ވިޔަފާރި

ސަމާލުވޭ، ވަގުންގެ ހަމަލާ ބޮޑެތި ވިޔަފާރިތަކަށް!؟

މި ދުވަސްވަރަކީ ވައްކަމުގެ ބޮޑެތި މައްސަލަ ތަކެއް ފެންމަތިވެފައިވާ ދުވަސްވަރެކެވެ. ހާއްސަކޮށް ބޮޑެތި ވިޔަފާރިތަކަށް ވަގުންގެ "ހަމަލާ" އަމާޒުވަމުންދާކަން ފާހަގަ ކުރެ އެވެ. އެގޮތުން މިދިޔަ މަހާއި މިމަހުގެ މިހާތަަން ބަލާއިރު ބޮޑެތި ވައްކަންތައް ކޮށްފައިވެ އެވެ.

މި ދުވަސްވަރު ހިނގާފައިވާ ބޮޑެތި ވައްކަންތަކުގެ ތެރޭގައި ކުރީގެ ރައިވެރިޔާ ހުރިތަނުގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ފަޅައިލުން ހިމެނެ އެވެ. މި ބޮޑު ޖަރީމާގައ 500،000 އެއްހާ ރުފިޔާ ވަގަށް ގެނެސްގޮސްފައިވެ އެވެ. މީގެ އިތުރުން ފެންމަތި ވެގެން ދިޔައީ މާލޭގެ ބުކްޝޮޕެއް ފަޅައިލި ހަބަރެވެ. މި ވައްކަމުގައި 50،000ރ. ވަރު ވަގަށް ގެންދިޔަ އެވެ. މީގެ އިތުރުން ދެން ފެންމަތި ވެގެން ދިޔައީ އިމިގްރޭޝަނުން ކުރި ބޮޑެތި ވައްކަށް ތަކެވެ.

މި ވައްކަންތަކުގެ ތެރެއިން ގިނަ ދެ ވައްކަމެއް ކޮށްފައިވަނީ އެ ވިޔަފާރީގައި ފާރައަށް ބަހައްޓާފައި ހުންނަ ސެކިއުރިޓީ ގާޑު ބަނދެފަ އެވެ. އެގޮތުން މޯލްޑިވިއަން އިން ވައްކަންކުރީ ސެކިއުރިޓީ ގާޑުގެ އަތްފައި ބަނދެފަ އެވެ. މިފަދަ އެހެން ހާދިސާއެއް ރޭވެސް މިވަނީ ހިނގާފަ އެވެ.
މާލޭގައި ހުންނަ އުރީދޫގެ އޮފީސް ރޭގެ ވަގުތެއްގައި މިވަނީ ފަޅާލާފަ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އެކަން ކޮށްފައިވަނީ ގާޑު ބަނދެފައި ކަމަށެވެ.

"ސެކިއުރިޓީއަށް ހުރި ގާޑު ބަނދެފައި އެކަން ކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އުރީދޫއިން ވަގުން ގެންދިޔައީ ކިހާ ރުފިޔާއެއް ކަމެއް އަދި ނޭނގެ އެވެ.

ކޮންމެއަކަށް ވަގުންގެ ލޯ މިވަނީ ބޮޑެތި ވިޔަފާރިތަކާ ދިމާލަށް އަމާޒުވެފަ އެވެ. އެހެންކަމުން މިއީ ވިޔަފާރިވެރިންނާއި ފުލުހުން ސަމާލުވާން ޖެހޭ ސީރިއަސް މައްސަލަ އެކެވެ.