ރާއްޖެ ކުޅިވަރު

ވަރުގަދަ ފިޔަވަޅުތަކާއެކު ބައިބަލާ މުބާރާތް ފަށަނީ

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ މި އަހަރުގެ ބަައިބަލާ މުބާރާތް ކުރިއަށް ގެންދަން ނިންމާ މުބާރާތުގެ ތައްޔާރީތައް ފަށާފައިވާކަން ބައިބަލާ އެސޯސިއޭޝަނުން ދެންމެ އިއުލާނު ކޮށްފި އެވެ.

އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބައިބަލާ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ހަމައެކަނި ސަގާފީ ކުޅިވަރާ ގުޅުންހުރި އެސޯސިއޭޝަން ކަމަށާ ބައިބަލާއާ މުޖްތަމައުގައި ހިނގާ ކުށްތަކާއި ގުޅުވުން ކުށްވެރިކުރާ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވަން އިއުލާންކޮށް ތައްޔާރީތައް ފަށާ 32 ޓީމާއި 1000 ކުޅުންތެރިންނާއެކު މުބާރާތް ފަށަން އެންމެ ދުވަހަކަށް ވެފައިވަނިކޮށް މާލެ ސަރަހައްދުގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފުލުހުން އެދިގެން މުބާރާތް ފަސް ކުރަން ޖެހުނީ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.

ނަމަވެސް މުބާރާތް ފަސްކުރިއިރު ޓީމުތަކުން ބައިބަލާ ރިންގް އަޅާ ޕްރެޓިކްސް ފަށާ ޖާޒީ ޕްރިންޓްކޮށް ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

"މި އެސޯސިއޭޝަނުން އެންމެ ބޮޑަށް އިސްކަން ދެނީ ޑިސިޕްލިން ގޭމްއަކަށް ވުމާއެކު މާލެތެރޭ ހިނގާދިޔަ މާރާމާރީތަކާއި ގުޅިގެން ފުލުހުން އެދުމުގެ މަތީން މި މުބާރާތް ފަސްކުރެވިފައިވުމާއި ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ މަޝްވަރާކޮށް މިވަނީ ގޮތްތަކެއް ނިންމާފައެވެ. އަދި މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އަމަލުކުރާ ޓީމުތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ،"

މުބާރާތް އިންތިޒާމްތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާއި ގުޅިގެން ފުލުހުންގެ އިރުޝާދުގެ މަތީން ކަމަށާ ފުލުހުން އެދުނު ގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި އެ ތަނުގައި ކެމެރާ ހަރުކުރުމާއި ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފައެވެ.

"އެހެން ކަމުން 1443 ވަނަ އަހަރުގެ ބައިބަލާ މުބާރާތް ކުރީން ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް މި އެސޯސިއޭޝަނުން ނިންމައި އެކަންކަން އިންތިޒާމް ކުރަން ފަށާފައިވާ ވާހަކަ ޓީމުތަކާއި މި ކުޅިވަރަށް ލޯބިކުރާ އެންމެހައި ފަރާތްތަކުގެ ސަމާލު ކަމަށްޓަކައި ދަންނަވަމެވެ،"