"ކޮވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މީޑިއާއިން ކެންޕެއިނެއް ފަށައިފި އެވެ.
މީޑިއާ ކެންޕެއިން މިރޭ ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ކެންޕެއިންގައި ރާއްޖޭގެ ޓީވީ، ރޭޑިއޯ އަދި އޮންލައިން ބައެއް ނޫސްތަކުން ބައިވެރިވެފައި ވެއެވެ.
މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ މީޑިއާތަކުގެ އެޑިޓަރުން ވިދާޅުވީ މިރޭ ފެށި ކެންޕެއިންގެ ބޭނުމަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އިންތިހާ ދަރަޖައަކަށް ގޯސްވެފައިވާތީ ކަަމަށެވެ. އަދި މިރޭ ފެށުނު ކެންޕެއިންގެ ތެރެއިން ކޮވިޑަށް ހޭލުންތެރި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ކެންޕެއިން ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް ސޯލިހު ވަނީ ވީޑިއޯ މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖްގައި އެމަނިކުފާނު ވަނީ މީޑިއާތަކުން ފެށި ކެންޕެއިނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ މީޑިއާތަކުން މަސައްކަތެއް ފަށައިފިނަމަ އެކަމެއް ކާމިޔާބު ކުރާނެ ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑްގައި 29 މީހަކު މަރުވެ ގޮސްފައިވާއިރު ކޮންމެ ދުވަހަކުވެސް އެތައް ބަޔަކަށް ބަލި ޖެހެމުންދާ ކަމަށެވެ. އެއީ ހާލަތު ގޯސްވާ ކަމުގެ ނިޝާނެއް ކަމަށް ވިދާޅުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ނުކުރެވިއްޖެނަމަ ފުރާނަ ގެއްލޭ މީހުންގެ އަަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ބަލީގައި އިތުރު އެއްވެސް ފުރާނައެއް ގެއްލިގެންދާކަށް އަޅުގަނޑުމެންގެ އެކަކުވެސް ބޭނުމެއް ނުވޭ. މި ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ކަންތައްތައް ހިނގައިދާނެ. ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އަލާތްތައް ހޮސްޕިޓަލްތަކުގައި ހުއްޓަސް ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލި މީހުން އިތުރުވެއްޖެނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް. އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެނޭ،"
ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާ ކުރުމަށް ގޮވާލައްވާފައެވެ. އަދި އެޗްޕީއޭގެ މިންގަނޑާއި އެއްވެސް މީހަކު ހިލާފުނުވުމަށް އިލްތިމާސް ކުރެއްވިއެވެ.
"އެޗްޕީއޭއިން ކެނޑިނޭޅި އެ ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށްފިއްޏާ މިއީ ކޮންޓްރޯލް ނުކުރެވޭނެ ވަރުގެ ބައްޔެއް ނޫން،"