ވާހަކަ

ލޯބިން ބުނެލަން

(30 އޯގަސްޓް 2020 އާ ގުޅޭ)

ކުރިއަށް އޮތް ދެ ދުވަހަކީ ދަތުރުގައި އުޅޭނޭ ދުވަސްތަކަށް ވާތީ ކެންޒާ ރޭވީ ދަތުރު ނިންމާފައި އައިސް ޒުބިންއާ ބައްދަލުކުރާށެވެ. ދޮރޯށި ހުޅުވާލި ގޮތަށް ހެވި ދިލިފައި ހުރެ ކެންޒާ އައިސް ލައިތު އިން ކާރަށް އަރައިފިއެވެ. އެމީހުންގެ މަންޒިލަކަށްވީ ލައިތުގެ އެޕާޓްމެންޓެވެ.

ކާރުން ފައިބައިގެން ދެ ޒުވާނުން އައިސް އިމާރާތަށް ވަނެވެ. އެޕާޓްމެންޓަށް ކެންޒާ ވަނުމުން އޭނާގެ ފަހަތުން ލައިތު ވަނެވެ. އޭނާގެ ދަބަސް ތަޅުންމަތީ ބަހައްޓާލުމާއެކު ފުރަތަމަ ވެސް ކެންޒާގެ ގެނެސް ގާތްކޮށްލައިފިއެވެ. ލޯބިން ބައްދާލައިގެން އިރުކޮޅަކު ހުރުމަށްފަހު ދުރަށް ޖެހިލައި ކެންޒާގެ މޫނަށް ލައިތު ބަލާލިއެވެ. އޭނާގެ ކުރިމަތީގައި ފެންނަން އެ ހުރީ ހިތުގެ ހަމަޖެހުމެވެ. އޭނާގެ މުސްތަޤުބަލެވެ. ލުއި ހިނިތުންވުމަކާއެކު ކެންޒާގެ ނިތްކުރީގައި ލައިތު ބޮސްދީފިއެވެ.

"ސެހެރްއާއި ލައިރާ އުޅުން ލައިތުއާ ބައްދަލުނުވެގެން. ތިއައީ ހިރާއާ ބައްދަލުކުރަން ގޮސްފަތަ؟." ކެންޒާގެ ސުވާލުން ލައިތުގެ ހިނިތުންވުން ގެއްލުނެވެ. ހިރާގެ ނަން ކެންޒާއަށް އެނގެންވީ ގޮތަކާމެދު އޭނާ ސުވާލު އުފެދުނެވެ.

ލައިތު ސުވާލުކުރުމުގެ ކުރީން ސެހްރާނު ދެއްކި ވާހަކަ ކެންޒާ ކިޔާދިނެވެ. ދެ ދުވަހަށް ދިޔައިރު އެހާ އަވަހަށް އަންނަން ޖެހުނީ ހުރިހާ ކަމެއް ހަމަޖެހުނީތޯ ކެންޒާ ސުވާލުކުރިއެވެ. އަދި ހިރާއާ ބައްދަލުވިތޯ ވެސް އެއްސެވެ.

"ހުރިހާކަމެއް އޯކޭ... ދެން އެވާހަކަ ނުދައްކަމާ. އެނގޭތަ އެންމެ ހިނދުކޮޅަކަށް ވެސް ޕެންޑާއާ ދުރުގައި ހުރީމަ މިސްވީވަރު." ލައިތު އެއްގޮތަކަށް ވެސް ލަންޑަނުގައި ހިނގައިދިޔަ އެއްވެސް ކަމެއްގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. ހިރާގެ ނަން ކިޔަން ވެސް ބޭނުންނުވަނީއެވެ.

* * * * *

މަސައްކަތްތައް ފަށަންވީ ގަޑިއަށް ކެންޒާ ގޮވައިގެން ލައިތު ގެއަށް އައެވެ. ގޭގެ ބިއްދޮށްފަރާތުގައި ފަތާފެންގަނޑު ކައިރީ ހުރި ގޮނޑިތަކުގައި ލައިރާއާއި ސެހްރާނުގެ އިތުރުން ޖިނާނު ތިއްބެވެ. އެ އެންމެންގެ ނަޒަރު ލައިތާއި ކެންޒާއަށް އަމާޒުވެލީ އެއްފަހަރާއެވެ. ލައިރާ ތެދުވުމުން ދެން ތިބި ދެ ޒުވާނުން ވެސް ތެދުވެއްޖެއެވެ. ކެންޒާއާއެކު ލައިތު އައިސް ބަދިގެއަށް ވަނީއެވެ. ދެންތިބި މީހުން ވެސް އައީ ބަދިގެއަށެވެ. އެންމެން އެކުގައި ދާން އުޅޭ ދަތުރުގެ ވާހަކައާއި ކެންޒާ ބައިވެރިވާކަމުގެ ޚަބަރު ލައިތަށް ދިނީ ޖިނާނެވެ. އެހިނދު ކެންޒާއަށް ލައިތު ބަލާލީ ޔަގީންކުރާ ފަދައިންނެވެ. ކެންޒާ ބޯޖަހާލުމުން، އެތަނުގައި ދެންތިބި ކޮންމެ މީހަކަށް ލައިތު ބަލާލިއެވެ. ލައިރާއާއި ސެހްރާނުގެ ފަރާތުން އިތުރަށް އޮޅުންފިލިއެވެ. ލައިތުގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ދަނީ ކޮންތާކަށްކަން އެނގުނު ހިސާބުން ލައިތުގެ އަމިއްލަ އެޖެންޑާއެއް ސިކުނޑީގައި ރޭވެމުންދިޔައެވެ. ކެންޒާއާއެކު ވަގުތު ހޭދަކުރާނޭ ގޮތުގެއެވެ.

މަސައްކަތްތައް ފަށައިގަތް ކެންޒާ އެތަނުގައި ތިބި އެންމެން ސަމާލުކަން ގެނުވިއެވެ. ބަދިގޭގައި ތިބޭނަމަ ކާއެއްޗެހީގެ ވަސް ދުވާނޭކަން ހަނދާންކޮށްދިނެވެ. އެހެންނަމަވެސް އެތަނުން އެކަކުވެސް ތިބިތަނުން ފޫހިއްލާ ނުލިއެވެ. ކެންޒާ ކުރާކަމެއް ކުރުމަށް ލައިރާ ބުންޏެވެ. ބައެއްފަހަރު އެ ގޭގެ ކުދީންނާ މެދު ކެންޒާ އަޖައިބުވާހާ ވެއެވެ. ކޮންމެ އަތަކަށް ޚާދިމުން ތިބޭއިރު، ބަލާލި ކޮންމެ ދިމާއަކުން މުއްސަނދިކަން ނޫނީ ނުފެނެއެވެ. ފެށުނީއްސުރެން ކެންޒާ ޤަބޫލުކުރަނީ މުއްސަނދިންނަކީ ބޮޑާ ކިބުރުވެރިބައެއްގެ ގޮތުގައެވެ. ޚާދިމުންނާއި އެމީހުންގެ ކައިރީ މަސައްކަތްކުރާ މުވަޒަފުންނާމެދު ޢަމަލުތައް ބަހައްޓާނީ އަޅުންނާމެދު ކަންތައް ކުރާ އުސޫލުންކަމެވެ. ހަރުކަށިކަން ނޫނީ ނުފެންނާނޭކަމަށެވެ. ނަމަވެސް އެ ގޭގެ ވެރީންގެ ފުށުން އެފަދަ ނުބައި އެއްވެސް ސިފައެއް ކެންޒާ ނުދެކެއެވެ. ޚާދިމަކަށް ވިޔަސް ވާހަކަދެއްކުމުގައި އިޚްތިރާމްކުރާކަން އެނގެއެވެ. އަޑުވީއްލާ ބާރަށް ވާހަކަދައްކާ އަޑެއް ދުވަހަކުވެސް ނީވެއެވެ. އެހެންބަޔަކުނަމަ ނުބައިވަހެއް ދުވާފާނޭތީ، ނޫނީ ހޫނުވާނޭތީ ވެސް ބަދިގެއާ ކައިރިއެއްނުވާނެއެވެ. ކެންޒާއާ އެމީހުންނާ ހުރި ފަރަގުގެ ބޮޑުކަން ބަހާއި ޢަމަލުން އަންގާދިނީހެވެ. އެ އެންމެންގެ ތެރެއިން ވެސް ކެންޒާއަށް ލައިތުގެ އުޅުން ތަފާތުކަން ފާހަގަވެއެވެ. އޭނާ ސާދާކަންކަމަށް ލޯބިކުރަންވީ ސަބަބެއް ނުވިސްނުނެވެ. އޭނާގެ ވާހަކަތަކުން މި ޢާއިލާއާއި އެމީހުންނާ ގުޅިފައިވި މުއްސަނދިކަމުން ޒައްރެއް ވެސް ބޭނުންނުވާކަން ބުނަނީ ކީއްވެބާއޭ ކެންޒާގެ ހިތަށް އަރައެވެ. އަނެއްކޮޅުން ކެންޒާއަށް ޚާއްޞަވެފައިވި އެ ހަނދާންތަކުގެ ވާހަކަ ލައިތު ދައްކަންވީ ސަބަބެއް ވެސް ނޭނގެއެވެ.

އުނދުން ކައިރީ ހުރެފައި ކެންޒާ އެނބުރިލިއެވެ. ލައިތުއަށް ބަލާލިއެވެ. އެހިނދު ލައިތުގެ ނަޒަރު ވެސް ކެންޒާއާ އަމާޒުވެލިއެވެ. ވަގުތުން ހިނިތުންވުމެއް އޭނާ ހަދިޔާކުރިއެވެ. ޚިޔާލަކަށް ކެންޒާ ގެއްލިފައި ހުރިހެން ހީވެ ލައިތު ނިތްއަރުވާލިއެވެ. ސުވާލެއްކުރާ ފަދައިންނެވެ. ލުއި ހިނިތުންވުމަކާއެކު ކެންޒާ ދެފަރާތަށް ބޯހޫރާލިއެވެ. މިހާތަނަށް އެގޭތެރެއިން އިވިފައިނުވާ އަދި ކެންޒާގެ ދުލުން ހާމަކޮށްފައިނުވާ ނަމެއް އެ ހިތުގައިވިއެވެ.

* * * * *

ބަދިގެ ފަރާތަށް ތޫފާނެއް އަރާފައި އޮތް ކަހަލައެވެ. ފުނޑުފުނޑުވެފައި އޮތް ތަށީގައި ކާއެއްޗެހި ވެސް ހުއްޓެވެ. އެވެސް ވަނީ މުޅިތަނަށް ބުރައިގެން ގޮސްފައެވެ. އާޤިބަށް މުބީން ބަލާލިއެވެ. ވީކީއްތޯ މުބީން އެއްސެވެ. ރޭގައި މުބީން އުޅުނީ ބޭރުގައެވެ. ޝާނު ގުޅާފައި ވާހަކަދެއްކީ އާޤިބާއެވެ. މިފްރާހުއާއި އޭނާ އިންނަން އުޅޭ ކުއްޖާއާ ދެމެދު މައްސަލައެއް ޖެހުނީކަމުގައި ޝާނު ބުންޏެވެ.

"ބަލާބަލަ އަސްލު މައްސަލައަކީ ކޮބާތޯ؟. އެ ގެ ހަދައިދޭން ބުނީމާ ވެސް އެމީހުން ހިތްނުފުރުނީތަ؟." މުބީންގެ ދެބުމަ ކައިރިވެލިއެވެ. އާޤިބު އާނއެކޭ ބުންޏެވެ. މިފްރާހު ކޮޓަރީގައި އޮތްކަން އާޤިބު ބުނުމުން އިރުކޮޅަކު ވިސްނާލަން މުބީން މަޑުކޮށްލިއެވެ.

"އިހަށް މަޑުކުރޭ، އަހަރެން މިފޫއާ ވާހަކަދައްކާފަ ބުނާނަން އެމީހުންނަށް ހަދަންވީ ގޮތެއް." މުބީންގެ ޚިޔާލު ބަދަލުވިއެވެ. މިފްރާހު ތަކުރާރުކޮށް އޭނާގެ ޒާތީކަމެއްގެ ތެރެއަށް ނުވަނުމަށް މުބީން ގާތު ބުނަމުންދަނިކޮށް، މުބީން އަމިއްލައަށް ފިޔަވަޅެއް އަޅައިފިނަމަ ނަތީޖާ ރަނގަޅެއް ނުވާނޭކަން ވިސްނުނީއެވެ. މިފްރާހު ނުރުހިއްޖެނަމަ އޭނާ މުބީންއާ ގުޅުން ކަނޑާލަފާނޭ ހީވަނީއެވެ.

ކޮޓަރީގައި ޓަކި ޖެހުމުން ވެސް މިފްރާހު ނުހުޅުވިއެވެ. ވަންނަނީ ކަމުގައި މުބީން ބުނުމުން ވެސް ކޮއްކޮގެ ޚަބަރެއް ނުވިއެވެ. އާޤިބަށް ކޮށްލި އިޝާރާތާއެކު ތަޅުދަނޑިފަތި ގެނެސްދިނެވެ. ދޮރުހުޅުވާލުމުން އެ ހަތަރުފާރުގެ ތެރޭގައިވި އަނދިރިކަން އައިސް މުބީން ވަށާލި ކަހަލައެވެ. ފުރަތަމަ ކަމަކަށް އޭނާ ބެލީ ކޮޓަރީގެ ބޮކި ދިއްލޭތޯއެވެ. ތަޅުދަނޑިފަތި އާޤިބަށް ދިއްކޮށްލާފައި ދިއުމަށް މުބީން އިޝާރާތްކޮށްލިއެވެ. ދެން އޭނާ އެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

އެނދުގައި އަރިއަކަށް ވާހެން ބަންޑުން މިފްރާހު އޮތެވެ. މިހާރު އޭނާ އޮތީ ނިދާފައެއްނޫނެވެ. މުބީން ވަންކަން އޭނާއަށް އެނގެއެވެ. އެހެންވިޔަސް އޮތީ ދެ ލޯ މަރާލައިގެންނެވެ. ބޭބެ އައިސް އޭނާގެ މަގަތުން އެނދުގައި އިށީންކަން ވެސް މިފްރާހު ދެނަހުއްޓެވެ. އޭނާގެ ބުރަކަށީގައި މުބީން ފިރުމާލުމާއެކު ގޮވާލިއެވެ. މަގަތަށް މޫނު އަނބުރާލައި މުބީންއަށް މިފްރާހު ބަލާލިއެވެ.

"ކޮންކަމަކާ ދެމީހުން ދެބަސްވީ." މުބީން އެއްސެވެ. މިފްރާހު އަނގައިން ނުބުނީމަ އޭނާއަށް މުބީން ގޮވާލިއެވެ. މަޑުމަޑުން ތެދުވެ ހެޑުބޯޑުގައި މިފްރާހު ލެނގިލިއެވެ.

"އޭނާ ނޫން މީހަކާ ނީންނާނަން." މިފްރާހު ބުންޏެވެ.

"ކިހިނެއްވީ؟، މަންމަމެން ގުޅީތަ؟... މިފޫ މީހަކާ އިނުމާ ދެކޮޅު ހެދީތަ؟." ކޮއްކޮ ބުނި އެއްޗެއް މުބީނަށް ދޭހަވީ އެފަދައިންނެވެ.

"އޭނަ... އޭނަ އިންނަން ދެކޮޅު ހަދަނީ. ހަމްބެ ޤަބޫލު އަހަރެން އޭނާއާ އިންނަން، އޭނާގެ މަންމަ ވެސް ރަނގަޅު، އެކަމަކު ކެންޒާގެ ކޮޅަށް އެ މަންމަ ހުރީ... ދެން ހުރީ އޭނާގެ ބޭބެ، އޭނާ އެއްގޮތަކަށް ވެސް ޤަބޫލެއްނޫން، އޭނާގެ ނުފޫޒު ވެސް އެހާ ބޮޑު.... އަހަރެން ބޭނުން ގޮތަކަށް އެއްކަމެއް ވެސް ނުވި." އިރުކޮޅަކު ހިމޭނުން އިނދެފައި މިފްރާހު ކިޔާދިނެވެ.

"އެމީހުން ބޭނުންވަނީ ކޮންކަމެއް؟." މުބީން އަހާލިއެވެ.

"އެއްވެސް އެއްޗެއް ބޭނުމެއްނޫން." މިފްރާހު ބުންޏެވެ.

"ތިބުނާ ކުއްޖާއަށް މިފޫ ކަމުނުދަނީތަ؟. އެހެންވެތަ އޭނާ އެއްބަސްނުވެގެން ތިއުޅެނީ." މުބީނަށް ވިސްނުނު ގޮތް ހާމަކުރިއެވެ.

"ހީވަނީ އޭނާ ބިޓެއް ނަގައިގެންހެން އުޅެނީ. އެކަމަކު އަހަރެން ބޭނުން އޭނަ. ވަރިހަމަ މިހާރު ލޯބިނުވިޔަސް، އިނީމަ ލޯބިވާނެ... އިނދެގެން މިކޮޅަކު ނުވެސް ބަހައްޓާނަން. މަންމަމެން ގާތު ބުނެފަ އޮންނާނީ، އެންމެން ވެސް ތިބީ އަހަރެން އިންނަން އުޅޭ ކުއްޖާއާ ބައްދަލުކުރާ ހިތުން، ގޮވައިގެން އެކޮޅުގައި ސެޓްލް ވާނީ... މާބެ ބުނެބަލަ؟، އޭނާ އަހަންނާ އިންނާނޭ ގޮތެއް ބުނެދީބަލަ؟." މިފްރާހުގެ ހިތުގެ އެދުން ހާމަކުރިއެވެ.

"އެ ދެމީހުން ދުރުކޮށްލާ. އޭރުން އެ ނިމުނީނު." މުބީން ވަގުތުން ބުނެލިއެވެ.

"ކިހިނެއް؟." މިފްރާހު އެނގެން ބޭނުންވިއެވެ.

"ބިރުގަންނަވާލަންވީނު... އޭރުން އަމިއްލަ ސަލާމަތައް އަންހެންކުއްޖާއާ ގުޅުން ކަނޑާލަފާނެ." މުބީން ޚިޔާލެއް ފާޅުކުރިއެވެ.

"ޕޮލިހަށް މައްސަލަ ޖައްސައިފިއްޔާ ކަނޑައެއްނު." މިފްރާހު ވިސްނާލިއެވެ.

"މިފޫ އިންވޯލްވް ވާނޭކަމެއް ނެތޭ. ކާކުކަން މާބެ ގާތު ބުނޭ... އަހަރެން ހަމަޖައްސާލަފާނަން ތިކަން." މުބީން ބުންޏެވެ.

މުބީންއާއި މިފްރާހު މަޝްވަރާގައި ތިއްބެވެ. ކުރިން ނުކުރަން ހުރި އެތައް ކަމެއްގެ ޚިޔާލު މިފްރާހުގެ ސިކުނޑިއަށް ވެރިވަމުންދިޔައެވެ. ގަދަބާރުން ކެންޒާ ހޯދުމަކީ އޭނާ ވިސްނި ގޮތެއްނޫނެވެ. ނަމަވެސް ކެންޒާ ނުލިބޭނެކަން ޔަގީންވަމުންދާއިރު ކުޑަކޮށް ވެސް ދޫދޭން މިފްރާހު ބޭނުމެއްނޫނެވެ. ކެންޒާ ލިބެން އޮތީ ގަދަބާރުކަން ކަމަށް ވާނަމަ އޭނާ ކެންޒާ ހޯދާނީ އެފަދައިންނެވެ. މިލްކުވުމުން ކެންޒާގެ ހިތުން ހުރިހާ ރުޅިވެރިކަމެއް ފިލައިގެންދާވަރަށް މިފްރާހު ލޯބި ދޭނެއެވެ. އެހާތަނުން ހުރިހާކަމެއް އޮންނާނީ މާޒީއަށްވެފައެވެ. ކެންޒާގެ މުސްތަޤުބަލް ގުޅިފައިވާނީ މިފްރާހާއެވެ. ޚިޔާލުތަކުން މިފްރާހަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. މުބީންގެ އެހީތެރިކަމާނުލައި އޭނާއަށް ކެންޒާ ހާސިލުކުރުން ފަސޭހައެއް ނުވާނޭކަން އެނގެއެވެ.

* * * * *

ކެންޒާ ގެއަށް ލާފައި ލައިތު އައިސް ގެއަށް ވަނެވެ. ބޮޑުކޮޓަރި ދިއްލާފައި ހުރުމުން އޭނާ ހައިރާންވިއެވެ. ސޯފާގައި އިން އަސަދު ފެނުނީ ދެނެވެ. ދޮރުލައްޕާލާފައި ހިނގައިގަންނަން އުޅުނު ލައިތަށް އަސަދު ގޮވާލިއެވެ. ދެވަނަ ފަހަރަށް ގޮވާލުމުން ސޯފާތައް ކައިރިއަށް އައިސް ލައިތު ހުއްޓުނެވެ.

"ހިރާއާ ބައްދަލުވިތަ؟، ކޮންއިރަކުން އޭނާ އަންނަނީ." އަސަދު އަހާލިއެވެ.

"ނުވޭ، ނޭނގެ އަންނާނެ ދުވަހެއް..." ލައިތު ބުންޏެވެ. އޭނާގެ މޫނުން ފެންނަން ހުރި އާދަޔާ ޚިލާފު ރުޅިވެރިކަން އަސަދަށް ސިއްރެއްނުވިއެވެ.

"މިތާ އިށީނދެބަލަ." އަސަދުގެ ކަނާއަތް ފަރާތުގައި އެކަކަށް އިށީނދެވޭން ހުރި ސޯފާގޮނޑި ދައްކާލިއެވެ.

ޖީންސުގެ ޖީބަށް ޖަހާލައިގެން ހުރި ދެއަތް ނަގަމުން ލައިތު އައިސް ގޮނޑީގައި އިށީނެވެ. ފަރުވާތެރިކަމާއެކު ދަރިފުޅަށް އަސަދު ބަލާލިއެވެ. ދެން ހިނިތުންވެލިއެވެ. އެ މޫނުން އޭނާގެ ޒުވާން ސޫރަ އަސަދަށް ސިފަވިއެވެ. އެ އުމުރުގައި އޭނާ ވެސް ހިނިތުންވާތީ ނުފެންނާނެއެވެ. ގެއަށް އާދެވިއްޖެނަމަ އަބަދުވެސް ހުރެވެނީ ރުޅިއާދެވިފައެވެ. ނަމަވެސް އެ ރުޅިވެރިކަން އޭނާ ހުރީ އެތެރެއަށް ހިންދައިލައިގެންނެވެ. ވަށައިގެން ތިބީ އެއްޗެކޭ ބުނާވަރަށްވުރެ ގާތް މީހުންވީމައެވެ.

"ދަތުރުގައި ބައިވެރިވަންތަ؟." އަސަދު އަހާލިއެވެ. ލައިތު ހޫންއަކާއެކު ބޯޖަހާލިއެވެ.

"ކެންޒާ ދޭތަ؟، މާމަ ބުނި ކެންޒާ ބައިވެރިވާން ހުރިނަމަ މި ދެދުވަސް ޗުއްޓީ ދޭނަމޭ" އަސަދުގެ ވާހަކަ ހިމޭންކަމާއެކު ލައިތު އަޑުއެހިއެވެ. އެއްވެސް ޖަވާބެއް ދޭން އޭނާ ގަސްދުނުކުރާ ކަހަލައެވެ. އެހެންވެ ދެން ވެސް ވާހަކަދެއްކީ އަސަދެވެ.

"ނިފްރާއަށް..."

ލައިތު ކުއްލިއަކަށް ތެދުވިއެވެ. އަނގައިން ވެސް ނުބުނެ ވަގުތުން އަސަދުގެ ކުރިމަތިން އޭނާ ދިޔައީއެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު އަސަދު އިސްޖަހާލިއެވެ. އޭނާއަށް ކުރެވުނީ ކީއްކަން އަސަދަށް އެނގެއެވެ.

* * * * *

ފަތިހު ކެންޒާއާއެކު ދޮރޯށި ދޮށަށް މިންނާ ވެސް ނުކުތެވެ. ދޮރުމަތީ އޮތް ކާރުން ލައިރާ ފޭބިއެވެ. ކެންޒާއާއެކު ހުރި މިންނާ ފެނިފައި އެއީކަން ކެންޒާގެ މަންމަ، ލައިރާ ދެނެގަތެވެ.

"ކެން ބަލާ މިއައީ..." ލައިރާ ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ.

"ލައިރާ... މީ މަންމަ." ކެންޒާ ބުންޏެވެ.

"ކެން މަންމަ ހާސްނުވޭ، މިހާރު ކެންއަކީ އަޅުގަނޑުމެން ގޭ ކުއްޖެއް، ސަލާމަތުން އަޅުގަނޑުމެންނާއެކު ގެނެސްދޭނަން." ލައިރާ ބުނެލިއެވެ.

ކެންޒާ މަސައްކަތްކުރާ ގޭގެ ކުދީންނާ އޮންނަ ގުޅުން މިންނާއަށް އަންދާޒާކުރެވުނެވެ. ދުވަހަކުވެސް ކެންޒާގެ ރަޙުމަތްތެރިއަކު ގެއަށް އައިސްފައެއް ނުވެއެވެ. ކެންޒާގެ ރަޙުމަތްތެރިއަކު ނުހުންނަނީ ކަމުގައި މިންނާ ނިންމީ އެހެންވެއެވެ. ސްކޫލު ދައުރު ނިމި އިތުރަށް ކިޔަވަން ފެށުމުން ވެސް ކެންޒާގެ އެކަހެރި ދިރިއުޅުން ބަދަލެއްނުވެއެވެ. އެކަމަކު އޭނާ މާލެ އައުމުން ދަރިފުޅު ފެނިފައި ވެސް ބަދަލުތަކެއް އަތުވެއްޖެކަން އެނގުނެވެ. ލައިރާގެ ހިތްހެޔޮކަން މިންނާގެ ހިތުން ޖާގަ ހޯދިއެވެ. ބަލައިގެން އުޅޭން މިންނާ ބުނީ ހަމައެކަނި ކެންޒާ ގާތުގަ އެކަންޏެއް ނޫނެވެ. ލައިރާ ވެސް ޝާމިލުކުރިއެވެ.

ހުރިހާ މަންޒަރެއް ބަލަން ޑްރައިވަރާ ޖެހިގެން، ކާރުގެ ކުރީ ސީޓުގައި ލައިތު އިނެވެ. ކެންޒާގެ މަންމަ ފެނުމުން ކުރީގެ ހަނދާނެއް އާވިއެވެ. އެ ފޮނި ހަނދާންތަކުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ. ކެންޒާއާ ބައްދަލުވުމަކީ އިއްތިފާގަކަށްވުރެ ތަޤުދީރުކަމުގައި ލައިތު ޤަބޫލިކުރިއެވެ.

ރިސޯޓެއްގެ ނަން ޖަހާފައި އޮތް ލާންޗަށް އެންމެން އަރަމުންދިޔައެވެ. އެފަދަ އުޅަނދުތަކަށް އަރަން ކެންޒާ ޖެހިލުންވަނީ ވެއްޓިދާނެތީއެވެ. ލަދުގަންނާނޭވަރު ހިތަށް އަރާފައެވެ. ނަމަވެސް ލައިތު އޭނާގެ އަތުގައި ހިފާލީ ބާރަށެވެ. ވެއްޓެންޏާ ވެއްޓޭނީ ދެ މީހުން އެކުގައޭ ބުނާ ކަހަލައެވެ. ލާންޗުގައި ހުރި ސެހްރާނު އަވަހަށް އައިސް ކެންޒާއަށް އަތްދިއްކޮށްލިއެވެ. ކެންޒާ ބިރުން އުޅޭހެން އޭނާއަށް ވެސް ހީވީއެވެ. އެހާ ފަސޭހަ ކަމަކަށް ވެދާނޭ ކެންޒާ ހިޔެއްނުކުރެއެވެ. ދެ ޒުވާނުން ވެގެން އޭނާ އުފުލާލާފައި ލާންޗުގައި ބެހެއްޓީ ކަހަލައެވެ. ލައިތަށް ބަލާލާފައި ކެންޒާއަށް ހީނލެވުނެވެ. ބިރުން އުޅެވުނީމައެވެ.

"އާ ޔޫ އޯކޭ؟." ގޮނޑިތަކުގެ ތެރެއިން ލައިރާގެ އަޑު އިވުނެވެ. އޭނާ އިލިއާނާ ބައިންދަނީއެވެ.

ކެންޒާގެ އަތް ގެނެސް ލައިތުގެ މުލައްދަނޑީގައި އަޅުވާލިއެވެ. އޭނާގެ އަތުން ދޫކޮށްނުލުމަށް ކެންޒާއަށް ބުނެލިއެވެ. އަވަސްއަވަހަށް ކެންޒާ ބޯޖަހާލީ އެއްބަސްވަމުންނެވެ. އެ ދެ މީހުންނަށް ބަލަން ފިޒާނާ އިނީ އެސްފިޔަ ޖަހާ ވެސް ނުލައެވެ. އެ އަންހެންކުއްޖާގެ ކިބައިން ލައިތަށް ކަމުދަނީ ކޮންކަމެއްބާއޭ ފިޒާނާ ހިތަށް އަރައެވެ. ލާންޗުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން ޔާދިން ބަލާލިއެވެ. ޖިނާނުއާއެކު ސެހްރާނު އެއްފަޅީގެ ގޮނޑިބަރީގައި ތިއްބެވެ. ކެންޒާއަށް ގޮވައި ލައިރާގެ ގާތަށް ގެންދިޔައެވެ. ކެންޒާގެ ގާތުގައި ނޫން ތަނެއްގައި ލައިތު އިންނާކަށް ބޭނުމެއްނުވިއެވެ.

"އަހަރެމެން ކައިރީ އިންނަން އެކަކު ވެސް ނައެއްނު." ފިޒާނާ ބުނެލިއެވެ.

"ފިޒާއަށް ރަނގަޅީނު." ޔާދިން ސަމާސާކޮށްލިއެވެ.

"ޔާދުބެ ލަދުގަންނާނެ، އެހެންވެ ތިމީހުންނަށް ޕްރައިވެސީ ދިނީ..." ފަހަތުގައި ތިބި ސެހްރާނާއި ޖިނާނަށް ފިޒާނާގެ އަޑު އިވުނީއެވެ. އެހެންވެ ގޮނޑިމައްޗަށް ތެދުވެލައިގެން އޮވެ ފިޒާނާގެ ބޯމަތިން ޖިނާނު ވާހަކަދެއްކިއެވެ.

ކެންޒާގެ ނަޒަރު ހުރީ ލައިރާއަށެވެ. ވަރިވެއްޖެކަމުގެ ޚަބަރު ލައިރާ ދިނުމުން އޭނާ ވަރަށް ދެރަވިއެވެ. ހަމައެއާއެކު އެކަމާ ގުޅޭ އެއްވެސް ސުވާލެއް ނުކުރަން ކެންޒާ ސަމާލުކަން ދިނެވެ. މި ދަތުރުގައި ލައިރާ ހިތްހަމަޖެހި އުފާވެފައި ހުންނަން ކެންޒާ ބޭނުންވިއެވެ. ލައިތުއަށް އެ ޚަބަރު ލިބުނީ ސެހްރާނުގެ ފަރާތުންނެވެ. އޭނާ ވެސް އިނީ މިދަތުރުގައި ލައިރާއާ އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކާށެވެ.

ރަށަށް އެރުމާއެކު އެންމެން ބަލާ އައިސް ގަފޫރު ހުއްޓެވެ. ދުއްވާ އެއްޗެއްގައި ރަށުގެ އަތިރިމައްޗާ ދިމާއަށް އައެވެ. އެ ރަށަކީ ގެސްޓުން ތިބޭ ރަށެކެވެ. އަސަދުގެ ގެސްޓުހައުސްތައް އެ ރަށުގައި ހުރެއެވެ. ރަށުގައި ޢާއްމުން އުޅޭ ސަރަޙައްދާ ދުރުގައި އަތިރިމަތި ފެންނާނޭހެން ހަދާފައި ހުރި ކެބިންއަކީ އަސަދުއަށް ޚާއްޞަ ތަނެވެ. ގެސްޓުން ތިބޭ ގޮތަށް އެ ކެބިން ހުޅުވާލީ ވަރަށް ފަހުންނެވެ. އޭގެ ކުރީން އެތަނަކީ ހަމައެކަނި ޢާއިލާ މީހުން އައިސް މަޑުކޮށްލާ ގޮތަށް ހުންނަ ތަނެކެވެ. އެ ކެބިންގެ އެއްކޮޅުން ރަށުގެ ވާގަނޑު ފެންނަން އޮވެއެވެ. ގޭގެ ދިމާ ކުރިމަތިން ހުދުކުލައިގެ ހިމުން ދޮންވެލިގަނޑާއެކު، ފޭބުމަށްފަހު އަރާ ހިތްނުވާނޭ ސާފު މޫދެވެ. ވަށައިގެން ވެރިވެފައި އޮންނަ ހިމޭންކަން ނަފްސަށް ހަމަޖެހުން ގެނެސްދެއެވެ. ގެއާ މާ ދުރުނޫން ހިސާބުގައި ބާބެކިއު ހެދޭނޭ ގޮތް ހަމަޖައްސާފައި ހުއްޓެވެ. ކެބިންގެ ކައިރީ ކުޑަކުޑަ ގެއެއް އަޅާފައި ހުއްޓެވެ. މޫދު ކުޅިވަރުގެ ބައެއް އެއްޗެހި އެކުޑަ ގޭގެ ތެރޭގައި ހުންނާނޭކަން ގަފޫރު ބުންޏެވެ. އޭނާއާ ހުރިހާ ކަމެއްގައި އިސްވެ ވާހަކަދައްކަން ހުރީ ސެހްރާނެވެ.

ކެންޒާގެ އަތުގައި ހިފާލުމާއެކު ލައިތު ހިނގައިގަތީ އަތިރި މައްޗަށް ފައިބާށެވެ. އެހިނދު އެމީހުންގެ ފަހަތުން ދުވަމުން އައިސް ލައިތުގެ ފައިގަ ހިފެހެއްޓީ އިލިއާނާއެވެ. ފަސްއެނބުރި ލައިރާއަށް ބަލާލާފައި ލައިތު ދައްކާލީ އޭނާގެ ގާތުގައި ހުރި އިލިއާނާއެވެ. ލައިރާ ބޯޖަހާލުމުން އިލިއާނާ ގޮވައިގެން ލައިތު ހިނގައިގަތެވެ.

"ކޮންތާކަށް ތިދަނީ؟..." ފިޒާނާ އައިސް ހުއްޓުލީ ކެންޒާގެ ކައިރީއެވެ.

(ނުނިމޭ)