މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ ހިއްސާކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި އަތޮޅުތެރޭގެ ރަށަކުން ގިނަ ކޭސްތަކެއް ފެނިފައިވާތީ އެކަމާ ގުޅިގެން އެ ރަށުގައި އަޅަމުންގެންދާ ފިޔަވަޅުތަކާއި އަތޮޅުތަކުން އެހެން ބަލިތަކަށް ފަރުވާ ހޯދަންޖެހޭ މީހުންނަށް ފަރުވާ ދެވޭނެ ފަސޭހަ ގޮތްތަކެއް އަތޮޅުތަކުގައި ހަމަޖެއްސުމަށް ކުރަމުން ގެންދަވާ މަސައްކަތްތައް ވަޒީރުންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސިޓީއިން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައިވެސް ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެޗްޕީއޭއިން ބުނީ ރޭގެ ނިޔަލަށް 35 ރަށެއްގައި 91 ބަލި މީހުން އެބަތިބި ކަމަަށެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލްވުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށާއި ފަތުރުވެރިންނަށް ފަސޭހައިން ރާއްޖެއަށް ދަތުރު ފަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކުރަމުން ގެންދާ މަސައްކަތްތައްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.