ހަބަރު

ލިފްޓް ގޮޅިން ވެއްޓުނު ތުއްތު ކުއްޖާ މަރުވެއްޖެ

  • ތުއްތު ކުއްޖާ މަރުވީ ސާޖަރީއަކަށް ފަހު ފަރުވާދެނިކޮށް
  • ތުއްތު ކުއްޖާގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ހުރީ ލޭ އެޅިފައި
  • ދެން ވެއްޓުނު އަންހެން މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

ހ. ފެންނާގެ ހަވަނަ ބުރީގެ ލިފްޓް ގޮޅިން ވެއްޓުނު ހަތް މަހުގެ ތުއްތު ކުއްޖާ ދާދި ދެންމެ އަކު މަރުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން އެކަން ކަށަވަރުކޮށްދިނެވެ. އޭޑީކޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުއްޖާ މަރުވީ މިއަދު ހެނދުނު 9:12 އެހާކަން ހާއިރު ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ހަތް މަހުގެ އެ ކުއްޖާ މަރުވީ ކުއްޖާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައި ވާތީ ރޭ ކުރި ސާޖަރީއަކަށް ފަހު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

"ލިފްޓު ގޮޅިން ވެއްޓުނު ކުއްޖާ މިއަދު 9:12 އެހާކަންހާއިރު ނިޔާ ވެއްޖެ. އެކުއްޖާ ސަލާމަތް ކުރުމަށް ޑޮކްޓަރުން ސާޖަރީ ތަކެއް ހަދައި ވަރަށް ގިނަ މަސައްކަތް ކުރި. ނަމަވެސް އެހާ ތުއްތު ކުއްޖެއްގެ ބޮލަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އެކުއްޖާ މަރުވީ،" އައްފާލް ވިދާޅުވި އެވެ.

އެ ކުއްޖާގެ ވާތު ފައިވެސް އޮތީ ބިދިފަ އެވެ.

އިއްޔެ މެންދުރު 12:30 އެހާކަން ހާއިރު އެ ތުއްތު ކުއްޖާ ލިފްޓް ގޮޅިން ވެއްޓިފައި ވަނީ 57 އަހަރުގެ މާމަޔާ އެކުގަ އެވެ. މާމަގެ ހަށިގަނޑުގެ އެކި ތަންތަން ވެސް ޒަހަމްވެފައިވެ އެވެ. ކަދުރާއަށް ގެއްލުން ލިބުނު ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭގެ އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު ކަރަށް ލިބިފައި ހުރި ސްޓްރެއިން އެއްގެ ސަބަބުން އައިސީޔޫގައި އަދި އޮތީ،" އައްފާލް ވިދާޅުވި އެވެ.

ފެންނާގޭގެ ލިފްޓް ގޮޅި ހުންނަނީ އެއްވެސް ނިވަލެއް ނެތި ހާމަޔަށެވެ. އަދި އެފަދަ ގޮތަކަށް އެތަން ބަހައްޓާފައި ހުރި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.