ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ގުޅިފައިވާ މަޑިވެލި އޮތީ ހޯނޑެއްދޫއާ އެކު!

މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ތިބި މީހުން ތިބީ ގދ. ހޯނޑެއްދޫގަ އެވެ. ޖުމްލަ 35 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 50 އަށްވުރެ ގިނަ މީހުން ވަނީ ޑައިރެކްޓް ކޮންޓެކްޓްވެ ކަރަންޓިނު ކޮށްފަ އެވެ. އެހެން ކަމުން ޕޮޒިޓީވް ވާ މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ހޯނޑެއްދޫއަށް މި ބަލި ފެތުރުނު ގޮތް އަދި މިހާތަނަށް ހޯދިފައިނުވާއިރު ހެލްތު މިނިސްޓްރީންނާއި ކަމާގުޅޭ އިދާރާތަކުން ވަނީ މިކަމާ ގުޅޭ ހާއްސަ ތަހްގީގެއް އެރަށުގައި ފަށާފައި ވެއެވެ.

ހޯނޑެއްދޫގައި ކޮވިޑް ބަލި ފެތުރެމުންދާއިރު އެރަށާއި ކޯޒްވޭ އަކުން ގުޅާލާފައިވާ މަޑަވެލި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ރަށަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިން ހާލަތުގަ އެވެ. މަޑަވެލިން އަދި މިހާތަނަށް މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައި ނުވި ނަމަވެސް 61 މީހެއްގެ ސާމްޕަލް ނަގާފައިވެ އެވެ. އޭގެ ތެރެއިން ހަ ސާމްޕަލެއްގެ ނަތީޖާ ފިޔަވައި އެހެން ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ ލިބިފައިވާއިރު ހުރިހާ ނަތީޖާއެއް ނެގެޓިވް އެވެ.

މަޑަވެލި ކައުންސިލް ނައިބު ރައީސް އަޒަމް މުހައްމަދު ވިދާޅުވި ގޮތުގައި އެ ރަށުގެ އާންމު ހާލަތު ރަނގަޅެވެ. އަދި ހޯނޑެއްދޫން ބަލި ފެނުނު ފަހުން ވެސް ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އަމިއްލައަށް އިސް ނަގައިގެން ފަރުދީ ޒިންމާ އަދާކުރަމުންދާ ތަނެވެ.

"މިރަށު މަގުމަތިން ވެސް މީހަކު ނުފެނޭ. މީހަކު ބޭރަށް ދިޔައަސް ދަނީ ކޮންމެހެން ދާންޖެހޭ ތަނަކަށް. ދާއިރު މިދަނީ ވެސް މާސްކް އަޅާއިގެން. ރައްޔިތުންނަށް އެނގޭ މިއީ ކިހާވަރެއްގެ ބައްޔެއްކަން. އެހެން އަމިއްލައަށް ފަރުދީ ޒިންމާ އަދާކުރާތީ ވަރަށް އުފާވޭ." އޭނާ ވިދާޅުވި އެވެ.

ދޭހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މަޑަވެލީގެ ހޮޓާ / ކެފޭ ރެސްޓޯރަންޓްފަދަ ތަންތަން ވަނީ ބަންދުކޮށްފަ އެވެ. ފިހާރަތައް ދުވާލަކު ދެގަޑި އިރު އަދި ރޭގަނޑު ދެ ގަޑިއިރަށް ހުޅުވަ އެވެ. ނަމަވެސް ބޮޑަށް މީހުން ބަރޯސާ ވަނީ ޑެލިވަރީ އަށެވެ. ހުރިހާ ފިހާރައެއްގައި ޑެލިވަރީ ކުރާނެ މީހުން ނުތިބޭނެތީ ކޮންމެވެސް އެއް ފިހާރައަކުން ޑެލިވަރީ ހިދުމަތް ދޭން އިސްނަގާފައިވެ އެވެ. އެ ފިހާރައިން ނުލިބޭ އެއްޗިހި އެހެން ފިހާރަތަކުން ހޯދައިގެން ވެސް ގޭގެއަށް ގެންގޮސްދެ އެވެ.

ހޯނޑެއްދޫން އެދޭ ކޮންމެ އެހީއަކަށް މަޑަވެލި ތައްޔާރު

އަޒަމް ވިދާޅުވި ގޮތުގައި ހޯނޑެއްދޫއަކީ ވަކި ރަށެއްގެ ގޮތުގައި މަޑަވެލިން މިވަގުތު ނުބަލަ އެވެ. ދެކެނީ ހޯނޑެއްދޫއަކީ ވެސް މަޑަވެލީގެ ގޮތުގަ އެވެ. ހުރިހާ ރައްޔިތުން ވެސް ތިބީ ހޯނޑެއްދޫގެ ރައްޔިތުންނާއެކު އެވެ. އަދި ހޯނޑެއްދޫއަށް އަރާ ފޭބުން މަނާކޮށްފައި އޮތުމުން ކާޑުގެ ބާވަތްތަކާއި ގޭހާއި ކެއުމަށް ބޭނުންވާ އެހެނިހެން ތަކެތި ބޭނުންވެގެން ބުނާ ކޮންމެ ފަހަރަކު އެތަކެތި ފޯރުކޮށްދިނުމަށް މަޑަވެލިން އޮތީ ތައްޔާރަށެވެ. މިހާތަނަށްވެސް ގޭހާއި ކާޑާއި ބޭހުގެ ބާވަތްތައް އެރަށަށް ފޯރުކޮށްދީފައި ވެއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ހޯނޑެއްދޫއަށް ވަރަށް ދަތިވާނެކަން އަރާ ފޭބުން މަނާވުމުން... ކާޑަށްވެސް ގޭހަށްވެސް އަދި އެހެނިހެން ތަކެއްޗަށްވެސް ޖެހޭނެ ކަން... މަޑަވެލީ ހުރިހާ ރައްޔިތުންވެސް މިތިބީ މިވަގުތު ހޯނޑެއްދޫން ގޮވާލާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭން ތައްޔާރަށް. އަޅުގަނޑުމެން ނުބަލަން އެއީ ވަކި ރަށެއްގެ ގޮތުގަ އެއް. އެއީ އެއްބަނޑު އެއްބަފާ މީހުންގެ ގޮތުގަ މި ބަލަނީ. އިއްޔެ އާއި މިއަދުވެސް ކާޑުގެ ބާވަތްތަކާއި ގޭހާއި ބޭސް ވެސް ވާނީ ހޯނޑެއްދުއަށް ފޯރުކޮށްދީފައި. އަޅުގަނޑުމެން މިތަކެތި އެރަށަށް ފޯރުކޮށްދިނުމުގަ ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ. އެކަމަކު އާންމު ފަރުދަކު ދިޔަޔަސް ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅައިގެން ދާން އިލްތިމާސް ކުރަން." އޭނާ ވިދާޅުވި އެވެ.

އަޒަމް ވިދާޅުވި ގޮތުގައި މިހާތަނަށް ރަސްމީކޮށް ސިއްހީ އެހީތެރިންގެ އެހީއަށް ހޯނޑެއްދޫން އެދިފައެއް ނުވެއެވެ. އެކަމަށް އެދޭ ހާލަތެއްގައި މަޑަވެލީގެ ސިއްހީ އެހީތެރިންވެސް ތިބީ ތައްޔާރަށެވެ.

މާލެ ފިޔަވައި އެންމެ ގިނަ ޕޮޒިޓިވް ހޯނޑެއްދޫގައި

ހޯނޑެއްދޫގެ އާބާދީގައި 1314 މީހުން ހިމެނެ އެވެ. އެންމެ ފުރަތަމަ އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުވި ހަތަރު މީހެކެވެ. އޭގެ ފަހުން އެރަށުން ރެންޑަމްކޮށް ސާމްޕަލްތަކެއް ނެގި އިރު ދެ ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހިސާބުން ރަށުގައި "ކޮމިއުނިޓީ ސްޕްރެޑެއް" އޮތް ކަމަށް ގަބޫލު ކުރެވުނެވެ. އެކަމަކު ހޯނޑެއްްދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް އަދިއެއް ނުއެއް ނިންމަ އެވެ.

އެ ދެކޭސް ފެނުމާއެކު އެޗްޕީއޭއިން ވަނީ އެރަށް އަރާ ފޭބުން މަަނާކޮށް ރަށް މޮނިޓަރިން ހާލަތަށް ގެންގޮސްފަ އެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށި އެވެ.

ފަހުން ހެދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި 105 މީހެއްގެ ސާމްޕަލް ނެގުނު އިރު އޭގެއިން 35 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރޭގައި ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ. ޕޮޒިޓިވް ވި މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ދެ މީހަކު ވަނީ ގއ. ިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީ އަށް ބަދަލު ކޮށްފަ އެވެ.

މިހާރު ހޯނޑެއްދޫގައި ސިއްހީ އެހީތެރިންގެ ހާއްސަ ޓީމެއް ހަރަކާތްތެރިވަމުން ދާއިރު ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ލަސް ނުކޮށް އަންގަން ވަނީ އެދިފަ އެވެ. މިހާރު ވެސް ގިނަ ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން ފަރުދީ ޒިންމާ އަދާކޮށް ގޭގައި މަޑުކުރުމަށް ވެސް ވަނީ އެދިފަ އެވެ. މަޑަވެލި އަދި ހޯނޑެއްދޫ އިން އިއްޔެގެ ނިޔަލަށް 166 ސާމްޕަލް އެއް ނަގާފައިވާއިރު ހުރިހާ ސާމްޕަލްތަކެއް ޓެސްޓު ކުރުމުގެ ގާބިލްކަން އަތޮޅަކު ނެތެވެ.