ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

100 ދުވަސް ފާހަގަކުރި ފަހުން ނިއުޒީލެންޑުން އާ ކޭސްތަކެއް

Aug 12, 2020

ވެލިންގްޓަން (އޯގަސްޓް 12) - ނިއު ޒީލެންޑުގައި ކޮވިޑް-19 އިގެ ކޭހެއް މުޖުތަމައުގެ ތެރެއިން ނުފެންނަތާ 100 ދުވަސް ފާހަގަކުރި ފަހުން، އެ ބަލީގެ އާ ކޭސްތަކެއް ފެނިގެން އެ ގައުމުގެ އެންމެ ބޮޑު ސިޓީ އަލުން ލޮކްޑައުންކޮށްފި އެވެ.

އޯކްލަންޑް ސިޓީން ހަތަރު އާ ކޭހެއް ފެނުމާއެކު އެ ސިޓީ މިހާރު ވަނީ ކުރިއަށްއޮތް ތިން ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. ނިއު ޒީލެންޑުގެ ކަމާބެހޭ އިދާރާއިން ބުނީ އަލަށް ބަލި ޖެހުނު މީހުނަކީ އެއް އާއިލާއެއްގެ ހަތަރު މީހުން ކަމަށެވެ. އަދި މި ފަހުން އޭގެ ތެރެއިން އެއްވެސް މީހަކު ބޭރަށް ދަތުރުކޮށްފައިނުވާކަމަށްވެސް ބުންޏެވެ.

އެ ހަތަރު މީހުނާ ބައްދަލުވި މީހުން ދެނަގަތުމުގެ މަސައްކަތް ކުރިއަށްދާއިރު، އޯކްލަންޑުގައި މީހުން ގޭގައި ތިބެން އެންގުމުގެ އިތުރުން، ޒަރުރީ ހިދުމަތްދޭ ވިޔަފާރިތައް ފިޔަވައި އެހެން ހުރިހާ ތަންތަނެއް ބަންދުކުރަން ވަނީ އަންގައިފަ އެވެ.

އަދި ގައިދުރު ކުރުމުގެ ފިޔަވަޅުތައް އަނެއްކާވެސް އެޅުމަށް ނިއު ޒީލެންޑުގެ އެހެން ސަރަހައްދުތަކަށްވެސް ވަނީ އަންގައިފަ އެވެ.

ނިއު ޒީލެންޑުގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް އެންމެ ފަހުން ރިޕޯޓްކޮށްފައި ވަނީ މިދިއަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ އެ ގައުމުގައި ލޮކްޑައުން ލުއިކުރަން ފެށިތާ ކުރީކޮޅެވެ.

ބަލި ފެތުރެން ފެށުމާއެކު، ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ލޮކްޑައުންކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އަދި ބަލި ފެތުރުން ހިފެހެއްޓުމުގެ ބަދަލުގައި، ކްލަސްޓާތައް ދުރާލައި ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެ ގައުމުން ގެންގުޅު ސިޔާސަތަށް ސިއްހީ މާހަރުން ވަނީ ތައުރީފު ކޮށްފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، މިދިއަ ފެބްރުއަރީ މަހު އެ ބަލީގެ ފުރަތަމަ ކޭސް ރިޕޯޓު ކުރި ފަހުން، ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހުރީ 1،220 ގަ އެވެ. އަދި އޭގެ ތެރެއިން ބަލީގެ ޝިކާރައަކަށްވެފައި ވަނީ 22 މީހުނެވެ.

ނަމަވެސް، ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރެވެންނެތް ކަމަށާއި، ދެވަނަ ރާޅެއް އައުމުގެ ބިރު އަދިވެސް އެބަ އޮތް ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދެއްވައިފަ އެވެ.