ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނިއު ޒީލެންޑުގައި އާ ކޭސްތަކުގެ އަދަދު 14 އަށް

Aug 13, 2020

ވެލިންގްޓަން (އޯގަސްޓް 13) - ނިއު ޒީލެންޑުގައި ކޮވިޑް-19 އިގެ ކޭހެއް މުޖުތަމައުގެ ތެރެއިން ނުފެންނަތާ 100 ދުވަސް ފާހަގަކުރި ފަހުން، އެ ބަލީގެ އިތުރު 14 ކޭހެއް ރިޕޯޓް ކޮށްފި އެވެ.

މުޖުތަމައުގެ ތެރެއިން އެ ބަލި ޖެހިފައިވާ މީހަކު ނުފެނި ތިން މަސް ދުވަސް ފަހުން، އޯކްލަންޑް ސިޓީން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހުނެވެ. އަދި މި ފަހުން އޭގެ ތެރެއިން އެއްވެސް މީހަކު ބޭރަށް ދަތުރު ކޮށްފައިނުވާ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ނިއު ޒީލެންޑުގެ އެންމެ ބޮޑު ސިޓީ އިއްޔެ އިން ފެށިގެން އަލުން ލޮކްޑައުން ކޮށްފައި ވާއިރު، ފަހުން ފެނުނު 13 ކޭހަކީ ވެސް އެންމެ ފުރަތަމަ ޕޮޒިޓިވްވި އާއިލާއާ ގުޅުން އޮތް މީހުން ކަމަށާއި އަދި 14 ވަނަ މީހާއަކީ ބޭރުން އައި މީހެއް ކަމަށް ވަނީ ބުނެފަ އެވެ.

އޯކްލަންޑުގައި މީހުން ގޭގައި ތިބެން އެންގުމުގެ އިތުރުން، ޒަރުރީ ހިދުމަތްދޭ ވިޔަފާރިތައް ފިޔަވައި އެހެން ހުރިހާ ތަންތަނެއް ބަންދު ކުރަން ވަނީ އަންގައިފަ އެވެ.

އަދި ގައިދުރު ކުރުމުގެ ފިޔަވަޅުތައް އަނެއްކާ ވެސް އެޅުމަށް ނިއު ޒީލެންޑުގެ އެހެން ސަރަހައްދުތަކަށް ވެސް ވަނީ އަންގައިފަ އެވެ.

ނިއު ޒީލެންޑުގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް އެންމެ ފަހުން ރިޕޯޓްކޮށްފައި ވަނީ މިދިއަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ އެ ގައުމުގައި ލޮކްޑައުން ލުއިކުރަން ފެށިތާ ކުރީކޮޅެވެ.

ބަލި ފެތުރެން ފެށުމާއެކު، ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ލޮކްޑައުންކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އަދި ބަލި ފެތުރުން ހިފެހެއްޓުމުގެ ބަދަލުގައި، ކްލަސްޓާތައް ދުރާލައި ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެ ގައުމުން ގެންގުޅު ސިޔާސަތަށް ސިއްހީ މާހަރުން ވަނީ ތައުރީފު ކޮށްފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، މިދިއަ ފެބްރުއަރީ މަހު އެ ބަލީގެ ފުރަތަމަ ކޭސް ރިޕޯޓު ކުރި ފަހުން، ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހުރީ 1،220 ގަ އެވެ. އަދި އޭގެ ތެރެއިން ބަލީގެ ޝިކާރައަކަށްވެފައި ވަނީ 22 މީހުނެވެ.

ނަމަވެސް، ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރެވެންނެތް ކަމަށާއި، ދެވަނަ ރާޅެއް އައުމުގެ ބިރު އަދިވެސް އެބަ އޮތް ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދެއްވައިފަ އެވެ.