(3 ސެޕްޓެމްބަރ 2020 އާ ގުޅޭ)
"އަތްލަން ބޭނުންނުވަނީތަ؟. އަހަރެން ހުންނަ ގޮތް ފެނުނީމަތަ؟. އަހަންނަށް ލައިތު ހެޕީކޮށް ނުދެވޭނޭ ހީވީ ދޯ." ކެންޒާގެ އަޑު އައީ ކުރެހިގެންނެވެ.
"ކެން..." ކަންބޮޑުވެ ހާސްވެފައި ލައިތު ގޮވާލިއެވެ.
އިސްޖަހާލި ގޮތަށް ކެންޒާ ބަލައެއްނުލިއެވެ. ދެވަނަ ފަހަރަށް ވެސް ލައިތު ގޮވާލިއެވެ. ކެންޒާގެ ދެއަތުން މޫނުފޮރުވާލުމާއެކު އޭނާ ލައިތުއަށް ފުރަގަސްދިނީއެވެ. އޭނާއަށް ރޮވުނީއެވެ. ފިޒާނާދެކެ އާދެވުނު ގަދަ ރުޅިންނެވެ. ލައިތުއާ ކުރިމަތިލުމުން އޭނާ ދުރަށް ޖެހުމުން ލިބުނު ލަދުވެތިކަމުންނެވެ. ލައިތު ބުނީ ރަނގަޅަށެވެ. މިވަގުތު ކެންޒާ ހުރީ ރަނގަޅު ނިންމުމެއް ނިންމޭ ފަދަ ހާލަތެއްގައެއްނޫނެވެ. އެހެންވިޔަސް ކެންޒާގެ ހިތާއި ސިކުނޑިއަށް އެކަން ޤަބޫލެއްނުކުރެވެއެވެ. ކެންޒާގެ ފުރަގަހުން ގާތްވެލި ލައިތު މަޑުމަޑުން ބައްދާލިއެވެ. ކަނާއަތްފަރާތުން ކެންޒާގެ ކޮނޑުގައި ބޮސްދިނުމަށްފަހު، އޭނާގެ ބޮލުން ކެންޒާގެ ބޮލުގައި ޖައްސާލީއެވެ.
"ލިސެން ޓު މީ ބޭބީ، ހެވިން ސެކްސް އިޒް ނޮޓް ދި ސޮލިއުޝަން، އިޓް ވޯންޓް ޕްރޫވް އެނީތިންގް، މި ވާހަކަ އަހަރެމެން ދެއްކީމެންނު، އަހަރެން ކެން ނޫން އެހެން އަންހެންކުއްޖެއް ބޭނުމެއްނޫން، އަހަރެން ވެސް ބޭނުންވޭ ކެންއާއެކު އެކަނިވުމުން އެގާތްކަން ބާއްވަން، އެކަހަލަ ޚިޔާލުތައް ވެސް ކުރެވޭ... އެހެންވިޔަސް، އެކަމުގައި އަވަސްއަރުވާލާކަށް އަހަރެން ބޭނުމެއްނޫން، އެގުޅުމަކީ ހުރިހާ އެއްޗެއްނޫން، މިހާރު ވެސް ތީ އަހަރެންގެ ހައްޤެއްކަން އެނގޭ، އެކަމަކު އަދި ދުވަސްކޮޅަކު މަޑުކޮށްލަދީ... ހުރިހާ ގޮތަކުން އަހަރެންގެ މިލްކަކަށް ވަންދެން، އައި ޕްރޮމިސް، އައި ވިލް މޭކް ޔޫ މައިން، އެންޑް އައި ވިލް މޭކް ލަވް ޓު ޔޫ. ހުރިހާ އުފާވެރިކަމެއް އަހަރެން ހޯދާދޭނަން. ސޯ... ޕްލީޒް ސްޓޮޕް... ޔޫ އާ ނޮޓް ތިންކިންގް ސްޓްރެއިޓް ނައު... ލިސެން ޓު މީ މައި ލަވް..." ކެންޒާގެ ކަންފަތާއި ލައިތުގެ އަނގަ ކައިރިވެލާފައި ހުރުމުން ކިތަންމެ މަޑުން ދެއްކިނަމަވެސް ލައިތު ކީ ހުރިހާ އެއްޗެއް ކެންޒާއަށް ސާފުކޮށް އަޑުއިވުނެވެ.
އިރުކޮޅަކު ކެންޒާގެ ގައިގާ ބައްދާލައިގެން ހުރުމަށްފަހު ލައިތު ދުރުވެލިއެވެ. ކެންޒާގެ ދެކޮނޑުގައި ހިފާލަމުން އޭނާއާ ދިމާއަށް އެނބުރިލަން ކެންޒާ ގާތު ބުންޏެވެ. ދެއަތުން މޫނު ފުހެލަމުން ކެންޒާ ބަސް ޤަބޫލުކުރިއެވެ. ކަރުނުން ރަތްވެފައިވި ކެންޒާގެ ދެ ލޮލަށް ލައިތު ބަލާލިއެވެ. އެއަށްފަހު ކެންޒާގެ ދެއަތުގައި އޭނާ ހިފާލިއެވެ. ކެންޒާގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ލައިތު ތިރިވިއެވެ. ކެންޒާގެ މޫނުން ހައިރާންކަން ފާޅުވިއެވެ.
"މައި ޕްރެޝަސް ޕެންޑާ... ގޯޑް މޭޑް މީ ކޮމްޕްލީޓް ވެން ހީ ބްރޯޓް ޔޫ އިންޓު މައި ލައިފް، ޕެންޑާ، އައި ލަވް ޔޫ... ވަރަށް ބޮޑަށް ލޯބިވޭ، ވަޢުދުވަން، އުމުރަށް ވަފާތެރިވާނަންކަން، ތެދުވެރިކަމާއެކު އަބަދުވެސް އެންމެ ގާތުގައި ހުންނާނަން، މި ހިތުގައި އަބަދުވެސް ވީ ތި އަންހެންކުއްޖާ، އެކަން އަދި އެނގޭނެ... އެންމެ ފަހުވަގުތާ ހަމައަށް ވެސް އަހަރެން ކެންޒާ ދުލެއްނުކުރާނަން... އައި ވިލް ފައިޓް އެވްރި ބެޓްލް ފޯ ޔޫ، އަހަންނަށް އަހަރެންގެ ޕެންޑާ ލިބުމާއެކު، އެންމެ ބޮޑަށް އެދެވެނީ އަހަރެމެން ދެމަފިރިންނަށް ވާތަން ދުށުމަށް، އެދުވަސް އަންނާނެ، ބޭބީ އައި ނޯ ޔޫ... އައި ވިލް މޭކް ޔޯ ފެއަރީޓޭލް ކަމް ޓްރޫ... މިދެއަތް އަހަރެންގެ ދެއަތާ ދުވަހަކުވެސް ވަކިވިޔަ ނުދޭނަން، އެހެންވީމަ... މީހުން ކިޔާހާ އެއްޗަކާމެދު މީގެ ފަހުން ނުވާނެ ވިސްނައިގެން، ދެރަވެ ރޮއެ ހަދައިގެން ވެސް ނުވާނެ، އެމީހުންނަކަށް ނޭނގޭނެ އަހަރެން ލޯބިވާން ޖެހޭނެ ގޮތް ކިޔައިދޭކަށް، އެމީހުންނަށް ކެންޒާ ހުންނަ ގޮތް ކަމުނުދިޔަސް، އަހަންނަށް އަހަރެންގެ ލޯބި ފުރިހަމަ... ތި ރީތިކަމާއި މަޢޫޞޫމްކަމަކީ ކޮންމެ އަންހެންކުއްޖެއްގެ ނަސީބެއްނޫން، އައި ފީލް ލަކީ... ސްވީޓްހާޓް، ޔޫ އާ ދި ރީޒަން އައި ސްމައިލް އެވްރިޑޭ... ވިތް ޔޫ އެވްރިތިންގް ސީމްސް ބިއުޓިފުލް. ޕްރިންސެސް، މުޅި އުމުރަށް އަހަރެންގެ މީހަކަށް ވެދާނަންތަ؟."
ކެންޒާއަށް ގަބުވެފައި ހުރެވުނީއެވެ. އޭނާގެ ހިތް އަތުލަން ލައިތު ހަމަ މޮޅީއެވެ. ދެ ލޮލުން ކަރުނައައުން ހުއްޓިއްޖެއެވެ. ބަރުކަންލިބިފައިވި ހިތާއި މުޅި ރޫހުގައި ފިނިފިނި ވައިރޯޅިއެއް ބީހެމުންދާ ފަދައެވެ. ކުރިން ފިއްތަމުންދިޔަ ތުންފަތް ލުއި ހިނިތުންވުމަކުން ދެމިލައިފިއެވެ. ކަޅުކޮފީ ކުލައިގެ ދެ ކަޅި ކެންޒާއަށް ހުއްޓިފައި ހުރިއިރު އެ ދެ ލޮލުން ފާޅުވަނީ ބޭގަރާރުކަމެވެ. ދުނިޔޭގެ ހިނގުން ލަސްވެފައިވީ ކަހަލައެވެ. ކެންޒާއަށް ބޯޖަހާލެވުނީ ވެސް ލަސްލަހުންނެވެ. ލައިތުގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އެ ދެ ލޮލުގެ ވިދުން ގަދަވިއެވެ. ހިތްއަވަސްވެފައިވާ އަޑަކުން ކެންޒާ ގާތު ހަމައެކަނި އިޝާރާތަކުން ނުފުދޭނޭ ބުނެލިއެވެ. އެހިނދު އާނއެކޭ ކެންޒާ ބުނެފިއެވެ.
"އަހަރެމެން ދެމަފިރިންނަށް ވާނޭ ދުވަސް ދުށުމަށް އަހަރެން ވެސް ވަރަށް ބޭނުން..." ލައިތު ކޮޅަށް ތެދުވެ ކެންޒާގެ ގައިގާ ބައްދާލި ހިނދު އޭނާ ބުނެލިއެވެ.
"ލަސްތަކެއްނުވެ އެ ދުވަސް އަންނާނެ... ނައު، މޭ އައި ހޭވް އަ ކިސް..." ކެންޒާގެ ނިތްކުރީގައި ނިތްކުރި ޖައްސާލައިގެން ހުރެ ލައިތު ބުންޏެވެ. ކެންޒާ ބޯހަލުވާލަންވާއިރު އެ ތުންފަތް ލައިތު ގައިދުކޮށްލައިފިއެވެ. އެ ބީހިލުމުގައި ތަފާތު ފޮނިމީރުކަމެއްވާހެން ކެންޒާއަށް ހީވިއެވެ. ނޫނީ ލައިތު ދިން އުފާވެރި ޚަބަރުން އޭނާ ހިތްހަމަޖެހިފައި ހުރިލެއް ބޮޑުކަމުން އިޙްސާސްވީ ގޮތަކީއެވެ. ހަށިގަނޑުގެ އެދުމަށް ނޫނެކޭ ބުނަމުން ލައިތު ދުރަށް ޖެހިލިއެވެ. ލޯބިން ކެންޒާގެ ކޯތާފަތުގައި ފިރުމާލިއެވެ. ކެންޒާ ހިނިތުންވެފައި ހުންނައިރު ލައިތުގެ ތަބީޢަތަށް ވެސް ހެޔޮ ބަދަލު އާދެއެވެ.
"އަހަރެން ބޭނުން ކެންގެ ފެމެލީއާ މީޓުކުރަން..." ލައިތު ބުންޏެވެ.
މާލެ ދެވުމުން ކެންޒާގެ ޢާއިލާއާ ވާހަކަދައްކާނަން ކަމުގައި އެއްބަސްވިއެވެ. ކެންޒާ ފެންވަރަން ވަނުމުން ލައިތު ވެސް އޭނާއާއި ސެހްރާނާއި ޖިނާނު ތިބުމަށް ހަމަޖެއްސި ކޮޓަރިއަށް އައީ ފެންވަރާލުމަށެވެ. ތެތް އެއްޗެހި ހިފައިގެން ކެންޒާ ކޮޓަރިން ނުކުތީ ރީތިވެލައިގެންނެވެ. އޭރު މެޝިނަށް އެއްޗެހި އަޅައިގެން ލައިތު އުޅެއެވެ. ކެންޒާ އައުމުން އޭނާގެ އަތުގައި ހުރި ހެދުންތައް ލައިތުގެ އެއްޗިހީގެ ތެރެއަށް، މެޝިނަށް އަޅާލިއެވެ. ދޮންނަން ޖައްސާފައި ލައިތު ބަދިގެއަށް ވަދެ ދެމީހުންނަށް ކޮފީ ހެދިއެވެ.
އެންމެން މޫދުން އަރައިގެން އައިއިރު، ކެބިންގައި ލައިތުއާއި ކެންޒާއެއް ނޫޅެއެވެ. އެކަމާ މޭކަރާލި މީހަކީ ހަމައެކަނި ފިޒާނާއެވެ. ކެންޒާއާ ދިމާއަށް ކީހާ އެއްޗެހި އޭނާ ގޮސް ލައިތު ގާތުގައި ބުނީބާއޭ ފިޒާނާ ހިތަށް އެރިއެވެ. ލައިތުގެ ރުޅި ފިޒާނާ ޖެހިލުންކުރުވައެވެ. ޔާދިންގެ ހިމާޔަތުގައި ހުއްޓަސް ލައިތުގެ އަތް މާ ދިގުވާނެއެވެ. އޭނާ ޔާދިންގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނޭކަން ފިޒާނާއަށް އެނގެނީއެވެ. ފާޑަކަށް ޗަސްޖަހާލުމާއެކު ތުންއަނބުރާލިއެވެ. އަތިރިމައްޗަށް ލޯ ހިންގާލިއެވެ. އެ ދެ މީހުން އެކުގައި ދިޔައީ ކޮންތާކަށްބާއޭ ފިޒާނާ ހިތަށް އަރަމުންދިޔައެވެ.
"ހީކުރާ ގޮތަށް ނުވެ ވެސްދާނެ، އެ އަންހެނާގެ އެހާ ގަޓެއް ހުރިހެން ހިޔެއްނުވޭ... ދެ މީހުން މައްސަލަޖެހުނީ ކަންނޭނގެ، އެހެންވެ އެންމެން ކުރިމަތީ ޒުވާބު ނުކުރަން ދިޔައީ ތޯއްޗެއް... އެހެންވާނެނަމަ ކޮންފަދަ... ލައިތުގެ ދިރިއުޅުމުން އެ އަންހެނާ ދުރަށްދާނޭ ގޮތެއް މެދުވެރިކުރައްވާނަމަ..." ހިތުގައިވި ބިރު ނެރެ އެއްލާލަމުން ކޮށްލި ބަދު ދުޢާއާއެކު އެއްމިޔަކަނުން ފިޒާނާ ހިނިތުންވެލިއެވެ.
"ކިހިނެއްވެފަ ތިހުންނަނީ؟." ކެބިންގެ ތެރެއިން ނުކުމެ ޑެކުގެ ވަށައިގެންވީ ރެއިލިންގައި ފިޒާނާ ހިފައްޓާލައިގެން ގެއްލިފައި ހުރިތަން ޔާދިންއަށް ފެނުނީއެވެ.
"ފެންވަރާކަށްނުވޭތަ؟. އަހަރެން ކުރިން ވަންނަންވީތަ؟." ފިޒާނާ އަނގައިން ނުބުނުމުން ޔާދިން އަހާލިއެވެ. އެހިނދު ފިޒާނާ އެނބުރިލިއެވެ. ފުޅާ ހިނިތުންވުމެއް ދިނުމާއެކު ޔާދިންގެ އަތުގައި ހިފާލިއެވެ. ދެމީހުން އެކުގައި ފެންވަރަން ފިޒާނާ ޚިޔާލު ދިނެވެ. ޔާދިން އެއްގޮތަކަށް ވެސް އެ ޚިޔާލު ކަމަކު ނުދިޔައެވެ.
އިލިއާނާ އެންމެ ގިނައިން ބޯ ވައްތަރުގެ ކިރު ޕެކެޓު ކޭހެއް ދަތުރަށް ލައިރާ އައީ ހިފައިގެންނެވެ. މޫދުގައި އުޅެފައި އައުމުން އިލިއާނާ ހުރީ ބަނޑުހައިވެފައެވެ. ރޭގަނޑަށް އޮތީ ބާބެކިއުއެއް ހެދުމެވެ. ހަވީރުގެ ސަޔަށް މާބޮޑު އެއްޗެއް ތައްޔާރު ކުރުމުގެ ޚިޔާލެއް އެކަކުގެ ވެސް ނެތެވެ. އެކަމަކު ބަދިގެ ތެރެއިން އެންމެންނަށް ވާވަރަށް ހަދާފައި ހުރި ސޭންޑްވިޗް ތަށްޓެއް ލައިރާއަށް ފެނުނެވެ. އެއީ ކެންޒާގެ މަސައްކަތްކަން އޭނާއަށް ޔަގީންވެއެވެ. ފިނިކުރި ކިރު ޕެކެޓަކާއި އިލިއާނާއަށް މީރު ބިސްކޯދާއި، ކެންޒާ ތައްޔާރުކުރިތަނުން ދެ ސޭންޑްވިޗް ތަށްޓަކަށް ލައިގެން ލައިރާ ނުކުތީ އަތިރި މައްޗާ ދިމާއަށެވެ. އޭރު "ޕޯޗް"ގެ ސިޑި ކައިރީ އިލިއާނާ ހުއްޓެވެ. ދަރިފުޅު ގޮވައިގެން ލައިރާ ފޭބީ އަތިރިމައްޗަށެވެ. އެތަނުން އެމީހުންނަށް މަޑު ހިނގުމުގައި އަންނަ ލައިތުއާއި ކެންޒާ ފެނުނެވެ. ކިހިލިފަތް ދޭތެރެއަށް ލައިގެން އުޅުނު ކުނާ ފަތުރާލައި އޭގެ މަތީ އިލިއާނާ ބައިންދައި ކިރު ޕެކެޓު ދިނެވެ. އުނގުމަތީ ކާއެއްޗެހި ހުރި ތަށި ބެހެއްޓިއެވެ. ދެން ހިންދެމިލުމާއެކު ލައިރާ އަނެއްކާ ވެސް ބަލާލީ އެމީހުންނާ ކައިރިވަމުން އައި ލައިތުއާއި ކެންޒާއަށެވެ. ދެ ޒުވާނުންގެ މޫނުން ވެސް ހިނިތުންވުން ފެންނަން ހުއްޓެވެ. ކެންޒާގެ ކޮނޑަށް އަތްވަށްޓާލައި ލައިތުއާ ގާތްކޮށްލާފައި ވެއެވެ. ދެ ޒުވާނުން އަތުގައި ކޮފީބޯ މަގެއް އޮތެވެ.
"ލައި..." ލައިރާ ފެނުމާއެކު ކެންޒާ ގޮވާލިއެވެ.
ކޮންތާކަށްތޯ ދިޔައީ ލައިރާ އެހުމުން ލައިތު ޖަވާބު ދިނެވެ. ހިނގާލަން ދިޔައީކަމެވެ. އެންމެން އަތުވެއްޖެކަން އެނގުމުން ސައިހަދައިދޭން ދާންވެގެން ކެންޒާ އުޅުނެވެ. ނަމަވެސް އޭނާ ހުއްޓުވީ ލައިރާއެވެ.
"ކާއެއްޗެހި ހަދުވާކަށްނޫނޭ ކެން ގެނައީ، ތިހެން ރިލެކްސްކޮށް ދަތުރު އިންޖޮއި ކޮށްލަބާ... ސެހެރްއާއި ނާނުއަކީ ކުޑަކުދީންނެއް، އެމީހުން އަމިއްލައަށް ތައްޔާރުކޮށްފާނެ. ޔާދުގެ ކަންތައްތައްކޮށްދޭން، އޭނާ އެ އުޅެނީ މީހަކު ގޮވައިގެން އައިހެންނު..." ޔާދިންއާ ހަމައަށް އައިތަނާ ލައިރާގެ އަޑުގައި ފޫހިކަންވިއެވެ. ހަޤީޤަތުގައި އޭނާ ފޫހިވަނީ ކޮއްކޮ، ޔާދިންދެކެއެއްނޫނެވެ. އެ ކޮއްކޮ ގުޅެން ޚިޔާރުކުރީ މީހަކީ ފިޒާނާއަށް ވީމައެވެ.
"އަހަންނަށް އެނގޭ ފިޒާގެ ސަބަބުންކަން ކެން މޫދުން އެރީ، ތި ދެމީހުންނަށް އުނދަގޫވާވަރު އޭނާ ކުރާތަން އަހަރެންނަށް ވެސް ފެނޭ... ހިތަށް އަރާ ޔާދިންއަށް ކިހިނެއްވެފަބާއޭ އެހުންނަނީ. ހުރިހާ..." ލައިރާ ވާހަކަ ހުއްޓާލީ ކެންޒާއާއެކު ކުނާ މަތީ އިން ލައިތު އޭނާގެ ކަކުލުގައި އަތްޖައްސާލި ގޮތުންނެވެ. ލައިތުއާ ނަޒަރު ސީދާކޮށްލުމުން އޭނާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. އެވާހަކަ ނުދައްކާށޭކަން އެ ބުނަނީ ލައިރާ ދެނެގަތެވެ. ފިނިނޭވާއެއް ދޫކޮށްލައި ލައިރާ ތުންފިއްތާލިއެވެ. ދެން ނިކަން އަވަހަށް ހިނިތުންވެލިއެވެ.
"މިކަހަލަ ތަނަކަށް ދިރިއުޅެން އަންނަންވީ، ރާއްޖޭން ބޭރުގައި އުޅުމަށްވުރެ މާހިތްހަމަޖެހޭ." ލައިރާ މައުޟޫޢު ބަދަލުކޮށްލީއެވެ.
"އޭތް، މިއަދު ސައި އޮތީ އަހަރެމެންގެ ފަރާތުން އިނގޭ..." ސެހްރާނު ގޮވާލިއެވެ. އޭރު ސޭންޑްވިޗް ތަށި ޖިނާނު ބޯމައްޗަށް ލައިގެން ހުރެ އާދެއެވެ. ސެހްރާނުގެ އަތުގައި ސައިޖޯޑުތައް ހުއްޓެވެ.
"މިއައީ ފަހަރި ހަދައިގެން މޮޅު ސައިފަތުގެ ސައި ހިފައިގެން. ނިކަން މީރު ވާނޭ ބުނީ." ސެހްރާނުގެ އަޑުގައި ހުރީ ދިމާކުރާ ފަދަ ރާގެކެވެ. ލައިރާއަށް ނުހީ ނީނދެވުނެވެ.
ބަދިގޭ މޭޒުދޮށުގައި އިނދެފައި ތެދުވަން އުޅުނު ފިޒާނާގެ އަތުގައި ޔާދިން ހިފެހެއްޓިއެވެ. ބޮލުން އިޝާރާތްކުރީ އަލުން އިށީނުމަށެވެ. ސައިޖޯޑު އަލުން މޭޒުގައި ބަހައްޓާފައި ފިޒާނާ އިށީނެވެ. މޫދުން އަރައިގެން އައީސްސުރެން ޔާދިން ހިތްހަމަނުޖެހިފައި ހުރިހެން ފިޒާނާއަށް ވެސް ހީވިއެވެ. އެކަމަކު އޭނާ އަޅާނުލީއެވެ. ނޭނގޭކަމަށް ހެދުނީއެވެ.
"ކެންޒާއާ ކޮންވާހަކައެއް ދީ؟." ޔާދިން ސުވާލުކުރިއެވެ.
"މާބޮޑު ވާހަކައެއްނޫން..." ފިޒާނާ ސައިޖޯޑު ތުނބުގައި ޖަހާލިއެވެ.
"އަހަރެން އެހީ ވާހަކަ ބޮޑުތޯއެއްނޫނެއްނު، ދެއްކި ވާހަކަ އެނގެން ބޭނުންވަނީ... ފިޒާއަށް އަހަރެން ބުނާއެއްޗެއް ސާފުވާހެން ހިޔެއްނުވޭ، ގައިމު ސާފުވިނަމަ އެއްކަމެއް ތަކުރާރެއްނުކުރާނެ، ކެންޒާއާ ދިމާކުރާއިރު އެނގޭ ދޯ ލައިތު ރުޅި އަންނާނެކަން، އެހެންނޫނަސް މީހުންގެ ސިފައާ ބެހެންވެދާނެތަ... ކޮންމެ މީހެއްގެ ދިރިއުޅުން ތަފާތު، ކެންޒާއާއި އަހަރެމެންނާ ހާސްބައި ތަފާތު، އޭނާއާއި ފިޒާއާ ތަފާތު... އޭނާއަކީ ބުރަކޮށް މަސައްކަތްކުރާ ތެދުވެރި އަންހެންކުއްޖެއް، އަހަންނަށް އެނގެނީ ކެންޒާ ނުބުނާނެކަން ފިޒާއާ ދިމާއަށް އެއްވެސް އެއްޗެއް. އެއީ އޭނާގެ ގޮތެއްނޫން... ދެން ކީއްވެ ފިޒާ ތިއުޅެނީ އޭނާއަށް ޖެއްސުންކުރަން... އަހަރެން އެއްޗެކޭ ނުބުނަން ހުންނަނީ، ފިޒާ ކިޔާ އެއްޗެހި އަހަރެންގެ ކަންފަތައް ނީވޭތީއެއްނޫން، ތިހެން އުޅުނީމަ ތިވެއްޓެނީ ފިޒާގެ އަމިއްލަ އަގު.... އަހަރެންގެ އަގު... ދޮންއަކީ ރޫޑް މީހެއްނޫން، އެކަމަކު ފިޒާގެ ގޮތުން ދޮން ވެސް އެ ހުންނަނީ ފޫހިވެފަ، ފިޒާއާ ވާހަކަދައްކަން ބޭނުންނުވެފަ، ތިއެއްނޫން މީހުންނާ ގުޅުން ބަދަހި ކުރާނެ ގޮތަކީ... އަހަރެން މިދަތުރުގައި ފިޒާ ގެނައީ އެ ބޭނުމުގައި، ޢާއިލާއާ ގުޅުން ބަދަހިކުރުމަށް، މިދަތުރުގައި ފިޒާ އުޅުނު ގޮތުގެ ވާހަކަ އަހަރެން ނުބުންޏަސް ދޮން ބުނާނެ، މިހާރަށްވުރެ ވެސް ބޮޑަށް އެމީހުންނަށް އޭރުން ލައިތު ކަމުދާނެ، އޭނާގެ ހޮވުން ވެސް ރަނގަޅުވާނެ... މީ މިހާރު ވެސް ކަންއޮތްގޮތް، އިންނަން ބޭނުންވިޔަސް އަހަންނަށް ހީވަނީ ފިޒާ އަދި ރެޑީއެއްނޫންހެން މެރިއޭޖަކަށް. އަހަންނަށް ކޮންމެ ގޮތެއް ވަރިހަމައެއްނުވާނެ، ޢާއިލާތެރޭގައި މިހާރު ތިލާ ހެދުންތައް ލައިގެން އުޅޭކަށް އަހަންނަށް ޤަބޫލެއްނުވެވޭނެ... ގައިގޯޅިކޮށް އެންމެންގެ ތެރޭގައި އަހަންނަކަށް ނޫޅޭވޭނެ، ފިޒާ ތިހެން އުޅޭތީވެ އެންމެން އަހަރެމެން ދެމީހުންނަށް ކޮޓަރި ދީފަ އެހުރީ، އެންމެންނަށް ވެސް ހީވަނީ އަހަރެމެންގެ ދެމެދުގައި އެކަހަލަ ގުޅުން އޮވެޔޭ... އަހަރެން ފިޒާއާ އިންނަން ބޭނުން، ވަރަށް ލޯބި ވެސް ވޭ، އެކަމަކު އަހަރެންގެ މިކަންކަން ފިޒާނާއަށް ކަމުނުދާނަމަ ކައިވެނީގެ ކަންކަމުގައެއް އަހަރެން ނޫޅޭނަން."
"ޕްލީޒް ނޫން... އަހަރެން އަސްލު ލައިތު ފެނުނީމަ ރުޅި އަންނަނީ، އައި ކާންޓް ހެލްޕް އިޓް، އޭނާއަށް ކެންޒާ މުހިންމުކަން އެނގޭ، އެހެންވެ ކެންޒާއަށް ޖެއްސުންކުރެވެނީ... އެކަމުން އޭނާއަށް އަސަރުކުރާނޭކަން އެނގޭތީ، އައި އޭމް ސޮރީ..." މޭޒުމަތީ ބާއްވާލެވިފައި އޮތް ޔާދިންގެ އަތުގައި ފިޒާނާ ހިފާލިއެވެ. ދެރަވަގެން ހިތްހަލާކުވެފައިވާ މީހަކު ފަދައިން އޭނާ ޔާދިންއަށް ބަލާލިއެވެ. ކުރެވުނު ހުރިހާ ކަމެއް ކުރެވުނީ އިޚުތިޔާރުން ބޭރުގައި ކަމަށް ބުނެލީ ނުހަނު ފަސޭހައިންނެވެ. އަދިވެސް ހަޤީޤަތް އޮތީ އޭނާގެ ހިތުގެ އެންމެ ފުނުގައި ފޮރުވިފައެވެ.
ދަތުރުގެ ކަންކަން ނިމެންވީއިރު ލައިތުއަށް އައި ބަދަލެއް އެކަކަށް ވެސް ނުވިސްނުނެވެ. ކުރިން އެމީހަކަށް ބަލާ ވެސް ނުލާ މީހާއާ އަވަސް ނަޒަރު ބަދަލުކުރާތީ ފެނެއެވެ. ލައިރާ އެނގޭކަމަކަށް ނުހެދިއެވެ. ސެހްރާނުގެ ނަޒަރު ފިޒާނާއިން ލައިތަށް ދަތުރުކުރެއެވެ. އެމޫނުގައިވަނީ ހައިރާންކަމެވެ. ނޫން ގޮތަކަށް ލައިތު ހީނލާތަން ފެނެއެވެ. ޖެހިގެން އިން ކެންޒާގެ ލައިތުގެ މިހަރަކާތްތައް ފާހަގަނުވާތީ ސެހްރާނު އިނީ އަޖައިބުވެފައެވެ. ފިޒާނާ ވެސް ސިއްރުން ލައިތަށް ބަލާލައި ހިނިތުންވުން ހަދިޔާކުރިއެވެ. ސެހްރާނަށްވުރެ ވެސް ބޮޑަށް އަޖައިބުވެ އަންތަރީސްވީ ޔާދިންއެވެ. ބާބެކިއު ހެދުމުގައި ރޭގައި އުޅެމުން ފިޒާނާއާ ލައިތު ވާހަކަދެއްކިއެވެ. ރުޅިވެރިކަމެއްނެތިއެވެ. ފިހެވުނު ސޮސެޖެއް ނަގައި ފިޒާނާއަށް ދިނެވެ. މިއަދު ހެނދުނު ފިޒާނާއަށް ކޮފީ ހަދައިދިނީ ވެސް ލައިތުއެވެ. ދަތުރު އައިއިރު ލާންޗުގައި ފިޒާނާއާއި ޔާދިން ތިބެން ޖެހުނީ ބާކީވެފައެވެ. އެހެންނަމަވެސް އެކަން ބަދަލުވެއްޖެއެވެ. މާލެ ދާން ހަވީރު ލާންޗަށް އެރި ލައިތު އިށީނީ ފިޒާނާއާއި ޔާދިން ފެންނަ ހިސާބުގައެވެ. ގާތުގައި ކެންޒާ އިނެއްކަމަކު ލައިތުގެ ސަމާލުކަން ވަނީ ފިޒާނާއަށް ހުއްޓިފައިކަން ޔާދިންއަށް ޔަގީންވެއެވެ. އޭނާގެ ނިތަށް ރޫގިނަވެލީ ލައިތުގެ ނަޒަރު ފިޒާނާގެ ހަށިގަނޑަށް ހުއްޓިފައިވާތަން ފެންނަން ފެށުމުންނެވެ. ލައިތުގެ ސިކުނޑީގައި ނުބައި ޚިޔާލެއް ހިނގަނީއޭ ޔާދިންއަށް ހީވަނީއެވެ. ބެކްޕެކްއިން ނެގި ކުޑަ ރަޖާގަނޑު ފިޒާނާގެ އުނގުގައި ޔާދިން އަޅާލީ ނިކަން އަވަހަށެވެ. އަދި މާލެ ދެވެންދެން އެގޮތުގައި އިނުމަށް ޔާދިން ބުނެލިއެވެ. އޭނާ ފިޒާނާގެ ހާމައަށް އޮތް ފައި ފޮރުވީއެވެ.
މާލެ އާދެވުމުން ކެންޒާ ގެއަށް ލައިދޭން ލައިތު އައެވެ. ކާރުން ފޭބުމުގެ ކުރީން ލައިތު ދެއްކި ވާހަކަތައް ހަނދާންނައްތާލުމަށް އޭނާ އެދުނެވެ. އެއްބަސްވުމުގެ ގޮތުން ކެންޒާ ބޯޖަހާލީ ހިނިއައިސްފައެވެ. ކާރުން ފައިބައިގެން ގެއަށް ވަންވަގުތު ކެންޒާގެ ހިނިތުން ގެއްލިއްޖެއެވެ.
"މަންމަ ބުނި އޯވާނައިޓަށް ދަތުރު ގޮހޭވީ." ލުއި ހިނިތުންވުމަކާއެކު މިފްރާހު ވާހަކަދެއްކިއެވެ. އޭނާ އިނީ އެއްބައި ބޮއެފައި ހުރި ޖޫސްތަށި ދެއަތުން ހިފަހައްޓާލައިގެންނެވެ.
ކެންޒާ ހޫން ލައްވާލާފައި އަވަހަށް ބެލީ ކޮޓަރި ހުޅުވޭތޯއެވެ. މިފްރާހަށް ފުރަގަސް ދީގެން ހުރެއެވެ. އޭނާއަށް ބަލަން އިރުކޮޅަކު މަޑުކޮށްލާފައި މިފްރާހު ގޮވާލިއެވެ.
"ކިހިނެއްތަ؟، ހިކިއްޖެ ދޯ." މިފްރާހު ބުނެލިއެވެ. އެއަޑު އިވޭ ކަމަކަށް ކެންޒާ ނުހެދިއެވެ. ދޮރުހުޅުވުމާއެކު ކޮޓަރިތެރެއަށް އަވަހަށް ވަދެ ދޮރުލެއްޕީއެވެ.
އޭނާ އެގެއަށް އައީ ކެންޒާ ދުށުމަށް އެދި ހިތަށް ކުޅަދާނަނުވެގެންނެވެ. އެގެއަށް ނައިސް އެހާ ގިނަދުވަހު ހުރެފައި އައުމުން މިންނާގެ ގާތުގައި މިފްރާހު ދޮގުހެދިއެވެ. ބަލިވެގެން އުޅެފައި ރަނގަޅުވީ އަދިކިރިޔާކަމެވެ. ގެ ހެދުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިފްރާހު ނުދައްކައެވެ. އޭގެ ބަދަލުގައި މިންނާ ދެއްކީ މިފްރާހުއާއި ހަމީމުގެ ގުޅުން ރަނގަޅުއިރު، ހަމީމުގެ އެ ފީކަޅާ ދިރިއުޅުން ދޫކޮށްލަން މިފްރާހު ނަސޭޙަތް ދެންތޯއެވެ. އޭނާ އެ ވާހަކަދައްކަން ބޭނުންނުވިޔަސް މިންނާގެ ވާހަކައިގައި ބައިވެރިވީ ކެންޒާ ދަތުރު ގޮސްފައި އަންނާނޭކަން އެނގޭތީއެވެ. އޭނާއާ ބައްދަލުކޮށްފައި ނޫނީ އެގޭން ނުނިކުންނާށެވެ. ދެގަޑިއިރު އެގޭގައި އިނުމުން ވެސް މިފްރާހަށް ކެންޒާ ފެނުނީ ފަޅި ސިކުންތަކަށެވެ. މިންނާ އިނދެފައި ދިޔަ ގޮނޑިމަތީ ޖޫސްތަށި ބެހެއްޓުމާއެކު މިފްރާހު އެގެއިން ނުކުތެވެ.
ކައިފްގެ ކޮޓަރިއަށް ކެންޒާ އައިސް ހާލު އަހާލިއެވެ. އެ ކޮޓަރީގައި މަންމަ ނެތް ވަގުތެއްވީމައި ކެންޒާ އަވަހަށް ވާހަކަފެށިއެވެ. ލައިތުއާ ބައްދަލުކުރަން ކައިފް ގާތު ކިޔަންފެށިއެވެ. ކައިވެނިކުރަން ލައިތު ބޭނުންވާކަން ވެސް ކެންޒާ ހާމަކުރިއެވެ. އޭނާގެ ޢާއިލާއަށް އެ ދެމީހުންގެ ގުޅުން އެނގޭ ފަދައިން ކެންޒާގެ ޢާއިލަށް ވެސް އަންގަން ލައިތު ބޭނުންވަނީއޭ ކެންޒާ ބުނީ ނުހަނު އުފަލުންނެވެ.
* * * * *
"އެ ފޯނު ރަނގަޅުވާނެ، އޮފީސް ބޭނުމަށް ނެގި ސިމްތަކެއް ހުންނާނެ، އެތަނުން ސިމްއެއް ގެނޭ... އަހަރެންގެ ޕާސަނަލް ބޭނުމަކަށް، ހިފައިގެން އަވަހަށް އާދޭ." ލައިތު ފޯނުގައި ބެލްކަނީގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް ޔާދިންގެ އަތުގައި ހިފައިގެން މައިދޮރުން ވަދެގެން ޕޯޓިކޯއާ ދިމާއަށް އަންނަ ފިޒާނާ ފެނުނެވެ. އެއާއެކު އަނެއްކާ ވެސް އޭނާ އާރިކަށް ގުޅައިފިއެވެ.
"ރިކު، ސިމްގެ ނަންބަރު މިވަގުތު މަށަށް ފޮނުވާލަބަލަ..." ލައިތު ބުންޏެވެ. އޭނާ ފޯނު ބޭއްވިތާ ފަސްވަރަކަށް މިނެޓު ފަހުން އާރިކު ނަންބަރު މެސެޖު ކުރިއެވެ.
ފިޒާނާ ގޮވައިގެން ޔާދިންގެ ކޮޓަރިއަށްކަން އެ އަންނަނީ ލައިތަށް އެނގެއެވެ. އޭނާ ހަލުވިކޮށް ކޮޓަރިއަށް ވަދެފައި ނުކުމެގެން އައީ ކަރުދާސްކޮޅެއް ފަތްޖަހަމުންނެވެ. އެމީހުން އެލެވޭޓާއިން ނުކުންނަންވާއިރަށް ދޮރުމަތީ ލައިތު މަޑުކުރިއެވެ. ގިނައިރެއްނުވެ އެލެވޭޓާގެ ދޮރު ހުޅުވުމުން ޔާދިންއާއެކު ނުކުތް ފިޒާނާގެ އަތުގައި ލައިތުގެ އަތް ބީހިލިއެވެ. ދަނޑިވަޅު ބަލާ ފިޒާނާގެ އަތުގެ ތެރެއަށް ލައިތުގެ މުށުގައި އޮތް ކަރުދާސްކޮޅު ލައިފިއެވެ. އެކަން ހިނގިއިރު ވެސް ފިޒާނާގެ ހަރަކާތަކަށް، އެ މޫނުގައިވި އަސަރަކަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް އެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލައިފިއެވެ. ވަކިން ބޮޑަށް ޔާދިންގެ އަތް ގާތްކޮށްލައި ބައްދާލިއެވެ. ހިތަށް ލިބުނު އުފަލަކުންނެވެ.
(ނުނިމޭ)