނީ؟." ލައިރާ އެއްސެވެ.

"އޭނާ އުޅެނީ ލައިތުއާ އެއްއޮފީހެއްގެތަ؟." ކެންޒާ ވެސް ސުވާލުކުރިއެވެ.

"ލައިތު ރުޅިގަދަވެގެން ދެއްކި ވާހަކައަކުން އަހަންނަށް ވެސް އެނގުނީ. އަންކަލް ހުންނަނީ ލައިތުގެ އެސިސްޓެންޓަކަށް ހިރާ ލާފަ. އޮފީހަށް ނައުމަކީ ލައިތުއާ ބެހޭ ކަމެއްނޫނޭ އޭނާ ބުނީ... އެކަމަކު އަންކަލް ބުނީމަ ޚަބަރު ނުބަލާ ހުރެވެން ނެތީމަހެން ހީވަނީ އެހާ ރުޅިއެއް އައީ... ލައިތުގެ ވާހަކައިން އެނގުނީ ހިރާ ވީ ރާއްޖޭން ބޭރުގައިކަން. އޭނާ ނުގޮސްނުވެގެން ދިޔަނަމަ ތިޔަ ދިޔައީ ހިރާގެ ކަންތަކުގަހެން ހީވޭ، އެނގެއެއްނު މާމައާއި އަންކަލް އިންވޯލްވް ވެއްޖެނަމަ ލައިތުއަށް ފަހަތަކަށް ނުޖެހެވޭނެކަން." ސެހްރާނު ބުންޏެވެ.

އެހިސާބުން ހިރާގެ ނަން އޮބިއްޖެއެވެ. ކެންޒާ ވެސް އިތުރު ސުވާލެއް ނުކުރިއެވެ. އެކަމަކު އޭނާގެ ސިކުނޑީގެ ކަނެއްގައި ހިރާގެ ނަން ނޯޓުކޮށްލެވުނެވެ. ލައިތުގެ އެސިސްޓެންޓެއްގެ ގޮތުގައި އަންހެންކުއްޖަކު ހުރިކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާއާ ލައިތުގެ އެސިސްޓެންޓާ ހުރީ ބައްދަލުވެފައެވެ. އެމީހަކީ އާރިކެވެ.

ދަތުރުގެ ވާހަކަ ލައިރާ ފެށިއެވެ. ކޮންމެހެން ވެސް ކެންޒާ ގެންދަން ބޭނުންވާކަން ލައިރާ ބުންޏެވެ. ޢާއިލާ އެކުގައި ކަމެއް ނުރާވާތާ ވަރަށް ދުވަސްވެއްޖެކަން ލައިރާ ހާމަކުރިއެވެ. ކެންޒާ ނުދާނަމަ ލައިތު ބައިވެރިނުވާނެކަން ޔަގީންވެޔޭ ސެހްރާނު ބުންޏެވެ. އަދި ދަތުރުގައި ޢާއިލާގެ އެއްވެސް ބޮޑު މީހަކު ބައިވެރިނުވާނޭކަން ބުނެލީ ނިކަން ގަޔާވެ ފޯރީގައެވެ. ރާވާފައި އޮތީ ދެ ދުވަހާއި ރެޔެއް މަޑުކޮށްފައި އަންނަ ގޮތަށްކަން ވެސް ސެހްރާނު ކިޔާދިނެވެ. ކެންޒާއަށް އެއްބަސްވާން އުނދަގޫވީ އެހެންވެއެވެ. މަންމަ ޤަބޫލުވާނޭ ހީނުވަނީއެވެ. އޭނާއަކީ ދަތުރުދިޔަ ޒުވާނެއްނޫނެވެ. ގަނާ ކުރުމުގެ ސިފަ އެކުލެވިފައިވި މާޙައުލެއްގައި ކިޔެވުމުގެ ދުވަސްތައް ނިމިގެން ދިޔައިރު، ދަތުރުތަކާއި ޕާޓީ ތަކަކީ ކެންޒާ ދުރުހެލިވާ ކަންކަމެވެ. އެއިންކަމެއް ނިމިގެން ދާއިރު ވެސް އޭނާ މަންމަ ގާތަކު ނުބުނާނެއެވެ. ދާން ބޭނުންނުވާތީއެވެ. ބައިވެރިވެއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާނޭ ބަޔަކު ނުތިބޭތަނުގައި ލަދުގަންނަން ޖެހޭނެކަން އެނގިއެނގި ހުރެ އެ ފުރައްސާރައާ ކުރިމަތިލާންވީ ކީއްކުރަންހެއްޔެވެ. ނަމަވެސް ލައިރާއާއި ސެހްރާނަކީ އޭނާ ދުށްފަދަ ރައްޓެހިންނެއްނޫނެވެ. އެމީހުން އޭނާއަށް މަލާމާތެއް ނުކުރެއެވެ. އޭނާ އަޅާހެދުމާއި އެހެންވެސް ފާޑުވެރިކަމަށް އެއްޗިހި ކިޔާފައެއް ނުވެއެވެ. އޭނާއަކި ވެސް އެމީހުން ފަދަ އިންސާނެއްކަން ދަނެއެވެ. ލައިތުއަށް އޭނާ ޚާއްޞަވުމުން، އެމީހުން އެ ޢާއިލާގެ ތެރެއަށް ކެންޒާއަށް މަރުޙަބާ ކިޔެވެ. އޭނާ، އޭނާގެ ގޮތުގައި ބަލައިގަތް ބަޔަކީ އެމީހުންނެވެ. އެހެންވެ މި ލިބުނު ފުރުޞަތުގައި ކިތަންމެހާ ވެސް ދާން ބޭނުމެވެ. ޚާއްޞަކޮށް ލައިތުއާއެކު އުފާވެރި މަޖާ ވަގުތުތަކެއް ހޭދަކޮށްލަން ލިބުމުން ބައިވެރިވުމަށް އިތުރަށް ޝައުގުވެރިވީއެވެ.

* * * * *

މާ އަވަސް އަރުވާލެވެނީކަން މަންމަ ގާތު ކައިފް ބުންޏެވެ. ދަރިފުޅާމެދު މިންނާ ވިސްނާލިއެވެ. ކެންޒާއާއި ކައިފް ވެސް އަދި އިހަށް ގެ ދޫކޮށް އެހެންތަނަކަށް ބަދަލުވާން ތައްޔާރެއް ނޫނެވެ. މިފްރާހު އެ އުޅެނީ މާ އަވަސްއަރުވާލައިގެންކަން ކެންޒާ ވެސް އޮތީ ބުނެފައެވެ. މިންނާ ގެ ހަދަން ބޭނުންވެފައި ހުރީތީ ކައިފް އެއްޗެކޭ ނުބުނެ ހުރެފައި އެކަމާ ގުޅުވާ އެއްޗެކޭ އެބުނީ އަދިކިރިޔާއެވެ. އިސްލާހުކޮށް ނިމިފައި ހުރި ކުރެހުންތައް ހިފައިގެން މެންދުރު ފަހު މިފްރާހު އަންނާނަމޭ އޮތީ ބުނެފައެވެ. އޭނާއަށް ދޭނޭ ޖަވާބާމެދު މިންނާ ވިސްނިއެވެ. ފިކުރުބޮޑުވެ ހާސްކަން އިތުރުވުމަކީ ކައިފްގެ ދުޅަހެޔޮ ކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭ ކަންކަން މިންނާއަށް އެނގެއެވެ.

"ކީކޭ މަންމަ ބުނަންވީ؟." ވިސްނަން ހުރެފައި މިންނާ އަހާލީ އެނދުގައި އޮތް ކައިފްގެ ގާތުންނެވެ. އޭނާ އިނީ ކައިފްގެ ބޭސް ފޮށި އުނގަށް ލައިގެން އެނދު އަރިމަތި އިށީނދެގެންނެވެ.

"ތިން މަސް... އެހާ ދުވަހަކަށް މަޑުކޮށްލުން ކިހިނެއްވާނީ." ކައިފް ބުންޏެވެ.

"ކީއްވެ ތިން މަސް؟."

"އެހާތަނަށް އަހަރެން ވެސް ރަނގަޅުވާނެކަމަށް މިބަލަނީ، ކޮޅަށް ހުރެ މަސައްކަތެއް ކުރެވާވަރު އިރާދަކުރެއްވިއްޔާ ވާނެ، އެހާތަނަށް ކެން ނުރުހޭނަމަ، އަހަރެން އޭނާއާ ވާހަކަދައްކާނަން، މަންމައަށް އެނގޭނެ އަހަރެން ބުނެފިއްޔާ ކެން އެއްބަސްވާނެކަން، އޭރުން މަންމަ އެދޭހެން މި ގެ ހަދަން ދޫކޮށްލާފައި އެހެންތަނަކަށް ބަދަލުވާނީ. އެކަމަކު ކެން ބުނާހެން އަހަރެމެން ކުއްޔަށް ހިފާނީ ތަނެއް، މިފްރާހު އެ ޚަރަދުކުރާކަށް އެއްބަހެއްނުވާނަން. އަހަރެމެން މިހާ ދުވަހު ވެސް އުޅުނީ މީހަކު އަހަރެމެންނަށް ޚަރަދުތަކެއް ކޮށްގެންނެއްނޫން." ކައިފްގެ ވާހަކަތައް މިންނާއަށް ވިސްނުނެވެ.

"ތިހެން މަންމަ ބުނާން." މިންނާ އެއްބަސްވިއެވެ.

"މިފްރާހު ޤަބޫލުނުކޮށްފިއްޔާ؟." ކައިފް އެނގެން ބޭނުންވިއެވެ.

"މަންމަ ކަންކަމާ ނުވިސްނައޭ ކައިފްއަށް ހީވަނީތަ؟. އަހަރެމެންގެ ތަނެއް އަހަރެމެން އެދޭގޮތަށް ހަދައިދޭން ބޭނުންނުވަންޏާ، މިތަން ހަދާކަށް ބޭނުމެއްނޫން." މިންނާ ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ހަޤީޤަތުގައި އޭނާ ބޭނުންވަނީ ގެ ހަދާށެވެ. މިއަދު ލޯ މަރާލަން ޖެހުނަސް ދެ ދަރީންނަށް ހިތްހަމަޖެހިގެން އުޅެވޭނޭ ގޮތް އޭރުން ހުންނާނީ ހަމަޖެހިފައިވީމައެވެ. މަންމައަށް ވިޔަސް އޭނާއަށް ދަރީންއަށް ދެވުނު އެއްޗެއް ނެތްކަމުގައި މިންނާއަށް ޤަބޫލުކުރެވެއެވެ. އަބަދު ނިކަމެތިކަމުގައި އެކުދީން އުޅޭތަން ދުށުމަށް މިންނާގެ ހިތެއް ނޭދެއެވެ. ކޮންމެވެސް ދުވަހަކުން އޭނާގެ ދަރީން ވެސް މީހުންނާ އިންނާނެކަން އެނގެއެވެ. އެ ދުވަހަކުން އޭނާ އުޅުނުހެން އެ ގޭގައި އެ ދަރީންގެ ދިރިއުޅުން ވޭތުކުރާކަށް މިންނާ ނޭދެއެވެ. އޭނާގެ ވިސްނުމުގައި ހަމައެކަނިވަނީ އެ ދަރީންގެ މުސްތަޤުބަލު ފަސޭހަކޮށްދިނެވެ.

ކޮލެޖު ނިންމާފައި ކެންޒާ ގެއަށް އައި މަގުމަތީ އޭނާއަށް ކާރެއް ހުރަސް އެޅިއެވެ. ދުއްވަން އިން މީހާ ފެނުނަސް ފަހަތުގައި އިން މީހަކު ފެންނަވަރެއް ނުވިއެވެ. ކެންޒާ ހުރީ ގޭ މަގުގައެވެ. އެހެންނަމަވެސް ގެއާ ކައިރިއަކު ނޫނެވެ. އަބަދުވެސް މީހުން މަދު އެ މަގަށް ކެންޒާއަށް ބަލާލެވުނެވެ. ފިހާރައިން ނުކުތް އަންހެނަކު އޭނާއަށް ބަލާލައިފައި ވެސް އަޅައެއްނުލިއެވެ. އޭނާ ދާން ބޭނުންވި ދިމާއަށް ދިޔައީއެވެ. ދުއްވަން އިން ޒުވާނާ ކާރުން ފައިބައިގެން އައިސް ކެންޒާގެ ކުރިމަތީ ހުއްޓުނެވެ. ދުއްވައިގަންނަން ހިތައް އެރިޔަސް އޭނާއަކީ ހަލުވި ދުވުންތެރިއެއްނޫންކަން އެނގޭތީ ދެން ހަދާނޭ ގޮތެއް ނުވިސްނުނީއެވެ.

"އަރާ..." ކާރު ދައްކާލަމުން އެމީހާ ކެންޒާއަށް އަމުރުކުރިއެވެ.

"ބަލަން ހުންނަންވީކީނޫނޭ..." ގަދަކަމުން ގެންދަން އުޅޭހެން ކެންޒާގެ އަތުގައި ހިފާލަން އުޅުނެވެ. ޖެހިލުންވެފައި ހުރެ ކެންޒާ ފަހަތަށް ޖެހުނީއެވެ.

"ޝާނު!... އަތްނުލާ..." ކާރުގެ ފަހަތު ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލައި ބޭރަށް ބޯނެރިލީ މިފްރާހެވެ.

ކާރުގައި އިން މިފްރާހުއާއި ކެންޒާއާ ހަތަރުކަޅި ބައްދަލުވިއެވެ. މިފްރާހުގެ ފުށުން ފެންނަ އެކުވެރި ސަކަގޮތެއް ނެތެވެ. އެ ދެލޮލުގައިވީ ބެލުމުން ކެންޒާގެ ނަފްސު ބިރުން ރޫރޫ އަޅާލި ކަހަލައެވެ. ހަރުކަށިކަމާއި ނުރުހުންނޫން އަސަރެއް އެ މޫނުގައި ނުވެއެވެ. ކެންޒާއާ ކުރިމަތިލާން އުޅުނު ޝާނަށް މިފްރާހު އިރުޝާދު ދިނީ ކާރަށް އެރުމަށެވެ.

"ބެޓާ މޭކް އަ ޗޮއިސް... ރުހުމުގައި ޤަބޫލުކުރިއްޔާ ރަނގަޅުވާނީ ކެންއަށް، ނުރުހުމުގައި ވިޔަސް ކެން ވާނީ އަހަރެންގެ މީހަކަށް. ދެޓްސް ދި އޮންލީ ޓޫ އޮޕްޝަން ޔޫ ހޭވް." އެއްވެސް އަސަރެއް ނެތި މިފްރާހު ބުންޏެވެ. އޭނާ ކަމަކާ ވަރަށް ބޮޑަށް ނުރުހިފައި އިންކަން ޔަގީނެވެ.

ކާރު ދިއުމުން ކެންޒާއަށް ހިނގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. އޭނާ މިފްރާހުދެކެ ބިރެއްނުގަނެއޭ ބުނެފިނަމަ މުޅިން ތެދަކަށް ނުވާނެއެވެ. ކުރީން ޖެހިލުންވާ ފަދަ އެއްވެސް ސިފައެއް މިފްރާހުގެ ފުށުން ނުފެނެއެވެ. އެއީ ހަމަ ކެންޒާއާ އެންމެ ފުރަތަމަ ދުވަހު ވެސް ބައްދަލުވި މިފްރާހުކަމާމެދު މިހާރު އޭނާއަށް ޝައްކެވެ. ގެއަށް އައިސް ވަދެވުމުން މިފްރާހު އައިސްފަކަން ދިޔައީ މިންނާގެ ފަރާތުން ކެންޒާއަށް އެނގުނެވެ. އެއާއެކު މިފްރާހުގެ ފުށުން ފާޅުވި ނުރުހުމުގެ އަސްލު ވެސް ކެންޒާއަށް އެނގުނެވެ. މަންމަ ކައިރިން ވެސް އޭނާއަށް ކުރި ނުލިބުނީއެވެ. މިފްރާހުއާ ކުރިމަތިލާން ޖެހުނުކަން ކެންޒާ ނުބުންޏެވެ. އޭނާއަށް ވިސްނުނީ މަންމައާއި ބޭބެ އިންތިހާއަށް ހާސްވާނޭކަމެވެ. މިވަގުތު އޭނާ ހުރީ އެފަދަ ހާސްކަމެއްގެ ތެރެއަށް ވަންނަން ބޭނުންވެފައެއްނޫނެވެ.

ދަތުރުގެ ވާހަކަ މަންމަ ގާތުގައި ދެއްކުމުގެ ކުރީން، އެކަން ކެންޒާ ޚިއްޞާ ކުރީ ކައިފްއާއެވެ. ކެންޒާ ދާހިތްވާކަން އެނގޭއިރު ކައިފް ނުދާށޭ ނުބުންޏެވެ. އެކަމަކު ރޭގަނޑު މަޑުކުރުންވީ ކައިފް ގަޔާނުވި ކަމަކަށެވެ.

"ކެން، ލައިތުއާއެކު ވަގުތު ހޭދަކުރިޔަސް، ދެމީހުން އެހާ ގާތްވުން ރަނގަޅެއްނުވާނެ... މެރީނުކޮށް ޚާއްޞަކޮށް އެހާ ކްލޯޒް ރިލޭޝަންޝިޕެއް ބޭއްވުމުން ފަހަރެއްގައި ލަނޑެއް ވެސް ލިބިދާނެ."

"ޑިއާ ބްރަދާ... ތި ހީކުރާ ކަހަލަކަމެއްނުވާނޭ." ކެންޒާ ނިކަން އަވަހަށް ބުންޏެވެ.

"ގަސްދުގައެއްނޫނޭ ވާނީ... ވީ އާ ހިއުމަން، ދެ ޖިންސުގެ ދެމެދުގައި ހުންނަ ދަމާބާރާ ދެކޮޅު ހެދުމަކީ ފަސޭހަކަމަށްނުވާނެ، އިފް ހީ ވޯންޓް ސެކްސް، ސާފުކޮށް ބުނާތި ނޯ އޭ، މެރިއޭޖްގެ ފަހުންނޭ..."

"އިޔު... ސްޓޮޕް ގިވިން މީ ސެކްސް ލެކްޗާރ." ކެންޒާ މޫނަށް ވައްތަރު ޖައްސާލިއެވެ.

"މަންމައެއް މިކަހަލަ ވާހަކައެއް ނުބުނާނެ، ދާން ހުއްދަދޭނެކަން ޔަގީން، އެކަމަކު ބިޓާ، އޭނާގެ ފެމެލީއާއެކުކަން ދަނީ އެނގޭނަމަ ޔަގީން އޯވާނައިޓަށް ނުފޮނުވާނެ. ޔޫ މައި ބޭބީ ސިސްޓަރ، އަހަރެން ވެސް ނަސޭޙަތް ދޭން ޖެހޭނެ ދޯ. ލައިތުއާ ބައްދަލުކޮށްދޭނީ ކޮންއިރަކުން؟. އޭނާ ލޮލަށް ފެނިގެންތާ އެނގޭނީ އެއީ ކޮންކަހަލަ މީހެއްކަން ވެސް."

"ދަތުރަށްފަހު... މަންމައަށް ނޭނގެޔޭ ކިޔާފަ، ކިޔާނުދޭތި... ވަގުތު ޖެހުނީމަ އަހަރެން ބުނާނަން." ބޭބެގެ އެނދުގައި ލެނގިލައިގެން ތަޅުންމަތީ ދެފައި ދަމާލައިގެން ކެންޒާ އިނެވެ.

"ލަސްނުކޮށް މަންމަ ކައިރީ ވެސް ބުނޭދެން، ކެންއަށް ކަމުދަންޏާ މަންމަ ބަލައިގަންނާނެ." ކައިފްގެ ޚިޔާލު ބުންޏެވެ.

"ބުނާނަމޭ، މަޑުކޮށްބަލަ... އަހަރެން ނެތީމަ ދޮންބެ ފޫހިވާނެ ދޯ." ކެންޒާ އަހާލިއެވެ.

"ތީ މާގިނައެއްކޮށް ގޭގައި އުޅޭ މީހެއްވިއްޔާ." ކައިފް ހީނލިއެވެ.

"އަހަރެން ޓްރައި ކުރަމޭ... އެކްސަސައިޒް ކުރަން ނުދާ ރޭ ރޭ ގޭގައި ހުންނަމެންނު، ދެން ކުލާސް އޮންނާނެ ދޯ ވީކަންޑްގަ ނޫނީ. އެންޑް މައި ޖޮބްގެ ގޮތުން އެކި އިރުއިރަށް ދާންޖެހޭނެ، އެހެންވެ ގޭގައި ހުންނަން ބޭނުންވިޔަސް ނޯންނާނެއެއްނު ހުރެވޭކަށް." ބޭބެއާއެކު ވަގުތު ހޭދަކުރަން ކެންޒާ ވެސް ބޭނުންވާކަން އޭނާ ބުންޏެވެ.

އެ ކޮޓަރިއަށް މިންނާ ވަނީ ދެ ކުދީން ތިބިކަން އެނގޭތީއެވެ. ކެންޒާ މަސައްކަތްކުރާ ގޭ ކުދީން ދަތުރެއް ދާން އުޅޭ ވާހަކަ މަންމަ ގާތު ބުނީ ދެނެވެ. އެމީހުންގެ ގޮތް ނޭނގޭތީ މަންމައަށް ވެސް އާނއެކޭ ބުނަން އުނދަގޫވީ ރޭގަނޑު މަޑުކޮށްފައި އަންނަނީއޭ ކެންޒާ ބުނީމައެވެ. އެހެންވިޔަސް ކައިފް ވާހަކަދައްކާލުމުން މިންނާ ހުއްދަ ދީފިއެވެ. ވީ އުފަލަކުން ކައިފްގެ އެނދުގައި އިން މަންމަގެ ފައިކޮޅުގައި ކެންޒާ އޮޅުލައިގަތެވެ.

* * * * *

މާޔުސްކަން ޒުބިން ވަށާލިއެވެ. އަތުގައި އޮތް ފޯނަށް ބަލަމުން އޭނާ ސޯފާގައި އިށީނެވެ. ދާދި ދެންމެއަކު އޭނާއަށް ގުޅީ ކެންޒާއެވެ. ދެމީހުން ބައްދަލުވާން ހަމަޖައްސާފައި އޮތް ބައްދަލުވުން އެހެން ދުވަހަކަށް ހަދައިދިނުމަށް އެދިގެންނެވެ. ކެންޒާއާ ބައްދަލުވާނޭކަމުގެ އުންމީދުގައި، އެވަގުތައް އޭނާ އިންޒާރުކުރާތާ ކޮންއިރެއް ހެއްޔެވެ. ނަމަވެސް އޭނާ ވީ ތައްޔާރީތައް ބޭކާރުވީއެވެ. އެޕާޓްމެންޓްގެ ދޮރުގައިވާ ރަނގަބީލުގެ އަޑު އިވުނެވެ. ތެދުވެގެން އައިސް ޒުބިން ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރީ މާވިއްކާ ފިހާރައިން އައި މީހާއެވެ. ޒުބިން ފައިސާ ދެއްކި މާބޮޑު ހިފައިގެން އައިހެވެ. އޭނާ ޒުބިންއާ މާބޮނޑި ހަވާލުކޮށްފައި ދިޔައީއެވެ.

ރަތްފިނިފެންމަލުގެ ގުލްދަސްތާ އަތަށް ލައިގެން އެއަށް ބަލަން ޒުބިން އިނީ ސޯފާގައެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާ ހީނލިއެވެ. ރިހުމަކާއި ފޮނިކަމެއް އެކުލެވޭ ފަދަ ހުނުމެކެވެ.

"މިއަށް ދެން އަހަރެން ކިހިނެއް ހަދަނީ؟." އަމިއްލަ ޟަމީރާ ޒުބިން ސުވާލި ކޮށްލިއެވެ.

* * * * *

ޒުބިންއާ ބައްދަލުވުމަށްވުރެ ކެންޒާއަށް މުހިންމީ ލައިތެވެ. ހުޅުލެއިން ކާރުގައި ނައްޓާލި ގޮތަށް އޭނާ އައީ ކެންޒާ ބަލާ އެގޭ ދޮށަށެވެ. އިރުއޮއްސެން ދޮޅުގަޑިއިރެއްހާއިރު އޮތުމުން އެވަގުތު ކޮޅު ލައިތުއާއެކު ހޭދަކޮށްލަން ކެންޒާ ވެސް ހުރީ ބޭނުންވެފައެވެ. ކުރިއަށް އޮތް ދެ ދުވަހަކީ ދަތުރުގައި އުޅޭނޭ ދުވަސްތަކަށް ވާތީ ކެންޒާ ރޭވީ ދަތުރު ނިންމާފައި އައިސް ޒުބިންއާ ބައްދަލުކުރާށެވެ. ދޮރޯށި ހުޅުވާލި ގޮތަށް ހެވި ދިލިފައި ހުރެ ކެންޒާ އައިސް ލައިތު އިން ކާރަށް އަރައިފިއެވެ. އެމީހުންގެ މަންޒިލަކަށްވީ ލައިތުގެ އެޕާޓްމެންޓެވެ.

(ނުނިމޭ)