ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނިއު ޒީލެންޑް: ކޮވިޑު ނެތި 100 ދުވަސް

Aug 10, 2020

ވެލިންގްޓަން (އޯގަސްޓް 10) - ނިއު ޒީލެންޑުގައި ކޮވިޑް-19 އިގެ ކޭހެއް މުޖުތަމައުގެ ތެރެއިން ނުފެންނަތާ 100 ދުވަސް ފާހަގަކުރި ނަމަވެސް، ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރެވެން ނެތް ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ނިއު ޒީލެންޑުގައި ކޮމިއުނިޓީ ޓްރާންސްމިޝަނެއް އެންމެ ފަހުން ރިޕޯޓްކޮށްފައި ވަނީ މިދިއަ މެއި މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ އެ ގައުމުގައި ލޮކްޑައުން ލުއިކުރަން ފެށިތާ ކުރީކޮޅެވެ. އޭގެ ފަހުން 100 ދުވަސް ހަމަވެފައިވާއިރު، ކޮވިޑުގެ އެއްވެސް ކޭހެއް ނުފެންނަތާ ވެސް ހަތަރު ދުވަސް ވަނީ ވެފަ އެވެ.

އެއާއެކު، އެ ގައުމުގައި އެކްޓިވް ކޭހުގެ ގޮތުގައި މިހާރު ތިބީ އެންމެ 23 މީހުނެވެ.

ބަލި ފެތުރެން ފެށުމާއެކު، ބޯޑަރުތައް ބަންދުކޮށް، މުޅި ގައުމު ލޮކްޑައުންކުރި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އަދި ބަލި ފެތުރުން ހިފެހެއްޓުމުގެ ބަދަލުގައި، ކްލަސްޓާތައް ދުރާލައި ދެނެގަނެ، ބަލި ފެތުރުން ހުއްޓުވުމަށް އެ ގައުމުން ގެންގުޅު ސިޔާސަތަށް ސިއްހީ މާހަރުން ވަނީ ތައުރީފު ކޮށްފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، މިދިއަ ފެބްރުއަރީ މަހު އެ ބަލީގެ ފުރަތަމަ ކޭސް ރިޕޯޓު ކުރި ފަހުން، ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހުރީ 1،219 ގަ އެވެ. އަދި އޭގެ ތެރެއިން ބަލީގެ ޝިކާރައަކަށްވެފައި ވަނީ 22 މީހުނެވެ.

ނަމަވެސް، ފިޔަވަޅުތަކަށް ފަރުވާ ކުޑަކުރެވެންނެތް ކަމަށާއި، ދެވަނަ ރާޅެއް އައުމުގެ ބިރު އަދިވެސް އެބަ އޮތް ކަމަށް ސިއްހީ މާހިރުން ވަނީ އިންޒާރު ދެއްވައިފަ އެވެ.

އެގޮތުން، ބަލި ކޮންޓްރޯލްވެފައި އޮތުމަށް ފަހު، ކުއްލިއަކަށް އަނެއްކާވެސް ބަލި ފެތުރިގެން ގޮސްފައިވާ މަންޒަރު ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ފެނިފައިވާ ކަމަށް އެ ގައުމުގެ ހެލްތު ޑިރެކްޓާ ޖެނެރަލް ޑރ. އޭޝްލީ ބްލޫމްފީލްޑް ވަނީ ވިދާޅުވެފަ އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ވެސް ވިދާޅުވީ 100 ދުވަސް ހަމަވުމަކީ ކާމިޔާބީއެއް ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް ކުޑަ ނުވާ ކަމަށެވެ. އަދި ބަލި ފެތުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާކުޑަނުކުރުމަށް އެކަމަނާ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ބައްޔާ ދެކޮޅަށް ކުރީ ކޮޅު އެންމެ ކާމިޔާބު ފިޔަވަޅުތައް އެޅި ބައެއް ގައުމުތަކުގައިވެސް ބަލި ފެތުރިގެން ގޮސްފައިވާ މަންޒަރު ވަނީ ފެނިފަ އެވެ. އެގޮތުން، މިދިއަ ޖުލައި މަހާ ހަމައަށް މުޖުތަމައު ތެރޭގައި ބަލި ނެތި 99 ދުވަސް އޮތުމަށްފަހު، ވިއެޓްނާމުގައި ވަނީ ބަލި ފެތުރިގެން ގޮސްފަ އެވެ. އެގޮތުން، މި ބަލިމަޑުކަން ފެށުނު ފަހުން، އެ ގައުމުގައި މި ބަލި ޖެހިގެން ފުރަތަމަ މަރު ވެސް މިހާރު ވަނީ ރިޕޯޓުކޮށްފަ އެވެ.