ޖުމްހޫރީ ޕާޓީ

"މި ހާލަތުގައި ސަރުކާރާ ތޮޅެއް ނޫޅޭތި"

ޖުމްހޫރީ ޕާޓީ ސާބިތުވެ އޮތީ ރައީސް ސޯލިހުގެ ސަރުކާރާއެކު ކަމަށާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ރައްޔިތުންނަށް އޮޅުވާލާ ސަރުކާރާ ތޮޅެއް މަސައްކަތް ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުުދު، އިދިކޮޅު ޕާޓީތަކަށް ގޮވާލައިިފި އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައިވެސް އިދިކޮޅުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ. އެގޮތުން މާފުށީ ބޭރުގައި ކަނޑުމަތީގައި އަދި މާލެ ސިޓީގައި ސައިކަލު ބުރެއްވެސް ވަނީ ބާއްވާފައެވެ.

ޖޭޕީގެ ނާއިބް ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީ ސާބިތުވެ އޮތީ ރައީސް ސޯލިހާއެކު ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ހާލަތުގައި ސަރުކާރާ ތޮޅެއް ނޫޅުމަށް ސައުދު ގޮވާލެއްވިއެވެ.

"ޖުމްހޫރީ ޕާޓީ އޮތީ ސާބިތުކަމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު. ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާ ތޮޅެއް ނޫޅޭތި،" އިދިކޮޅަށް އިޝާރާތް ކުރައްވާ ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މިއީ ގައުމު ހަލަބޮލި ކުރަންވީ ވަގުތު ނޫން ކަމަށެވެ. ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މި ހާލަތުގައި އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މި ހާލަތުގައި ސިޔާސީ މަންފާ ހާސިލުކުރުމަށް ގައުމު ހަލަބޮލި ކުރަން ނޫޅޭނެ،" ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް ވިދާޅުވިއެވެ.