ވާހަކަ

ލޯބިން ބުނެލަން

(6 ސެޕްޓެމްބަރ 2020 އާ ގުޅޭ)

ފިޒާނާ ގޮވައިގެން ޔާދިންގެ ކޮޓަރިއަށްކަން އެ އަންނަނީ ލައިތަށް އެނގެއެވެ. އޭނާ ހަލުވިކޮށް ކޮޓަރިއަށް ވަދެފައި ނުކުމެގެން އައީ ކަރުދާސްކޮޅެއް ފަތްޖަހަމުންނެވެ. އެމީހުން އެލެވޭޓާއިން ނުކުންނަންވާއިރަށް ދޮރުމަތީ ލައިތު މަޑުކުރިއެވެ. ގިނައިރެއްނުވެ އެލެވޭޓާގެ ދޮރު ހުޅުވުމުން ޔާދިންއާއެކު ނުކުތް ފިޒާނާގެ އަތުގައި ލައިތުގެ އަތް ބީހިލިއެވެ. ދަނޑިވަޅު ބަލާ ފިޒާނާގެ އަތުގެ ތެރެއަށް ލައިތުގެ މުށުގައި އޮތް ކަރުދާސްކޮޅު ލައިފިއެވެ. އެކަން ހިނގިއިރު ވެސް ފިޒާނާގެ ހަރަކާތަކަށް، އެ މޫނުގައިވި އަސަރަކަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް އެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލައިފިއެވެ. ވަކިން ބޮޑަށް ޔާދިންގެ އަތް ގާތްކޮށްލައި ބައްދާލިއެވެ. ހިތަށް ލިބުނު އުފަލަކުންނެވެ.

ޔާދިންއާއެކު ކޮޓަރިއަށް ވަދެވުމާއެކު ފިޒާނާ އެދުނީ ފާޚާނާއަށް ވަދެލަން ބޭނުންވާކަމެވެ. ޔާދިން އެނދުގައި އިށީނީއެވެ. ފިޒާނާ ހަލުވިކޮށް އައިސް ޕާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ދެން އަވަހަށް އޭނާގެ އަތުގެ ތެރެއަށް ލައިތު ލައިދިން ކަރުދާސްކޮޅު ބަލާލިއެވެ. އެ ކުޑަ ކަރުދާސްކޮޅަށް ބަލަން ހުރިއިރު ފިޒާނާއަށް އުފަލުން ރޮވެން އުޅެނީއޭ ހީވިއެވެ. އެ ކަރުދާސްކޮޅުގައި އޮތީ، ނޫކުލައިގެ ދެއްޔަކުން ފޯނު ނަންބަރެއް ލިޔެ އޭގެ ތިރީގައި ނަންބަރަށް ގުޅާލުމަށް އިނގިރާލި ބަހުން ލިޔެލާފައި ވެއެވެ. ޖަޒުބާތުތައް ހިތުގައި ފުންވެލީ ބޭއިޚްތިޔާރުގައެވެ. އެހިނދު ތިރީ ތުންފަތުގެ އެއްކޮޅުގައި ފިޒާނާއަށް ދަތްއަޅައިލެވުނެވެ. ދެން އަވަސްއަވަހަށް އެ ކަރުދާސްކޮޅު ފޮރުވުމަށް، އަތްދަބަހުގެ ތެރެއަށް ލާފައި ދެއަތް ދޮވެލިއެވެ.

ފާޚާނާއިން ފިޒާނާ ނުކުތްއިރު ވެސް ޔާދިން އިނީ އެނދުގައި އިށީން ގޮތަށެވެ. އޭނާ ކަމަކާ ވިސްނަނީ ކަހަލައެވެ. އެހެންނަމަވެސް ފިޒާނާ ފެނުމާއެކު އޭނާ ހިނިތުންވެލައިފިއެވެ. ހިތުގައި އަޅައިގެން އުޅޭ އެދުމެއް، އެތައް އަހަރެން ފަހުން ހަޤީޤަތަކަށް ވާން އުޅޭކަމުގެ އުންމީދު ފިޒާނާއަށް އާވެއްޖެއެވެ. އެހެންވެ ޔާދިންއާ ކުރިމަތިލެވުނީ ނުހަނު އުފާވެރި މޫނަކައިގެންނެވެ. ތުންފަތުން ހިނިތުންވުން ފަނޑުވުމެއްނުވާ ކަހަލައެވެ. މަޑުމަޑުން އޭނާގެ މަންޒިލު އަތުޖެހޭ ހިސާބަށް އަންނަނީކަން އެނގެއެވެ. ޔަގީނުން ވެސް އެ މަންޒިލް ދެން އޭނާއާ ދުރަށް ދާތަން ފެނުމުގެ ބަދަލުގައި، ދުވަހަކަށްވުރެ ދުވަހެއް ކައިރިކަން ވާނީ، ފިޒާނާގެ ހިތް ބުނަމުންދިޔައެވެ.

ކުއްލިއަކަށް ފިޒާނާގެ ޚިޔާލު ބަދަލުވާން ފެށިއެވެ. ޔާދިންއާއެކު ވަގުތު ހޭދަ ކުރުމަށްވުރެ ހިތުގައިވާ އެދުން ފުރިހަމަ ކުރުމަށް އޭނާގެ ނަފްސު އެދެން ފެށީއެވެ. އެ ކޮޓަރީގައި ޔާދިންގެ ކުރިމަތީގައި އިނުން ބޭކާރު ކަމަކަށްވީއެވެ. ދެއްކުންތެރިކަމުގައާއި އެކްޓުކުރުމުގައި ފިޒާނާ ކިތަންމެ ކުޅަދާނައަސް، ކަމަކަށް މާބޮޑަށް ހިތް ލެނބުމުން، އެ ލިބޭ ބޭގަރާރުކަމުގެ އަސަރުތައް މޫނުމަތިން އޮއްބައެއް ނުލެވުނެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟. ކައިވެނި އަވަސް ކުރެވޭނީ އޭރުން... ފިޒާ ބޭނުންވާގޮތް އެނގުނީމަ އަހަންނަށް ރާވަން އެނގޭނީ، މިބުނީނު ޚަރަދާމެދު ވިސްނާނޭކަމެއް ނެތޭ، ފިޒާ ބޭނުންވާ ތަރީޚެއް އޮތިއްޔާ ވެސް ބުނޭ..." ފިޒާނާ އިތުރު ކަމަކާ ވިސްނާހެން ޔާދިންއަށް ހީވިއެވެ. އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނީ، ކައިވެނީގެ ޚަރަދުތަކާމެދު ފިޒާނާ ވިސްނަނީކަމުގައެވެ.

"އެހާ އަވަސްއަރުވާނުލަން އަހަންނަށް ފެންނަނީ، އަހަރެންގެ ޕްރެޝާކުރުންތަކާ ހެދި ކައިވެނި އަވަސްކުރާކަށް ބޭނުމެއްނޫން، ހަމަޖެހިގެން ކައިވެނި ކުރަންވާނީ... ޔާދު ފެމެލީ ވެސް އަދި އޯކޭއެއްނޫން." ތަޅުމަށް ލޯ ހުއްޓާލައިގެން ގެއްލިފައި އިން މީހަކު ފަދައިން ފިޒާނާ ވާހަކަދެއްކިއެވެ.

"މެރީ ކުރީމަ އެންމެން ވެސް ހަމައަކަށް އެޅިދާނެ. އޭރުން ފިޒާ ވެސް ވާނީ މި ފެމެލީގެ ކުއްޖަކަށް... އަވަސްއަރުވާލުމެއްނޫން މީ، އަހަރެން ރެޑީ މެރީކުރަން... ފިޒާއާއެކު ހަޔާތެއް ފެށުމަކީ އަހަރެން ދުށް ހުވަފެނެއް." ފިޒާނާގެ ވައަތު އަތްތިލަ ގެނެސް ޔާދިންގެ އަތުގެ ތެރެއަށް ލިއެވެ. އަދި ފިޒާނާގެ ދަތްދޮޅީގައި ހިފައި ޔާދިންއާ ދިމާއަށް އުފުލާލިއެވެ.

"ހާދަ ފާޑަކަށޭ ތިއިންނަނީ؟. ކަމަކާ ހިތްހަމަނުޖެހުނީތަ؟." ޔާދިން އަހާލިއެވެ.

"ކްރެބް ސޫޕް ބުއިމަ ކަންނޭނގެ، ބަނޑަށް ތަދުވަނީ... ވަރަށް އުނދަގޫވޭ..." ފިޒާނާ ވާހަކައެއް ހަދާލިއެވެ. ޔާދުންގެ އަތުގެ ތެރެއިން އަތް ނަގައި ބަނޑުގައި ފިރުމަން ފެށިއެވެ.

"ދެން ކީއްވެ މިހުރިހާއިރު ނުބުނެ ތީނީ، ގެއަށްދާން ހިނގާ..." ޔާދިން ހަޤީޤަތުގައި ވެސް ކަންބޮޑުވިއެވެ.

"ގިނައިން ފެން ބޮއިގެން މިރޭ ދެން ނިދާލީމަ، މޯނިންއަށް ރަނގަޅުވެދާނެ" ފަނޑު ހިނިތުންވުމެއް ފިޒާނާ ދިނީ ވޭނެއް ތަޙައްމުލުކުރާ މީހަކު ފަދައިންނެވެ.

ޔާދިން އެނދުން ތެދުވިއެވެ. ފިޒާނާއަށް އަތްދިއްކޮށްލުމާއެކު އެ އަތުގައި އެނާ ހިފައިފިއެވެ. ކޮޓަރިން ދެ ޒުވާނުން ނުކުތީ އެކުގައެވެ. ގެއިން ނުކުމެ ފިޒާނާގެ އެޕާޓްމެންޓާ ހަމައަށް ދެ ޒުވާނުން ވެސް އައީ ހިނގާލާފައެވެ. ފިޒާނާ ގާތު ވާގޮތް އިރުއިރުކޮޅުން ޔާދިން އަހާލައެވެ. އޭނާގެ ބަނޑުގައި ޔާދިން ފިރުމާ ވެސް ދިނެވެ. ބޭހެއް ގެނެސްދެންތޯ ވެސް އެއްސެވެ.

"ފެންވަރާލައިގެން ނުކުމެ ނިދާނީ... ޔާދު ވެސް ދެން ނިދާލަން ދޭ." ފިޒާނާގެ ކޮޓަރީގައި އިން ޔާދިންއަށް ބުނެލިއެވެ. ފިޒާނާ ބޮލުގައި ހުޅިއެއް ޖަހާލައި ފާޚާނާއަށް ވަންނަން ބޭނުންވެފައި ހުރި މީހަކުހެން ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ޔާދިން ދާން ބޭނުންނުވެފައި އިން ކަހަލައެވެ. ނަމަވެސް މަޑުމަޑުން ތެދުވިއެވެ. ފިޒާނާގެ ގާތުގައި ހުއްޓިލައި އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

"މާ ގޯސް ވަންޏާ އަހަންނަށް ގުޅާތި އިނގޭ." ޔާދިން ބުންޏެވެ. އޭނާގެ ދެއަތުގެ ތެރެއިން ފިޒާނާ ބޯޖަހާލިއެވެ. އެއާއެކު ޔާދިން ގާތްވެލައި ފިޒާނާގެ ތުންފަތުގައި ބޮސްދީފިއެވެ.

"އައި ލަވް ޔޫ... ގުޑްނައިޓް." ޔާދިން ބުނެލިއެވެ.

"ގުޑްނައިޓް..." ދެއަތް އުރާލުމާއެކު ފިޒާނާ ބުނެލިއެވެ. ކޮޓަރިން ޔާދިން ނުކުމެގެން ދަންދެން އޭނާ އެގޮތުގައި ހުރީއެވެ. އޭނާ ގުޑައިލީ އެޕާޓްމެންޓްގެ ދޮރު ލެއްޕުނު އަޑު އިވުނީމައެވެ. އެހާތަނުން ޔާދިން ދިޔައީކަން ފިޒާނާއަށް ޔަގީންވީއެވެ.

ދުވަމުން އައިސް ދޮރު ހުރީ ތަޅުލެވިފަތޯ ފިޒާނާ ޔަގީންކުރިއެވެ. ދެން ބެލްކަންޏަށް ނުކުމެ ޔާދިން ފެނޭތޯ ހުއްޓެވެ. ގިނައިރެއްނުވެ ޖެހިގެން ހުރި މަހަލްއަށް، މަޑު ހިނގުމެއްގައި ގޮސް ޔާދިން ވަންނާތީ ފެނިއްޖެއެވެ. ތުންފަތަށް ވެރި ހިނިތުންވުމާއެކު ފިޒާނާ އެތެރެއަށް ވަނީއެވެ. ކޮޓަރީގައި ބޭއްވި އަތް ދަބަހުގެ ތެރެއިން ކަރުދާސްކޮޅު ނެގިއެވެ. އަނެއްއަތުން ފޯނު ހިފާލައިގެން ކޮޓަރިން ނުކުމެ ސޯފާއަށް ވެއްޓިގަތެވެ. ރަކި ގޮތަކަށް ހީނލާފައި ތުންފަތް ބައްދާލިއެވެ. ކަރުދާހުގައިވީ ނަންބަރު ފޯނުގައި ޖަހާލުމާއެކު ވަގުތުން ގުޅައިފިއެވެ. ފޯނުގެ އަނެއްކޮޅުން ހެލޯއޭ ބުނެލި އަޑު އިވިފައި ފިޒާނާގެ ހަށިގަނޑުގައިވި ހުރިހާ އިސްތަށްޓެއް ކޮޅަށް ޖެހި ހަރުކަށިވީހެން ހީވިއެވެ. ފޯނު ހިފަހައްޓައިގެން ހުރި އަތުގެ ކުޑަހުޅުގައި ވައަތުގައި ކަރުދާސްކޮޅާއެކު އޭނާއަށް ހިފަހައްޓާލެވުނެވެ. ހީބިހީގެ އަސަރު ފިލުވާލުމަށް އަތުގައި އަތްހާކާލިއެވެ. އަދި މަޑުމަޑުން ހެލޯއޭ ބުނެލައިފިއެވެ.

"ފިޒާ... ކިހިނެއްވީ؟. ޤަބޫލުނުކުރެވެނީތަ؟." ލައިތު ވާހަކަދެއްކިއެވެ.

"ކިހިނެއް ޤަބޫލުކުރެވޭނީ، އަހަންނާ ދިމާއަށް ބަލާލަން ވެސް ބޭނުންވެފައި ހުރި އިންސާނެއްތީ." ފިޒާނާ ބުންޏެވެ.

"އަހަރެން ވާހަކަދެއްކީމަ އުފަލެއްނުވޭތަ؟. އެހެންވިއްޔާ ބާއްވަނީ؟."

"އުފާވޭ... އެކަމަކު ޤަބޫލުކުރަން އުނދަގޫވީ، ލައިތުގެ ޚިޔާލު ބަދަލުވީތަ؟. ކިހިނެއް؟. ނޫނީ މީ ކުރާ ސަމާސާއެއްތަ؟." ފިޒާނާއަށް އެއްވެސް ކަމެއް ޔަގީނެއްނުވެއެވެ.

"ހީވަނީ ކިހިނެއް؟."

"ނޭނގެ... ހީވަނީ ހުވަފެނެއްހެން، ހަޤީޤަތަށް ވާން ބޭނުންވާ، އެކަމަކު މިހާތަނަށް ވެސް ނުވާނޭކަން އެނގިފައި އޮތް ހުވަފެނެއް ތީ." ފިޒާނާގެ ދުލުން ނުކުތީ ސީދާ ހިތުގެ އަޑެވެ. ލައިތުގެ ހުނުމުގެ އަޑު އިވިލިއެވެ. އެހިނދު މޭގައި އަތްއަޅައި ފިޒާނާއަށް އޮބާލެވުނެވެ. ދޫހާކާލި ތިރީތުންފަތް ގެނެސް މަތީދަތްތަކުގެ ދަށުގައި ހިފަހައްޓާ ބާރުކޮށްލައިފިއެވެ.

"ދަތުރުގައި ފެނުނާ ކައިރިން އަދި އަހަރެމެން ބައްދަލެއްނުވޭ، އަހަންނަށް ފިޒާ ފާހަގަވީ ދަތުރުގެ ތެރެއިން... ބުނަންތަ؟، ފިޒާ އަސްލު ވެސް ވަރަށް ރީތި. އެކަމަކު ކީއްކުރާނީ ދޯ. މިހެން ވާހަކަދައްކާކަށް ނުވާނެ، ތީ މިހާރު މީހެއްގެ ވާން އުޅޭ އަންހެނުން." ލައިތު ބުންޏެވެ.

"އަނތްބަކަށް އަދި ނުވޭ، ލައިތު ވެސް ތިއުޅެނީ ފާޑެއްގެ ކަމެއް ކޮށްގެންނު، ހަމަ އެއަންހެންކުއްޖާ ކަމުގޮސްގެންތަ؟."

"ފިޒާގެ ނަން ނޫން ނަމެއް އަހަރެން ދުލުން ކިޔަން ނުޖައްސަބަލަ... އަހަރެން ހީކުރީ މާދަމާ ކަމަށް ގުޅާނީ، މިރޭ ޔާދިންއާ ހެދި ވަގުތެއްނުވާނެކަމަށް." ލައިތުއަށް ޔާދިން ގެއަށް އައިކަން އެނގިހުރެ ވެސް ބުނެލިއެވެ.

"އަހަރެމެން މާގިނައިރަކު މީޓެއްނުކުރަން، ގޭގަ މިހުރީ... ލައިތު އަންނަންވީނު. އާދެވޭނެތަ؟..." ފިޒާނާގެ އެދުން ހާމަކުރިއެވެ.

"ކީއްކުރަންށޯ ދާންވީ؟." ލައިތު މާނޫން ގޮތަކަށް އަހާލިއެވެ.

"ދެން ހަމަ ފެނިލަން... އެކަކުއަނެކަކަށް... ލައިތު ބިރުގަންނަނީތަ؟، އަހަރެން ކަމެއްނުކުރާނަމޭ..." ފިޒާނާ ލާނެތްވެލިއެވެ.

"ބިރެއްނުގަނޭ... މިގަޑީގައި ގޮސްގެން ހަމައެކަނި ފެނިލުމަކުން ނުފުދިދާނޭތީވެ." ލައިތު ބުންޏެވެ. ފިޒާނާއަށް ހީނގަނެވުނެވެ. ލައިތުގެ ލާނެތް ސަމާސާ ކުރުމަކީ ފިޒާނާއަށް މުޅިން އާކަންކަމެވެ.

"ފެނުނީމަ ބޭނުންވާނެ، ބޭނުންވީމަ ޔަގީން އަތް ވެސް ލެވޭނެކަން... ލައިތުއަށް މަޑުމަޑުން ހުރެވޭނެތަ؟."

"ތިހެންވެގެންނޭ ދާން އެއްބަސްނުވީ. ގުޅާލި ފުރަތަމަ ރޭ އަދި ބައްދަލުނުވެގެން އުޅޭކަށް ނުވެއެއްނު..." ލައިތު ބުންޏެވެ.

ކަންފަތަށް ޖަހާލާފައިވި ބްލޫޓޫތް އިން ވާހަކަދައްކަން އިން ލައިތުގެ ފައިކައިރީ ފިޒާނާއަށް ގުޅާފައި އޮތް ފޯނު ބާއްވާލަފައި އޮތެވެ. އޭރު ފޯނުން އެމީހުންގެ ކޯލު ރިކޯޑުކުރެވެމުންދިޔައެވެ. ދެއަތުން ހިފަހައްޓާލައިގެން އިން އައިފޯނުން ދަތުރުގައި ކެންޒާއާއެކު ނަގާފައި ހުރި ފޮޓޯތައް ލައިތު ބަލަން އިނީ އެ ކޯލުގައި އިނދެއެވެ. އެގޮތުގައި ދަންވަރު އެކެއް ޖަހަންދެން އޭނާ އިނެވެ. ފޯނުކޯލު ކަނޑާލީ ލައިތުއެވެ. ނިދިނަގާލަން ބޭނުންނުވާތީއެވެ.

އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި މުޅި ރޭ ހޭދަވެގެން ދިޔައީ ކިހިނެއްކަން ފިޒާނާއަށް ނޭނގެއެވެ. ހިނިތުންވެ އޮވެ ދޭތެރެއަކުން އަޑުވީއްލާ ހީނގަނެއެވެ. ބާލީސް މޫނުގައި އަޅައި ހަޅޭލަވައިގަނެއެވެ. ދެން އަނެއްކާ ވެސް ހީނގަނެދާނެއެވެ. ހަތަރެސްފައި މައްޗަށް ނަގައި މީހާ ތެޅިގަނެއެވެ. ލިބިގެން އުޅޭ އުފާވެރިކަމެއްގެ ބޮޑުކަމުން ފިޒާނާއަށް އެނދުގައި އޮންނާނޭ ގޮތެއް ވެސް ނޭނގިގެން އުޅޭ ކަހަލައެވެ. ޚިޔާލުތަކުގައިވި ލައިތުގެ ސޫރަ، އޭނާގެ ހިތް އެދޭހާ ގޮތަކަށް ލެނބޭތަން ބަލަމުންދިޔައެވެ. އެ ޚިޔާލުތަކުން އޭނާ އުފާ ހޯދަމުންދިޔައެވެ. ކުއްލިއަކަށް ލައިތުއާ ބައްދަލުކުރާ ހިތް އޭނާ ކެތްމަދުވެއްޖެއެވެ.

* * * * *

ހެނދުނު އޮފީހަށް ވަދެވުމާއެކު ލައިތުގެ ފަހަތުން އާރިކު އައިސް އެތަނަށް ވަނެވެ. ދުވަހުގެ މަސައްކަތްތައް ރޭވިފައި އޮތް ގޮތުގެ ތާވަލު ލައިތުއަށް ހަނދާންކޮށްދޭން އޭނާ ފެށިއެވެ. އާރިކަށް ދޭން ހުރި އިރުޝާދެއްވިއްޔާ ދީފައި ދެން ގޮވާލި ގޮތުން ލައިތު އެ އުޅެނީ ރަސްމީ ވާހަކައެއް ބުނާކަށްނޫންކަން އާރިކު ވެސް ދެނެގަތެވެ.

"ގިފްޓެއް ހޯދަން އެބަޖެހޭ..." ލައިތު ބުނެލިއެވެ. ވަގުތުން އާރިކު ނަގައިގަތެވެ. އަންހެންކުއްޖަކަށް ލައިތު ހަދިޔާއެއް ދޭން އުޅެނީކަމެވެ. އެއާއެކު އާރިކުގެ ސިކުނޑިއަށް އައި ނަމަކީ ހިރާއެވެ. އޮފީހަށް އޭނާ ނާންނަތާ އެތައް މަހެއް ވެއްޖެއެވެ. މައްސަލަ ބަލަން ތިބީ ލައިތުއާއި އަސަދުއެވެ. ހިރާއަކީ އެމީހުންގެ ޢާއިލާ ކުއްޖެކެވެ. އަނެއްކޮޅުން އޮފީހުގެ ޒިންމާދާރު މަޤާމެއް އަދާކުރާ މުވައްޒަފެއްނޫނެވެ. ހިރާއާއި ލައިތުއާ ދެމެދު ކޮންމެވެސް ކަހަލަ ހަމަނުޖެހުމެއް އުޅޭހެން އާރިކަށް ވެސް އޮތީ ހީވެފައެވެ. އެހެންވެ އޭނާއަށް ވިސްނުނީ، ހިރާއާ ސުލްހަވާން ލައިތު ގަސްދުކުރަނީ ކަމުގައެވެ. އަގުބޮޑެތި ހަދިޔާ އޭނާ ލައްވާ ލައިތު ގަނުވާފައި ހުރީ ހިރާއަށް އެ ތަކެތި ދިނުމަށެވެ.

ލައިތު ގެންގުޅޭ އިތުރު ފޯނު ކޮންމެ ގަޑިއިރަކުން އެލާމް އަޅައެވެ. އެލާމް އަޅާލުމާއެކު އޭނާ ފޯނު ނަގައި އެލާމް ކަނޑާލާފައި ދެން އަވަހަށް ފިޒާނާގެ ފޯނަށް މެސެޖުކޮށްލައެވެ. ފޮނުވަނީ ގޫގުލް ކޮށްލާފައި ހޯދާލާ ލޯބީގެ މެސެޖުގެ ކޮޕީ ޕޭސްޓެވެ. ދެން އަނެއްކާ ވެސް މަސައްކަތަށް އޭނާ އެނބުރެއެވެ. މެންދުރުވެގެން އައިރު ލައިތު ފޯނުގައި ހުރީ އޮފީހުގެ ބިއްލޫރި ބިތްކައިރީގައެވެ. ބްލައިންޑްސް ތަކުގެ ދޭތެރެއިން ތިރިން ފެންނަން އޮތް މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއްވަރަކަށް ހިނިއައިސްފައި ހުރެ ދޭތެރެއަކުން ލޯބިވާކަން ލައިތު ހާމަކުރެއެވެ. ބަނޑުހައިވެއްޖެކަމާއި އޭނާއަށް ކާއެއްޗެއް ތައްޔާރުކޮށްގެން އޮފީހަށް އައިސްދޭން އެމީހަކު ގާތުގައި އެދެމުންދިޔައެވެ. އޮފީހުގެ މާޙައުލުގައި ފެންނަ ސީރިއަސް ހަރުކަށި ލައިތު، އެ ފޯނުކޯލުގައި ހުރި ލައިތުއާ ނުބައްދަލެވެ.

* * * * *

ފިޒާނާގެ ބަސްތައް ކެންޒާގެ ހިތާއި ސިކުނޑީގައި ކަނޑާނެގެމުންދިޔައެވެ. އަލުން އާހިތްވަރެއް ލިބުނެވެ. މީހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން އޭނާ ނިންމިއެވެ. ކަސްރަތުކުރަމުން، ކެއުމަށް ބަދަލު ގެނައި ނަމަވެސް، ދޭތެރެއަކުން ޗޮކުލެޓު ކެވޭލެއް މަދެއްނޫނެވެ. އެހެންވެ މުޅިން ފޮނި އެއްޗިއްސާ ދުރަށްދާން ކެންޒާ ނިންމިއެވެ. ފޯނުގައި ހުރިހާ ޕްލޭނެއް އޭނާ ލިޔަމުންދިޔައެވެ. ތިންމަހުގެ ތެރޭގައި ހަށިގަނޑަށް އައި ބަދަލުތައް ފޯނުން ފެންނަން ހުއްޓެވެ. ފުރަތަމަ މަހުގައި ބަރުދަން ލުއިވިހާ އަވަހަށް މިހާރު ލުޔެއްނުވެއެވެ. އެކަމާ ކެންޒާ ވިސްނިއެވެ. އޭނާއަށް ބުރަވެ، ތަދުވާން ފަށައިފިނަމަ ލައިތު ދޫދޭކަން ކެންޒާއަށް އެނގެއެވެ. ހަރުކަށިވާން ލައިތަށް ނުކެރެނީ ކީއްވެކަން ވެސް ކެންޒާއަށް ވިސްނެވެ.

ރޭގަނޑުގެ ކެއުން ތައްޔާރުކުރެވުމުން ލައިރާއާ ބައްދަލުކުރަން ކެންޒާ ދިޔައެވެ. ލައިރާ އުޅޭ އެޕާޓްމެންޓަށް ވަދެވުމުން ކެންޒާ އެދުނީ ޖިނާނާ ބައްދަލުވާނޭ ގޮތް ހަދައިދިނުމަށެވެ. ލައިރާ ސުވާލުކުރުމުން ކެންޒާ ރާވާފައި އޮތް ގޮތް ކިޔާދީފިއެވެ. އޭނާ ހުރީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށެވެ. ވަގުތުން ޖިނާނަށް ގުޅިއެވެ. ކެންޒާ ބުނީމާ ޖިނާނު ނުކޮށްދޭނެހެން ހީވިޔަސް ކަންތައްވީ އެހެނެއްނޫނެވެ. ގޮންޖެހުމެއްހެން ހީވާ ކޮންކަމެއް ޖިނާނު ކުރަން ބޭނުންވާނެއެވެ. އޭނާގެ ކުޅަދާނަކަން ދައްކާލުމަށެވެ. އެހެންވެ ކެންޒާ ހިއްކާލުންވީ އޭނާ ކުރަން ބޭނުންވި ކަމަކަށެވެ. އޭނާ ދާ ޖިމްއިން ކެންޒާއަށް ޕްރައިވެޓްކޮށް ކުލާސް ނަގައިދޭން ޖިނާނު އެއްބަސްވިއެވެ. އެހިނދު ލައިރާ އަމުރުކުރީ ކެންޒާ އަތުން ޖިމްގެ ފައިސާ ނަގައިގެން ނުވާނެ ކަމުގައެވެ.

މަރިއްޔާއާ ބަދިގެއިން ނުކުތް ލައިތުއާ ބައްދަލުވިއެވެ. އޭރު ކެންޒާއަށް ގުޅަން އޭނާ ހުރީ ފޯނު އަތަށް ލައިގެންނެވެ. ކެންޒާ ދުށީންތޯ އަހާލަންވާއިރު ލައިރާ ގާތަށް ގޮހޭވީ މަރިއްޔާ ބުނެލިއެވެ. ލައިތުއަށް ލައިރާގެ އެޕާޓްމެންޓަށް ވަދެވުނުއިރު އެތަނުގައި ބޮޑު ސައްލާއެއް ހިނގަނީއެވެ. ސެހްރާނާއި ޖިނާނުގެ އިތުރުން ލައިރާ ވެސް އިނީ ނިކަން ފޯރި އަރާފައެވެ. ލައިރާގެ ގާތުގައި ހެވިފައި ކެންޒާ އިނެވެ.

"ކެން..." ލައިތު ގޮވާލިއެވެ. ނަމަވެސް ކުރިއަށް ފިޔަވަޅެއް އެޅިތަނާ އޭނާއަށް ފޯނެއް އަތުވެއްޖެއެވެ. ގުޅީ ފިޒާކަން އެނގުމުން ކޯލަށް ޖަވާބުދިނެވެ.

"ފަހުން ގުޅާލަންތަ؟. އާން.... ފެމެލީއާއެކު... ގުޅާނަމޭ، ހަނދާނެއްނުނެތޭނެ، ފަހުން ބަލާނަން، އިރުކޮޅަކުން..."

ލައިތު ފޯނުން ވާހަކަދައްކާތަން ބަލަން އެންމެން ތިބިއިރު ސެހްރާނާއި ޖިނާނުގެ މޫނުން ހައިރާންކަން ފާޅުވިއެވެ. އެ ދެމީހުންނަށް ކެންޒާއަށް ބަލާލެވުނީ އެއްފަހަރާއެވެ. ސެހްރާނަށް ވަގުތުން ތެދުވިއެވެ. އޭނާ އައިސް ލައިތުގެ އަތުން ފޯނު އަތުލިއެވެ. އެއަށްވުރެ އަވަހަށް ސެހްރާނުގެ އަތުން ލައިތު ފޯނު ޖަހައިގެންފިއެވެ. ލައިތުގެ މުލައްދަނޑީގައި ސެހްރާނު ހިފީ ދެނެވެ. ލައިރާގެ އެޕާޓްމެންޓުން ބޭރަށް ސެހްރާނު އޭނާ ނެރުނެވެ.

"ޔޫ އާ ޗީޓިން އޮން ހާ؟." ސެހްރާނު ހުރީ ހިތްހަމަނުޖެހިފައެވެ.

"ވަޓް..." ލައިތު ބުނެލިއެވެ.

"ލައިތު، އިފް ޔޫ އާ ނޮޓް ހެޕީ ވިތް ހާ، ޖަސްޓް ލެޓް ހާ ގޯ... އެއްވެސް އަންހެންކުއްޖަކަށް ތިހެން އޮޅުވާލާކަށް ނުވާނެ، ފޯނުން ލައިތު ވާހަކަދެއްކި ގޮތުންނޭ އަހަންނަށް އެނގެނީ އެއީ އަންހެންކުއްޖެއްކަން... އަހަރެން ހިތަށް ވެސް ނާރާ... ކުޑަކޮށް ވެސް ހިޔެއްނުކުރަން... ލައިތުގެ ތިކަހަލަ ވިޔާނުދާ ވިސްނުމެއް ހުރެދާނޭ." ސެހްރާނަށް ރުޅިއާދެވުނު ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުންނެވެ. ލައިތަށްވުރެ އުމުރުން ދޮށީވުމުން، ބޭބެއަކު ކޮއްކޮއަށް ރަނގަޅުގޮތް ބުނެދޭން ބޭނުންވާ ފަދައިންނެވެ.

ލައިތު ގޮވައިގެން ސެހްރާނު ނުކުތް ގޮތް ފެނުމުން ކެންޒާ ކަންބޮޑުވިއެވެ. ލައިރާ އޭނާގެ ފައިގައި އަތްޖައްސާލި ނަމަވެސް މަޑުން އިނުން ކެންޒާއަށް ފަސޭހައެއް ނުވިއެވެ. ކިހިނެއްތޯވީ ކެންޒާ އެހުމުން އެ ސުވާލަށް ޖިނާނު ޖަވާބުދޭން ފަސްޖެހުނެވެ. އޭނާގެ މޫނުން ފެންނަނީ ކަމަކާ ގަޔާނުވެފައި އިންހެނެވެ.

"އަންނާނަން ބަލާލައިފަ..." ކެންޒާ ތެދުވިއެވެ.

"ކެން މަޑުކުރޭ." ޖިނާނު ވެސް ތެދުވަމުން ނިކަން އަވަހަށް ބުނެލިއެވެ.

"ހީ އިޒް އަ ޖާކް..." ޖިނާނު ބުނެލިއެވެ. އޭނާއަށް ވެސް ވީ ސެހްރާނަށް ވީގޮތެވެ. ލައިތު ކެންޒާއާ ރައްޓެހިވެގެން އުޅެމުން އެހެން އަންހެންކުއްޖަކާ ގުޅުމެއް ބާއްވަނީކަން އެނގުނީއެވެ.

"ނާނު..." ލައިރާ ގޮވާލިއެވެ. ބުނަން ބޭނުންވެފައި ހުރި އެއްޗެހި ބުނެވިދާނެތީ ޖިނާނު ތުންފިއްތާލީއެވެ. ދެން އަލުން ސޯފާގައި އިށީނދެއްޖެއެވެ.

"ކެން، ސެހްރާނު ވާހަކައެއް ބުނަން ބޭނުންވީހެން ހީވަނީ... އަހަރެން އޭނާއާ ފަހުން ވާހަކަދައްކާނަން، އެމީހުން ދެއްކި ވާހަކައެއް ސެހެރް ކިޔާދޭނެ." ކަންތައްވީ ގޮތް ނަގައިގަންނަން ކެންޒާއަށް ނޭނގުނަސް ލައިރާއަށް ފަހުމްވިއެވެ.

ސެހްރާނުގެ އަތް ފޮޅުވާލުމަށްފަހު ލައިތު އަލުން އެޕާޓްމެންޓަށް ވަދެއްޖެއެވެ. ނިތްކުރީގައި ފިރުމާލަމުން ސެހްރާނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެނބުރި އޭނާ ވެސް ވަންނަން އުޅުނު ހިނދު ޖިނާނު ނުކުންނަން އައެވެ. ފަހަތުން ދޮރު ކައިރިކޮށްލުމާއެކު ޖިނާނު ސުވާލުކުރިއެވެ. ކެންޒާއާމެދު ލައިތު ސީރިއަސް ނޫނީތޯ އޭނާ އެއްސެވެ. ސެހްރާނު ދެފަރާތަށް ބޯހޫރާލި ގޮތުން ޖިނާނު އަޖައިބުވިއެވެ. ލައިތު ކަމެއް ކުރާނަމަ ސެހްރާނަށް ނޭނގިއެއް ނޯންނާނޭ ޖިނާނު އަބަދުވެސް ހީކުރެއެވެ.

"އަހަރެމެން އެނގޭކަމަށް ހަދައިގެން ނުވާނެ، އެކަމަކު ދެން... ކެންއާ ފޭސްކުރާނީ ކިހިނެއް... އަހަންނަށް އެނގޭއިރު ނުބުނެ ހުންނަންވީމަ، އައި ފީލް ގިލްޓީ." ބޯކަހާލަމުން ޖިނާނު ބުންޏެވެ.

ދެ ޒުވާނުން އެނބުރި އެޕާޓްމެންޓަށް ވަނުމާއެކު ލައިތު ވާހަކަދެއްކިއެވެ. ޖިނާނުއާއެކު ޖިމްއަށް ކެންޒާ ގެންގޮސްގެން ނުވާނޭ އޭނާ ބުންޏެވެ. ކެންޒާ ޓްރެއިން ކުރާނީ އޭނާ ކަމުގައި ބުންޏެވެ. އެހިނދު ލައިރާ އިނދެފައި އަޑުގަދަ ކޮށްލިއެވެ. ޖެލަސްވެގެން ނޫޅޭށޭ އޭނާ ބުންޏެވެ. ކެންޒާ ކައިރީ ޖިނާނު ނޫން އިތުރު ބަޔަކު ނޫޅޭނޭ ލައިރާ ބުންޏެވެ. ޖިނާނުއަށް ބޯކަހާލެވުނެވެ. މިވާގޮތެއް އޭނާއަކަށް ނޭނގުނެވެ. ކެންޒާއާ މެދު ލައިތު ސީރިއަސް ނަމަ ދެން އޭނާ އެހެން އަންހެންކުއްޖަކާ ގުޅުން ބާއްވަންވީ ކޮންބޭނުމަކު ހެއްޔެވެ.

(ނުނިމޭ)