ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ގޯސްތަކާއެކު ނިއު ޒީލެންޑުގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފި

Jul 2, 2020

ވެލިންގްޓަން (ޖުލައި 2) - ކޮވިޑް-19 އާ ގުޅިގެން ނިއު ޒީލެންޑުގައި އަޅާފައިވާ ލޮކްޑައުންއާ ހިލާފުވެ، މަގާމު ދަށްކޮށްފައިވާ އެ ގައުމުގެ ހެލްތު މިނިސްޓަރު އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

ނިއު ޒީލެންޑުގައި ލޮކްޑައުން އިއުލާނު ކުރިތާ ކުރީކޮޅު، އެ ގައުމުގެ ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކް ވަނީ، އާއިލާއަކު މޫދަށް ވަޑައިގެންފައި ކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅިގެން ބޮޑުވަޒީރު ޖަސިންދާ އާޑެން ވަނީ ކްލާކް ޑިމޯޓުކުރައްވައިފަ އެވެ. އޭރުވެސް ކްލާކް އިސްތިއުފާ ދެއްވަން އުޅުއްވުމުން، އާޑެން ވަނީ އެކަން ގަބޫލު ނުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ގައުމަށް ކުރިމަތިވެފައިވާ މިފަދަ ހާލަތެއްގައި، ހެލްތު މިނިސްޓަރު މަގާމުން ދުރު ކުރުމަކީ، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭރު އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، މިދިއަ މަހު ކޮވިޑް-19 ޖެހިފައިވާ މީހަކު ނެތްކަމަށް އިއުލާނުކުރި ފަހުން، އެ ބަލީގެ އާ ކޭސްތައް ފެނުމާ ގުޅިގެން، ސަރުކާރަށާއި ހާއްސަކޮށް ހެލްތު މިނިސްޓްރީއަށް އާއްމުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ބަލި ފެނުނު ދެ އަންހެނުންނަކީ ވެސް އެއް އާއިލާއެއްގެ ދެ މީހުން ކަމަށާއި، އެ ދެ މީހުން ނިއު ޒީލެންޑަށް ދަތުރުކޮށްފައި ވަނީ އިނގިރޭސި ވިލާތުން ޖަނާޒާއެއްގައި ބައިވެރުވުމަށް ކަމަށެވެ.

ބޭރުން އަންނަ މީހުނާ މެދު އަމަލުކުރާ އުސޫލުގެ ތެރެއިން، ދޯހާ އަދި ބްރިޒްބަން މަގުން އައި އެ ދެ މީހުން ޖޫން ހަތް ވަނަ ދުވަހު ވަނީ ކަރަންޓީނު ކުރެވިފަ އެވެ. ނަމަވެސް، އޭގެ ފަސް ދުވަސް ފަހުން ޖަނާޒާގައި ބައިވެރިވާން ހުއްދައަށް އެދުމުން، އެ ދެ މީހުން ވެލިންގްޓަނަށް ދިއުމުގެ ހުއްދަ ޖެހިގެން އައި ދުވަހު ވަނީ ދީފަ އެވެ.

ޓެސްޓު ނުކޮށް ކަރަންޓީނުން ބޭރުވާން ހުއްދަ ދިން މައްސަލާގައި ފާޑިކިއުންތައް އަމާޒުވެފައިވާ ކްލާކް އިސްތިއުފާ ދެއްވަމުން ވިދާޅުވީ، އެފަދަ ހުރިހާ ނިންމުންތަކުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށެވެ.

އަދި މުޖުތަމައުގެ ތެރޭގައި މިހާރު ބަލި ފެތުރެމުންނުދާއިރު، މިއީ އިސްތިއުފާ ދެއްވަން އެންމެ ރަނގަޅު ވަގުތު ކަމުގައި ވެސް ކްލާކް ވަނީ ވިދާޅުވެފަ އެވެ.

ކްލާކްގެ އިސްތިއުފާ އާޑެން ގަބޫލު ކުރައްވާފައިވާކަމަށް ބޮޑުވަޒީރުގެ އޮފީހުން ވަނީ ބުނެފަ އެވެ.