ފިނިޕޭޖް

ބޮއިކޮޓްކުރަން ގޮވާތީ "ކަޕިލް ޝަރުމާ ޝޯ"ގެ ޜޭޓިން ދަށަށް

ސޮނީ ޓީވީން ދައްކާ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އެތައް އަހަރަކުއްސުރެ ޓެލެވިޒަން ޜޭޓިންގައި އެންމެ ކުރީގައި ވާދަ ކުރަމުން އަންނަ ޝޯ އެކެވެ. މި ޝޯގެ މަގްބޫލުކަން އިންޑިޔާގައި ވަރަށް ބޮޑެވެ. ނަމަވެސް ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި މި ޝޯ ބޮއިކޮޓް ކުރަން ގޮވާ އަޑު ގަދަވެ ޝޯއަށް އޭގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި އެންމެ ފަހުން ނެރުނު ރޭޓިންސްގައި ޓޮޕް 10 ޝޯގެ ތެރޭގައި ވެސް މި ޝޯ ނުހިމެނެ އެވެ. މީގެ ކުރިން މި ޝޯ އަކީ ޓޮޕް 5 ޝޯގެ ތެރޭގައި އާއްމުކޮށް ހިމެނެމުންދާ ޝޯ އެކެވެ.

ކަޕިލް ޝަރުމާ ޝޯ ބޮއިކޮޓް ކުރަން ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަނީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ފޭނުންނެވެ. މި ޝޯ ބޮއިކޮޓް ކުރަން ގޮވަނީ ކޮންމެހެން ޝޯގެ ހޯސްޓް ކަޕިލް ޝަރުމާ އާ މައްސަލަ އެއް ޖެހިގެނެއް ނޫނެވެ. އަދި ޝޯގައި ވަކި އެއްޗެކޭ ކިޔައިގެނެއް ވެސް ނޫނެވެ. ޝޯގެ ޕްރޮޑިއުސަރަކީ އެކްޓަރު ސަލްމާން ޚާނަށް ވާތީ އެވެ.

ސުޝާންތުގެ ފޭނުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަލްމާން ފަދަ ބޮލީވުޑްގެ ފުންނާބުއުސް އެކްޓަރުންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުން ސުޝާންތަށް ވަރަށް ގިނަ އުނދަގުލާ ތުރާ ޖައްސާފައި ވެއެވެ. އޭނާ މަރުވީ މިފަދަ މީހުންގެ ދުއްތުރާތަކާ ހެދި ކެތް ނުވެގެން ކަމަށް ގަބޫލުކުރާ ސުޝާންތުގެ ފޭނުން ގިނަ އެވެ. ކަޕިލްގެ ޝޯ އާ ޖައްސާލީ މި ސަބަބާ ހުރެ އެވެ.

އެންމެ ކުރިން ސުޝާންތުގެ ފޭނުން ޖައްސާލައިގެން އުޅުނީ އަދި މިހާރު ވެސް އެ ބަޔަކަށް އެންމެ ބޮޑަށް ރުޅި އަމާޒުކުރާ އެއް ބަޔަކީ ފިލްމީ ތަރިންގެ ދަރިންނެވެ. އާލިއާ ބަޓް ފަދަ ގިނަ ތަރިން ތަކަކަށް މި މީހުންގެ ރުޅިއާ ވަނީ ކުރިމަތިލާންޖެހިފަ އެވެ.

ލޮކްޑައުންގެ ސަބަބުން ކަޕިލްގެ ޝޯ މެދުކަނޑާލާފައި ވަރަށް ގިނަ ދުވަސްތަކަކު އޮތުމަށްފަހު އަލުން ފެށުމާއެކު ވަރަށް ބޮޑު ތަރުހީބެއް މި ޝޯއަށް ބެލުންތެރިންގެ ފަރާތުން ލިބުނެވެ. ނަމަވެސް އެހެން ޝޯތަކުގެ އާ އެޕިސޯޑްތައް ދައްކަން ފެށުމާއެކު ކަޕިލް ޝޯގެ ރޭޓިން ދަށްވާން ފެށި އެވެ. ސަބަބަކީ ކުރިން މި ޝޯގައި ބައިވެރިކުރާ ގޮތަށް އޯޑިއަންސަށް ބައިވެރި ނުވެވުމާއި ފިލްމުތަކުގެ ޕްރޮމޯޝަންތައް ނެތުމުން މަޝްހޫރު ތަރިން ޝޯގައި ބައިވެރި ނުވުމެވެ. މިގޮތަށް މިކަން އޮއްވާ ކުއްލިއަކަށް މި ޝޯ ބޮއިކޮޓްކުރަން ގޮވަން ފެށުމުން ޝޯގެ ރޭޓިން އިތުރަށް ދަށްވީ އެވެ.