ވިޔަފާރި

ފްލައިމީ އިން އިންޓަނޭޝަލް ދަތުރުތައް ފަށައިފި، ފުރަތަމަ ކޮލަމްބޯއަށް

ފްލައިމީ އަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު، އިންޓަނޭޝަނަލް ފްލައިޓްތައް މިއަދު ފަށައިފި އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު އަވަސް އަށް މިއަދު ވިދާޅުވީ ފްލައިމީ އަށް އިންޓަނޭޝަނަލް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ އިއްޔެ ކަމަށާ، ފުރަތަމަ ފްލައިޓް ބާއްވާފައި ވަނީ މިއަދު ކަމަށެވެ.

"ފުރަތަމަ މި ފެށީ ސްރީލަންކާއަށް އެކަމަކު ފުރަތަމަ މި ބޭއްވީ ޗާޓަރު ފްލައިޓެއް. މި ފްލައިޓް މި ދިޔައީ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް،" ނާޝިދު ވިދާޅުވި އެވެ.

ލަންކާ ބޯޑަރު ހުޅުވީމަ ޝެޑިއުލް ފްލައިޓްތައް ފަށާނެ

އޭނާ ވިދާޅުވީ ސްރީލަންކާގެ ބޯޑަރު ހުޅުވުމާއެކު ރަޓަމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ފަށާނެ ކަމަށެވެ. މި ދަތުރު ވެސް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަމަށެވެ.

"މިކަމަށް ތައްޔާރު ވަމުންދާތާ ވަރަށް ދުވަސްވެއްޖެ. އެހެންވެ ފުރިހަމަ އަށް މިތިބީ ތައްޔާރު ވެފަ، ހަމަ ހުއްދަ ލިބުމާއެކު ފެށުނީ އެހެންވެ،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝެޑިއުލް ފްލައިޓްތައް ފަށާއިރު އެކަށީގެންވާ އަގެއްގައި ދިވެހިންނަށް ޓިކެޓު ލިބޭނެ ކަމަށެވެ.

"ކޮލަމްބޯގެ އިތުރުން އިންޑިއާއަށް ވެސް ފަށަން މިދަނީ ތައްޔާރު ވަމުން،" ނާޝިދު ވިދާޅުވި އެވެ.

ފްލައިމީ އިންޓަނޭޝަނަލް ދަތުރުތައް ފެށިއިރު، ވިލާ ކުންފުނީގެ މާމިގިލިއްޔަށް އިންޓަނޭޝަނަލް ފްލައިޓް ޖެއްސުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

އޭޓީއާރު މަރުކާގެ ހިތްގައިމު ފްލައިޓް ތަކެއް ބޭނުން ކޮށްގެން ހިދުމަތްދޭ ވިލާ ކުންފުނިން އެތެރޭގެ އުދުހުންތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. މިހާރު އެ ކުންފުންޏަކީ ބޭރުން ފްލައިޓްތައް ގެނެސް މަރާމާތު ކުރުމުގެ ގާބިލްކަން ހުރި ކުންފުންޏެކެވެ.