(1 ސެޕްޓެމްބަރ 2020 އާ ގުޅޭ)
ކެންޒާގެ އަތުގައި ހިފާލުމާއެކު ލައިތު ހިނގައިގަތީ އަތިރި މައްޗަށް ފައިބާށެވެ. އެހިނދު އެމީހުންގެ ފަހަތުން ދުވަމުން އައިސް ލައިތުގެ ފައިގަ ހިފެހެއްޓީ އިލިއާނާއެވެ. ފަސްއެނބުރި ލައިރާއަށް ބަލާލާފައި ލައިތު ދައްކާލީ އޭނާގެ ގާތުގައި ހުރި އިލިއާނާއެވެ. ލައިރާ ބޯޖަހާލުމުން އިލިއާނާ ގޮވައިގެން ލައިތު ހިނގައިގަތެވެ.
"ކޮންތާކަށް ތިދަނީ؟..." ފިޒާނާ އައިސް ހުއްޓުލީ ކެންޒާގެ ކައިރީއެވެ.
އޭނާގެ އެ ސުވާލުން ކެންޒާގެ ނަޒަރު ހިންގާލެވުނީ ލައިތުއަށެވެ. ތަނަކަށް ދާން އުޅުނީ އޭނާ ވިއްޔާއެވެ. އެހެންނޫނަސް ފިޒާނާއަށް ލައިތު އިންތިހާއަށް ނަފުރަތުކުރާއިރު، އޭނާ ބައިވެރިނުކުރާނޭކަން ޚުދު ފިޒާނާއަށް ނޭނގެނީބާއޭ ކެންޒާގެ ހިތަށް އެރިއެވެ. ފިޒާނާގެ ގަސްދަކީ ލައިތު ރުޅިއަރުވާލުންބާއެވެ.
"ފެމެލީ ކުދީން އެކަނި ދަނީ." އެ ކުޑަކުޑަ އިލިއާނާ ބުނެލި ޖުމްލައިން އެންމެން ހައިރާންކޮށްލިއެވެ. ނިކަން ލޯބިން ލައިތު އެކުއްޖާ އުރާލައިފިއެވެ. ކޮލުގައި ބޮސްދިނީ ފުޅާ ހިނިތުންވުމަކާއެކުއެވެ.
"ބޭބީ ޔޫ އާ ދި ބެސްޓް." ލައިތު ބުނެލިއެވެ. ފިޒާނާ މޫނުކުނިކޮށްލިތަން ފެނުނެވެ.
"ދެން މީ ކާކު؟، މީނަ މީ ތި ފެމެލީ މީހެއްނޫން..." ކެންޒާ ދައްކާލަމުން އިލިއާނާއާ ފިޒާނާ ޖަދަލުކޮށްލިއެވެ. ކެންޒާގެ ތުންފަތަށް މިފަހަރު ހިނިތުންވުމެއް ވެރިވިއެވެ. ހަތަރު އަހަރު ކުޑަކުއްޖަކާ ޖަދަލުކުރާހާ ފިޒާނާގެ ސިކުނޑީގައި ތެތްކަމެއް ނެތީ ހެއްޔެވެ. އިލިއާނާ ބުނި އެއްޗެއް އެ ބުނީ މާބޮޑު ވިސްނުމެއްނެތިކަން ޔަގީނެވެ. އޭނާއާ ފިޒާނާ ބައްދަލުވެފައި ނެތުމުން އެއީ ކާކުކަން ނޭނގުނީއެވެ. ޖަދަލުކުރުމުގެ ބަދަލުގައި އަމިއްލަ މީހާއަކީ ކާކުކަން އެކުއްޖާއަށް ބުނެދޭން ފިޒާނާ މަސައްކަތްކުރިނަމައޭ ކެންޒާގެ ހިތަށް އެރިއެވެ.
"ކެނީއަކީ އިލީއާއި މަންމިއާ، ޒިންބެއާ... ހުރިހާ ކުދީންގެ ފްރެންޑެއް..." އަމިއްލަ ބޯޖަހަމުން ލައިތުއަށް ވެސް ބަލަމުން އިލިއާނާ ބުންޏެވެ. ފިޒާނާ ވާހަކަދެއްކި ގޮތް އިލިއާނާއަށް ކަމުނުދިޔައީ ކަހަލައެވެ. އޭނާ ލޯހިމަކޮށްލައި ތުންނެރިލިއެވެ. ލައިތުގެ މޫނާ ކައިރިވެލައި އެކުޑަކުޑަ ދެއަތުން އަނގައިގެ ދެފަރާތުގައި ޖައްސާ ފޮރުވާލީ، ލައިތު ގާތު ސިއްރެއް ބުނާށެވެ.
ސެހްރާނު ދިން ފޮށިގަނޑު ކެބިންއަށް ލާފައި ނުކުތް ޔާދިންއަށް ފިޒާނާ ފެނުނެވެ. ލައިތުއާއި ކެންޒާގެ ގާތަށް ފިޒާނާ ދިއުމުން އެކަމާ ޔާދިން ސުވާލު އުފެދުނެވެ. އެމީހުންދެކެ ރުޅި އައިސްގެން ކީހާ އެއްޗެހި ޔާދިންގެ ސިކުނޑީގައި އަދިވެސް ހަރުލާފައި އެބަހުއްޓެވެ. އެ ރުޅި މިހާރު ފިނިވީ ހެއްޔެވެ. އެމީހުންގެ ގާތަށް ފިޒާނާ ދިޔައީ އެހެންވެކަމަށް ވެދާނެއެވެ.
ރާޅުފަށަށް ލައިތުއާއި ކެންޒާ ފޭބިއެވެ. ލައިތު އުރާލައިގެން ހުރި އިލިއާނާ ވެސް ތިރީގައި ބެހެއްޓިއެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅުން ކެންޒާ ފައި ތެތްމާލުމުން ހަމަ އެފަދައިން ކަންތައްކުރަން އިލިއާނާ ބޭނުންވިއެވެ. ކެންޒާއާއި އިލިއާނާގެ ހަރަކާތްތަކަށް ގެއްލިފައި ލައިތު ހުރީ ދެއަތް އުރާލައިގެން ހެވިފައެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ލައިތުއާ ކައިރިއަށް ފިޒާނާ އެޅިއެވެ. މިހުރިހާ މަންޒަރެއް ޔާދިން ހުރީ ބަލާށެވެ. ފިޒާނާއާ ދުރުމިން ބަހައްޓަން ލައިތު ދުރަށް ޖެހޭތަން ފެނެއެވެ. ފިޒާނާއާ ވާހަކަދައްކަން ބޭނުންނުވާތީ ލައިތު ވެސް ކެންޒާއާއި އިލިއާނާއާ ޖަހަމުންދިޔަ ސަކަރާތުގައި ބައިވެރިވިއެވެ.
ކެންޒާގެ ގައިގާ ލައިތު ބައްދާލާ ކޮންމެ ފަހަރަކު ފިޒާނާގެ ހިތުގައި ގިނި އަދައިގަނެއެވެ. ހިތަށް އައިހައި ހުތުރު އެއްޗެއް އެ އަންހެންކުއްޖާއަށް ގޮވިއެވެ. ފިޒާނާގެ ނަޒަރުގައި ކެންޒާއަކީ ސިފަ ހުތުރު އަންހެނެކެވެ. ލައިތުފަދަ ޒުވާނާ އެކަށީގެނެއްނުވެއެވެ. ކިތަންމެ ފަހަރަކު މޫދަށް އެ އަންހެނާ ކޮށްޕާ ގަންބާލަންވީއޭ ފިޒާނާގެ ހިތް ބުނަމުންދިޔައެވެ. ދުރުގައި ހުންނަންޏާ އޭނާއަށް ޖެހޭނީ އެގޮތަށް ބަލަން ހުންނަންކަން ފިޒާނާގެ ސިކުނޑި ގޮވާލިއެވެ. އެއާއެކު ބުއްދީގެ ބޮކި ދިއްލުނު ކަހަލައެވެ. މޫނުގައިވި ހުރިހާ ނުރުހުމަކާއި ފޫހިކަމެއްގެ އަސަރު ހީލަތުގެ ހިނިތުންވުމަކުން ފަރުދާކޮށްލިއެވެ. ކެންޒާއަށް ގޮވަމުން، ވާހަކައެއް ދައްކަމުން އައިސް ފިޒާނާ ވަނީ ލައިތުއާއި ކެންޒާގެ މެދަށެވެ. އެ ދެމީހުން ވަގުތުން ސަމާލުކަމަށް އައެވެ. އެހެންވިޔަސް އެއްވެސް ކަމެއް އެނގޭކަމަކަށް ފިޒާނާ ނުހެދިއެވެ. ގުދުވެގެން ލޮނުގަނޑަށް އަތްބައިނައިގެން އުޅޭ އިލިއާނާއާ ގާތު ކީއްތޯ ކުރަނީ ފިޒާނާ އެއްސެވެ. ލައިތުއާ ކުރިމަތިވާނޭހެން އޭނާ ގުދުވެލިއެވެ. ބުޑުން ކެންޒާ ދުރަށް ޖައްސާލާ ފަދަ ގޮތަކަށެވެ. ލައިގެން ހުރި "ކޯލްޑް ޝޯލްޑަރ" ހުދު ޓީޝާޓުގެ ފަސްބަޔާއެކު ފައިގާ ހިފަހައްޓާލުމުން ކަރުވަޅު ބޮޑު އެ ޓީޝާޓު ދެމިލިއެވެ. އަދި އެތެރެއިން ލައިގެން ހުރި ބިކިނީ އޮތީ ފެންނާށެވެ.
"ފިޒާނާ..." ކެންޒާއަށް އެ މަންޒަރު ފެނިގެން ގޮވާލެވުނެވެ.
ފިޒާނާގެ އެއްވެސް ހަރަކާތެއް، ލައިތު ފެންނަ ކަމަކަށް ނުހެދިއެވެ. އޭނާ ފިޒާނާގެ ފުރަގަހުންލާފައި އެއްގަމަށް އެރީއެވެ. ކެންޒާ ގާތު އިލިއާނާ ގޮވައިގެން އައުމަށް ލައިތު ބުންޏެވެ. ފިޒާނާއާ އަނގައިން ބުނުމެއްނެތި ކެންޒާއާއި އިލިއާނާ ގޮވައިގެން އެހެން މެންބަރުން ތިބި ހިސާބަށް ލައިތު އައީއެވެ. ކެބިންގެ ބޭރު ޑެކުމަތީ ލަކުޑި ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ހުރި ޔާދިންއަށް ލައިތުގެ ނަޒަރު ހިނދުކޮޅަކަށް އަމާޒުވެލިއެވެ.
މޫދުން މަހެއް ފެނުނު ވާހަކަ އިލިއާނާ ކިޔައިދޭން ފެށިއެވެ. އެވާހަކައިގަ އެންމެ ފޯރީގައި ބައިވެރިވީ ޖިނާނެވެ. އޭނާ އަވިއައިނު އަޅައިގެން ހުރުމުން އިލިއާނާ ވެސް އޭނާގެ އައިނު އަޅަން ބޭނުންވިއެވެ. ކެންޒާ އައިސް މަޑުކޮށްލީ ލައިރާގެ ގާތުގައެވެ. އޭނާ ކޮށްދޭންވީ ކޮންކަމެއްތޯ އެއްސެވެ.
"ހުރިހާ އެއްޗެއް އެތެރެއަށް ވައްދާ ނިމިއްޖެ، ތްރީ ރޫމްސް ޝެއާ ކުރަން ޖެހޭނީ... އަހަންނާއި ކެން ތިބޭނީ އެއް ރޫމުގައޭ ބުނެފިން، ދެންތިބި މީހުން ބޭނުން ގޮތަކަށް ކަންތައްކޮށްފާނެއެއްނު. ގަފޫރުބެ ފެމެލީ ކައިރިއަށް މެންދުރު ދާން ޖެހޭނެ، ކެއުން އޮތީ އެގޭގަ... އިރުކޮޅަކުން އަންނާނެ ބަލާ، ދެން އަހަރެމެން އަމިއްލައަށް ކެއުން ތައްޔާރުކުރަން ޖެހޭނީ. އަހަރެމެންގެ ސުޕާ ޝެފް ހުރިއްޔާ ކެއްކުމުގެ ކަންތަކާ ހާސްވާކަށް ނުޖެހޭނެކަން އެނގޭ. ސައި ނަގަމާ... މަންމައާއި އާންޓީއާ ވެގެން ހެނދުނުގެ ސައި ޕެކްކޮށްދިން، ބޭރަށް މޭޒު ނެރެންވީ ދޯ." ލައިރާ ބުންޏެވެ.
"ފިޒާނާ... އޭނާއަށް ކިހިނެއް ހަދަނީ؟، އަހަރެމެން ތިން އަންހެނުން އެކަނި މިއުޅެނީ، އޭނާ އެކަނިވާނެއެއްނު އަހަރެމެން ދެމީހުން ރޫމް މޭޓްސްއަށް ވީމަ." ޚިޔާލު ތަފާތު ވިޔަސް އެކަކުވެސް ބާކީކޮށް އެކަހެރިކޮށްލުމުގެ ވިސްނުމެއް ކެންޒާގެ ނެތެވެ.
"ޔާދު ކައިރީގަ ކަންނޭނގެ އެއްނު ސްލީޕްކުރާނީ... އަހަރެން ދުށީމޭ ތިމީހުން ފަހަތުން އަޅުވާލިތަން އޭނަ، ލަދެއް ވެސް ނުގައެއްނު، އޭނާ ލައިތުއޭ ކިޔައިގެން ކީހާ އެއްޗެހި... މިހާރު އޭނާ އެކަހަލަ ކަމެއް ލައިތުގަ ބޮލުގައި އަޅުވައިފިއްޔާ ނިމުނީ، މަމީ ނުބައި މީހެއްކަން އަންގާލާނަން، ބަލާބަލަ އަދި އެހެރަ ލާފަ ހުރި އެއްޗެއް، ލޯންޗަށް އެރިތަނާ އޭނާ ފެނިފަ ވެސް އަހަރެންގެ ބޯއަނބުރައި ނުގަތީ ކިރިޔާ، މިތާ ގިނައީ ފިރިހެނުން، ކޮއްކޮއިންނާއި ބޭބެއިން... އެވަރު އެ އަންހެނާއަށް ނުވިސްނޭ." ފިޒާނާއަށް ބަލަން ހުރެ ސިއްރުސިއްރުން ލައިރާ ބުނެލިއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ފިޒާނާއާ މެދު ލައިރާއަށް ރުހެވޭ ގޮތެއް ނުވިއެވެ. ލައިރާގެ ވާހަކައާ ގުޅުވައި ކެންޒާ އެއްވެސް އެއްޗެއް ނުބުންޏެވެ.
* * * * *
ހުކުރުން ފައިބައިގެން ޒުބިން އުޅޭ އެޕާޓްމެންޓަށް އައިއިރު، އިމާރާތުގެ ދޮރުމަތީ ނިޒާމު ހުއްޓެވެ. ދުވާރު ކައިރީ ގޭގެ ދޮރުމައްޗަށް ވާހެން ބަހައްޓާލެވިފައި ހުރި ސައިކަލުގެ ކައިރިއަށް އޭނާ އައެވެ. ޒުބިންއަށް އިޝާރާތްކޮށްލަމުން އަރާށޭ ބުންޏެވެ.
"ކޮންތާކަށް؟" ޒުބިންއަށް އަހާލެވުނެވެ.
"ގެއަށް، ކާން..." ސައިކަލަށް އަރާ އިން ނިޒާމު ބުނެލިއެވެ.
"އެހެން ފަހަރަކުން ދޯ." ޒުބިން ބުންޏެވެ.
"ދީނާ ބުނީއޭ ޒުބިން ގޮވައިގެން އަންނަން، ކުޑަދެބެން ގެއަށްލާފަ މިއައީ، އަހަރެން ޒުބިން ގޮވައިގެން އަންނާނެކަމަށް އެމީހުން ތިބޭނީ." ނިޒާމު ބުންޏެވެ.
ރަޙުމަތްތެރީންގެ ތެރެއިން ޒުބިންއާ ގުޅުން ނުކެނޑި އެންމެ ދުވަސްވީ އެކުވެރިއަކީ ނިޒާމެވެ. ޒުބިން ގުޅާ ހާލުބަލާ ނުހެދިޔަސް ނިޒާމު ބަރާބަރަށް އޭނާގެ ހާލު ބަލައެވެ. ދީނާއާއި ނިޒާމަކީ ޒުބިންއާއެކު މަތީ ތަޢުލީމު ހާސިލުކުރަން ރާއްޖޭން ބޭރަށް ފުރުމުން ފުރަތަމަ ލިބުނު ރަޙުމަތްތެރީންނެވެ. ނިޒާމަކީ ސަރުކާރު ސުކޫލެއްގެ ލީޑިން ޓީޗަރެކެވެ. އެއްމާބަނޑު ދެބެން ލިބުން ދީނާ ވަޒީފާ ދޫކޮށްލީއެވެ. އޭގެ ކުރިން އޭނާއަކީ ވެސް ޓީޗަރެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުދީންނަށް ކިޔައިވައިދޭން އުޅުނު ޓީޗަރެކެވެ. ކިތަންމެ ގާތް ނަމަވެސް ޒުބިންގެ ދިރިއުޅުމުގެ ސިއްރުތައް އެމީހުންނާ ޚިއްޞާއެއް ނުކުރެއެވެ. އަނބިމީހާ ވަރިކޮށްފައިކަން ހުންނަނީއާއި ޒުބިންގެ ޢާއިލާއާ ވަކިން އޭނާ އުޅޭކަން އެހެންމީހުންނަށް އެނގޭ ފަދައިން އެ ދެމަފިރިންނަށް ވެސް އެނގެއެވެ. ދަރިފުޅާމެދު ވިސްނާފަތޯ ވަކިވާން ނިންމީ ނިޒާމު އެތައްފަހަރަކު އެއްސެވެ. ޒުބިން އެކަނި އުޅޭކަން އެނގުމުން ނިޒާމު ވަކިން ބޮޑަށް އޭނާގެ ހާލު ބަލަން އިސްކަންދެއެވެ. އެގެއަށް ގިނަގިނައިން އޭނާ ގެންދެއެވެ. ކާއިރުތަކަށް ނިޒާމުގެ އަތަށް ދީ ކާއެއްޗެހި ފޮނުވާ ހަދައެވެ.
ނިޒާމާއެކު ގެއަށް ވަދެވުމުން ވަގުތު ދިޔަ ގޮތް ވެސް ޒުބިންއަށް ނޭނގުނެވެ. އޭނާ އެގެއިން ނުކުތީ ހަވީރު ސައި ވެސް ބޮއެގެންނެވެ. ޒުބިންގެ ޖީބުން ފޯނު ނެގީ އެޕާޓްމެންޓަށް ވަދެފައެވެ. އޭނާ އައިސް ސޯފާގައި އިށީނެވެ. ދިއްލުނު ފޯނުގެ އިސްކުރީނަށް އޭނާ ބަލާލިއެވެ. އިސްކުރީނުގައި އަދިވެސް އިނީ އިލިއާނާގެ ފޮޓޯއެވެ. އެ ފޮޓޯ ފެނުމުން ޒުބިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިއެވެ. އެންމެން ވެސް އިލިއާނާއާ އޭނާއާ ވައްތަރުވާހަކަ ބުނެއެވެ. އޭނާއަށް ވެސް އެހެންހީވެއެވެ.
"މިއަދު އެއްފަހަރު ވެސް ގުޅާނުލާ." ޒުބިންގެ ހިތަށް އެރިއެވެ. ޒުބިން ކިތަންމެ ބަހަނާއެއް ދެއްކިނަމަވެސް ހަފްތާބަންދުގައި އިލިއާނާއާ ބައްދަލުކުރަން މަޖުބޫރުވެއެވެ. އެހެންނޫނީ އެ ކުއްޖާ ހީވާނީ ހިތްފަޅައިގެން ގޮސް ރޮއެރޮއެ އަވަދިވެދާނެ ހެންނެވެ. އެކަމަކު މިއަދު އެކުއްޖާގެ ޚަބަރެއްނުވިއެވެ. ޒުބިން ޤަބޫލުކުރަން ބޭނުންނުވިޔަސް އޭނާ އެކުއްޖާގެ މަތިން ހަނދާންވެއެވެ. އެއްކޮށް ގުޅުން ކަނޑާލަން ވިސްނާލާ ކޮންމެ ފަހަރަކު ބަޔާންކުރަންދަތި ގޮތްތަކެއް ހިތަށް ވެދެއެވެ. ހަށިގަނޑުން ކަމެއް އުނިވާފަދަ ގޮތަކަށެވެ. އިލިއާނާ ބައްޕާއޭ ގޮވާލާ ކޮންމެ ފަހަރަކު ޚާއްޞަ ފަޚުރެއްގެ އިޙްސާސް އެ ހިތަށް ކުރުވައެވެ. އުފަންވުމަށްފަހު ޒުބިންގެ ދިރިއުޅުމާ އެކުއްޖާ ގުޅިލާމެހިފައިވަނީ ނުހަނު ބޮޑަށެވެ.
"ލައިރާ ބޭނުންނުވީ ކަންނޭނގެ." އަމިއްލަ ހިތަށް ވިސްނައިދޭ ފަދައިން ޒުބިން ބުނެލިއެވެ. އޭނާ އެ އިނީ އިލިއާނާއާ ވާހަކަދައްކާލާ ހިތުންނެވެ.
* * * * *
އެންމެން ތުނޑިއަށްދާން ތައްޔާރުވިއެވެ. މޫދަށް އެރޭ ހެދުން އިލިއާނާ ލެއްވުމާއެކު ލައިރާ ވެސް ބޭރަށް ނުކުތީ ހެދުން ބަދަލުކޮށްލައިގެންނެވެ. ސެހްރާނުގެ އަތުގައި އޮތް ކެމެރާ ޖިނާނު އަތުލިއެވެ. ދެ ޒުވާނުން ވާދަކިޔަން ތިބީ އިރުއޮއްސޭ މަންޒަރު ކެމެރާ ކުރާނީ އެތަނުން ކާކުކަމެވެ. މޮޅަށް ކެމެރާކުރަން އެނގޭ ކަމަށް ޖިނާނު ދައުވާކުރެއެވެ. އެމީހުންގެ ތެރޭގައި އިން ޔާދިން އެކަމުގައި ބައިވެރިކުރަމުންނެވެ.
"ކޮބާތަ ފިޒާނާ؟." ލައިރާ ސުވާލުކުރީ ޔާދިންއާއެވެ.
"ރެޑީވަނީ..." ޔާދިން ބުންޏެވެ.
"ލައިތުއާ ކެން ނުނިކުންނަނީސް އޭނާއަށް ނުކުމެވޭނެތަ؟" ލައިރާ ބުނެލިއެވެ. އެއާއެކު ވާދަކިޔަން ތިބި ސެހްރާނާއި ޖިނާނު ވެސް ހިމޭންވިއެވެ. ޔާދިން އެއްޗެކޭ ނުބުނެ ތެދުވީއެވެ.
ކެބިންގެ ތެރެއަށް ވަދެގެން އައި ޔާދިންއަށް ލައިރާ ނެގި ކޮޓަރިއަށް ފިޒާނާ ވަންނާތީ ފެނުނެވެ. އޭނާއަށް ކޮޓަރިއާ ހަމައަށް ނާދެވެނީސް ލައިތުގެ ހަރުކަށި އަޑު އިވުނެވެ. ޔާދިންއަށް ކޮޓަރި ކައިރީ މަޑުކޮށްލެވުނީއެވެ. އޭނާގެ ހިތަށް ތުރާތަކެއް ލިބޭކަމުގެ އިޙްސާސް ކުރެވެނީއެވެ. ލައިތު ހިތުހުރި އެއްޗެއް ގޮވާލާއިރު ވެސް އޭނާގެ ކުރިމައްޗަށް ފިޒާނާ އަރާތީއެވެ. އޭނާގެ ޟަމީރު އެތައް ސުވާލެއް ކުރިމަތިކުރުވައެވެ. ޖަވާބުދޭން ބޭނުންނުވަނީ ވެސް ޚުދު ޔާދިންއެވެ.
ކެންޒާގެ އަޑު ޔާދިންއަށް އިވުނެވެ. އޭނާ ފިޒާނާ ގާތު ޔާދިން ހޯދާނޭކަން ބުނެ ދިއުމަށް އެދުނެވެ. ފިޒާނާ ނުދާން ބަހަނާއެއް ދައްކާލިއެވެ. ތުނޑިއަށް ދާނެކަމެއްނެތޭ ލައިތު ބުނީ އެވަގުތެވެ. ކެންޒާ ގާތު އަންނާށޭ ބުނެ ލައިތު ހިނގައިގަތީއެވެ. ކޮޓަރި ކައިރީ ހުރެ ޔާދިން ދޮރުމައްޗަށް އެރީ އެވަގުތެވެ.
"ކަލޭގެ..." ލައިތު ހުއްޓުވީ ކެންޒާއެވެ. އޭނާ ދަތްކުނޑިވިކާލިއެވެ. ކެންޒާއަށް ޓަކައި ޔާދިންއާ ދިމާއަށް އެއްޗެކޭ ނުބުނީއެވެ. ކެންޒާ ގޮވައިގެން ހަލުވިކޮށް ލައިތު ނުކުމެގެންދިޔައީއެވެ. ކޮޓަރިން ނުކުންނަން އައި ފިޒާނާގެ އަތުގައި ޔާދިން ހިފެހެއްޓިއެވެ.
"ފިޒާ... ކީއްތިކުރަނީ؟." ޔާދިން ސުވާލުކުރިއެވެ.
"ދާކަށެއްނު މިއުޅެނީ." އާދައިގެ މަތިން ނޭނގޭ ކަމަށް ހެދުނެވެ.
"ލައިތުއާއި ކެންޒާ އުޅޭ ގޮތް ބަލަންތަ ފިޒާ އައީ؟. އަހަރެންނާއެކު ވަގުތު ހޭދަނުކުރަނީ ކީއްވެ؟."
"އަހަރެން އިންނަން މިއުޅެނީ، އެކަމަކު ތިޢާއިލާ މީހަކީ ކެންޒާހެން ހީވަނީ، އަހަރެންމީ މަތިންބައިންއުޅޭ ދުރުހިލޭމީހެއް ފަދަ." ޔާދިންގެ އަތް ފޮޅުވާލައި ފިޒާނާ ރުޅި މޫނު ދައްކާލިއެވެ.
"މީހަކު އެކަހަލަ އެއްޗެއް ނުބުނެއެއްނު، އެންމެން ވެސް ފިޒާއާ ވާހަކަދައްކާ، ކެންޒާއާއި ލައިތު އުޅެނީ ރައްޓެހިވެގެންކަން ފިޒާއަށް ވެސް އެނގޭނެ، އަހަރެމެންނަށް ކީއްތަ އެ ދެމީހުން ކޮންމެކަމެއްކުރިޔަސް، މިދަތުރުގައި ފިޒާ ގެނައި، އަހަރެމެން ދެ މީހުން އެކުގައި ވަގުތު ހޭދަކޮށްލަން ވެގެން. އެހެންމީހުން އުޅޭ ގޮތަށް ފިޒާ ނުބަލަބަލަ... އަހަރެން މިހުރީނު ފިޒާއާއެކު." ލޯބިން ފިޒާނާގެ ކޯތާފަތުގައި ދެއަތުން ޔާދިން ހިފާލިއެވެ. ނަމަވެސް ފިޒާނާ މޫނު އަނބުރާލީއެވެ. ދެން ހަލުވިކޮށް ނުކުންނަން އައެވެ.
މޫދު ކުޅިވަރުތައް ނުކުޅެންތޯ ފިޒާނާ އެހީ ސެހްރާނު ކައިރީއެވެ. އޭރު ކެބިން ކައިރީ ހުރި ކުޑަ ގެ ހުޅުވައިގެން އެތަނުން ކެނޯއާއި ކައިޓް ސާފް ބޯޑުގެ އިތުރުން ޖެޓް ސްކީ ނެރެން ޖިނާނާއި ލައިތު އުޅެއެވެ.
"ތިތަނުން އެކައްޗަށް ވެސް ކެންޒާއަށް ނޭރޭނެ ދޯ." ހީނގަންނަމުން ފިޒާނާ ބުންޏެވެ.
އެ އަޑު އިވިފައި ލައިރާއަށް ވަގުތުން ދެބުމަ ގޮށްޖަހާލެވުނެވެ. އޭނާ ޔާދިންއާ ހަތަރުކަޅި ހަމަކޮށްލި ގޮތުން ލައިރާ ނުރުހިއްޖެކަން ޔާދިންއަށް ޔަގީންވިއެވެ. ފިޒާނާއަށް ވެގެން އުޅޭ ގޮތެއް ޔާދިންއަށް ނަގައިގަންނާކަށް ނޭނގުނެވެ. ފިޒާނާގެ އަމާޒަކީ ކެންޒާ ކަމެއް ނޫނީ ލައިތުކަމެއް ޔަގީނެއްނުވެއެވެ.
ތުނޑިއަށް އާދެވުމުން އެކަކުވެސް މަޑެއް ނުކުރިއެވެ. ޖިނާނު އެ ހިސާބަށް އައީ ޖެޓް ސްކީގައެވެ. އެމީހުން ތިބޭ ކެބިން އިން ނުކުމެ ދިހަވަރަކަށް މިނެޓު ތެރޭ ތުނޑިއަށް އާދެވެއެވެ. ރަށުގައި ދެ ތުނޑި އޮންނައިރު ކެބިންއާވީ ސަރަޚައްދު ޢާއްމުންނަށް އޮންނަނީ ބަންދުކޮށްފައެވެ. ގެސްޓުން އުޅޭ ސަރަޙައްދެއްވީމައެވެ. އެހެންވެ އެ ޢާއިލާއަށް ބައެއްގެ އުނދަގޫ ނުޖެހި ފުރިހަމަ މިނިވަންކަން ލިބިފައި އޮތެވެ.
"ލައިތު އުނަގަނޑު ބިންދައިގެން ނުދޭތަ؟."
މޫދަށް އެންމެން އެރިގެން އުޅުނު އިރު ވެސް ލައިތުއާ ދުރަށް ފިޒާނާއަށް ދެވޭގޮތެއްނުވިއެވެ. އެހެންވިޔަސް ލައިތު އުޅުނީ އޭނާއާ ވީހާ ވެސް ބޮޑަކަށް ކެންޒާ ގާތްކޮށްގެންނެވެ. އެހެންވިޔަސް ކެންޒާ ހުރީ އެންމެ ހިތްހަމަޖެހިގެނެއްނޫނެވެ.
"ބޭނުންވާ ހިތްހަމަޖެހުން އޭގެން ހޯދާނީ ކިހިނެއް؟"
ލައިތު ފަތައިގަތީ ދުރަށެވެ. ކެންޒާއަށް ތުންފިއްތާލެވުނެވެ އޭނާ ފިޒާނާގެ އަތުގައި ހިފިއެވެ. އަންނާށޭ ބުނެ ފިޒާނާ ގޮވައިގެން މޫދުން އެރީއެވެ. ފިޒާނާ އަޑުގަދަ ކުރިޔަސް ނީވޭނޭ ހިސާބަށް އޭނާ ގޮވައިގެން ކެންޒާ އައެވެ.
"ޔާދިންއާ އިންނަން އުޅޭއިރު ވެސް ތިކަން ހުއްޓާކަށް ނުވޭތަ؟. ތިވައްތަރަށް އުޅެމުން ފިރިމީހާއަށް ކޮންވަފާތެރިއެއް ފިޒާއަށް ވެވޭނީ... އޭރު ވެސް އޭނާ ފިޒާނާއަށް ބޭނުމެއްނުވޭ، މިހާރު ވެސް ބޭނުމެއްނުވޭ"
"ތީ ދުވަސްކޮޅެއްގެ ކަމެއް، އޭނާއަކީ ވެސް ފިރިހެނެކޭ... ކަލޭ ކައިރިން އެނގޭ ކަމެއްނުވާނެކަން، އޭނާގެ ހިތްހަމަޖައްސައެއް ނުދެވޭނެ ކެންޒާއަކަށް، އޭނާ އެ ހިތްހަމަޖެހުން ހޯދަން އެހެން އަންހެނަކަށް ބޭނުންވާނެ... އެއްފަހަރު ވެސް ލޯގަނޑުން ތިމާ މީހާ ހުންނަ ގޮތް ދުށީންތަ؟، މޭބީ ޔާ... އޭނާ ހުރެދާނެ ކެންޒާއާއެކު، މެރީ ވެސް ކޮށްފާނެ، އެކަމަކު ސިއްރު ލޯބިވެރިން ގެންގުޅޭނެ. ކަލެއާ ޖެހުނު ފަހުން އޭނާ އެހާ ބޯރިން މީހަކަށްވެފަ އެހުރީ، އެހެންނު ވާނީ ކަލެއަށް ނުކުރެވޭނެތީ އޭނާއަށް ވެސް ނޯވޭ މަޖާކޮށްލެވޭކަށް... ރައްޓެހިވެގެން އުޅޭއިރު ވެސް ކަލޭމެން ދެ މީހުން ހިޔެއްނުވޭ ދެ ލޯބިވެރިންހެން، އޭނާ ކައިރިވާން ބޭނުންނުވަނީ ދޯ"
ފިޒާނާ ދުލުން ނުކުތް ކޮންމެ ބަހެއް، ދޫކޮށްލި އަލިފާނުގެ ތީރެއް ފަދައިން އައިސް ކެންޒާގެ ހިތް ފިއްސަމުންދިޔައެވެ. ފިޒާނާ ބުނާ ފަދަ ތަޖުރިބާތަކެއް އޭނާގެ ނެތްކަން ކެންޒާއަށް އެނގެއެވެ. އޭނާއާ އެކަހަލަ ގާތްކަމެއް ބޭއްވި ފުރަތަމަ މީހަކީ ލައިތެވެ. ނަމަވެސް ލައިތަށް ވެސް ވީގޮތެއް ނޭނގެއެވެ. ކުއްލިއަކަށް ކެންޒާއާ އެބޭއްވި ގާތްކަން ހުއްޓާލީއެވެ. ދުރުވީއެވެ. އެއީ ފިޒާނާ ބުނިހެން އޭނާގެ ފަރާތުން ލައިތު ހިތްހަމަޖެހޭ ގޮތް ނުވީ ކަމާމެދު ކެންޒާ ސުވާލު އުފެދުނެވެ. ކެންޒާ އަމިއްލައަށް އިސްނެގުމުން ވެސް ލައިތު ބޭނުންނުވީއެވެ. ފިޒާނާގެ ސިކުނޑި ހޭލާފައި ހުރި ވަރަށް ކެންޒާ ވަނީ ދުނިޔެއަށް ރޯފިލާފައެއްނޫނެވެ. އެކަހަލަ ވާހަކައަކާމެދު މަޝްވަރާ ކުރާނޭ އިތުބާރު ހިފޭ ގާތް މީހަކު ވެސް އޭނާގެ ހުރީއެއްނޫނެވެ.
"ފިޒާނާ ބަލަން ޖެހޭ ކަންކަމެއްނޫން އެއީ." ރުޅިން ހިތްވަރު ނެރެމުން ކެންޒާ ބުންޏެވެ. އިތުރު ވާހަކައެއް ދައްކަން ކެންޒާއަށް އުނދަގޫވިއެވެ.
"ހީ ވިލް ނެވާ ބީ ޔޯސް." ފިޒާނާ ހީނގަތެވެ. ކެންޒާއަށް ވީގޮތް އެނގުމުން ކުރިލިބުނީއޭ ފިޒާނާގެ ހިތް ބުނެލިއެވެ. އަމިއްލައަށް ވިސްނިގެން ތިމާއާ އެކަށީގެންވާ މީހަކު ހޯދުމަށް ފިޒާނާ ބުނެލީ ކެންޒާގެ ކޮނޑުގައި ޖަހާލަމުންނެވެ. މޫދުން ލައިތު އެރިތަން ބަލަން ހުރެފައި ފިޒާނާ ހިނގައިގަތީ އޭނާއާ ދިމާއަށެވެ. ކެންޒާ ފަސްއެނބުރި ބަލައެއް ނުލިއެވެ. އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގަތީއެވެ.
ހެވި ދިލިފައި ހުރެ، ބަނޑިބަނޑި ލައްވަމުން ފަރިގޮތަކަށް ފިޒާނާއައެވެ. ލައިތުއާ އަރާ ހަމަވީތަނާ ފިޒާނާގެ ފަޔަށް އެއްޗެއް ހެރުނު ފަދައިން އެކްޓު ޖައްސާލުމާއެކު ވޭނީ އަޑެއް ލައްވާލިއެވެ. އޭނާ ލައިތުގެ ގައިގާ ހިފަހައްޓަން އުޅުނެވެ. އަރިއަކަށް ލައިތު ޖެހިލަމުން ފިޒާނާ ދުރަށް ކޮށްޕާލީއެވެ. ވެއްލިގަނޑުތެރެއަށް މޫނުވަތަށް ވެއްޓުނުހާ އަވަހަށް ފިޒާނާ ތެދުވެ އިށީނެވެ. އޭނާއަށް ލައިތު ބަލާލާފައި، އަތުގައި އޮތް ޓީޝާޓުން އަތް ފުހެލިއެވެ. ފިޒާނާގެ ކޮނޑުގައި އަތްޖެހުނީތީ ލައިތުގެ އަތް ހަޑިވީ ކަހަލައެވެ.
"ލައިތު..." ކުސްތަޅާލުމާއެކު ފިޒާނާ ގޮވާލިއެވެ.
އަޑުއިވޭ ކަމަށް ނުހަދައި ލައިތު ދުވެފައި އައިސް ކެންޒާއާ ހަމަކުރިއެވެ. ލައިތު މޫދުން އެރީ ކެންޒާއާއި ފިޒާނާއާ ވާހަކަދައްކަން ތިބިތަން ފެނިގެންނެވެ. ފިޒާނާ ދެއްކި ވާހަކައެއް އޮޅުން ފިލުވަން ލައިތު ސުވާލުކުރިއެވެ. އެހެންނަމަވެސް ކެންޒާ ނުބުންޏެވެ. މޫދަށް ދާން އެދުމުން އެކަމާ ވެސް އޭނާ ގަޔާނުވިއެވެ. ދެމީހުން ވަކިން ކެނޯ ދުއްވަންދާން ބުނުމުން ވެސް ކެންޒާ ބޭނުމެއްނުވިއެވެ.
"އޭތި އަޑިއަށް ގޮސްދާނެ... ލައިތުއަށްވުރެ އަހަރެން ބަރުވާނެ." ކެންޒާ ބުންޏެވެ. އެ ވާހަކަތައް ލައިތަށް އިވުމުން ހީވީ ފިޒާނާގެ ދުލުން ބޭރުވި ބަސްތަކެއް ހެންނެވެ. ދަތުރު އައީސުރެން ކެންޒާއަށް ގަނާ ކުރުން ނޫންކަމެއް ފިޒާނާ ނުކުރެއެވެ.
"ކެބިންއަށް ދަމާ..." ކެންޒާ ކައިރިކޮށްލަމުން އޭނާގެ ބޮލުގައި ލައިތު ބޯޖައްސާލިއެވެ. އެކަމަށް ކެންޒާ އެއްބަސްވިއެވެ. އެންމެންނާ އެކަހެރިވެލިމުން ކެންޒާގެ ޠަބީޢަތް ރަނގަޅުވެދާނޭކަމަށް ލައިތު އުންމީދުކުރިއެވެ.
ކެބިންއަށް އާދެވުމުން ކެންޒާ ގޮވައިގެން ލައިތު ކޮޓަރިއަށް ވަނީ އެންމެން އައުމުގެ ކުރީން ފެންވަރާ ރީތިވެގެން ތިބޭނީއޭ ކިޔާފައެވެ. ނަމަވެސް ކެންޒާ ފާޚާނާއަށް ވަންނަން ނޫޅެ ހުރި ފިޔަވަޅު މަތީ ހުރީއެވެ. އޭނާއަށް ކަމެއްވެއްޖެކަން ހަރަކާތްތައް ހުރި ގޮތުން ލައިތު ދެނެގަތެވެ. އެކަމަކު ވީ ކީއްކަން ނޭނގެއެވެ. ފެންވަރައިގެން ނުކުންނަން ދެން ކޮޓަރީގައި އިންނާނަމޭ ލައިތު ބުންޏެވެ. ފަހަރެއްގައި މާޙައުލުގެ ގޮތުން ކެންޒާ ޖެހިލުންވާހެން ހީވާތީއެވެ.
"ކިސް މީ..." ކެންޒާ ބުނެލިއެވެ.
ލައިތު ހައިރާންވިއެވެ. އެކަމަކު ނުހަނު އަވަހަށް އޭނާ ހީނލައިފިއެވެ. ކެންޒާއާ ގާތަށް ޖެހިލުމާއެކު ބޮސްދީފިއެވެ. އެވަރުން ކެންޒާއަށް ނުފުދުނުކަން އޭނާގެ ހަރަކާތްތަކުން ލައިތަށް އެނގުނެވެ. ކެންޒާގެ ދެއަތުގައި އޭނާ ހިފެހެއްޓުމާއެކު ދުރަށް ޖެހުނެވެ. މީހަކު އަތުވެދާނޭ ބުނެލިއެވެ. ރައްކާތެރިކަމެއްނޫން ކަމުގައި ލައިތު ބުންޏެވެ. ކެންޒާއަށް އިޙްސާސް ކުރެވުނީ ލައިތު ބަހަނާ ދައްކަނީ ކަމުގައެވެ. އޭރު ފިޒާނާ އުކާލި ކަތުރު ފަނިތައް ކެންޒާގެ ސިކުނޑި ކަމުންދަނީއެވެ.
"އަތްލަން ބޭނުންނުވަނީތަ؟. އަހަރެން ހުންނަ ގޮތް ފެނުނީމަތަ؟. އަހަންނަށް ލައިތު ހެޕީކޮށް ނުދެވޭނޭ ހީވީ ދޯ." ކެންޒާގެ އަޑު އައީ ކުރެހިގެންނެވެ.
"ކެން..." ކަންބޮޑުވެ ހާސްވެފައި ލައިތު ގޮވާލިއެވެ.
(ނުނިމޭ)