އެމްއެންޑީއެފް

ތެޔޮ ޓޭންކަރުގައި ރޯވުން: ރާއްޖެއަށް ނުރައްކަލެއް ނެތް

އިންޑިއަން އޮއިލް ކޯޕަރޭޝަނުން ޗާޓާ ކޮށްފައިވާ ސާފު ނުކުރާ ތެޔޮ އުފުލާ ޓޭކަރުގައި ރޯވި ހާދިސާއާއި ގުޅިގެން ރާއްޖެއަށް އެކަމުގެ ނުރައްކަލެއް އަދި ނެތް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

ރާއްޖެއާ އަވަށްޓެރި ސްރީ ލަންކާ ކައިރިން އެ ތެޔޮ ޓޭންކަރުގައި ރޯވީ އިއްޔެ ހެނދުނު އެވެ.

ބޯޓުގައި ރޯވި ހާދިސާގެ މައުލޫމަތު އެކި ފަރާތްތަކުންނާއި ލަންކާގެ ކަނޑުގެ ސިފައިން ރޮއިޓާސް ނިއުސް އެޖެންސީއަށް ދީފައިވާއިރު "ނިއު ޑައިމަންޑް" ކިޔާ އެބޯޓަކީ ފުލްކޮށް ތެޔޮ ބަރުކޮށްފައިވާ އުޅަނދެކެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ ކުވެއިތުގެ މިނާ އަލް އަހުމަދީން އިރުމަތީ އިންޑިއާގެ ޕްރަދީޕަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ މިލިއަން ފީފާގެ ތެޔޮ ޓޭންކަރަށް ބަރުކޮށްފައިވެއެވެ.

މިއަދު އެންވަޔަރުމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ތެޔޮ އުފުލާ ޓޭކަރުގައި ރޯވި ނަމަވެސް ރާއްޖެއަށް އެކަމުގެ ނުރައްކަލެއް އަދި ނެތް ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ސަލީމް ވިދާޅުވީ އެންމެ ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ކަމަށެވެ.

އަދި ކަނޑަށް ތެޔޮ އެޅުނު ނަމަވެސް ސާފު ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ.