- ހާދިސާ ހިނގީ ހ. ފެންނާގޭގައި
- ތުއްތު ކުއްޖާއަށާއި މާމަޔަށް ސީރިއަސް އަނިޔާ ލިބުނު
- ފަރުވާދެނީ އޭޑީކޭގައި
އިމާރާތެއްގެ ހަވަނަ ބުރީގެ ލިފްޓް ގޮޅިން ތުއްތު ކުއްޖަކާއި އޭނާގެ މާމަ ވެއްޓި އޭޑީކޭގައި ފަރުވާދޭން ފަށައިފި އެވެ. މި ހާދިސާ ހިނގީ ހ. ފެންނާގޭގަ އެވެ.
ފުލުހުންނާއި އޭޑީކޭ އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ވެއްޓުނު އަންހެން މީހާގެ އުމުރަކީ 57 އަހަރެވެ. ކުޑަ ކުއްޖާގެ އުމުރަކީ ގާތްގަނޑަކަށް އަށް މަސް ކަމަށް އޭޑީކޭ އިން ބުންޏެވެ. އެ ދެ މީހުންނަށް ވަރަށް ބޮޑަތި ޒަހަމްތައް ލިބިފައިވާ ކަމަށް އޭޑީކޭގެ އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާގެ ވާތު ފައިގައި ރެދުލާފައިވާ އިރު ބޮލަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.
"ތުއްތު ކުއްޖާއަށް މި އަންނަނީ އައިސީޔޫގައި ފަރުވާދެމުން. އެ ކުއްޖާގެ ހާލު ސީރިއަސް" އޮފިޝަލް ވިދާޅުވި އެވެ.
އެ ގޭގެ ލިފްޓް ގޮޅި ހުންނަނީ އެއްވެސް ނިވަލެއް ނެތި ހާމަޔަށެވެ. ފެންނާގޭގައި ދިރިއުޅޭ މީހަކު ބުނީ މިއަދު މެންދުރު 12:30 އެހާކަން ހާއިރު މީހުން ރޯއަޑު އިވިގެން ތިރިއަށް ދިޔައިރު މުސްކުޅި އަންހެނަކާއި ކުޑަ އަންހެން ކުއްޖަކު ވެއްޓިފައި އޮތް ކަމަށެވެ. އޭރު އަންހެން މީހާގެ ހެނދުން އިރައިގެން ގޮސްފައިވާ އިރު ކުޑަކުއްޖާގެ ބޮލުން ބިން މައްޗަށް ލޭ ފައިބަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"އެއިން އެއްވެސް މީހެއްގެ ހެޔެއް ނެތް،" އެގެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
(ތަފްސީލް އަންނަނީ)