އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުން އެކެހެރިވެ ވަޑައިގަތުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ކެބިނެޓްގެ މަގާމަކަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެ މަގާމުން އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސް އެދިވަޑައިގެންނެވުމުން ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއްގައި ފައްޔާޒު ވިދާޅުވީ އޭނާއާ ގުޅުވައި ބައެއް ކަންކަން ފާހަގަކޮށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ޗެއާޕާސަނަށް ސިޓީފުޅެއް ފޮނުއްވި ފަހުން ރައީސް ސޯލިހާ ވާހަކަފުޅު ދެކެވިފައިވާ ކަމަށެވެ. އެއިން އެއްވެސް ފަހަރެއްގައި ވެސް އޭނާ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ވެސް އަދި މަސްއޫލިއްޔަތުން އެއް ފަރާތްވެ ވަޑައިގަތުމަށް ވެސް އެދި ވަޑައިގެންފައި ނުވާއިރު އެފަދައިން މާނަ ކުރެވޭ ފަދަ އިޝާރާތެއް ވެސް ނުކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ އިސްތިއުފާގެ މައްސަލަ އެއް ފަރާތްކޮށްލާފައި ބަލާއިރު ރައީސް ނަޝީދުގެ ތުހުމަތުތައް ކުރައްވަވާ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށާއި އެކަމު އެކަން ބަލައިލުން އެންމެ ރަނގަޅު ކަމަށެވެ.
"އެހެންވީމާ އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް، ރައީސް ސޯލިހު އަންގަވާ ގޮތަކަށް ސެޓަޕާއެކު އަޅުގަނޑު ކުރިޔަށް ދާނެ އެކަމަކު އެވިދާޅުވާ ކަން ކަން ވެސް ބަލައިލުން ރަނގަޅު،" މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
ފައްޒު ވިދާޅުވީ އޭނާއަށް ދިމާއަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އައި ތުހުމަތުތައް ބެލުން ރަނގަޅު ކަމަށައި އެފަދަ އިންވެސްޓިގޭޝަނަކަށް ހުރަސް ނާޅުއްވާނެ އިރު އެއީ ތާއީދު ވެސް ކުރައްވާ ކަމެއް ކަމަށެވެ.
"ބަލަންވީ ހަމަ އަޅުގަނޑަށް ޖަވާބު ދާރީނުވެވޭނެ ކަމެއް ނޯންނާނެ ބެލުމުން އެ ކަންކަން އާންމުންނަށް ވެސް އެނގިގެން ދާނެ އެގޮތް ބޭނުންވޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަޒީރު ކަމުގެ މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައީސް ނަޝީދު ސިޓީއެއް ފޮނުއްވެވީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގަންނަވަން އެ މަނިކުފާނު ދެކެ ވަޑައިގަންނަވާތީ އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.
ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފައްޔާޒުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓެއް ނަގާށެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ބޭނުން ވަނީ 10 މެމްބަރެއްގެ ސޮއެވެ. އެކަމަކު އެ މައްސަލަ މަޖިލިހުން ފާސް ކުރަން 44 ވޯޓް ބޭނުންވާނެ އެވެ. އެއީ މަޖިލީހުގެ އެ އަދަދަށް ވޯޓު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީން ކަމެއް ރައީސް ނަޝީދަކަށް ލިބި ވަޑައިގެންފަ އެއް ނުވެއެވެ.