އިދިކޮޅު ފަރާތްތައް

ބޮޑު އަދަދަކުން އިދިކޮޅު ދެ ޕާޓީ ޖޫރިމަނާކޮށްފި

Aug 31, 2020
8

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ)، ކޮންމެ ޕާޓީއެއް 75،000ރ. އިން ޖުރިމަނާ ކޮށްފި އެވެ.

މި ދެ ޕާޓީ ޖޫރިމަނާ ކުރީ އެ ދެ ޕާޓީން އިސްވެ އޮވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ މާލެ އަތޮޅު މާފުށީ ބޭރުން ކަނޑުމަތީގައި ކުރި މުޒާހަރާ އާއި އަދި މިދިއަ ހުކުރު ދުވަހު މާލޭގައި ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ގޮތަށް ބޭއްވި ސައިކަލް ބުރުގައި އަމަލު ކޮށްފައިވާ ގޮތަށް ބަލައިގެނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަހުމަދު އަކުރަމް މިއަދު ވިދާޅުވީ އެ ދެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ އެޗްޕީއޭގެ ކޮވިޑް ގައިޑްލައިނަށް ބަލައި ސިޔާސީ ޕާޓީތަކުގެ ގާނުނުގެ ހަތްވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެ ދެ ޕާޓީން އެޗްޕީއޭގެ ގައިޑްލައިންއާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިލެކްޝަންސްގެ ޓްވީޓް

ޕީޕީއެމާއި ޕީއެންސީ ޖުރިމަނާ ކުރި އިރު ހުކުރު ދުވަހުގެ ސައިކަލު ބުރާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފުލުހަށް ހާޒިރުކޮށް 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައި ވެއެވެ.

ޖޫރިމަނާއެއް އަދިކޮށްފައި ނުވި ނަމަވެސް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ފުލުހަށް ހާޒިރު ކޮށްފައި ވެއެވެ.