ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބޮޑުވަޒީރު ޖަސިންޑާ: މާސްކް ތައްޔާރު ކުރައްވަނީ އަމިއްލައަށް

ނިއު ޒިލެންޑް އަކީ ވަރަށް ގިނަ ގޮތްގޮތުން ދުނިޔެއަށް ނަމޫނާ ދައްކަމުންދާ ގައުމެކެވެ. ކޮވިޑް-19ގެ ވަބާއިން މުޅި ދުނިޔެއަށް ބޮޑު ކަޅު ވިލާގަނޑެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ވެސް ނިއު ޒިލެންޑުން ވަނީ އެ ބަލި ކޮންޓްރޯލްކޮށް މުޅި ދުނިޔެއަށް ނަމޫނާ ދައްކާފަ އެވެ. ޚާއްސަކޮށް އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އަޑަން އަކީ ވަރަށް ޒުވާން އަދި އެހާމެ ގާބިލް ވެރިއެއްކަން އެކަމަނާ ދަނީ ދައްކަވަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ނިއު ޒިލެންޑްގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެކަމަނާ އަޅުއްވާ ފޭސް މާސްކް ތައްޔާރު ކުރައްވަނީ އެ ކަމަނާ އަމިއްލަފުޅަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރިޔަށް އޮތް ހަފުތާ ތަކުގައި ނިއު ޒިލެންޑްގެ ރައްޔިތުން އަމަލު ކުރަން ޖެހޭނެ ގޮތްތައް އިއުލާން ކުރައްވަމުން އެކަމަނާ ވަނީ އާންމުގެ ތެރެއިން ނުކުންނައިރު ކޮންމެ މީހަކު ވެސް ފޭސް މާސްކް އެޅުމުގެ މުހިއްމުކަން އަމަލުން ދައްކަވާފަ އެވެ.

ޕެސިފިކްގައި އޮންނަ ނިއު ޒިލެންޑަކީ އާބާދީގައި ފަސް މިލިއަން މީހުން ތިބި ގައުމެކެވެ. އެ ގައުމުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކޮމިއުނިޓީ ސްޕްރެޑް ވަނީ މުޅިން ހުއްޓިފަ އެވެ. ނަމަވެސް އެ ގައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޮކްލެންޑުން އާ ކޭސްތަކެއް ފެނުމުގެ ސަބަބުން އަނެއްކާވެސް ރައްކާތެރިވުމުގެ ގޮތުން އާ ފިޔަވަޅުތަކެއް އިއުލާން ކުރަން މަޖްބޫރުވީ އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ޕަބްލިކް ޓްރާންސްޕޯޓްގަޔާއި އާއްމުން އެއްވާ ތަންތަނުގައި އާދިއްތަ ދުވަހުން ފެށީގެން އުޅެން ޖެހޭނީ ފޭސް މާސްކް އަޅައިގެންނެވެ.