މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ދެ ދުވަހަށްވެސް ދެމިގެންދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެެއްގައި ކަނޑައި ވައި ގަދަވެ، ބައެއް ވިއްސާރަ ކުރާނެ އިރު، ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށްވެސް ލަފާ ކޮށްފަ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝަބީން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑުބަޔަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށެވެ.
ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުނެރޭ އޮރެންޖު އެލާޓް ނެރުނީ، ރޭ ދަންވަރު 2:00 އިން ހެނދުނު 6:00 އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށެވެ. އާއްމު ގޮތެއްގައި، 34-40 މޭލާ ދެމެދު އަދި ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވާނެ ކަމަށް އެލާޓުގައި ބުނެފައި ވެ އެވެ.
ޝަބީން ވިދާޅުވީ ރޭ އެންމެ ގަދައަށް ވައިޖެހުނީ ބ. އަތޮޅަށް ކަމަށާއި އެ ސަރަހައްދަށް 47 މޭލަށް ވައި ޖެހުނު އިރު، ވިލާގަނޑުގައި 62 މޭލަށް ވައި ޖެހުނު ކަމަށެވެ. ރޭ އެންމެ ބޯކޮށް ވާރޭ ވެހުނީ ހުވަދު އަތޮޅަށެވެ. އެގޮތުން އެ އަތޮޅު ކާޑެއްދު އާއި ކޫއްޑޫއަށް 83-86.3 މިލިމީޓަރަށް ވާރޭވެހިފައި ވެ އެވެ.
"ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްކަމަށް ލަފާކުރެވެނީ. އެކަމަކު މާދަމާ މެންދުރުފަހުން ފެށިގެން ބައެއް ހިސާބުތަކަށް ވާރޭ ނުވެހުނަސް އާންމުގޮތެއްގައި ވައިގަދަވާނެ." އޭނާ ވިދާޅުވި އެވެ.
ޝަބީން ވިދާޅުވީ އާންމުކޮށް އުދަ އަރާ ރަށްތަކުގެ އިތުރުންވެސް އިތުރު ރަށްތަކަށްވެސް އުދަ އަރާފާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި ހަ ފޫޓާއި ނުވަ ފޫޓު ހުންނާނެ ކަމަށާއި އެހެން ކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް
މެޓް އޮފީހުން އެންމެ ފަހުން އާންމު ކުރި ފޯކާސްޓްތަކުގައިވާ ގޮތުން މިއަދު މެންދުރު 13:00އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ އެވެ. އަދި އެ ވަގުތަކުގެ މޫސުމަށް ބަލައި އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ލެޔޯ އެލާޓެއް ނެރެފަ އެވެ.
މެޓުން ލަފާ ކުރާ ގޮތުގައި، ހއ. އިން ފެށިގެން ތ. އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 50 މޭލާއި 55 މޭލަށް ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ އެވެ.
ގަދަވަޔާއެކު ވެހުނު ވިއްސާރައިގައި އެކި ރަށްތަކަށް ބޮޑެތި ގެއްލުން
ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ވައިގަދަވުމާއި ގުޅިގެން ވަރަށް ގިނަ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން ބ. އަތޮޅުގެ ބައެއް ރަށްތަކަށާއި ރ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ނ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އަދި ގިނަ އަދަދކަށް ރުށްގަސްތައްވެސް ވަނީ ވެއްޓިފަ އެވެ.
ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އެކްޒެކްޓުވް ޑިރެކްޓަރު ހިސާން ހަސަން ވިދާޅުވީ މިހާތަނަށް ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓު ކޮށްފައިވަނީ ހދ. ކުޅުދުއްފުށިން އެކަނި ކަމަށާއި އެއީ ގެއެއްގެ ފުރާޅު އެއްލާލައިގެން ކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އަދި އެ ގެއަށް ކައުންސިލާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވެފަނުވާ ކަމަށެވެ.
ހިސާން ވިދާޅުވީ އިތުރު ރަށްތަކަށް ގެއްލުންވެފައިވޭތޯ ބަލަމުންދާ ކަމަށާއި އެ އޮތޯރިޓީގެ އެހީތެރިކަން ބޭނުންވާ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ކަނޑުމަތީގެ ތިން ހާދިސާއެއް
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދެ ލޯންޗެއް ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑިއެފް އިން ވަނީ ބުނެފަ އެވެ. އެގޮތުން އއ.އަތުރުގައި އަޅާފައި އޮތް 25 ފޫޓުގެ ވޯޓާ ސްޕޯޓްސް ލޯންޗެއްގެ ނަގިލީގެ ވާގަނޑު ކަނޑައިގެންގޮސްވަނީ ކަނޑަށް ދޫވެފަ އެެވެ. އަދި ށ. ފުނަދޫ ފަޅުތެރޭގައި އޮތް ޑިންގީއެއްވެސް ވަނީ ފައްތިޔަ ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މި ދެ ލޯންޗްވެސް ގެއްލިފައިވަނީ އޭގައި އަޅާފައި އޮތް އިންޖީނާއި އެކު އެވެ.
މީގެ އިތުރަށް ހދ. ކުޅުދުއްފުށި ބަނދަރުގައި އޮތް ބާޖެއް ތޮށި މައްޗަށް ލައްވެ ފުން ކުރުމަށްވެސް އެމްއެންޑިއެފް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކަމާބެހޭ މުއައްސަސާތަކުގެ އިރުޝާދު
މިއަދާއި މާދަމާގެ އެކި ވަގުތުތަކުގައި ކަނޑުގަދަވެ ބައެއް ރަށްރަށަށް ރާޅާއި އުދަ އަރާނެ ކަމަށް ލަފާ ކޮށްފައިވާތީ، އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތި ގެދޮރާއި މުދަލަށް ގެއްލުންތައް ލިބިދާނެތީ ރައްކާތެރި ވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސެއް ކުރުމާއެކު އިރުޝާދުތަކެއް ވެސް ދީފަ އެވެ.
- މޫދާ ކައިރީގައި ހުންނަ ގެތަކާއި އެހެން ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން
- ގޭތެރޭ ފެންބޮޑުވެއްޖެ ނަމަ އުސް ތަންތަނަށް މުދާ ބަދަލު ކުރުން
- ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލާ ފިޔަވަޅު އެޅުން
- ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ މުދަލާއި ތަކެތި ރައްކާތެރިކުރުން
- އިލެކްޓްރޯނިކް ސާމާނާއި ކަރަންޓް މެޝިންތައް ނިއްވާލުން
- ދަތުރު ކުރާނަމަ ސަލާމަތީ ކަންކަމާއި މުއާސަލަތީ ނިޒާމް ފުރިހަމަ ކުރުން
ހުޅަނގު މޫސުމުގެ ފުރަ ނަކަތް
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ އެގާރަ ވަނަ ނަކަތް ކަމަށްވާ ފުރަ ނަކަތެވެ. މި ނަކަތް 24 އޮގަސްޓު އިން ފެށިގެން މިމަހުގެ މެދެކާ ހަމަ އަށް ދެމިގެން ދާނެ އެވެ.